
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވަން މިދިއަ އަހަރު ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ
ޔާމީނަށް ފޮނުވި ނޯޓު ވީދާލެއްވުމަކީ ޕީޕީއެމް ލީޑަޝިޕަށް މެސެޖެއް
ޕީޕީއެމްގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނަށް އެ ނޯޓު ބަލައިގަނެވޭނީ އިދިކޮޅު ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވާނެ ގޮތާ މެދު އޮތް ބަނަކަން ފިލުވައިދޭނެ އެދުމެއްގެ ގޮތުގަ އެވެ. ނަމަވެސް ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން، އޭގައި އޮތް އެއްޗެއް ކިއުއްވުމަށް ފަހު، ވީދާލެއްވީ އެވެ. ދެން ވިދާޅުވި ކަމަށް ވަނީ 'ރިޔާސީ ކެންޑިޑޭޓަކީ އަހަރެން' ކަމަށެވެ.
ޕީޕީއެމްގެ އެތެރެއިން 'ދައުރު'އަށް މައުލޫމާތު ލިބުނު ގޮތުގައި އިދިކޮޅު ލީޑަޝިޕުން ޔާމީނަށް ފޮނުވި އެ ނޯޓުގައި އެދުނީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ވެއްޖެ ނަމަ ދެން ހަދާނެ ގޮތުގެ ލަފައަކަށެވެ. އެކަމަކު ޔާމީން އަދި ހުންނެވީ އެމަނިކުފާނު ނޫން މީހަކަށް ރިޔާސީ ކެންޑިޑޭޓްކަން ދެއްވާ ގޮތަކަށެއް ނޫނެވެ. އެހެންކަމުން ނޯޓު ވީދާލެއްވުމަކީ، ޕާޓީގެ ތެރޭގައި އެކަހަލަ ހިޔާލެއް ގެންގުޅެގެން ވެސް ނުވާނެކަމުގެ މެސެޖެކެވެ.
ޕީޕީއެމް ކޯލިޝަންގެ ބައެއް އިސް ވެރިން ގަބޫލުކުރައްވަނީ ރިޔާސީ ކެމްޕޭން ނުޖައްސައި، ހަމައެކަނި ޔާމީނާ މެދު އުއްމީދުކޮށްގެން ވަގުތު ނަގާލުމުގެ ގެއްލުން ބޮޑުވާނެ ކަމަށެވެ. އެ ގެއްލުން ބޮޑުވުމުގެ ފުރަތަމަ ނިޝާން ރޭ، ޖުމްހޫރީ ޕާޓީން އެ ނިންމި ނިންމުން ފުދެ އެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަމާ މެދު މިހާރު ޝައްކެއް ނެތެވެ. އެކަމަކު އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ނުފަށައި، ކުރިއަށް ގެންދަން ޖެހިފައި މި އޮތީ، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްކުރުމުގެ މަސައްކަތެވެ.
ޔާމީންގެ ވަކީލުންނާއި ލީޑަޝިޕުން ހުއްޓުމެއް ނެތި ދައްކާ ވާހަކައިން ވިސްނެނީ ޝަރުއީ ނިޒާމުގެ ތެރެއިން ޔާމީނަށް 'އިންސާފު' ލިބިވަޑައިނުގަންނަވާނެ ކަމެވެ. ކުރީ ރޭ ޕީޕީއެމް ހަރުގޭގައި އޮތް ޖަލްސާގައި އެމަނިކުފާނުގެ އިސް ވަކީލް، އަދި ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަލީމުގެ މުޅި ވާހަކަ ބިނާކުރެއްވީ ވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގެ ފެންވަރެއް ނެތް ކަމާއި، ދިވެހި ގިނަ ފަނޑިޔާރުންނަށް އޮތީ ނަރަކަކަން ދޭހަވާ ޕޮއިންޓްތަކެއްގެ މައްޗަށެވެ. އޭގެ އިތުރުން ޝަރުއީ ނިޒާމާއި ގާނޫނު ވެސް އެނގިވަޑައިގަންނަވަނީ ޖަމީލާއި އެހެން މަދު ބަޔަކަށް ކަމަށް މާނަކުރެވޭ ގޮތަށް ވެސް، ވާހަކަތަކެއް ދެއްކެވި އެވެ.

އިންތިހާބުގައި ޔާމީނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ފުރަތަމަ ގޮތަކީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކުރުމެވެ. ދެވަނަ ގޮތަކީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ނަންގަވަމުން އަންނަ، ޔާމީންގެ 11 އަހަރުގެ ހުކުމުން ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ނުގެއްލޭ ޕޮއިންޓުގައި ސުޕްރީމް ކޯޓުން ކާމިޔާބު ލިބުމެވެ. އެކަމަކު އެހިސާބަށް ދާނީ ރިޔާސީ އިންތިހާބަށް ހުޅުވާލުމުން ޔާމީންގެ ނަންފުޅު ޕީޕީއެމް ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުންނެވެ.
އެއީ ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލުމާ މެދު ކުރީގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމެއް، ރިޔާސީ ކެންޑިޑޭޓަކަށް ވެސް ހިނގާފާނެތޯ ނުވަތަ ނޫންތޯ، ނޫން ނަމަ އެ ހުކުމް މިހާރުގެ ސުޕްރީމް ކޯޓުން ތަރުޖަމާކުރާނީ، ތޯރިގު އެ ގަބޫލުކުރައްވާ ގޮތަށްތޯ، މި ހުންނަނީ ބަނަ ސުވާލުތަކެވެ.
އެ ބަނަކަމުގެ ތެރޭގައި ވަގުތުތަކެއް ހޭދަކުރާކަށް ލީޑަޝިޕްގެ ބައެއް ބޭފުޅުން ބޭނުމެއް ނުވެ އެވެ. އެހެންކަމުން 'ތެދުވެރި ހިތަކާ' އެކު ޔާމީންގެ ހިޔާލު ފުޅަކަކަށް އެދިވަޑައިގެން އެ ނޯޓު ފޮނުއްވީ އެވެ.
"ހަމަ އެއްވެސް ބާރެއް، އެކަކަށް ވެސް ދޭ ގޮތަކަށް ނޫން ހުރީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ޕީޕީއެމްގެ ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީން މިނިވަންވެވަޑައިގަންނަވާނެ އިރަކަށް އިންތިޒާރުކޮށް 'މި ބޮޑު ޕާޓީ މިހެން ތިބެން ހެޔޮނުވާނެ' ކަމަށެވެ.
"ހަގީގަތުގައި ޔާމީން އެކަކަށް ވެސް އިތުބާރެއް ނުކުރޭ. ޕާޓީގެ ހުރިހާ ބާރެއް ހިފައިގެން އެ ހުންނެވީ. އެއިން ބާރެއް އެހެން މީހަކަށް ދޭކަށް ވެސް ބޭނުމެއްނުވޭ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީން ނުކުންނަން އެ ޕާޓީގެ ކައުންސިލުން ރޭ ނިންމި ނިންމުމަކީ ޕީޕީއެމް ކޯލިޝަންގައި އިތުރު ބިރެއް އުފެދޭނެ ސަބަބެކެވެ. އަނެއްކާ ޖޭޕީން ބޭނުންކުރި ބަސްމަގުން، ޕީޕީއެމްގެ ބައެއް ބޭފުޅުންނަށް ނެންގެވޭ މާނަ ވެސް އެބަ ތަފާތުވެ އެވެ. ޖޭޕީން ނިންމާފައި އޮތީ 'ޖޭޕީ އިސްވެ އޮވެ' ކޯލިޝަނެއް ހަދައިގެން ނުވަތަ ޖޭޕީން ސީދާ ރިޔާސީ އިންތިހާބަށް ނުކުތުމަށެވެ. 'އިސްވެ އޮވެ' ކޯލިޝަނެއް ހެދުމުގެ މާނައަކީ، ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އަނެއްކާ އެ ކޯލިޝަން ގާސިމްގެ ދަށަށް ދަނީތޯ ސުވާލު އުފެދިދާނެ ބަސްމަގެކެވެ.
"ހިތަށްއަރާ އަނެއްކާ އަހަރެމެންގެ ތެރެއިން ބަޔަކު ގާސިމް ގެންދަނީ ބާއޭ ވެސް، ނޫނީ އަހަރެމެންނަށް ނޭނގި އަނެއްކާ ގާސިމްގެ ފަހަތަށް ޕީޕީއެމް އަރަން ބަޔަކު މަސައްކަތްކުރަނީ ބާވައޭ ވެސް،" ޕީޕީއެމްގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
މި ހުރިހާ ބަނަކަމެއްގެ ތެރެއިން ޕީޕީއެމް ކޯލިޝަނަަށް ސަލާމަތްވެވެން އޮތީ، 'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި، ޔާމީން ގޮތް ދޫކުރައްވައިގެންނެވެ. ޕީޕީއެމް ކޯލިޝަނާ މެދު އެމަނިކުފާނުގެ ލޯތްބެއް އޮތް ނަމަ، އެ ކޯލިޝަނުން އެހެން ރިޔާސީ ކެންޑިޑޭޓެއް ނެރެގެން މިހާރު ވެސް މި އޮތީ މަސައްކަތް ފަށަން ޖެހިފައި ކަމަށް، އެ ބޭފުޅުން ވިދާޅުވި އެވެ.
ޕީޕީއެމް އޮތީ ހާލުގައި
ޔާމީން ޖަލުގައި ހުންނެވުމުގެ ގެއްލުން ޕީޕީއެމް ހިންގުމަށް ވެސް ވަނީ ކުރިމަތިވެފަ އެވެ. ޕާޓީގެ ކަންކަމަށް ހޭދަކުރާނެ ފައިސާއެއް ނެތެވެ. އެންމެ ފަހުން ޕީޕީއެމުން ބޭއްވި ހޯޕް ކޮންފަރެންސަށް އެކި ރަށްރަށުން މަންދޫބުން އައީ ވެސް އަމިއްލަ ހަރަދުގަ އެވެ.
"ކުޑަވެގެން މާލޭގައި ތިބުމުގެ އެލަވަންސެއް ދެވޭވަރު ވެސް ޕާޓީގައި ނެތް. ރަށްރަށުން މީހުން އައީ އަމިއްލައަށް ހަރަދުކޮށްގެން، މަލޭގައި ތިބީ ވެސް އަމިއްލައަށް ހަރަދުކޮށްގެން،" މިހާރު ޕީޕީއެމް އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"އެކަމަކު މުޅި ޕީޕީއެމް ކޯލިޝަނުން ގަބޫލުކުރޭ ޔާމީން ދެއްކެވި ވާހަކަ، އެމަނިކުފާނަށް އެކި ގޮތްގޮތުން ލިބުނީ ޕާޓީގެ ކަންކަމަށް ހަރަދުކުރާނެ ފައިސާކަމަށް. އެކަމަކު އެ ފައިސާ ޕާޓީއަށް ހަރަދުކުރާ ތަނެއް ނުފެނޭ."
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްގައި 100 ވަރަކަށް މިލިއަން ރުފިޔާ ހުރި ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު ކުރިންސުރެ ޔާމީން ވާހަކަފުޅު ދައްކަވަމުން ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކަށް އެކި ފަރާތްތަކުން މާލީ އެހީ ލިބިވަޑައިގަންނަވާ ކަމަށެވެ.

މިހާރު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އައި ޝަރީއަތުގައި، 1 މިލިއަން ޑޮލަރު އެޗުއެސްބީސީގެ އެކައުންޓަށް ޖަމާކުރަން ޔާމީން އެ ބޭންކަށް ފޮނުއްވި ސިޓީފުޅުގައި ވެސް ވިދާޅުވީ އެއީ ސިޔާސީ ހަރަކާތްތަކަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ.
"އަހަރެމެން ކުރާ ސުވާލަކީ ކޮބައިހޭ އެ ވިދާޅުވާ 100 މިލިއަން ޕާޓީ ހިންގަން ލިބުނު؟ ޕާޓީގެ ހާލަތު ވަރަށް ދަށް. ދައުލަތުގެ ބަޖެޓުން އެ ލިބޭ އެއްޗެއް ލިބެންދެން މަޑުކޮށްގެން މިހާރު ވެސް މި ތިބީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ޔާމީން ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކު، ޕީޕީއެމް ކޯލިޝަނަށް އޮތް ބަނަކަން ދާނީ ބޮޑުވަމުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނެއް ނުފެށޭނެ އެވެ. ރަށްރަށަށް ދަތުރުތަކެއް ނުކުރެވޭނެ އެވެ. އެގޮތަށް ތިބެން ވެއްޖެ ނަމަ، ގާސިމްގެ ފަރާތަށް ބަޔަކު ދީލައިލުމުގެ ފުރުސަތު ވެސް ބޮޑެވެ. އެބަޔަކާ އެކު ޕީޕީއެމް ކޯލިޝަންގެ ތެރެއިން އާންމު މެމްބަރުންތަކެއް ދިއުމުގެ ޖާގަ ވެސް އޮންނާނެ އެވެ.
އެކަމަކު ޔާމީން ހުންނެވީ ގޮތުގަ އެވެ. 'ކެންޑިޑޭޓަކީ އަހަރެން' ކަމަށް ވިދާޅުވެ، އެ ނޯޓު ވީދާލެއްވުމަކީ، ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕަށް ދެއްވޭނެ އެންމެ ބޮޑު މެސެޖްކަން ޔަގީނެވެ.
ކޮމެންޓް (27)
އެދުރުބޭ
ާވާނުވާ
ވަކަ މުހައްމަދު
އިބޫ
ތަރަބެ
ސަޅި
ހަސަނު
ައެލެކްސް
މުލުވަގު
އިބިރަހިމާ
ގޫގުލް
ޢިބޫ
ކިނބޫ
އިބިރަހިމާ
ޖަނީ
ޖިމީ ކާޓާ
އިބިރަހިމާ
ހަސަނު
ޝާއިރު
އިބިރަމިހާ
ހަސަންދީ
މަހޭ
ކޮބާ މައްސަލައަކީ
ޕީ.ޕީއެމް ކެންޑިޑޭޓް
އެލެކްސް
އިބިރަހިމާ
ކަޅުޕެޓީ