ކޫއްޑޫ ޖެޓީއާ ކައިރިކޮށް މަސްދޯނިތަކަކުން މަސްކިރަނީ. (ފޮޓޯ/މިފްކޯ)
މަސް ކިރުމަށް ފަހު ގިނަވެގެން 2 ހަފްތާ ތެރޭގައި ފައިސާ ދޭނަން: މިނިސްޓަރު ޝިޔާމް
މަސްވެރިން މަސް ކިރާތާ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި ފައިސާ ދެއްކުމަށް މި ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަަރު އަހްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީީ ސްޓޯރޭޖުގައި ހުރި ދަތިތަކާއި ކިރާ މަސްކޮޅަށް ފައިސާ ލިބުމުގައި ހުރި ދަތިކަމަކީ މިވަގުތު މަސްވެރިން ކުރާ އެންމެ ބޮޑު ޝަކުވާތައް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޭޝްފްލޯގެ ދަތިތަކެއް ހުރުމާ އެކު މަސްވެރިން ކިރާފައިހުރި މަހަށް ފައިސާ ނުލިބި ތިބޭތާ ދެ މަހެއްހާ ދުވަސްވެއްޖެ އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު ވެސް ހުރި 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކަން. މިފްކޯގެ ސަޕްލަޔަރުންނާ ގުޅިގެން އަދި ސަރުކާރާ އެކީގައި ކުރެވޭ މަސައްކަތްތަކުގައި ލިބޭ ހައްލުތަކެއް މި އަންނަނީ މަސްވެރިންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތުން 30 މިލިއަން ރުފިޔާ، ޔަގީނުން ވެސް މިދިޔަ ހަފްތާގައި ވާނީ ދެއްކިފައި. މިހާރު އޮތް ބެކްލޮގަށް ވަރަށް ބޮޑު ލުޔެއް އެ ދެވެނީ."
ތަފްސީލު - މިނިސްޓަރު ވިދާޅުވީ ފިނޭންސާއި އެހެނިހެން މިނިސްޓްރީތަކާ ގުޅިގެން އެ ފައިސާ ދެއްކުމުގެ މަސައްކަތް ކެނޑިނޭޅި އަންނަނީ ކުރަމުންނެވެ.
ދިވެހި މަސްވެރިންނަކީ ބާނާ މަސް ކިރާފައި މަދުވެގެން އެއް ހަފްތާ ތެރޭގައި އެއަށް ފައިސާ ލިބެމުން އައި ސަގާފަތެއްގައި ތިބި ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މީހުން ދިރިއުޅުމުގެ ހަރަދުތައް ވެސް ބައްޓަންކޮށްފައި ހުންނަނީ އެ މުއްދަތަށް ކަމަށެވެ.
"އެހެންވީމަ އެއް މަސް، ދެ މަސް މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިގެންދާ ކަމުގައިވާނަމަ އެއީ ވަރަށް ގިނަ އާއިލާތަކަށް ލިބޭ ބޮޑު ނިކަމެތި ކަމެއް ހަގީގަތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، ޝިޔާމް ވިދާޅުވީ މަސް ކިރާފައި ވަގުތުން ފައިސާ ހިފައިގެން ދިޔުމަކީ، މިހާރު ހާލަތު އޮތް ގޮތުން ނުކުރެވޭނެ ކަމެއްކަން މަސްވެރިން ވެސް ގަބޫލުކުރާ ކަމަށެވެ.
"އެހެން ނަމަވެސް މަސްކޮޅު ކިރާލާފައި ހަފްތާއެއްވަރު ހިނގައިދާނެ ކަމަށް މަސްވެރިން ގަބޫލުކުރޭ. ދެ ހަފްތާ ވެސް ހިނގައިދާނެ ކަމަށް، އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރޭ،" އޭނާ ވިދާޅުވި އެވެ.
"މަސްވެރިންނަށް އުނދަގޫ ނުވާނެ މުއްދަތަކަށް މި އޮންނަނީ ގިނަވެގެން ދެ ހަފްތާ. އަޅުގަނޑުމެންގެ އަމާޒަކަށް ވެސް މި އޮތީ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި، މަސްވެރިން ކިރާލާ މަސްކޮޅަށް ފައިސާ ލިބޭނެ އިންތިޒާމުތަކެއް، މިފްކޯއާ އެކީގައި މަސައްކަތްކޮށްގެން، މިފްކޯއަށް އެހީތެރިކަން ފޯރުކޮށްދީގެން އިންތިޒާމުތައް އެގޮތަށް ހަމަޖެއްސުން."
ކޮމެންޓް (1)
އައްޑާ