އިލްޔާސް ލަބީބް

އިލްޔާސްގެ ފުރަތަމަ ޓެސްޓު: ނަޝީދުގެ 'ގޮނޑި ކޮއްކޮއެއް'ގެ ޓެގުން ދުރުވުން

އަލަށް ވޯޓު ލާ މީހުންނާއި ވޯޓުލާނެ ގޮތެއް ނުނިންމައި ތިބި ގިނަ އަދަދެއްގެ މީހުންގެ އުއްމީދަކީ އާ ލީޑަރެއް ހޯދުން ކަމަށް ވެދާނެ. އިލްޔާސްއަކީ އޭގެ ބޭފުޅެއްތަ؟

ރާއްޖޭގެ ރައީސްކަމުން މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވީ އެވެ. އޭގެ ފަހުން ވެސް ރައީސްކަން ހޯއްދެވުމުގެ މަސައްކަތް ހުއްޓައެއް ނުލައްވަ އެވެ. މީގެ 10 އަހަރު ކުރިން ބޭއްވި އިންތިހާބުގައި ކުރިމަތިވީ ނާކާމިޔާބީއާ އެވެ. އަދި 2018ގެ އިންތިހާބަށް ކުރިމަތިލެއްވޭ ގޮތެއް ނުވި އެވެ. އެމަނިކުފާނުގެ ބުރަ އެތައް މަސައްކަތާއި އެތައް ގުރުބާނީއެއް ވެވަޑައިގެންނެވި އެމްޑީޕީގެ ކޮންޓްރޯލް ވެސް ގެއްލި، ޕާޓީން ވެސް، އެންމެ ފަހުން، ވަކިވެވަޑައިގަތީ އެވެ.

ނަޝީދަށް ތާއީދުކުރާ އެތައް ހާސް ދިވެހިން އަދިވެސް އެބަ ތިއްބެވެ. ކޮންމެވެސް ވަރަކަށް ފަނޑުވި ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނަޝީދުގެ ނުފޫޒު އަދިވެސް އެބަ އޮތެވެ. ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭވަރުގެ ނުފޫޒެއް މިހާރަކު ނެތެވެ.

އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި 'ދަ ޑިމޮކްރެޓްސް'ގެ ރިޔާސީ ޓިކެޓަށް ކުރިމަތިނުލެއްވި ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ. ނުވަތަ އެމަނިކުފާނު ބޭނުންފުޅުވަނީ، ކުރިން ވެސް ވިދާޅުވެފައިވާ ފަދައިން، ބޮޑުވަޒީރުކަން ކުރެއްވުމެވެ. ނަޝީދުގެ ބަދަލުގައި ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި ނުކުމެވަޑައިގަތީ، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ނަޝީދަށް އިހުލާސްތެރި އިލްޔާސް ލަބީބެވެ.

އިލްޔާސް: ނަޝީދުގެ ގޮނޑި ކޮއްކޮއެއް؟

އިލްޔާސްގެ ރިޔާސީ ކެމްޕޭން ލޯންޗުކުރަން ބޭއްވިި ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަތަކުން އާންމުންގެ މެދުގައި ސުވާލުތަކެއް އުފެދުނެވެ. އިލްޔާސް ވިދާޅުވީ އޭނާ ނުކުމެ އެ ހުންނެވީ ޒުވާނުންގެ ހިޔާލާ އެކު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދައިދެއްވުމަށް ކަމަށެވެ. ނަމަވެސް އޭނާގެ އެހެން ވާހަކަތަކުން ބައެއް މީހުންނަށް ދޭހަވީ، އޭނާގެ އަމިއްލަ ބާރެއް ނެތް ކަމާއި ކަންކަމުގައި އަމިއްލަ ހިޔާލެއް ވެސް ނެތް ކަމެވެ. ސަބަބަކީ އިލްޔާސް ނުކުމެ އެ ހުންނެވީ ނަޝީދު ފެއްޓެވި މަސައްކަތް، އެމަނިކުފާނާ އެކީގައި ކުރެއްވުމަށް ކަމަށް އެ ދުވަހު ތަކުރާރުކޮށް ވިދާޅުވުމުންނެވެ. ފުރަތަމަ ދުވަހުން ފެށިގެން ސޯޝަލް މީޑިއާގައި އާންމުން އިލްޔާސްއަކީ ނަޝީދުގެ 'ޕަޕަޓެއް' ކަމުގެ ލޭބަލް އަޅުވަމުން ދިއުމުގައި ސަބަބުތަކެއް ހުންނާނެ އެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމަށް ސިޓީގައި އިލްޔާސް ސޮއިކުރައްވަނީ

ކޮންމެ ޕާޓީއެއް ވެސް އިސްކުރާނީ އަދި ފުޅާކުރަން މަސައްކަތް ކުރާނީ ވެސް އެ ޕާޓީއެއްގެ ވިސްނުމެވެ. ރައީސްކަމަށް އާދެވެން އޮންނަ ފަސޭހަ ގޮތަކީ ވެސް ޕާޓީއެއްގެ ފަރާތުން ކުރިމަތިލުމެވެ. ނަމަވެސް ރައީސަކަށް ހުންނަ ބޭފުޅަކު ހިދުމަތް ކުރަން ޖެހެނީ ރައްޔިތުންނަށެވެ. ހަމައެކަނި އެ ޕާޓީއެއްގެ މެމްބަރުންގެ ހައްގުގައެއް ނޫނެވެ. އަދި އަމުދުން އެންމެ ފަރުދެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަކަށް ވެސް ނޫނެވެ.

މިހާރު އިލްޔާސަށް ހުރި ސުވާލުތަކަކީ މި އެވެ؛ ރައީސްކަމަށް ކުރިމަތިލައްވަނީ އިލްޔާސް އެވެ. ކާމިޔާބުވެއްޖެ ނަމަ، ވެރިކަން ކުރައްވާނީ އިލްޔާސް ހެއްޔެވެ؟ ނުވަތަ ނަޝީދު ހެއްޔެވެ؟ އިލްޔާސް ވާނީ މޫނުމައްޗަށް ދައްކާލާ ރަމްޒީ ބޭފުޅަކަށް ހެއްޔެެވެ؟ ވެރިކަމުގެ ކޮންޓްރޯލު އޮންނާނީ، އިލްޔާސް ސިޔާސީ މުދައްރިސްގެ ގޮތުގައި ބައްލަވާ، ނަޝީދަށް ހެއްޔެވެ؟ ނަޝީދަށް އޮތް އިހުލާސްތެރިކަމެއްގެ ބޮޑުކަމުން އިލްޔާސް ވާނީ 'ގޮނޑި ކޮއްކޮ' އަކަށް ހެއްޔެވެ. ރައީސްކަމުގައި ހުންނަވާއިރު ކުޑަ ނަމަވެސް، އަމިއްލަ ބާރެއް އިލްޔާސަށް އޮންނާނެ ހެއްޔެވެ؟ ނަޝީދުގެ ނުފޫޒެއް ނެތި، އަމިއްލައަށް އެއްވެސް ކަމެއް ނިންމެވޭނެ ހެއްޔެވެ؟ މިއީ އާންމުންގެ މެދުގައި ހުރި ސުވާލުތަކެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ އިލްޔާސް ލަބީބްގެ ކެމްޕޭން ލޯންޗުކުރުން. (ފޮޓޯ/ ޑިމޮކްރެޓްސް)

މި ރިޔާސީ އިންތިހާބާ ދިމާކޮށް 'ދައުރު'ން ގެނެސްދޭ 'ރިޔާސީ ވާހަކަ'އިގައި އިލްޔާސް ވަނީ އާންމުންގެ މި ސުވާލުތަކަށް ސާފު ޖަވާބުތަކެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، ރައީސްކަން ލިބިވަޑައިގެންފި ނަމަ، ރައީސްގެ ހައިސިއްޔަތުން ނިންމަވާ އެއްވެސް ނިންމެވުމަކަށް، އެއްވެސް ބޭފުޅަކަށް ވެސް ނުފޫޒު ފޯރުވުމުގެ ޖާގަ ނުދެއްވާނެ އެވެ. މާނައަކީ ނަޝީދަކަށް ވެސް އެ ފުރުސަތު ނޯންނާނެ ކަމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައި އޮންނަ ކަންތައްތައް ކުރުމަށް އަދި އެ ނިންމުންތައް ނިންމުމުގެ ފުރިހަމަ ޒިންމާ އަޅުގަނޑު އެ ގޮނޑީގައި ހުންނަ ގަޑީގައި އަޅުގަނޑު ނަގާނަން. އަޅުގަނޑުގެ ނިންމުންތައް ނިންމުމުގައި އެއްވެސް ބޭފުޅެއްގެ ނުފޫޒެއް، ބާރެއް ނޯންނާނެ، އެ ޖާގައެއް އަޅުގަނޑު ނުވެސް ދޭނަން،" އިލްޔާސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކަންކަން ނިންމުމުގައި މަޝްވަރާކުރަން ފެންނަ ހާލަތެއްގައި ރައީސް ނަޝީދުގެ މަޝްވަރާ ހޯދާނަން. އަދި ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންގެ މަޝްވަރާ ހޯދަން ޖެހޭ ކަންތައްތަކުގައި [އަޅުގަނޑު ދެކޭ ކަންތައްތަކުގައި] އެ މަޝްވަރާ ހޯދާނަން."

ސިޔާސީ ބޭފުޅުންގެ އިތުރުން، އިލްޔާސް ވިދާޅުވީ ވިޔަފާރިވެރިންނާއި ރައްޔިތުންގެ މަޝްވަރާ ހޯދަން ޖެހިއްޖެ ހާލަތެއްގައި އެ މަޝްވަރާ ވެސް ހޯއްދަވާނެ ކަމަށެވެ. ނަމަވެސް ނިންމުންތައް ވާނީ އޭނާގެ އަމިއްލަ ނިންމެވުންތަކަކަށް ކަން ތަކުރާރުކުރެއްވި އެވެ. 

ނަޝީދުގެ ގޮނޑި ކޮއްކޮ ރައީސަކަށް އިލްޔާސް ވެވަޑައިގެންފި ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ފަސޭހަ ނުވިޔަސް، ރައްޔިތުންގެ މައްޗަށް ގަދަބާރުން ތަންފީޒު ކުރެވޭނީ އެންމެ މީހެއްގެ ވިސްނުމެވެ. ވެރިކަމުގެ ބާރުތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާނީ އެންމެ މީހެއްގެ މަސްލަހަތުގަ އެވެ. ރައީސްގެ ގޮތުގައި ހުންނަވައިގެން ނިންމަވާ ހުރިހާ ނިންމުމެއް ވެސް އޮންނާނީ އެކަކަށް ފައިދާވާ ގޮތަށެވެ. ނަމަވެސް ޑިމޮކްރެސީއަކީ ރައްޔިތުންގެ ވެރިކަމެވެ. އެކެއްގެ ވެރިކަމެއް ނޫނެވެ.

ނަޝީދުގެ ބަރުލަމާނީ ހުވަފެން ހަގީގަތަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ނަޝީދުގެ އެންމެ ބޮޑު ހުވަފެނެވެ.

މިހާރު މި އޮތް ސަރުކާރުން ވެރިކަމަށް އައިއިރު، އެމްޑީޕީން އެކުލަވާލި 'ޖަޒީރާ މެނިފެސްޓޯ'ގައި ވެސް ބަރުލަމާނީ ނިޒާމު ތައާރަފްކުރާނެ ކަމަށް އޮތެވެ. ނަމަވެސް މިއީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫނެވެ. ކޯލިޝަނެއްގެ ގޮތުގައި ވެރިކަމަށް ކުރިމަތިލިއިރުު، ކޯލިޝަން ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމެއް ނެތެވެ.

މިދިޔަ އަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްގައި ވެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދު ގަރާރެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ ގަރާރަށް ވޯޓު ނަގަން ރައީސް ސޯލިހު ދެކޮޅު ހެއްދެވި އެވެ. ދެބަސްވުންތަކަކަށް ފަހު ދެ ބޭފުޅުން އެއްބަސްވީ ބަރުލަމާނީއަށް ބަދަލުކުރުމުގެ މަސައްކަތް ފަސްކުރުމަށެވެ. އެހެންކަމުން މި ވެރިކަމުގައި ވެސް ނަޝީދު ބޭނުންފުޅުވި ގޮތަށް އެކަން ނުކުރެވުނީ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަކިން މަޝްވަރާކުރައްވަނީ (ފޮޓޯ: އަބްދުﷲ ޔަޝާއު/ދައުރު)

އިލްޔާސް ކުރިއަށް ގެންދަވާނީ ނަޝީދު ފައްޓަވާފައި ހުރި މަސައްކަތްތައް ކަމަށް ވަރަށް ސާފުކޮށް ވިދާޅުވި އެވެ. ޑިމޮކްރެޓްސްއަށް ވެރިކަން ލިބިއްޖެ ނަމަ ނަޝީދުގެ ބަރުލަމާނީ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް އާ ހިތްވަރަކާ އެކު ފަށާނެ އެވެ. މިކަން ވެސް އިލްޔާސް ވަނީ 'ދައުރު'އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އިލްޔާސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓެއް ނެގި ފަހުން އެތައް އަހަރެއް ވެެއްޖެ ކަމަށާއި އޭރު ވެސް އަދި މިހާރު ވެސް އެ ވޯޓުގައި ގޯސްތަކެއް ހިނގާފައި ހުރި ކަމަށް 'ވަރަށް ގިނަ މީހުން ގަބޫލުކުރާ' ކަމަށެވެ.

އެ ގަބޫލުކުރުންތަކާ އެކު މި ހިސާބަށް އައިއިރު، އިލްޔާސް ވިދާޅުވި ގޮތުގައި، ނިޒާމު ބަދަލުކުރުމުގެ އިތުރުން ގާނޫނުއަސާސީ އިސްލާހުކުރުމާއި ރައީސްގެ މަގާމަށް ހޮވޭ ގޮތް ބަދަލުކުރުން ފަދަ އެތައް ކަމަކާ މެދު މިހާރު އަންނަނީ ބަހުސްކުރަމުންނެވެ.

"އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަޅުގަނޑުމެން އަނެއްކާވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ރައްޔިތުން ބޭނުންވާ ގޮތް ސާފުކޮށް އަހަން ޖެހޭ ވަގުތު. ރައްޔިތުން ގާތަށް އެ ވޯޓު، އަޅުގަނޑުގެ ޒައާމަތެއްގައި ގެންދާނަން،" އިލްޔާސް ވިދާޅުވި އެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލު އާންމުންނަށް ލިބޭނީ ޑިމޮކްރެޓްސްގެ މެނިފެސްޓޯ މުޅިން އެކުލަވައިލުމުންނެވެ.

ޕީޕީއެމްއަށް 'ވައިޖަހަނީ' އަމިއްލަ އެދުމެއްގައި؟

އެކަނިމާއެކަނި ނުކުމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭވަރުގެ ހައިބަތު ހުރި ޕާޓީއެއް މި ރާއްޖެއަކު ނެތެވެ. ރާއްޖެއަށް ޑިމޮކްރެސީ ތައާރަފްވި ފަހުން މިހާތަނަށް އައި ހުރިހާ ސަރުކާރުތަކުން ވެރިކަން ހޯދީ މުޅިން ވެސް ކޯލިޝަނަކުންނެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ ހަގު ސިޔާސީ ޕާޓީއަށްވެ އޮވެ ސަރުކާރާ އިދިކޮޅު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ މަޝްވަރާކޮށް، ތިން ޕާޓީން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ، ކޮންމެވެސް ވަރަކަށް އަންނަނީ ކުރަމުންނެވެ. އެ ދައުވަތު އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމަށް ވެސް ވަނީ ދީފަ އެވެ. ޕީޕީއެމުން އެ ދައުވަތު ގަބޫލުކުރަން އޮތީ އެންމެ ގޮތެކެވެ. އެއީ ގުޅިގެން ނެރޭ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޔާމީން ކަމަށް ހެދުމެވެ. ފެންނަ ފެނުމަށް ޕީޕީއެމުން އޮތީ މިކަމުގައި އިތުރު މަޝްވަރާއަކަށް ވެސް ދާ ގޮތަކަށް ނޫނެވެ.

މ. ކުނޫޒުގައި ޑިމޮކްރެޓްސްގެ މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސެން ސުނައިން)

ރައީސް ސޯލިހާ ފެއަށް ޖެހިވަޑައިގަތުމާ ހަމައަށް ނަޝީދުގެ ފަރާތްޕުޅުން ޕީޕީއެމްއަށް ވެސް އަދި އަމުދުން ޔާމީނަށް، ފާޅުގައި ހެޔޮ ބަހެއް ވިދާޅެއްނުވެ އެވެ. ކޮންމެ ނިޔަތެއްގައި ވިޔަސް ޑިމޮކްރެޓްސްއިން މިހާރު ޕީޕީއެމް ފަހަތުން ދުވަމުން ދާއިރު، ހަނދާނަށް އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ނަޝީދު ދެއްކެވި ވާހަކައެކެވެ.

ޕްރައިމަރީގެ ކެމްޕޭނަށް ނަޝީދު ރަށަކަށް ވަޑައިގެން އުޅުއްވަނިކޮށް، ޕްރައިމަރީއިން ބަލިވެއްޖެ ނަމަ ހުންނަވާނީ ރައީސް ސޯލިހާ އެކުތޯ ނުވަތަ ޕީޕީއެމްއާ އެކުތޯ، އާންމު މީހަކު ސުވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އޭރު ދައުރުވި އެވެ.

"ޕީޕީއެމްއާއެކީ ނުހުންނާނަން. އެއީ 100 އިން 100ގެ ކަމެއް، ޕީޕީއެމްއާ އެކު ނުހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.

"އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނުހުންނާނަން. އަހަރެން އެކަނި ގޮސް ގޭގައި ހުރީމަ ނިމުނީނު؟"

އިތުރަށް ކިޔާލަން:

ނަޝީދު އެ ދުވަހު ވިދާޅުވި ވާހަކައިގެ ތެރެއިން އަމަލުން ދެއްކެވުނީ އެންމެ ކަމެކެވެ. ރައީސް ސޯލިހާ އެކު ނުހުންނެވި ކަން އެކަންޏެވެ. ގޭގައި ވެސް ނުހުންނެވުނެވެ. އެއީ އަމިއްލަ ނިންމެވުމެކެވެ. މިހާރު އުޅުއްވަނީ ޕީޕީއެމް ރުއްސޭތޯ އެވެ. ނަޝީދު އެކަންޏެއް ނޫނެވެ. ފަސް އަހަރު ކިޔާނެ ކަމެއް ނެތެވެ. މިދިޔަ 2،000 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި މި ފެންވަރުގައި އެއް ބަޔަކު އަނެއް ބަޔަކު ރުއްސަން ވައިޖެހިތަން ނުދެކޭ ކަމަށް، ޖޯކަކަށް ހަދާފައި ނަމަވެސް، ބައެއް މީހުން ބުނެފާނެ އެވެ. މި ވީހާ ދުވަހު ޕީޕީއެމްއާ ވީ ކޮޅަށް މޫނު ވެސް އަނބުރާ ނުލި ބަޔަކަށް މިއަދު ހަމަ ކުއްލިއަކަށް ޕީޕީއެމް ވަރެއް ނެތެވެ.

ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ޕާޓީއަކަށް އޮތީ ޕީޕީއެމްކަމާ މެދު ސުވާލެއް ނެތެވެ. ހަމަ އެ ގޮތަށް، ނަޝީދާއި ޑިމޮކްރެކްޓްސް އެކަނި ނުކުމެ މި ވެރިކަން ބަދަލު ނުކުރެވޭނެކަން ވެސް ވަރަށް ސާފެވެ. އެހެންވެ އުފެދޭ ސުވާލަކީ، ޑިމޮކްރެޓްސްގެ ހަގީގީ މަގުސަދަކީ ޕީޕީއެމްގެ މެމްބަޝިޕް ބޭސް ބޭނުންކޮށްގެން ވެރިކަމަށް އައުންތޯ އެވެ.

ޕީޕީއެމްއަށާއި ޔާމީނަށް ކިތަންމެ ވަރަކަށް ހެޔޮ އެދޭ ބައެއް ކަމަށް ދެއްކިޔަސް، ނަޝީދާއި އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ހިތް ހަމަ ހަގީގަތުގައި ވެސް ޔާމީނަށް ސާފުވާނެތޯ އެވެ؟ ޔާމީންގެ ވެރިކަމުގައި އެ ބޭފުޅުން ކުރިމަތިލެއްވި އަނިޔާތަކާއި ޖަލުގައި ހޭދަކުރެއްވި ދުވަސްތައް ހަނދާނުން ދިޔައީ ހެއްޔެވެ؟ އެމްޑީޕީގެ ޕްރައިމަރީ ދުވަސްވަރު ނަޝީދު ޔާމީނަށް ތައުރީފު ކުރެއްވުމުން، އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ކުރިން ނަޝީދާ އެންމެ ގާތް ބޭފުޅުންނާއި ނަޝީދު ދެކެ އިންތިހާއަށް ލޯބިވާ އާންމު މެމްބަރުން އޭރުވެސް ކުރީ ހަމަ އެ ސުވާލެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ޖެހޭއިރު ޕީޕީއެމުން އަވަދިނެތި އުޅެނީ ޔާމީނަށް ކުރިމަތިލެވޭނެކަން ކަށަވަރު ނުކުރެވިގެންނެވެ. އެހެންކަމުން ޕީޕީއެމުން ގުޅޭތޯ އިންތިޒާރުގައި މާ ގިނަ ދުވަހަކު ޑިމޮކްރެޓްސްއަކަށް ވެސް އޮވެވޭކަށް ނެތެވެ. ޑިމޮކްރެޓްސްއިން ވަކިން ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ނެރުނީ އެ ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ. ދެން އޮންނާނެ ގޮތަކީ ރިޔާސީ އިންތިހާބުގައި ދެ ވަނަ ބުރާ ހަމައަށް ދިއުމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތެލާއި ފެނަކީ ވެސް އެއްކުރެވޭ އެއްޗެކެވެ. ހަތުރުން މިތުރުންނަށް ވީ ތަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފެނިއްޖެ އެވެ.

'ޕަޕެޓު' ލޭބަލުން ނެއްޓުން؛ އިލްޔާސްއަށް އޮތް ފުރަތަމަ ޗެލެންޖު

ވަގުތު ކުޑަތަން ވިޔަސް، ބެލެވޭ ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން އިލްޔާސްއަށް އޮތް ފުރަތަމަ ޗެލެންްޖަކަށް ވާނީ 'ޕަޕެޓު' ލޭބަލުން ނެއްޓުމެވެ. އަމިއްލަ ބާރުގައި ރައީސްކަން ކުރެއްވޭނެކަމުގެ ޔަގީންކަން ދިނުމެވެ. މިކަން މުހިންމުކަން، އިލްޔާސް ވެސް ގަބޫލުކުރައްވާ ދެ ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ ވޯޓުލާނެ ކެންޑިޑޭޓަކު ނުނިންމައި ތިބި މީހުންނެވެ.

"ޕޯލްތަކުން ދައްކާ ގޮތުގައި %58 މީހުން އަންޑިސައިޑެޑް [ގޮތެއް ނުނިންމާ]. މީގެ ދެތިން ހަފްތާ ކުރީގައި ހުރި ޕޯލްތަކަށް ބަލާއިރުގައި ވެސް. އެހެންވީމަ އެ މީހުންގެ ވޯޓު ދޭނެ ކެންޑިޑޭޓަކު ނެތީ، އޭރުވެސް. މިހާރު އެ ތިއްބެވި ކެންޑިޑޭޓުން އިއުލާން ކުރައްވާފައި އެ ތިއްބެވީ،" އިލްޔާސް ވިދާޅުވި އެވެ.

"އެހެންވީމަ އެ މީހުންނަށް އޮތް ޗޮއިސްއެއް ގޮތުގައި އަޅުގަނޑަށް ފެނޭ ޑިމޮކްރެޓްސްއަކީ. އެ މީހުންގެ ވޯޓު އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރެޓްސްއަށް ލިބޭނެ. އެ މީހުން ބަލަމުން އެ ދަނީ އަޅުގަނޑުމެން ނެރޭ ސިޔާސަތުތަކަށް. އެ ސިޔާސަތުތަކަށް ބިނާކޮށްފައި ގޮތެއް ނުނިންމައި ތިއްބެވި ބޭފުޅުން ވޯޓު ދެއްވާނެ ކަމީ ޝައްކު ކުރާ ކަމެއް ނޫން. އެ ވޯޓު ލިބޭނެ ޑިމޮކްރެޓްސްއަށް."

ދެން އޮތް ސަބަބަކީ އަލަށް ވޯޓުލާ މީހުންނެވެ. އިލްޔާސް ވިދާޅުވާ ގޮތުގައި ރާއްޖޭގައި އަލަށް ވޯޓުލާ އާބާދީގައި 20،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، މިހާރު މި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރޭގައި އެ މީހުންނަށް ކަމުދާ ހަމަ އެންމެ ބޭފުޅަކު ވެސް ނެތެވެ.

"މި ހުރިހާ ޒުވާނުންނަކީ [އަލަށް ވޯޓުލާ މީހުންނަކީ] މި ހުރިހާ ސިޔާސީ ލީޑަރުން ދެކެ ފޫހިވެފައި ތިބި މީހުން. އެ މީހުން ކަންކުރާ ގޮތް ވެސް ކަމަކުނުދޭ، އެއްވެސް އިންޓްރެސްޓެއް ވެސް ނެތް، އެ މީހުންނަށް [ސިޔާސީ މީހުންނަށް] ރަނގަޅަށް ކުރެވޭ ކަމެއް ވެސް އެމީހުންނާ [ޒުވާނުންނާ] ހަމައަކަށް ނާދޭ. މި އެންމެންނަށް އޮތް ފުރުސަތެއްގެ ގޮތުގައި ޑިމޮކްރެޓްސް މި އޮތީ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނެކަން ޖެނުއަރީން ފެށިގެން އެންމެންނަށް އެނގެ އެވެ. އެހާ ކުރިން އިއުލާން ކުރެއްވުމުން ވެސް ގިނަ އަދަދެއްގެ މީހުން ވަކި ގޮތެއް ނުނިންމައި އެ ތިބީ، ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން އެ މީހުންނަށް ނުފެންނާތީ ކަމަށް، ނަޝީދު ކަހަލަ ބޭފުޅުން ވިދާޅުވެ އެވެ. ޔާމީނަށް ކުރިމަތިލެއްވޭނެކަން ނުވަތަ ނޫންކަން ޔަގީނެއް ނުވެ އެވެ. މިއީ އާންމުން ޓެސްޓުކޮށްފައިވާ ދެ ބޭފުޅުންނެވެ. ޖޭޕީގެ ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންތަކެއް ވެސް އެބަ ތިއްބެވި އެވެ. އެމްއާރުއެމުން ވާދަކުރައްވަނީ ކޮން ބޭފުޅެއް ކަމެއް އަދި ނޭނގެ އެވެ.

ދެން މި ހުންނެވީ މި އިންތިހާބުގައި ވާދަނުކުރައްވާ، ނަމަވެސް އިލްޔާސް ސިޔާސީ މުދައްރިސުގެ ގޮތުގައި ބައްލަވާ ނަޝީދެވެ. ނަޝީދަކީ ވެސް ދިވެހިން ޓެސްޓުކޮށްފައިވާ ބޭފުޅެކެވެ. ދެ ވަނަ ފަހަރަށް ރައީސްކަމަށް ވާދަކުރެއްވުމުން ނާކާމިޔާބުވީ އެވެ. އެހެންކަމުން މިހާރު އާންމުންގެ ތެރެއިން ބައެއް މީހުން އިލްޔާސްއަށް އަޅުވާފައިވާ 'ނަޝީދުގެ ޕަޕެޓު'ކަމުގެ ލޭބަލުން ކޮންމެހެން ވެސް ނެއްޓެން އެބަ ޖެހެ އެވެ. އިލްޔާސްއަކީ ރައީސްކަމަށް އާ ނަމެއް ވިޔަސް، ނަޝީދު ފަދަ، ޓެސްޓު ކޮށްފައިވާ ބޭފުޅެއްގެ ނުފޫޒުން ސަލާމަތްވެގެން ނޫން ގޮތަކަށް ޑިމޮކްރެޓްސްގެ އުންމީދުތަކާ ގުޅިފައިވާ އަލަށް ވޯޓުލާ މީހުންނާއި ގޮތެއް ނުނިންމައި ތިބި މީހުންގެ ރުހުން ލިބިދާނެތޯ ސުވާލު އުފެދެ އެވެ.

ކޮމެންޓް (3)

އައްޑާ

27 ޖުލައި 2023
ފޯނަށް ފޮނުވާލާ މެސެޖަކަށް މިހާރުވެސް ޖަވާބު ނުދެވޭއިރު، ކިހިނެތް ވެރިކަން ކުރާނީ. ސޮރީ ބްރޯ
1 0

ޢަލީ

26 ޖުލައި 2023
ޢިބޫވެސް ވެރިކަން ކުރީ ކޯލިޝަން ހަދައިގެން. ޢަމިއްލަބާރަކު ނޫން .
0 0

ާައޭބީ

26 ޖުލައި 2023
އޯޕުލީޒް 🤬 އަންނިގެ ގޮނޑިކޮށްކޮ މިކަންއޮޅޭނެ ދިވެހިރަައްޔިތެއްހުންނާނެ ހެނެތްހިޔެއްނުވޭ. ޚޮންމެވެސް ައެހެންކަމަކާ އުޅޭ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް