މ. ކުނޫޒުގައި ޑިމޮކްރެޓްސްގެ މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ ހުސެން ސުނައިން)
ޕީޕީއެމްއާ ވާހަކަދައްކައިގެން 1 ކެންޑިޑޭޓަކު ނެރެން ނަޝީދާއި ގާސިމާއި ނާޒިމް އެއްބަސްވެއްޖެ
ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު މަޝްވަރާކޮށްގެން އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރެން، އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރިޔާސީ ކެމްޕޭނެއް ކުރައްވަމުން ގެންދަވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު އެއްބަސްވެވަޑައިގެންފި އެވެ. ނަމަވެސް، ޕީޕީއެމް އާއި އެމްއާރުއެމް އިން އެ ގޮތަށް އެއްބަސްނުވެއްޖެ ނަމަ، އެ ތިން ޕާޓީން ވަކިން ވާދަކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ވީ ކިހިނެއް؟ - ޖޭޕީގެ މައި ޖަގަހަ ހުންނަ މ. ކުނޫޒުގައި މިއަދު ތިން ބޭފުޅުން ބައްދަލުކުރައްވައި ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، ޕީޕީއެމް އާއި އެމްއާރުއެމްއާ ވާހަކަދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އެ ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ ނަމަ، އެއް ކެންޑިޑޭޓަކު ނެރެން އެ ތިން ބޭފުޅުންނަށް ވެސް އެއްބަސްވެވިފައިވާ ކަމަށެވެ.
ތަފްސީލް - ގާސިމް ވިދާޅުވީ، ބޭނުންވަނީ އެއް ކެންޑިޑޭޓަކާއެކު ކުރިއަށް ދާން ކަމަށެވެ. އެއް ކެންޑިޑޭޓަކު ނެރެން ޕީޕީއެމް އާއި އެމްއާރުއެމްއާ ވާހަކަދައްކަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ގައުމު މި އޮތް ހާލަތުން ކުރިއަށް ދިއުމަށްޓަކާ އެމްއާރުއެމް އާއި ޕީޕީއެމްއާ ވެސް ވާހަކަދައްކާފައި އެ ބޭފުޅުން ވެސް އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވާ ކަމަށް ވަންޏާ އަޅުގަނޑުމެން އެ ގޮތަށް ކުރިއަށް ދާށޭ،" ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު މަޝްވަރާކޮށްގެން އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރެން، އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާއި… pic.twitter.com/KerW58qLll
— Dhauru (@Dhaurunews) July 19, 2023
ނަމަވެސް، ޕީޕީއެމް އާއި އެމްއާރުއެމް އިން އެއް ކެންޑިޑޭޓަކަށް އެއްބަސްނުވެއްޖެ ނަމަ، މިހާރު ވެސް އޮތް ގޮތަށް ޕާޓީތަކުން ވަކިވަކިން ވާދަކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެއް ކެންޑިޑޭޓަކަށް އެއްބަސްވެވޭ ނަމަ އޭނާ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ބާނީ، މަޖިލީހުގެ ރައީސް ނަޝީދު ވެސް ވިދާޅުވީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ހޯދުމުގެ މަޝްވަރާތައް ފަށަން އެއްބަސްވެފައިވާ ކަމަށެވެ.
"އުސޫލެއްގެ ގޮތުން އެއީ ވާހަކަތައް ކުރިއަށް ގެންދަން ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެެއްބަސްވެވޭ،" ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަޝްވަރާތަކާ އެއްގޮތަށް ވާހަކަތައް ކުރިއަށް ގެންދެވި، ހުރިހާ ބޭފުޅުންނަށް ވެސް އެއްބަސްވެވޭ ކެންޑިޑޭޓަކާ އެކު އަޅުގަނޑުމެންނަށް ނުކުމެވޭނެ."
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކެމްޕޭނު ފައްޓަވާފައިވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ގައުމުގައި ހުރި ކަންކަމާ މެދު ތިން ލީޑަރުން މަޝްވަރާކޮށް، ހުރިހާ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
"މިއަދު ތިން ޕާޓީން މި އޮތީ އެ ގޮތަށް އެއްބަސްވެފައި،" އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް - ޕީޕީއެމް އާއި އެމްއެންޕީ އާއި ޖޭޕީގެ އިތުރުން ޑިމޮކްރެޓްސް އިން ވެސް މި ފަހުން ވަކިވަކިން މަޝްވަރާތަކެއް ބާއްވާފަ އެވެ. ހާއްސަކޮށް، ޕީޕީއެމް އާއި ޑިމޮކްރެެޓްސްއާ ދެމެދު ގިނަ ބަައްދަލުވުންތަކެއް ބާއްވާފައި ވާއިރު، ގާސިމް ވެސް ވަނީ މި ފަހުން ޕީޕީއެމް އާއި އެމްއެންޕީގެ އިސް ބޭފުޅުންނާ ވަކިން ބައްދަލުކުރައްވާފަ އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ނަޝީދު ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނާ ދެ ބޭފުޅުން އިންތިހާބުގައި ވާދަނުކުރައްވައި ރައްޔިތުން އެދޭ ގޮތެއް ހޯދައިދިނުމަށް ދެ ބޭފުޅުން އެކުގައި ބާރަށް މަސައްކަތް ކުރަން ވެއްޖެ ކަމަށެވެ.
ޕީޕީއެމް އިން ބުނަމުން ދަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އިންތިހާބުގައި އެ މަނިކުފާނުގެ ނަން އޮންނާނެ ކަމަށެވެ. ނަމަވެސް، ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި ތާށިވެފައިވާތީ، އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.
ކޮމެންޓް (6)
ބުރަންވަތު ހަސަން
ޚަމަރަން
މިވެސް ގޮތެއް
ބޯޅަ
އަހަންމަދު
އޯކޭ