25، 2023: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ބޭއްވި ބޮޑު ޖަލްސާ (ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީގައި މި ހުރީ އެ ޕާޓީ އަތުލަންވެގެން: ނަޝީދު

ޑިމޮކްރެޓްސް ރަޖިސްޓްރީކުރުން ލަސްކުރާތީ އެކަމާ ނަޝިދު ކަންބޮޑުވުން ފާޅު ކުރެއްވި

އެމްޑީޕީ ދޫކޮށް ދިޔުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި ބޭނުންވަނީ، އެ ޕާޓީ 'އަތުލަން' ކަމަށް އެ ޕާޓީގެ ރައީސް އަދި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'އިން ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވަނީ އެމަނިކުފާނު އިސްވެ ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅޭ ކަމަށް ދައްކާ ވާހަކަ ދޮގުކުރައްވައިފަ އެވެ. އަދި އެމްޑީޕީ ދޫކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަން ވެސް ހާމަކުރެއްވި އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު އިސްވެ ހުރެ، ސިޔާސީ ޕާޓީއެއް ނުއުފައްދަން. މުއައްސިސަކީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން [ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު] ހަސަން ލަތީފް،" އެމްޑީޕީގެ ރައީސްއަކަށް ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމަކީ ޑިމޮކްރެޓިކް ހަމައެއްތޯ ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން (ދައުރު ފޮޓޯ/ހުސެން ސުނޭން)

ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް، ހަސަން ލަތީފް މީގެ ކުރިން ވިިދާޅުވެފައިވާ ގޮތުން އާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ނަޝީދުގެ އިރުޝާދާއި ލަފާގެ މަތިންނެވެ. 

ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީ އުފެއްދި އަސާސްތައް މިހާރު އެކީގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތަކުގެ 'ބައި ކުޅަ ބައި ވެސް ނުފުއްދޭ' ކަމަށާއި މިދިޔަ ހަތަރު އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރެެއްވީ އެމްޑީޕީގެ މަޝްވަރާއެއް ނެތި ކަމަށް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު އެމްޑީޕީ ދޫކޮށްލުމާއި ނުކޮށްލުން، ބިނާވެފައި މި އޮންނަނީ، އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ސެޕްޓެމްބަރު ނުވައެއްގެ ފަހުން، ރައީސުލްޖުމްހޫރިއްޔާގެ ކަސްތޮޅުގައި އެމްޑީޕީ ނޯންނާނެ،" އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި:

  • އެމްޑީޕީ ދޫކޮށް، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ބޭޅުން، ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ވޯޓުތަކުން ކޮންމެވެސް އަދަދެއް ހޯދާނެ

  • އެކަށީގެންވާ އަދަދަކަށް އެ ވޯޓު އެމްޑީޕީއަށް ގެއްލުމުން، ރައީސް ސޯލިހަށް އިންތިހާބު ކާމިބުވާނެ އެއްވެސް ގޮތެއް ނޯންނާނެ

"އެމްޑީޕީ ދޫކޮށް ނުލާ މިހާރު މި ހުންނަނީ، މި ޕާޓީ ޑިމޮކްރެޓްސް ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި. އެ މަސައްކަތް ހިނގާނެ ސެޕްޓެމްބަރު ނުވައެއްގެ ފަހުން،" ނަޝީދު ވިދާޅުވި އެވެ.

ޕާޓީން އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން އެހެން ނޫސްވެރިން ސުވާލު ކުރުމުން ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ، އެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑު އެމްޑީޕީގައި މި ހުންނަނީ، އެމްޑީޕީ އަތުލާށޭ. ދެން އަޅުގަނޑު ދަންނަވައިފިން އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ކުރާނަމޭ. އެހެންވީމައި އެމްޑީޕީގައި އަޅުގަނޑު މިހުންނަނީ، ސީދާ މި ދެންނެވި ނިޔަތުގައި،" ނަޝީދު ވިދާޅުވި އެވެ.

ޕާޓީ ރަޖިސްޓްރީކުރުން ލަސް ކުރާތީ ނަޝީދުގެ ކަންބޮޑުވުން

ޑިމޮކްރެޓްސްއަކީ، އެމަނިކުފާނު އިސްވެ އުފައްދަވާ ޕާޓީއެއް ކަމަށް ބުނާ ވަހަކަ ނަޝީދު ދޮގުކުރެއްވި ނަމަވެސް، ނޫސްވެރިންގެ ސުވާލަށް ހުޅުވާލުމުގެ ކުރިން އެ ޕާޓީ ރަޖިސްޓްރީވުން އިލެކްޝަންސް ކޮމިޝަނުން ލަސްކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާ އެއް ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވާހަކަ ދެއްކެވީ، ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުން ލަސްކުރަނީ ސަރުކާރުން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުވާ މޭރުމަކުންނެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ރައީސް [ސޯލިހް]ގެ އަރިހުގައި ދަންނަވަން އޮތީ، ހަމަ ގައިމުވެސް އަޅުގަނޑުގެ މުޅި ހަޔާތް އަޅުގަނޑު ހޭދަކުރީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އަސާސީ ހައްގުތައް ރާއްޖެއަށް ލިބޭތޯ މަސައްކަތް ކުރުމަށް،" ކުރީގެ ގާތް ރަހުމަތްތެރިޔާ އަދި މިހާރު ވާދަވެރިއެއްގެ ގޮތުގައި ހުންނެވި ރައީސް ސޯލިހަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގިނަ ބައެއްގެ މަސައްކަތުން ހޯދި އެ ހައްގުތައް، ނިގުޅައިނުގަތުމަށް ނަޝީދު ގޮވާލެއްވި އެވެ.

"ދައުލަތުގެ އެއްވެސް ބާރަކުން، ސިޔާސީ ޕާޓީއެއް ހެދުމަށް، ތަރުހީބު ދިނުން ނޫން ކަމެއް ކޮށްގެން ނުވާނެ. ހާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ވަަރަށް ދެރަ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު މި ހުރި ޕާޓީގައި މި އަމަލުތައް ގެންދާކަމަށްވަންޏާ، އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއް ވެފައިވީ ނަމަވެސް، އެމްޑީޕީގައި އަޅުގަނޑު ހުންނަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް