އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަތީޖާއަށް ފަހު ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީ ދޫކޮށް ނުދާނަން؛ ފިކުރެއްގެ ދިރުމަށް 50،000 މީހުން ހަމަކުރާނަން: ނަޝީދު

ފިކުރެއްގެ ދިރުން ގޮފިތައް ހެދުމަށް ހާއްސަ އޮފީހެއް އުފައްދަވާނޭ ކަމަށް ވެސް ނަޝީދު ވިދާޅުވި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިއާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ނަމަވެސް އަދި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރެއްވި ނަމަވެސް ޕާޓީން ވަކިވުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވެއްޖެ އެވެ. އެމަނިކުފާނުގެ ވާހަކަތަކުން ދޭހަވީ، ޕާޓީން ވަކިނުުވެ، އިތުރަށް އެމްޑީޕީ ތެރޭގައި ބާރު ގަދަކުރުމަށް މަސައްކަތް ކުރުމުގައި ކުރިއަށް ދާން ހުންނެވިކަމެވެ.

ވީ ކިހިނެއް؟ - ކުރީގެ ގާތް ރަހުމަތްތެރިޔާ، ރައީސް ސޯލިހާ ވާދަކޮށް، ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު، ނަޝީދު މިއަދު ވަނީ ސަޕޯޓަރުންނާ އެކު މެންދުރު ކެއުމެއްގައި ބައިވެރިވެވަޑައިގެންގަ އެވެ.

ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރެއްވީ، އިންތިހާބުން ބަލިވެއްޖެ ކަމަށް ގަބޫލުކޮށް، ރައީސް ސޯލިހުގެ ފަހަތަށް އަރަން ނިންމަވާފައި ނުވާ ކަން މިއަދު ހާމަކުރެއްވުމަށް ފަހު އެވެ.

ތަފްސީލު - ސަޕޯޓަރުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރުމަށް ދޮންމަނިކު ރެސްޓޯރަންޓްގައި ބޭއްވި މެންދުރުގެ ކެއުމަކަށް ފަހު، ނަޝީދު ވިދާޅުވީ ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބުކުރެއްވީ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ކަނޑާލާފައިވާ ވޯޓާސް ލިސްޓަކަށް ވޯޓުލައިގެން ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވީ ވެސް އެގޮތަށް ލިސްޓް އޮތްކަން އެނގި ހުންނަވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑަށް ފެންނަ ތަނުގައި އެ ލިސްޓުގެ ގިނަ މީހުންގެ ވޯޓް އަޅުގަނޑަށް ނުލިބި ދިޔަ ކަމުގައި ވިޔަސް، މުޅި ޕާޓީގެ އަސްލު ލިސްޓުގެ ތާއީދު، އަޅުގަނޑުމެންނަށް ލިބޭނެ ކަމީ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ވަރަށް އެކަށީގެންވާ ކަމެއް،" އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު، ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދެއްކެވުމުގެ ކުރިން ނަޝީދު ދޮންމަނިކު ރެސްޓޯރެންޓުގައި އެމީހުންނާއެކު މެންދުރުގެ ފަރިކޮޅުއްވުމުގައި (ފޮޓޯ/އަބްދުﷲ އިޔާން)

 ރައީސް ސޯލިހާ އެކު ރިޔާސީ އިންތިހާބު "އެމްޑީޕީއަށް ކާމިޔާބެއް ނުކުރެވޭނެ" ކަމަށް ވިދާޅުވެ، އެކަމާ ޕާޓީން ފުންކޮށް ވިސްނުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. އެއަށް ފަހު، ނަޝީދުގެ ސިޔާސީ މަސައްކަތް އިތުރަށް ކުރިއަށް ގެންދަވާނެ ގޮތުގެ ތަފްސީލެއް ދެއްވި އެވެ. އެގޮތުން ނަޝީދު ވިދާޅުވީ:

  • ކޮންމެ ރަށެއްގައި ވެސް ފިކުރެއްގެ ދިރުން ނަމުގައި ހަތަރު ފަސް ގޮފި ހެދުން؛ އެކަން ކުރާނީ ހާއްސަ އިދާރާއެއް އުފައްދައިގެން

  • އަންނަ މާޗް ނުވަތަ ޖުލައި މަހުގެ ނިޔަލަށް އެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުުރުމަކީ އަމާޒެއް

  • އެ އަދަދަށް މީހުން ހަމަކޮށް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކީ ކޮބައިކަން ވިސްނުމަށް ފަހު، އެ އިންތިހާބާ މެދު ގޮތެއް ނިންމުން

ނަޝީދު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

"އަޅުގަނޑު ދަންނަ ސިޔާސީ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން. ބަލިވާނެ ޕާޓީއެއް ވެސް ނޫން. އެއީ ގަދަ ޕާޓީއެއް. އަދި އެއީ އަޅުގަނޑު، ދުވަހަކު ވެސް ދޫކޮށްފައި ދާން ގަސްތުކުރާ ޕާޓީއެއް ވެސް ނޫން،" މަޑު ނޫކުލައިގެ ޓައިއެއް އަޅުއްވައިގެން ހުންނެވި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، އެ ޕާޓީގެ ތެރޭގައި އަޅުގަނޑުމެންނަށް އިންތިޒާމު ވެވޭނެ. އެ ޕާޓީގެ ހިންގާ ގަވާއިދު ވެސް ޖާގަ ދޭނެ. އަދި އެ ޕާޓީގެ ރޫހާއި އެ ޕާޓީގެ އުސޫލުތައް ވެސް މި ކަމަށް ޖާގަ ދޭނެ."

އިންތިހާބުގެ ނަތީޖާއަށް ފަހު، ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރެއްވުން

ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި މި ގޮތަށް ގޮފި ހެދުމުގެ މަސައްކަތް "ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ" އެވެ.

"އެމްޑީޕީ ހަދާފައި އެ އޮތީ ހަގީގަތުގައި މީހަކު ޖާގަ ދީގެން ވެސް ނޫން. އަޅުގަނޑުމެން ހެދި ޕާޓީއެއް އެއީ ހަމަ. އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުމުގެ ގޮފި، އެމްޑީޕީ ތެރޭގައި ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ އަޅުގަނޑުމެން ހިންގާ، އަަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސްގެ ފަހަތަށް އެރުމާ މެދު: 'ވަކި މީހެއް މުހިންމެއް ނޫން'

ސަޕޯޓަރުންނާ ވާހަކަފުޅު ދެއްކެވުމަށް ފަހު، ނޫސްވެރިންގެ ސުވާލަށް ނަޝީދު ހުޅުވާލި އެވެ. ގިނަ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ރައީސް ސޯލިހްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާނެ ފޯމުލާއަކީ ކޮބާތޯ 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ވަކި މީހަކަށް ވުރެ މުހިންމީ އެ މަނިކުފާނު ގަބޫލުކުރައްވާ ފަލްސަފާތައް ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މީހުންނެއް މުހިންމެއް ނުވޭ. ފަލްސަފާ މުހިންމުވޭ، އުސޫލުތައް މުހިންމުވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަތީޖާއަށް ފަހު ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

އެ އުސޫލުގެ މަތިން މިދިޔަ ފަސް އަހަރު އެމްޑީޕީން އިއްތިހާދުވެގެން ތިބީ ކުރިން އެޕާޓީން އެންމެ ދެކޮޅު ހެދި ކުރީގެ ރައީސް މައުމޫންއާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ ވަކި މީހަކަށްވުރެ، ފަލްސަފާ މުހިންމުވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާފާނަންތޯ 'ދައުރު'ން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ނަޝީދު ވިދާޅުވީ، "މިހާރު ކުރަން އޮތް މަސައްކަތްތަކީ ގޮފި އުފެއްދުން" ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަތީޖާއަށް ފަހު ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

އެނގުން މުހިންމު - އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނާ ގޮތުން، އެމްޑީޕީގެ ކެންޑިޑޭޓްކަށް ތާއީދުކުރުމަކީ ޕާޓީގެ މެންބަރުންގެ މަސްއޫލިއްޔަތެކެވެ. އަދި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ މީހުން ޕާޓީން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. 

ނަޝީދު އަމަލު ކުރައްވާ ގޮތުން ޕާޓީން ވަކިކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، "އިދާރީ ގޮތުން ކަމެއް ކުރެވިދާނެ" ކަމަށެވެ. ނަމަވެސް، މި މަސައްކަތުގައި ދެމި ހުންނަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ ޖިސްމާއި އަޅުގަނޑުގެ ފިކުރާއި އަޅުގަނޑުގެ ތޮބޯއަތް، މި އެއްޗެއްސަކީ، އަޅުގަނޑަށް ވަކި ކުރެވޭނެ އެއްޗެއްސެއް ނޫން. އިދާރީ ގޮތުން ކަމެއް ހިނގިދާނެ. އެކަމަކު އެމްޑީޕީ އަކީ އަޅުގަނޑު ގަބޫލުކުރާ ފަލްސަފާއެއް، ފިކުރެއް. އެ އަޅުގަނޑު ޖާނާ ވަކި ކުރުން އެއީ ވަރަށް އުދަނގޫ ކަމަކަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް (3)

ހަގީގަތް

31 ޖެނުއަރީ 2023
ޕްރައިމެރީ ކާމިޔާބު ކުރާނަމޭސް ބުނި ،،، އެކަމެއްވެސް ނުވި ... 50،000 މީހުންވެސް ހަމައެއް ނުވާނެ،، މައުމޫން ބޭރުކޮށްފައި ވެރިކަން ހަވާލު ކުރީ އެވަގުތަށް ގޮތެއް ނެތީމައި ، މަނިކުފާނު ދެއްކި ދަޅައަށް ހެއްލިގެން. އެކަމަކު މަނިކުފާނު ރައްޔިތުން ބިކަކޮށްފައި ދައުރު ހަމަނުވަނީސް ރައްކާވީ.
0 0

މުޙައްމަދު

31 ޖެނުއަރީ 2023
މަވެސް މީ ލިސްޓުގަ ނެތް މީހެއް؟ މަގޭ ނަން އޮތް ނަމަ އިބޫ 1 ވޯޓު އިތުރު ވީސް
0 0

އިޝަތު

30 ޖެނުއަރީ 2023
އަހަރެމެން މިފަހަރަކު ވޯޓެއްނުލަން. އަހަރެމެންވެސް ލައިގެން ތިގުނަނީ. ޙަމަ ޔަޤިނުންވެސް މީނާކަށް ވޯޓެއް ނުލާނަން ޔާމީނަށް ވޯޓްލާންޖެހުނަސް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް