އާޒިމް: 'ހިތް އަބަދުވެސް އޮތީ އެމްޑީޕީއަށް، އެކަން ބަދަލެއް ނުވާނެ'
އާންމުން އޭނާ ދަންނަނީ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކެއްގައި އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ފެން ކުންފުންޏާއި އެސްޓީއޯ އަދި އެމްޓީސީސީ އިތުރު ހަރުފަތްތަކަކަށް ގެންގޮސްދެއްވި 'ހިންގުންތެރި ބޮސްއެއް'ގެ ގޮތުގައި ގިނަ ބަޔަކަށް އޭނާ ފާހަގަކުރެވެ އެވެ.
ކުންފުނިތަކުގައި އޭނާ ހޯއްދެވި ކާމިޔާބީތަކާއި 30 އަހަރުގެ ތަޖުރިބާއާ އެކު އާޒިމް މިހާރު އެ ކަމަރު ބަންނަވަނީ ސިޔާސީ މައިދާނުގައި މުހިއްމު މަގާމެއް ހޯއްދެވުމަށެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އޭނާ ނުކުންނެވީ، އާޒިމް ވިދާޅުވިގޮތުގައި، ތައުލީމީ ގާބިލް މީހުން އެފަދަ މަގާމުތަކަށް ބޭނުންވާ ކަމަށް ގަބޫލުކުރައްވާތީ އެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން މާލޭގެ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ އުންމީދާ ވެސް އެކުގަ އެވެ.
'ހިތް އޮތީ އަބަދުވެސް އެމްޑީޕީއަށް'
ސިޔާސީ މައިދާނުން އާޒިމް ފެންނަން ފެށީ 2015ގައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 'ފްރޭމްކޮށް'، ޝަރީއަތްކޮށް، ޖަލަށްލީ ހިސާބުންނެވެ. ބޭބެގެ ހައްގުގައި މަގުމައްޗަށް ނުކުންނަވައި ކުރެއްވި މަސައްކަތަކީ ސިޔާސީ ހަޔާތުގެ ފުރަތަމަ ޗެޕްޓަރެވެ.
އެ މަސައްކަތުގެ ތެރެއިން، 2018ގައި އާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. އެއާ އެކު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް އޭނާ އައްޔަންކުރި އެވެ.
އެ ދުވަހު އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި އޮތް ނާއިންސާފާއި އަނިޔާވެރިކަން ނިމުމަކަށް ގެންނަން އާ މަސައްކަތެއްގެ ފެށުން ކަމަށެވެ. ނަމަވެސް މިއަދު އޭނާ ވިދާޅުވަނީ، އޭނާގެ ނަން "ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި އެއްވެސް އިރެއްގައި ނޯންނާނެ" ކަމަށެވެ.
އޭނާ ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުން މިދިޔަ މާޗް މަހު އިސްތިއުފާ ދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށެވެ.
އެމްޑީޕީއަށް ސޮއި ކުރެއްވި ކަމުގެ ހަބަރެއް، އިއުލާނެއް ވެސް ނެތި، ދެން ފެނިވަޑައިގެންނެވީ، އެމްޑީޕީގެ ޓިކެޓުގައި އޭނާ މާލޭ މޭޔަރުކަމުގެ އިންތިހާބަށް ނުކުންނެވި ތަނެވެ.
އެއާއެކު، އާޒިމަށް ޓިކެޓު ދިނުމުގައި ގޯސްތަކެއް އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އަދި އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ އޭނާ ސަރުކާރާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަން ފެށި އެވެ.
'ދައުރު'ގެ 'ސިޔާސަކަ' ޕްރޮގްރާމްގެ 'މާލޭ މޭޔަރު އެޑިޝަން'ގައި އާޒިމް އެ ވާހަކަތަކަށް ރައްދު ދެއްވި އެވެ. ވިދާޅުވީ، އޭނާއަކީ "އަބަދުވެސް އެމްޑީޕީ މީހެއް" ކަމަށެވެ.
"އަޅުގަނޑުގެ ގޭގައި ބުނާ ވާހަކައެއް އޮންނާނެ. ވަރަށް ކުރިން ފެށިގެން، 2003 އިން ފެށިގެން ވެސް ބުނަމުން އަންނާނެ، އަޅުގަނޑަކީ އެމްޑީޕީ މީހެކޭ،" އާޒިމް ވިދާޅުވި ގޮތުގައި އޭރު ގޭތެރޭގައި ބޮޑަށް ތާއީދު އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ.
ނަމަވެސް، އޭނާއަށް ބޮޑަށް ގަބޫލުކުރެއްވުނީ، އާޒިމް ވިދާޅުވިގޮތުގައި، އެމްޑީޕީގެ ސިޔާސަތުތަކެވެ. އެއީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނެ ސިޔާސަތުތަކެކެވެ. އާޒިމް ވިދާޅުވީ މީހުންގެ އިހުސާސްތައް ދެނެގަތުމަކީ އޭނާ ވަރަށް އިސްކަންދެއްވާ ކަމަކަށް ވުމާއެކު، "އެމްޑީޕީއަކީ މީހުން ދެކެ ލޯބިވާ، ހިތެއް އޮތް ޕާޓީ" އަކަށް ވުމުން، އެމްޑީޕީ ކަމުދިޔައީ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު އަބަދުވެސް ބެލިން އެމްޑީޕީގައި މަސައްކަތް ކުރަން ފުރުސަތު ލިބޭތޯ. އަޅުގަނޑަށް އެ ފުރުސަތު ލިބުމާ އެކު އަޅުގަނޑު ބެލީ އެމްޑީޕީއާ އެއްކޮށް ކުރިއަށް ދާން،" އޭނާ ވިދާޅުވި އެވެ.
އާޒިމް ރައީސް ސޯލިހަށް ތާއީދު ކުރައްވައި ގާސިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވައިފި
އިސްތިއުފާގެ ސިޓީގައި އާޒިމް ވިދާޅުވީ، ދެ ވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ރާއްޖެ އާއި ދިވެހިންގެ މުސްތަގްބަލަށް އެންމެ ފައިދާ ކުރަނިވި ގޮތް ކަމަށް. އަދި ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެވޭނެ ވެރިޔަކީ ވެސް ރައީސް ސޯލިހު ކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައިވޭ.
މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓު އާޒިމްއަށް
އެމްޑީޕީން އާޒިމްއަށް ޓިކެޓު ދޭން ނިންމީ އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅުނުކުރައްވާތީ.
އެ ފުރުސަތު ލިބުނު ގޮތާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. މޭޔަރުކަމުގެ އިންތިހާބަށް އެމްޑީޕީން ޓިކެޓު ދިނީ "ތަބަކަކަށް ލާފައި" ކަމަށް ތުހުމަތު ކުރެ އެވެ. އާޒިމް އެ ތުހުމަތު ދޮގު ކުރައްވަ އެވެ.
"އެމްޑީޕީން ތަބަކަކަށް ލާފައެއް ނޫން އަޅުގަނޑަށް ޓިކެޓު ދިނީ. އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލީމަ، އަޅުގަނޑު އެކަނި ކުރިމަތިލީ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީއަކީ އުސޫލާއި ހަމަތަކުގެ މަތިން ވަރަށް ފުރިހަމައަށް ހިނގާ ޕާޓީއެކެވެ. އެ ޕާޓީން އެއްވެސް މީހަކަށް ތަބަކަށް ލާފައި ޓިކެޓެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީ ދޫކޮށްލާފައި ދިޔުމުގެ ވިސްނުމެއް ނެތީ ވެސް، ޕާޓީގައި އޭނާއަށް ކަމުދާ އެފަދަ އެތައް ކަމެއް ހުރުމުން ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ މި މަގާމަށް ކުރިމަތިލެއްވީ ވެސް އެމްޑީޕީގެ ސިޔާސަތުތައް ގަބޫލުކުރައްވާތީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދޭ ޔަގީން ކަމަކީި، އަޅުގަނޑު ހުންނާނީ އަބަދުވެސް އެމްޑީޕީގައި ކަން. މި އަސްލު ބަދަލެއް ނުވާނެ،" އާޒިމް ފާހަގަކުރެއްވި އެވެ.
ވަކިން ހާއްސަކޮށް، އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށްގެން ހޮވިއްޖެ ނަމަ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
'ކޮރަޕްޓު ނަމަ ކުންފުނިތަކެއް ނުހިންގުނީސް'
ގެއްލުމުގައި ހިންގަމުން އައި އެމްޓީސީސީއާ ހަވާލުވެ، އޭނާގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުގައި އެ ކުންފުނި ނަގާ ކޮޅަށް ޖެހުމުގެ ބުރަ މަސައްކަތަކީ، އާޒިމް ސިފަކުރެއްވި ގޮތުގައި، އޭނާއަށް ކޯޕަރޭޓް ސެކްޓަރުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖެވެ.
"އަޅުގަނޑު ތިން އަހަރު ތެރޭގައި ކޮންމެ އަހަރަކު 200 މިލިއަންގެ ފައިދާވާ ތަނަކަށް އެތަން ބަދަލުކުރިން. އެއް ބިލިއަންގެ އާމްދަނީން ތިން ބިލިއަންގެ އާމްދަނީ ލިބޭ ތަނަކަށް ބަދަލުކުރިން. ދެ ބިލިއަންގެ އެސެޓުން ފަސް ބިލިއަންގެ އެސެޓަށް އަޅުގަނޑު ބަދަލުކުރިން،" އެ މަސައްކަތުގެ ކާމިޔާބުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އޭނާގެ މައްޗަށް މީހުން ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ދެކޮޅަށް އާޒިމް ދައްކަވާ ހެއްކަކީ ވެސް އެއީ އެވެ. އާޒިމް ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާއި ވައްކަން ހިނގާ ތަންތަން ދާނީ ހަލާކުވެގެންނެވެ؛ އެ ތަންތަން ކާމިޔާބެއް ނުވާނެ އެވެ.
"އަޅުގަނޑު ހަވާލުވި ތަނެއް ވެއްޖެއްޔާ މިހާތަނަށް އޮންނާނީ އަޅުގަނޑު ހަވާލުވި އިރަށް ވުރެ ފައިދާވާ ތަންތަނަށް ހަދައިދީފައި،" އެސްޓީއޯ، ފެން ކުންފުނި، އަދި އެމްޓީސީސީގައި ވެސް އެކަން އޭނާ ސާބިތުކޮށްދީފައިވާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރަނީ، އާޒިމް ގަބޫލުކުރައްވާ ގޮތުގައި، އޭނާ ހަވާލުވާ ތަންތަން ދެފުށްފެންނަ ގޮތަށް ހަދައި ހަރުދަނާ ކުރުމުން، ނާޖާއިޒް ފައިދާ ނަގަމުންދާ މީހުންނަށް އެކަން ކުރުމުގެ ދޮރު ބަންދުވާތީ އެވެ.
"ތަނެއް ކާމިޔާބު ކުރުމަށް ބޭނުންވާ ކަންތައްތައް ކުރަމުން ދާއިރުގައި ނާޖާއިޒް ފައިދާ ލިބެމުންދާ މީހުނަށް އެކަން ނުލިބެން ފެށީމަ ލައްކަ ވާހަކަ ދައްކާނެ،" އޭނާ ވިދާޅުވި އެވެ.
"ސިޓީ ކައުންސިލަށް އަޅުގަނޑު ވަނުމާ އެކު [ކޮރަޕްޝަންގެ] ވާހަކަތައް އިވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެއީ އަޅުގަނޑު އެތަނުގައި ހުރި ނާޖާއިޒް ފައިދާ ނެގޭނެ ކަންތައްތައް ހުއްޓުވާލާނަން. ޔަގީނުން ވެސް ތިބޭފުޅުންނަށް ފެންނާނެ، ލިބޭ އާމްދަނީ، ކުރާ ހަރަދު. އެތާ ހުރި ރިސޯސަސް އަޅުގަނޑު ހާމަކުރަމުން ދާނަން. މިއީ މިހާތަނަށް އެކަކު ވެސް ކުރި ކަމެއް ނޫން."
އާޒިމް ތަކުރާރުކޮށް ދެއްވީ، އޭނާގެ މޭޔަރުކަމުގެ ދަށުން ސިޓީ ކައުންސިލް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަމެވެ. ސިޓީ ކައުންސިލަކީ ރައްޔިތުން ލޯބިވާ، ރައްޔިތުން އިހުތިރާމް ކުރާ، ރައްޔިތުން ބަލައިގަންނަ ތަނަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަމެވެ.
"އަޅުގަނޑަކީ އެއްވެސް މީހަކާ ވާދަކުރާ މީހެއް ނޫން. އަޅުގަނޑު ވާދަކުރަނީ ހުރި މައްސަލަތަކާ. އަޅުގަނޑު އެ ހުރިހާ މައްސަލައެއް ކިޔައިދީފިން. އަޅުގަނޑު މި އަންނަނީ މައްސަލައަށް ހައްލަކާ އެކު."
މޭޔަރުކަމުގެ އިންތިހާބަށް ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ތިރީގައި މި ހިމަނާލަނީ އާޒިމް 'ސިޔާސަކަ'އަށް ދެއްވި އިންޓަވިއުގެ ތެރެއިން ތިން ސުވާލަކާއި އޭގެ ޖަވާބުތަކުގެ ކުރު ހުލާސާ އެކެވެ.
-
ދައުރު: ވަރަށް ގިނަ މީހުން ބުނޭ، އެސްޓީއޯގައި ހުރި އިރު ވެސް ފެން ކުންފުނީގައި ހުރި އިރު ވެސް، އެމްޓީސީސީގައި ހުރި އިރު ވެސް އަބަދު އެއް ޓީިމެއް، އެއް މުވައްޒަފުންތަކެއް އާޒިމްއާއެކު ދާ ކަމަށް. މޭޔަރުކަމުގައި ވެސް ވާނީ މިހެން؟
އަޅުގަނޑު ދެކޭ ގޮތުގައި ކުންފުނިތައް ހިންގުމުގެ ތަޖުރިބާ އާއި ގާބިލްކަމާއި ތައުލީމާ ހުރި މީހުން އަބަދުވެސް ކައިރީގައި ތިބެން ޖެހޭނެ. އަޅުގަނޑާ އެއްކޮށް ކުރިން އެމްޑަބްލިއުއެސްސީގައި ވެސް އެސްޓީއޯގައި ވެސް އެމްޓީސީސީގައި ވެސް މަސައްކަތް ކޮށްފައި ތިބި މީހުން އަޅުގަނޑަށް އެބަ އެނގޭ، އަޅުގަނޑު އެދޭނަން އަޅުގަނޑު މޭޔަރުކަމަށް އައްޔަންވެއްޖެއްޔާ އެމީހުން އަޅުގަނޑު ކައިރިއަށް މަސައްކަތް ކުރަން އަންނަން. އަދިވެސް އެހެން ތަނެއްގައި ވެސް މޮޅު މީހެއް ހުރިއްޔާ އަޅުގަނޑު ބޭނުން އެމީހާ އަޅުގަނޑު ކައިރިއަށް ގެންނަން.
-
ދައުރު: އާޒިމްއާ ބެހޭ ގޮތުން ޝޯޝަލް މީޑީއާގައި މި ފަތުރާ ބަދުއަހުލާގީ ތުހުމަތުގެ ހަގީގަތަކީ ކޮބާ؟
އަޅުގަނޑު އަދި މިހާތަނަކަށް އެއްވެސް ކަމެއްގައި ބަންދު ކޮށްފައެއް ނެތް. ހަމައެކަނި، ނާޒިމް މިނިވަން ކުރަން އުޅުމުގެ ތެރޭގައި ސިޔާސީ ގޮތުން އަޅުގަނޑު ހަތް ދުވަހަށް ޖަލަށް ލީ. އެ ނޫނިއްޔަކާ އަޅުގަނޑު އަދި އެއްވެސް ތަނަކުން ބަންދެއް ނުކުރޭ. އެއީ [ތުހުމަތުތަކަކީ] ސިޔާސީ މަގާމަކަށް ނުކުތީމަ، ސިޔާސީ ގޮތުން އަޅުގަނޑު ބަދުނާމް ކުރަން ދައްކާ ވާހަކަތަކެއްކަން އަޅުގަނޑަށް ޔަގީން ވަނީ.
-
ދައުރު: މިސާލަކަށް އާޒިމް ރައީސްކަމަށް ކުރިމަތިލަނީޔޯ. ހީވޭތަ ބޭބެއަށް ވުރެ ޕޮޕިއުލާ ޕޮލިޓީޝަނަކަށް ވެވިދާނެހެން؟
އަޅުގަނޑަކަށް ނޭނގޭ އެއަށް ދޭނެ ޖަވާބެއް. ރައްޔިތުން ނިންމާނީ، އެކަހަލަ ކަންކަން، ދެއްތޯ؟ ޕޮޕިއުލާރިޓީ އަކީ ރައްޔިތުން ނިންމާ އެއްޗެއް، އަޅުގަނޑު ނިންމާ އެއްޗެއް ނޫނެއް ނޫންތޯ؟
ކޮމެންޓް (2)
ޥާލުސޮރު
ބޓ އަދުރޭ