އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަތީޖާއަށް ފަހު ނަޝީދު ސަޕޯޓަރުންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީ

ނަޝީދު އެމްޑީޕީން ވަކިވެއްޖެ

އެމްޑީޕީން ވަކިކެވަޑައިގަތުމަށް ނިންމެވީ ރާއްޖޭގައި މި ވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށް ނަޝީދު ވިދާޅުވި
21 ޖޫން 2023
2

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އުފެއްދުމާއި އޭގެ ކުރިން އިސްލާހީ ހަރަކާތުގެ ވެސް އެއް ބާނީ ކަމަށްވާ މުހައްމަދު ނަޝީދު އެމްޑީޕީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި އާ ޕާޓީއެއް ވުޖޫދުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.

ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު އަތުލިޔުމުން ލިޔުއްވާފައިވާ އެ ސީޓީގައި ވިދާޅުވީ:

  • އެމްޑީޕީން ވަކިކެވަޑައިގަތުމަށް ނިންމެވީ "ރާއްޖޭގައި މި ވަގުތު ކަންކަން ހިނގަމުންދާ ގޮތަށް" ބެއްލެވުމަށް ފަހު

"... އަޅުގަނޑު ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް އަދި ނެތް ކަމަށާއި ބޭނުންވަނީ އެ ޕާޓީ "އަތުލަން" ކަމަށެވެ.

ގުޅުން ހުރި ކަމެއް - އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޖަލްސާގެ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ހާޒިރު ނުވެ، އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުމާ ގުޅިގެން، ނަޝީދު އިސްވެ އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ނުވެ، އަނެއްކާވެސް ވަނީ ލަސްވެފަ އެވެ.

ފަސްމަންޒަރު - މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ނަޝީދު ގެންދެވީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވަައިގެން މަސަައްކަތް ކުރައްވަމުންނެވެ.

އެ ފެކްޝަން މިހާރު ވަކި ޕާޓީއަކަށް ބަދަލުވެފައި ވާއިރު، ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

މަރީ

21 ޖޫން 2023
މާތް ކަލާނގެއަށް ޙަމްދު ކުރަން. ގައުމު ވެސް ދޫކޮށް ދާނެނަމައޭ ހިތަށް އަރާ..
1 0

ތެފައާސާ.

21 ޖޫން 2023
މި މަނިކުފާނު އަތުން ލިޔުއްވައި މިގޮތަށް ދެއްވާ އިސްތިއުފާއަކީ އެހާ ޔަގީންކަން ބޮޑު އެއްޗެއްނޫންކަން ދުރުނޫން މުސްތަޤުބަލަށް ބަލައިލީމާ ފެންނަންއެބަހުރި. އެހެންވީމާ، މާދަމާ ނިދިން ހޭފުޅުލައްވައިގެން ވިދާޅުވާއެއްޗަކަށް ބަލާފައި ޔަގީންކުރަން މަޑުކޮށްލަމާ؟؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް