އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް.
ރައީސް ސޯލިހަށް ތާއީދުކުރައްވައި، ގާސިމްގެ އެޑްވައިޒަރުކަމުން އާޒިމް އިސްތިއުފާ ދެއްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްތިއުފާ ދެއްވައި، ރައީސް އިބްރާހީމް މުހަންމަދު ސޯލިހަށް މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ތާއީދު ކުރެއްވުމަށް ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - އިސްތިއުފާގެ ސިޓީ ޓުވިޓާގައި ހިއްސާކުރައްވަމުން އާޒިމް ވިދާޅުވީ، ރިޔާސީ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ އެ ސަބަބާ ހުރެ ކަމަށް އެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ތަފްސީލު - އެ ސިޓީގައި އާޒިމް ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ރާއްޖެ އާއި ދިވެހިންގެ މުސްތަގްބަލަށް އެންމެ ފައިދާ ކުރަނިވި ގޮތެވެ. އަދި ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެވޭނެ ވެރިޔަކީ ވެސް، އާޒިމް ގަބޫލުކުރައްވާ ގޮތުގައި ރައީސް ސޯލިހު ކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓިން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯޯލިޝަން ހެދުމަަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާ ގުޅިގެން މަނިކުފާނުގެ [ގާސިމްގެ] އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލު ނުކުރާތީވެ، އެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އާޒިމްގެ ސިޓީގައިވެ އެވެ.
ފަސްމަންޒަރު- ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނޫން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ކުރިމަތިލައްވާކަން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ.
މި އަހަރުގެ 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމައި ޕްރައިމަރީއަށް ހުޅުވާލީ މި މަހުގެ 16ގަ އެވެ. އެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 12ގަ އެވެ.
ގާސިމް ޖޭޕީގެ ސެކްރެޓޭރިއަޓަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާ ޖޭޕީގެ ޓިކެޓަށް ކުރިމަތިލެއްވުމަށް ނިންމެވީ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އާއި އޭނާ އަކީ ޖޭޕީގެ ލީޑަރަށް ވުމުން ޕާޓީން އެދޭ ގޮތް ހާސިލުކުރުމަށް ކަމަށެވެ.