އެ ވިދާޅުވަނީ މާލެއަކީ ބޮޑު ގޮނޑެކޭ، ބޭނުންވަނީ ބަގީޗާ ސިޓީއެކޭ
މުހިންމު ނުކުތާތައް
އާޒިމް ވިދާޅުވީ މިއީ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި ދިރިތެޅޭ ތަނެއް ކަމަށް
އިދިކޮޅު ޕާޓީއަށް ނިސްބަތް ވިޔަސް ސަރުކާރާ އެކު މަސައްކަތް ކުރެއްވޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ
ރައްޔިތުންގެ އިތުބާރު ލިބިފައިވާ މީހުންނަށް ކަންކަން ކުރަން ފަސޭހަވާނެ
ފުރަތަމަ ވެސް އޭނާއަށް ދެންނެވި ސުވާލަކީ، މި ވަގުތު މާލެ ސިފަކުރަައްވާ ނަމަ ވިދާޅުވާނީ ކީކޭތޯ އެވެ. އެ ޖަވާބު ދެއްވަން އާދަމް އާޒިމްއަށް ދެތިން ސިކުންތު ވެސް ނުނެގި އެވެ.
"މާލެ ސިފަކުރެވެނީ ގޮނޑެއްގެ ގޮތުގައި. [މިއީ] ސީދާ ގޮނޑެއް،" ވަގުތުން ވިދާޅުވި އެވެ.
އެކަމަކު މާލޭގެ މޭޔަރުކަމުގެ އިންތިހާބަށް ނުކުންނަވާ އިރު އޭނާގެ ކުރިމަތީގައި އޮތީ އެ ގޮނޑު ސާފުކުރުމެވެ. ރީތި ރަށަކަށް ބަދަލުކުރުމެވެ. މީގެ ކުރިން ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތައް ހިންގެވުމުގެ މަތީ ޒިންމާ ނެންގެވި ސީއީއޯއަށް އެކަން އެނގިވަޑައިގަނެ އެވެ.
"އަޅުގަނޑު މި އަންނަނީ އެ ގޮނޑު ބަގީޗާ ސިޓީއަކަށް ބަދަލުކުރުމުގެ އަމާޒުގައި. އެހެން ގޮތަކަށް ބުނާ ނަމަ މީހުން ދިރިއުޅޭ ހިތުން ދިރިއުޅޭ ތަނަކަށް ބަދަލުކުރުން އަމާޒަކީ. އެ އަޒުމްގައި އެ އިންޓެންޝަނުގައި މިހާރު މަސައްކަތް މިކުރަނީ،" އާޒިމް ވިދާޅުވި އެވެ.
މަސައްކަތުގެ ދާއިރާއަށް ނުކުންނަވައި މި ހޭދަކުރެއްވި 30 އަހަރުގެ ތެރޭގައި އޭނާ އަދާކުރެއްވީ ސަރުކާރާ ގުޅުން ހުރި އެކި ކުންފުނިތަކުގެ އެކި މަގާމުތަކެވެ. މަތީ ތައުލީމުގެ ތެރެއިން ނަފުސު މުއްސަނދިކުރެއްވި އެވެ. އަމަލީ ތަޖުރިބާގެ ތެރެއިން ނަތީޖާ ނެރެން ދަސްކުރެއްވި އެވެ. އެކަމަކު މިފަހަރު އާޒިމް މި ފެއްޓެވީ އޭނާގެ ހަޔާތުގެ ވެސް މުޅިން އާ ދަތުރެކެވެ؛ އިންތިހާބެއްގައި ވާދަކުރެއްވުމެވެ.
އާޒިމް ވިދާޅުވާ ގޮތުގައި މިއީ އިންތިހާބުކުރާ މަގާމެއްގައި ހުންނަވައިގެން ގައުމަށް ހިދުމަތްކުރައްވަން އޭނާއަށް ވެސް އެންމެ ރަނގަޅު ވަގުތެވެ. އަދި ރައްޔިތުންނަށް ވެސް އޭނާއަކީ ކާކުކަން އެނގި، އިތުބާރު އުފެދިފައި އޮތް ދަނޑިވަޅެކެވެ.
"ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ މީހުންނަށް ކަންތައްތައް ކުރަން ފަސޭހަވެގެންދޭ އަސްލު. އަޅުގަނޑު ހަވާލުވި ކޮންމެ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަވާލުވި އިރަށް ވުރެ ރަނގަޅަށް ނިންމާފައި ދީފައި އޮތީ،" އާޒިމް ވިދާޅުވި އެވެ.
އެ ވާހަކައަށް ބާރު ދެއްވަން މިސާލުތަކެއްގެ ގޮތުގައި ދެއްކެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުން ކުރެއްވި މަސައްކަތާއި އެމްޑަބްލިޔުއެސްސީގައި ހޭދަކުރެއްވި އަހަރެއްހާ ދުވަހުގެ ތެރޭގައި ނެރުނު ނަތީޖާގެ އިތުރުން އެންމެ ފަހުން ނެންގެވި އެމްޓީސީސީގެ ސީއީއޯގެ ޒިންމާގައި އެ ކުންފުންޏަށް، ތިނެއް ބައި އަހަރުގެ ތެރޭގައި، ހޯދައިދެއްވި ވިޔަފާރީގެ ކާމިޔާބީތަކެވެ. މުޅި ރާއްޖެއަށް ފަތުރާލި ބައެއް ހިދުމަތްތަކާއި ފަސޭހަތަކެވެ. މިއީ، އާޒިމް ވިދާޅުވާ ގޮތުގައި، ރައްޔިތުންނަށް ފެންނާނެ ހަގީގަތްތަކެވެ. އެހެންކަމުން މާލޭގެ މޭޔަރުކަމުގެ އިންތިހާބަށް ނުކުންނަވާ އިރު މާލޭ ރައްޔިތުންނަށް އޭނާގެ ރެކޯޑްތައް އޮންނާނީ އެނގިފަ އެވެ.
"ރަނގަޅު ހިދުމަތެއް ދޭން ރައްޔިތުން އެ ތިބެނީ އެދިއެދި. މިހާތަަނަށް ވެސް ކަންތައްތައް ކޮށްދީފައި ތިބި، ޓްރެކް ރެކޯޑް ރަނގަޅު، ހަވާލުކުރާ ތަންތަން ރަނގަޅު ފެންވަރަކަށް ހިންގާފައި [ތިބި] މީހުން [މޭޔަރު ކަހަލަ މަގާމުތަކަށް] އަންނާނެ ދުވަހަކަށް [ރައްޔިތުން] މަޑުކޮށްގެން ތިބި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އާޒިމް ވިދާޅުވި އެވެ.
މި އޮތީ މައްސަލަތަކުން ފުރިފައި
މީހުންނާއި ދުއްވާ އެއްޗެހިން މާލެ ހަމައެކަނި ފުރުނީކީ ނޫނެވެ. އެއާ އެކު ހައްލުކުރަން އުނދަގޫ މައްސަލަތަކުން ވެސް މާލެ ފުރިބާރުވެއްޖެ އެވެ. މާލެ ސިޓީ ކައުންސިލްގެ އެންމެ އިސް ވެރިޔާގެ ގޮތުން މާލޭގެ މޭޔަރަށް ފުރަތަމަ ސިކުންތުން ފެށިގެން ވެސް ކުރިމަތިލައްވަން ޖެހޭނީ އެ މައްސަލަތަކާ އެވެ.
"މިހާރު މި އޮތީ މައްސަލަތައް ފުނިޖެހިފައި. ޕާކިން މައްސަލަ ފުނިޖެހިފައި. ހައުސިން މައްސަލަ ފުނިޖެހިފައި. ކުނީގެ މައްސަލަ ފުނިޖެހިފައި. މިހެން ގޮސް ހަމަ ހުސް މައްސަލަ،" އާޒިމް ވިދާޅުވި އެވެ.
އެކަމަކު އޭނާ ހުންނެވީ ތައްޔާރަށެވެ. މަސައްކަތްކޮށްފިއްޔާ ހައްލުނުވާނެ ކަމެއް ނޯންނާނެ ކަމަށް ގަބޫލުކުރެއްވުމަކީ އޭނާގެ ފިލޯސަފީ އެވެ. އެހެންކަމުން މައްސަލަތައް ކުޑަކޮށް، އާންމުންނަށް އެކަން އެނގޭނެ ފަދަ ބަދަލުތަކެއް ހޯއްދެވުމުގެ ވިސްނުން އަބަދުމެ ހުންނަނީ ސިކުނޑީގައި އެނބުރި އެނބުރި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި އޭނާގެ ހަކަތަ އެބަ ހުއްޓެވެ.
"މި ވަރަށް މައްސަލަތައް ފުނިޖެހިފައި ހުރި ގައުމެއްގެ މަސައްކަތަކާ ހަވާލުވާއިރުގައި 24 ގަޑިއިރު މަސައްކަތަށް ދީގެން ތިބެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
"އެ އެނާޖީ ހުންނަން ޖެހޭ. އެ މުރާލިކަން ހުންނަން ޖެހޭ. އެވަގުތު ދެން ޖެހޭ."
ކުރީ ސަރުކާރުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގި ބޮޑެތި އެތައް މަޝްރޫއުއެއްގެ ފަހަތުގައި އޭނާ އެ ދާއޮހޮރުވި އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި އެވެ. ރަށްރަށުގައި ހިންގާ މަޝްރޫއުތަކާ މެދު ރައްޔިތުންގެ އަޑު އެއްސެވި އެވެ. ހިޔާލު ހޯއްދެވި އެވެ. ރުޅިއައިސް މޫނު އަނބުރާލެއްވުމަކީ، އާޒިމް ވިދާޅުވާ ގޮތުގައި، އޭނާގެ ހަމައެއް ނޫނެވެ.
މާލޭގެ މައްސަލަތަކަށް ހައްލު ގެންނަން އޭނާގެ ވިސްނުންތައް މިހާރު ވެސް އަންނަނީ އެނބުރެމުންނެވެ. ރައްޔިތުންނަށް ދައްކަވަން ބޭނުންވަނީ ތަފާތެކެވެ.
ދިރިއުޅެނީކީ ނޫން، ދިރިތެޅެނީ
'ގޮނޑެއް'ގައި އުޅެން ޖެހޭނީ އެއީ 'ގޮނޑެއް' ކަމަށް ބަލައިގެންނެވެ. މާލޭގައި ރީތި އިމާރާތްތައް މަދެއް ނޫނެވެ. ރީތި ފިހާރަތަކާއި ރެސްޓޯރެންޓްތައް ވެސް އެހާމެ ގިނަ އެވެ. އަބަދުވެސް ފެންނާނީ ދިރުމެވެ. ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނެވެ. އަޑުތަކެވެ.
އެކަމަކު އާޒިމް ވިދާޅުވާ ގޮތުގައި ރާއްޖޭގެ ވެރިރަށުގައި ރައްޔިތުން "ދިރިއުޅެނީކީ ނޫނެ"ވެ.
"މިތާ ދިރިތެޅެނީ. އަޅުގަނޑުމެން ނުކިޔަން މިއީ ދިިރިއުޅުމަކަށް. މިއީ ދިރިތެޅެވެނީ،" އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ވަސީލަތްތައް ބޭނުންކޮށްގެން، ކައުންސިލަރުންނާއި މުވައްޒަފުން އެކައްޗެއް ކިޔައިގެން ނުކުމެއްޖެ ނަމަ، އެ ހާލަތު ބަދަލުކޮށްލެވޭނެކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.
"ސިޔާސީ މައިދާނަށް އަޅުގަނޑު ނުކުތީ ސީދާ އެ އަޒުމުގައި، އެ ނިޔަތުގައި،" އާޒިމް ވިދާޅުވި އެވެ.
އޭނާ ނިސްބަތްވަނީ އިދިކޮޅު ޕާޓީއަށް ނަމަވެސް ސަރުކާރާ އެކު މަސައްކަތްކުރަން ހުރަހެއް އޮންނާނެ ކަމަކަށް ގަބޫލެއްނުކުރައްވަ އެވެ. އެކަމަކު މިހާތަނަށް ފެނުނު ހަގީގަތް މުޅިން ތަފާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލް ފިއްތާލި ގޮތަށް ލީ މާފަންނުގައި ހުރި ކުޑަކުޑަ 'ގޮޅިއަކަށެ'ވެ. އޭރު ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒެވެ.
މުއިއްޒުގެ މޭޔަރުކަމުގައި ފާޑުވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ނުދޭ ކަމަށް އިޝާރަތްކުރައްވަމުންނެވެ. އެކަމަކު އެ ސަރުކާރުން ކައުންސިލްތަކަށް ގިނަ ފުރުސަތުތަކެއް ދިން ވެސް މެ އެވެ.
އެ މާޒީތަކަށް ވަޑައިގަންނަވާކަށް އާޒިމް ބޭނުމެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެމްޓީސީސީގައި އުޅުއްވި އިރު އޭރުގެ އިދިކޮޅު މެމްބަރުންނާ އެކު ވެސް ގާތުން މަަސައްކަތްކުރެއްވުނު ކަމަށެވެ. ރަށްރަށުގެ ތަރައްގީގައި އެ މެމްބަރުންގެ ހިޔާލު ވެސް އޮންނަންވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެހެންކަމުން ސަރުކާރާ އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވަން ދަައްޗެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން ވެސް ބޭނުންވާނީ ކަންތައްތައް ރނގަޅުކުރަން. އަޅުގަނޑު ކަހަލަ މީހަކު މިތަަނަށް އައުމުން އެމީހުންނަށް ފަސޭހަވާނެ ކަމަށް ގަބޫލުުކަރަނީ،" އާޒިމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފައިދާ ހުރި ކޮންމެ ކަމެއް ކުރަން ވެސް އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ."
މާލެއާ މެދު އާޒިމްގެ އޮތް ހުވަފެންތައް ރީއްޗެވެ. އޭނާއަށް އެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ރާއްޖޭގެ ވެރިރަށް 'ބަގީޗާއަކަށް،' 'މީހުން ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ތަނަކަށް' ހެދޭނެކަމުގެ ޔަގީންކަން ވެސް އެބަ އޮތެވެ. އޭނާގެ އަޒުމަކީ "ދުނިޔެ ދޫކޮށްފައި ދާއިރު އޭރަކު އެ އުޅޭ ބަޔަކާއި ދެން އަންނަން ތިބި ބަޔަކަށް ވެސް ކަމެއް ކޮށްދިނުމެ"ވެ.
"މާލޭގައި ދިިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ ރައްޔިތުންނާ އަދި ފަތުރުވެރިންނަށް ހިތްފަސޭހަ ނޫނީ ދިރިއުޅޭ ހިތުން އުޅޭ ތަނަކަށް ހަދައިދިނުމަކީ މިއަދު ބޮޑު ޒިންމާއެއް. ބޮޑު މަސްއޫލިއްޔަތެއް،" އާޒިމް ވިދާޅުވި އެވެ.