ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޔާމީން 'ވިދާޅުވިއޭ، ވިދާޅުވިއޭ'އެއް ނޫން، ބޭނުންވަނީ ސޮއި އޮންނަ ނޯޓު

ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕުން މި ހަފުތާގައި ނިންމީ ޔާމީންގެ ފަރާތްޕުޅުން އަންގަވާ އެންގެވުންތައް، ބުނި ބުންޏަކަށް ވުރެ، ރަސްމީ ނޯޓެއްގައި އޮންނަންވާނެ ކަމަށް
20 އޭޕްރީލު 2023
8

ޕީޕީއެމް ކޯލިޝަންގެ ލީޑަޝިފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންކަން އަންގަވަނީ، ވަކީލުން މެދުވެރިކޮށް ފޮނުއްވާ ނޯޓުތަކުންނެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގަ އެވެ. ޔާމީންގެ ނޯޓުތަކަށް، ލީޑަޝިޕުން އިތުބާރުކުރެ އެވެ. ނަމަވެސް މިދިއަ ހަފުތާގައި، އޭގެ ކުރިން ނުހިނގާ ތަފާތު ކަމެއް ކުރިމަތިވި އެވެ.

ޔާމީންގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ލީޑަޝިޕްގެ ބައްދަލުވުމެއްގައި ވިދާޅުވި ކަމަށް ވަނީ 'މީގެ ފަހުން ނޯޓު ނާންނާނެ' ކަމަށެވެ. މާނައަކީ ޔާމީން އަންގަވަން ބޭނުންފުޅުވާ ކަމެއް އަންގަވާނީ ސީދާ ޖަމީލެވެ.

މިއީ ބޮޑު މައްސަލައެކެވެ. ލީޑަޝިޕްގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައެއްނުގަތެވެ. ކިއުންތެރިން ހަނދާނުގައި ބެހެއްޓުން އެދެމެވެ. މި ދައްކަނީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަޝިޕްގެ ވާހަކަ އެވެ. އެ ލީޑަޝިޕްގައި، ޖަމީލަށް ވުރެ ޕާޓީގެ ކަންކަމުގައި އަމަލީ ގޮތުން މާ ބޮޑެތި މަސައްކަތްތައް، މާ ގިނަ ދުވަހު ކުރައްވަމުން ގެންދަވާ އެތައް ބޭފުޅަކު ވެސް ހިމެނެ އެވެ. އެހެންކަމުން ނުސީދާކޮށް ނަމަވެސް ލީޑަޝިޕްގެ 'މައި ގޮނޑި' ޖަމީލަށް އަނބުރާލެވޭނެ ފުރުސަތެއް، ހަމައެކަނި އަނގަބަހަކުން ބުނެލާ އެއްޗަކަށް ބިނާކޮށް، ނުދޭނެ އެވެ.

ކުރީގެ ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި: ލީޑަޝިޕާއި އެމަނިކުފާނާ ދެމެދު މިހާރު ގުޅުން އޮންނަނީ ވަކީލުން މެދުވެރިކޮށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"ރައީސް ޔާމީން ބޭނުންވަނީ ޖަމީލު މެދުވެރިކޮށް ލީޑަޝިޕަށް މެސެޖް ރައްދުކުރަން ނަމަ، އެގޮތަށް ނޯޓެއްގައި ލިއުއްވައި، އޭގައި އެމަނިކުފާނުގެ ސޮއި ވެސް އޮންނަން ޖެހޭނެ،" ލީޑަޝިޕްގެ ބައްދަލުވުންތަކުގެ މައުލޫމާތު ހުރި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަންގެ ހުރިހާ ކަމެއް ބިނާވެފައި އޮތީ ޔާމީނަށެވެ. ގާނޫނީ ގޮތުން ބަލާ ނަމަ، ހުކުމާ އެކު، ޕާޓީގެ އާންމު މެމްބަރެއްގެ ހައިސިއްޔަތު ނޫން އެހެން ހައިސިއްޔަތެއް އެމަނިކުފާނުގެ ނެތެވެ. ނަމަވެސް މުޅި ކޯލިޝަންގެ ހުރިހާ ކޮންޓްރޯލެއް އޮތީ ޔާމީންގެ އަތްޕުޅުގަ އެވެ. ބަންދުގައި ހުންނެވުމާ އެކު އެމަނިކުފާނު އަންގަވާ އެންގެވުންތަކުގެ ސައްހަކަން ވަރަށް ބޮޑުވާން ޖެހެ އެވެ. ތިން ވަނަ މީހެއްގެ ދުލަށް، ނުވަތަ 'ޔާމީން ވިދާޅުވިއޭ، ވިދާޅުވިއޭ' ބުނާ ވާހަކަތަކަށް، ލީޑަޝިޕުން އިތުބާރުކުރެވެން ނެތީ އެހެންވެ އެވެ.

މީގެ ދެ ދުވަސް ކުރިން ލީޑަޝިޕުން ވަނީ ގޮތެއް ނިންމާފައި ކަމަށް، 'ދައުރު'އަށް ވަނީ އެނގިފަ އެވެ. އެއީ ޔާމީން އަންގަވާ އެންގެވުންތައް ހުންނަންވާނީ އެމަނިކުފާނުގެ ސޮއި ހިމެނޭ ނޯޓެއްގައި ކަމެވެ. 

މި ނިންމުމަކީ އޭގެ ޒާތުގައި ކުޑަކުޑަ ކަމެކޭ ހީވިޔަސް މިހާރު ޕީޕީއެމް ކޯލިޝަންގެ އެތެރޭގައި ހުރި ހިޔާލު ތަފާތުވުންތަކަށް ބަލާ ނަމަ، އެއީ ވަރަށް ސީރިއަސް ފިޔަވަޅެކެވެ. އެ ހިޔާލު ތަފާތުވުން އުފެދެނީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ ސަބަބުންނެވެ. ހައި ކޯޓުން އެ ހުކުމް ބާތިލްނުކުރާހާ ހިނދަކު، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގައި ގާނޫނީ މައްސަލަތަކެއް ދިމާވުމެވެ. ގާނޫނުއަސާސީގައި، ރިޔާސީ ކެންޑިޑޭޓެއްގެ ހުންނަން ޖެހޭ އެއް ސިފަ، އެ ހުކުމާ އެކު ޔަމީންގެ ކިބައިން ވަނީ އުނިވެފަ އެވެ. 

ޕީޕީއެމް ކޯލިޝަންގެ ސެނެޓްގެ ބައްދަލުވުމެއް: އިތުބާރުކުރާނީ ޔާމީންގެ ސޮއި ހިމެނޭ ނޯޓުތަކަށް (ފޮޓޯ/ޕީޕީއެމް)

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު ޕީޕީއެމް ކޯލިޝަންގެ އެތެރޭގައި ނުތަނަވަސްކަން އޮތީ، އެ ހާލަތުގައި، ދެން ހަދާނެ ގޮތާ މެދުގަ އެވެ. އެއް ބަޔަކު ބޭނުންވަނީ ވީހާވެސް އަވަހަކަށް އެހެން ކެންޑިޑޭޓެއް ނެރޭށެވެ. އެކަމަކު ޔާމީން ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އެހެންވެ ކޯލިޝަންގެ ތެރޭގައި އެފަދަ ވިސްނުމެއް ގެންގުޅޭ މީހަކަށް ސަލާމަތެއް ނެތްކަން، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒަށް ވީ ގޮތުން އެ އޮތީ އެނގޭށެވެ. މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް ހޯދައިދޭން އޭނާ ކެމްޕެއިން ކުރައްވާކަމުގެ ތުހުމަތާ އެކު، ޕީޕީއެމް ސުލޫކީ ކޮމިޓީން އޭނާގެ މައްސަލަ ބަލަން ފެށީ އެވެ. އެއާ އެކު އޭނާ ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

ހަގީގަތުގައި ރަމީޒަކީ އާދައިގެ ބޭފުޅެއް ނޫނެވެ. ޔާމީންގެ ވެރިކަމުގައި އޭނާއަކީ އެމަނިކުފާނުގެ އާއިލާއިން ވެސް އެންމެ ބޮޑު އިތުބާރެއް ކުރި އެކެކެވެ. ވަރަށް ކައިރިން މަސައްކަތްކުރެއްވި އެވެ. ކޮންމެ ކޮންމެ މީހަކާ ހަވާލުނުކުރާނެ ކިތައްމެ ކަމެއް އޭނާއާ ހަވާލުކުރި އެވެ. އެހެންކަމުން އޭނާގެ މައްސަލަ ބަލަން ސީދާ ޔާމީން އެންގެވި އެންގެވުމަކީ (އެކަން ވެސް އެންގެވީ ނޯޓަކުންނެވެ.)، ޔާމީން ނޫން ކެންޑިޑޭޓަކު ނެރެން އުޅޭ މީހަކު ވެސް 'ވާނީ ހަލާކުކަން' ބުނެދޭނެ މެސެޖެކެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް މެ އެވެ.

މިހާ ނާޒުކު ފައްތަރަކަށް ކޯލިޝަންގެ އެތެރޭގެ ކަންކަން މިސްރާބު ޖެހުމުން، ޔާމީންގެ ރަސްމީ އެންގެވުންތައް، މީހަކު އަނގަބަލުން ބުނެލާ ބުނެލުމަކުން ނުފުދޭނެކަން ޔަގީނެވެ. އެހެންވެ އިތުރުބާރުކުރެވޭ ހަމައެކަނި އެއްޗަކީ ސޮޔާ އެކު ފޮނުއްވާ ޔާމީންގެ ނޯޓުތަކެވެ.

މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން، ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ޑރ. ޖަމީލް ވަކި ޖަވާބެއް ނުދެއްވަ އެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް (8)

ޢީސާ

20 އޭޕްރީލު 2023
ތިކަހަލަ ނޯޓް ކުރިވެސް ޖަލުން ފޮނުވި ކަމަށް ބުނެ ގެނެސް މަތީނުގެ ގޮޑި އާއި ގެމަނަފުށި ޖޭޔޫ ގެ ގޮޑި ތިލީޑަރ ޝިޕުގައި ތިބިބަޔަކު ފައިސާނަގައިހެން ގާސިމް އަށް ވިއްކާލީ. ބަލަ ގއ ވިލިގިލި ޖަލްސާގައި ޔާމީން ބުނީ ލީޑަރ ޝިޕުއިން ކާލީއޭ ނޭގެޔޭ ތިމަންނައަކަށް.
0 0

ވިސްނުން ތެރިޔާ

20 އޭޕްރީލު 2023
ޔާމިނުގެ އެއްވެސް ނޯޓެއް ބަލާކަށް ބޭނުމެއްނޫން. އެއީ ދައުލަތުން ވައްކަން ކޮށްގެން ޖަލަށް ލާފައިވާ މީހެއް. އަދި ވައްކަމުގެ މައްސަލަތަށް ހުރީ ކުރިއަށް..މުސްލިމު އުއްމަތެއްގެ ވެރިކަމަށް ގެންނަން ހެޔޮވަރު މީހެއް ނޫން..އަމިއްލަ އިއުތިރާފް އެތަށް ޕޯޑިއެމެއްގައި.
3 3

މަޒިން

20 އޭޕްރީލު 2023
މޫސަ ބަރާބަރު. ޕީޕީއެމް ކޮއިލުތެރޭ/އޮފީސް ތެރެ، މަތީފަޑީގައި ހިނގާ ކަންކަން އާއްމު މެމްބަރުންނައްވެސް އެބަ އެގެންޖެހޭ. ޝުކުރިއްޔާ މޫސާ
5 5

އަފީފު އީސާ ހ އ ދިއްދޫ

20 އޭޕްރީލު 2023
މޫސާ ލަތީފުގެ ކުރީގެ 2008ން2013 އަށް ލިޔުއްވާފައިވާ ލިއުންތައް އެއިރު ތިބޭފުޅުންނަށް ބިނާކުރެވެނިވި ފުރިހަމަ ލިޔުންތަކެއްކަމަށްބުނެ އަތްޖަހާ އުފާކޮށް އުޅެފައި މިއަދު މިވީ ކިހިނެއް
2 4

ޖިން

20 އޭޕްރީލު 2023
މޫސަ! މީހަކު ބުނާހާ ވާހަކަ ނުލިޔެލަބަލަ
4 3

ހިމާރުލްގައުމު

20 އޭޕްރީލު 2023
މީނާ މިހިރީ ރަނގަޅަށްވެސް ޔާމީނާ ހެދި ދުނިޔޭން އާވާރާވެފަ.
5 7

ސޮފުވާން

20 އޭޕްރީލު 2023
މޫސަގެ ލިޔުން ވަކި އެންގަލުއެއްގައި ހުންނަހެން ހީވޭ . މިގައުމުގެ މިނިވަންކަމާ ބެހޭގޮތުން ލިޔެލަބަލަ. ސަރުކާރުން ތިނޫހަށް ފައިސާ ދިނުމަކުން ލޯކަނުވެ ކަންފަތް ބީރުވެ އަތްވާވަން ޖެހޭތޯ.
7 4

ހިމާރުލްގައުމު

20 އޭޕްރީލު 2023
@ސޮފުވާން ނުލިޔާނެ. ކައިގެން ބޮއެގެން އުޅެން ޖެހެއެއްނު. އެއީ ސައިޒަކީ މިނިވަން ނޫސްވެރިއެކޭ ކިޔައިގެން އަނގަ ފުޅާކުރާއިރު
7 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް