ވެރިކަމުގައި ޔާމީން ހުންނެވި އިރު ގާސިމްއާ ސަލާންކުރައްވަނީ: ކުރީގެ ރައީސް ޔާމީނަށް ނުނިކުމެވިއްޖެ ނަމަ ގާސިމްގެ ފަހަތަށް އަރާފާނެކަމުގެ އަޑުތައް ޕާޓީ ތެރޭގައި އެބަ އޮތް

ޕީޕީއެމް

ބޮޑެތި ޝައްކުތަކާ އެކު ޕީޕީއެމްގެ އެތެރެ ގުޑަން ފަށައިފި

އެއް ބަޔަކު ބުނަނީ ޔާމީނަށް ކުރިމަތިނުލެވޭ ނަމަ ކެންޑިޑޭޓެއް ނުނެރެ ގާސިމްގެ ފަހަތަށް އެރުމުގެ ރޭވުންތަކެއް ކުރިއަށް ދާ ކަމަށް
17 އޭޕްރީލު 2023
12

މުހިންމު ނުކުތާތައް

އަބްދުއްރަހީމް ވިދާޅުވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ހުންނާނެ ކަމަށް

ރިޔާސީ އިންތިހާބުގެ ކަންކަން އަންނަ މަސް ނިމުމުގެ ކުރިން މުޅިން ސާފުވާން ޖެހޭނެ ކަމަށް، އެއް ބަޔަކު ދެކޭ

ޔާމީން އަތުން ޕާޓީ ގެއްލިދާނެތީ އެހެން ކެންޑިޑޭޓަކަށް ފުރުސަތު ނުދިނުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމުގެ ތުހުމަތުތައް

ޕީޕީއެމް ކޯލިޝަންގެ އެތެރޭގެ ހިޔާލު ތަފާތުވުން ބޮޑުވެ، ލީޑަރު އަދި މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްޓަކައި، ޕާޓީ ގުރުބާންކުރެވިގެން ނުވާނެ ކަމުގެ ސީރިއަސް ބަހުސް، އިސް ބައެއް ބޭފުޅުންގެ މެދުގައި ހިނގަން ފަށައިފި އެވެ.

އޭގެ ތެރެއިން ބައެއް ބޭފުޅުން، މިދިއަ ހައެއްކަ ދުވަހުގެ ތެރޭގައި، 'ދައުރު'އަށް ކިޔައިން ވާހަކަތަކުން އެނގެނީ ޔާމީނަށް ވާދަނުކުރެއްވޭ ނަމަ، ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން، ހާއްސަކޮށް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ވިސްނުން ހުރީ ކޯލިޝަނުން ވަކި ކެންޑިޑޭޓެއް ނުނެރެ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ހޮވަން މަސައްކަތްކުރާ ގޮތަށް ކަމަށެވެ.

ނަމަވެސް މި ވާހަކަތައް، ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ދޮގުކުރެއްވި އެވެ. އޭނާ ތަކުރާރުކުރެއްވީ، ކޮންމެ ގޮތެއް ވިޔަސް ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓެއް ނުކުންނާނެ ކަމަށް، ޖަލުގެ ހުކުމް އައުމުގެ ކުރިން ބައެއް ހަފުލާތަކުގައި ޔާމީން ވިދާޅުވި ވިދާޅުވުމެވެ.

"ރައީސް ޔާމީން ވިދާޅުވެފައިވޭ ޕީޕީއެމް ކެންޑިޑޭޓެއް ވާދަކުރައްވާނޭ. ރައީސް އެއް ތަނަށް ވުރެ ގިނަ ތަންތަނުގައި އެހެން ވިދާޅުވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ޔާމީންގެ އަރިސް އެހެން ބޭފުޅަކު ވެސް 'ދައުރު'އަށް މިއަދު ވިދާޅުވީ ފުރަތަމަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް އޭނާ ތަކުރާރުކުރެއްވީ ޔާމީން ވާދަކުރައްވާނެ ވާހަކަ އެވެ.

"ގަބޫލުކުރަނީ ރައީސް ޔާމީންއަށް ކުރިމަތިލެވޭނެ ކަމަށް. އެހެން ގޮތަކަށް ޕާޓީން ނުވިސްނަނީ އެހެންވެ،" އެ ބޭފުޅާ ވިދާޅުވި އެވެ.

"މި ވަގުތު އެފަދަ ވިސްނުމަކަށް ޖާގަ އޮތް ކަމަކަށް ނުދެކެން. ޕީޕީއެމް ފުރަތަމަ ބުރުގައި ވާދަކުރާނީ ޕާޓީގެ ކެންޑިޑޭޓަކާ އެކު ކަން ޔަގީން."

އެތެރެ 'ފަޅައިގެންދަނީ'

އެކަމަކު ޕީޕީއެމް އެތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، އޭގެ ހުޅުގަނޑު ފަޅައިގެން ދާނީ މިއަދު ނޫނީ މާދަމާކަން ނޭނގޭ ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، އެހެން ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"އެތެރެ ހަމަ ފަޅައިގެން ދަނީ. ރައީސް ޔާމީން ނުކުންނަވާނެ، ނެރެވޭނެ، މިނިވަންވާނެ، މިހެން ކިޔާލަކިޔާލަ އެއް ބަޔަކު އުޅެނީ. އަނެއް ބަޔަކު ބޭނުންވަނީ ހަމަ އަވަހަށް ގޮތެއް ނިންމަން އެހެން ކެންޑިޑޭޓަކު ދައްކައިގެން ވިޔަސް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ރިޔާޒު ރަޝީދު (ކ) އާއި ޕީޕީއެމްގެ އިބްރާހިމް ޝުޖާއު އަދި އަހުމަދު ޝިޔާމް، އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގައި: ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޕީޕީއެމް އާއި ޕީއެންސީގެ ލީޑަޝިޕްގެ ރަސްމީ ބައްދަލުވުންތަކުގައި ފާޅުގައި ޒުވާބުތަކެއް އަދި ނުހިނގިޔަސް ޔާމީންގެ ހުކުމާ މެދު ގޮތެއް ނުނިމި ދިގުލުމުގެ ފުރުސަތު އޮތުމާއި ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ގަދަވުމުގެ ދުވަސްތައް ކައިރިވަމުން އަންނާތީ، ޕީޕީއެމުން އަވަހަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށް، ހިޔާލު ތަފާތު ބޭފުޅުން ވިދާޅުވެ އެވެ.

"ބައެއް މީހުން އެބަ ބުނޭ އަންނަ މަހު 15 ނޫނީ އަންނަ މަސް ނިމުމުގެ ކުރިން ޕީޕީއެމުން ކުރިއަށް ދާނެ ސާފު މަގު އަންގަން ވާނެ ކަމަށް. އެހެން ނޫނީ އިސް އެތައް ބަޔަކު ޕާޓީ ދޫކޮށް ދިއުމުގެ ފުރުސަތު އެބަ އޮތް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އަދި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެންމެ ބޮޑު ޕާޓީން، އެންމެ މީހަކަށް ވާނެ ގޮތް ބަލަން ތިބުމަކީ ހަމަޖެހޭ ސިޔާސަތެއް ނޫނެވެ. ޔާމީންގެ ކުރިމަގަށް ވެސް ރަނގަޅެއް އޮތީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެ، އިންތިހާބު ކާމިޔާބުކުރުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ނަމަވެސް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ކްރިމިނަލް ކޯޓުން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ވިސްނުން އެކަމުގައި ތަފާތެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ އެހެން ކެންޑިޑޭޓެއް ނެރެފި ނަމަ ޔާމީން މިނިވަންކުރަން ކޯލިޝަނުން ކުރާ މަސައްކަތް ހީނަރުވެ، ޕާޓީ ވެސް އެހެން ބޭފުޅެއްގެ އަތަށް ފުރޮޅުމުގެ ފުރުސަތު އޮތުމެވެ.

ޕީޕީއެމްގެ މަގުމަތީ ހަރަކާތެއްގައި އަބްދުއްރަހީމް: އޭނާ ވިދާޅުވީ ކޯލިޝަންގެ ތެރޭގައި މާ ބޮޑު މައްސަލަތަކެއް ނެތް ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ޔާމީން މިހާރު ވެސް އަންގަވާފައި ވަނީ އެމަނިކުފާނު މިނިވަންކުރަން ސަރުކާރަށް ޕްރެޝަރުކުރުމުގެ މަގުމަތީ ހަރަކާތްތައް ވަރުގަދަކުރާށެވެ. އެގޮތުން 'އިންޑިއާ އައުޓް' ކެމްޕެއިން ވެސް ގަދައަށް ޖައްސަން މި ފަހުން އެމަނިކުފާނުގެ ފަރާތްޕުޅުން ލީޑަޝިފަށް އިރުޝާދު ލިބިފައިވާކަމަށް 'ދައުރު'އަށް އެނގިފައިވެ އެވެ.

އެވާހަކައާ އަބްދުއްރަހީމް ވެސް ދެކޮޅެއް ނޫނެވެ. 

"އިންތިހާބަށް ތަކުރާރުކޮށް ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަން، މަގުމަތީ ހަރަކާތް ވިޔަސް ކުރިއަށް ގެންދަން، ރައީސް އިރުޝާދު ދެއްވާ އަބަދުވެސް،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު މަގުމަތީ ހަރަކާތް އޮތީ ވަރަށް ފެން ގޮތަކަށެވެ. ކޮންމެ ރެއަކުހެން ވަރަށް މަދު ބަޔަކު ޕީޕީއެމް އޮފީސް ކުރިމައްޗަށް އެއްވެ އަޑުއިއްވަ އެވެ. އަދި މާލޭގެ ބައެއް މަގުތަކަށް ވެސް ނުކުމެ އެވެ. ނަމަވެސް ކޯލިޝަންގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އެ ހަރަކާތަކުން ނުފެނެ އެވެ.

"މަގުމަތީ ހަރަކާތުން ނުކުންނަ ނަތީޖާއެއް ނެތް އާންމުންނަށް އުނދަގޫވުން ފިޔަވައި. އެއަށް ވުރެ އަޅުގަނޑުމެންނަށް ބޮޑީ ޕާޓީން ސާފު ގޮތެއް ނިންމުމޭ އިންތިހާބަށް، ޔާމީންގެ ކެންޑިޑޭޓްކަން ސާފެއް ނޫނޭ، އެގޮތަށް ގަބޫލުކޮށްގެން ނުތިބެވޭނޭ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ގާސިމްގެ ފަހަތަށް އަރާފާނެކަމުގެ ކަންބޮޑުވުން

އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ލީޑަޝިޕުން އެއްވެސް ބަޔަކު ކެނޑިގެން އެހެން ކެންޑިޑޭޓުންގެ ފަހަތަށް އަރާފާނެކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.

ނަމަވެސް 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީންގެ އަރިސް ބައެއް ބޭފުޅުން އަޑިން ގެންދަވަނީ ގާސިމްއާ އެކު އެއްބަސްވުމަކަށް ދާން ވާހަކަ ދައްކަވަމުންނެވެ. 

"އެ ގްރޫޕަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ގާސިމް ވެރިކަމަށް ހޮވުން. އޭރުން ޔާމީނަށް ޕާޓީ ނުގެއްލި، ޔާމީން އާއި ގާސިމްއާ އެއްބަސްވެވޭ ގޮތަކަށް ކަންކަން ރޭވޭނެ،" ކޯލިޝަންގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކުގައި، ޔާމީން ނޫން ކެންޑިޑޭޓަކު ނެރެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

"ޕީޕީއެމްގެ ކެންޑިޑޭޓެއް ރައީސްކަމަށް އައުމަށް ވުރެ ޕީޕީއެމް ވާދަނުކުރުން ވެސް ރަނގަޅު ކަމަށް ވިސްނާ މީހުންކޮޅެއް އެބަ އުޅޭ. އެ މީހުން ބޭނުންވާ ގޮތަކަށް ލީޑަޝިޕްގެ ކަންކަން ކުރިއަށް ގެންދަން ވެސް އެ އުޅެނީ."

އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި މޭ މަސް ނިމުމުގެ ކުރިން ރިޔާސީ އިންތިހާބާ މެދު ސާފު ގޮތެއް ކޯލިޝަނުން ނިންމަން ޖެހޭނެ އެވެ. ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި ކެންޑިޑޭޓެއް ނުދައްކައި، ގާސިމްގެ ފަހަތަށް ކޯލިޝަން އަރާނެކަމަށް، ޔާމީން ވެސް އަދި ޔާމީންގެ އަރިސް ބޭފުޅުން ގަބޫލުކުރެއްވުމަކީ ހެދޭނެ ބޮޑު ގޯހެއް ކަމަށް، އޭނާ ވިދާޅުވި އެވެ. އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ މިހާރު ވެސް ކޯލިޝަންގައި ވަކިން ނުކުންނަވަން ބައެއް ބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނަށް އިންތިހާބަށް ނުކުންނެވިދާނެތޯ އަދި އޮތީ ސުވާލެއްގެ ތެރޭގައި (ފޮޓޯ/ އޭއެފްޕީ)

"ކީއްކުރަން ޕީޕީއެމުން ގާސިމް ހޮވަން އުޅެންވީ؟ ނުވަތަ އެފަދަ ވިސްނުމެއް އަންނަން ވީ ވެސް؟ މިއީ އިދިކޮޅު އެންމެ ބޮޑު ޕާޓީއޭ، މި ޕާޓީ ޔާމީނަށްޓަކައި ގުރުބާންވާން ޖެހޭތަ؟" އެއް ބޭފުޅަކު ސުވާލުކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ހަރަކާތްތައް ރޯދައިގެ ފަހުން އެހެން ޕާޓީތަކުން ފަށާނެ އެވެ. އެކަމަކު ޕީޕީއެމްގެ ކޯލިޝަނަށް އެކަން ކުރަން ވެސް ހުރަސްތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު ހުރަހަކީ މާލީ ދަތިތަކެވެ. އެ ދަތިތައް ހުރިކަން އަބްދުއްރަހީމް ވެސް ގަބޫލުކުރައްވަ އެވެ.

"އިދިކޮޅުގައި ޕާޓީ އޮންނަ އިރު ފައިސާގެ ދަތިތަކެއް ހުންނާނެ، ކޮންމެ ޕާޓީއަކަށް ވެސް. [ޕީޕީއެމަށް] ދައުލަތުން ދޭން ޖެހޭ ފައިސާ މިހާރު ދޫކޮށްފި،" އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބާ ގުޅޭ އިދާރީ ކަންކަން އެބަ ދޭ ކުރިއަށް." 

އެކަމަކު ކޯލިޝަންގެ އެތެރޭގައި އޮތް ހިޔާލު ތަފާތުވުން، އަބްދުއްރަހީމްގެ އެ ވާހަކަތަކަށް ވުރެ މާ ބޮޑުކަން، އެހެން ބައެއް ބޭފުޅުންގެ ވާހަކަތަކުން އެނގެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މަދު ބަޔަކު އަޑީގައި ތިބެގެން ހަމައެކަނި ޔާމީނާއި ގާސިމަށް ފައިދާ ވެދާނެ ގޮތަކަށް ކަންކަން ނިންމާފާނެތީ އެވެ. އެ ތުހުމަތުތަކުގެ ސަބަބުން ކޯލިޝަންގެ ތެރޭގައި ޝައްކުގެ ހިރަފުސްގަނޑެއް އޮތީ ފެތުރިފަ އެވެ. އަދި އެ ފުސްކަމުގައި އެތައް ރޭވުމެއް ކުރިއަށް އެބަ ދެ އެވެ. ލީޑަޝިޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް، އަބްދުއްރަހީމް ވިދާޅުވިޔަސް، 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ހިޔާލު ހުރީ އެގޮތަކަށް ނޫނެވެ.

"ޔާމީންގެ ގްރޫޕުން ބޭނުންހާ ކަމެއް ކުރަންދެން ބަލާކަށް ނުތިބޭނެ. ވަކިން އެކަނި ވިޔަސް ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން އެބަ ވާހަކަ ދެކެވޭ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ އެތެރެ، އާންމުންނަށް ނޭނގޭ މިންވަރަކަށް، އެދަނީ ގުޑަމުންނެވެ. މާހައުލު އޮތީ ޝައްކާއި ވަހުމްތަކާއި ތުހުމަތުތަކުގެ ވިލާގަނޑުން ބައްދާލައިފަ އެވެ. މި ހާލަތުގައި އެއް ބަޔަކަށް ފެންނަނީ ޔާމީނަށްޓަކައި ޕާޓީ ގުރުބާންކުރެވިގެން ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށްޓަކައި އެމްޑީޕީ ގުރުބާންވެގެން ނުދިޔަ ގޮތަށެވެ.

ކޮމެންޓް (12)

ޢަޒީ

21 އޭޕްރީލު 2023
ޚަބަރު ބަލަަފަ ރަނގަޅަށް ވިސނާފިނަމަ ވ.ސާފުކޮށް އެބައެގޭ ހަޤީޤަތެއް ނެތް ވާހަކައެއްކަން ރައީސު ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް އަދިޔެއް ނެތް ކެނޑިޑެންސީ އިޢްލާނުކުރުމުގެކުރިން އެފަދަ ހާލަތެއް މެދުވެރިވުމަކީ ނާދިރު ކަމެއް
1 2

މުޖުތާޒު

19 އޭޕްރީލު 2023
ޕީޕީއެމްގެ އެތެރޭގެ ގުޑުމެއްނުގުޑާނެ ކަލޭމެންނައްއެދުވަހެއްނުފެންނާނެ. ޢެއައްވުރެމާބަދަހިގުޅުމެއްއުފެދިފާ އެޕާޓީތެރޭއޮންނާނީ
1 4

ރަށްގުޑާ

17 އޭޕްރީލު 2023
މިލިޔުން ކިޔާލިމަ މިއެނގުނީ ލިޔުން ލިޔުނު މޫސާ ލަތީފް އަށް ވަރަށް ހިތަށް ތަދުވާކަން ޕީޕީއެމް ޔާމީން ފަހަތުން އެނބުރޭތީ. މައްސަލަ މިއުޅެނީ ޕީޕީއެމްގަ ތިބި އިބޫ ހޮވަން ބޭނުންވާ ބަޔަކު ހީކަރުވަނީ ޕީޕީއެމް ގާސިމްއަށް ސަޕޯޓަކޮށްފާނެތީވެސް
13 15

ތަކުރޭ

18 އޭޕްރީލު 2023
@ރަށްގުޑާ ތިޔައީ ހީވާ އެއްޗެއް، ޕީޕީއެމަކީ ހަމައެކަނި ޔާމީންގެ ފުއްގަނޑެއް. އޭނާ ބޭނުންވާ ގޮތަަކަށް މޮޑޭން ދޫކޮއްލާ
8 0

ޖުހާޖުހާ

17 އޭޕްރީލު 2023
ޕީޕީއެމް ގުޑުވާލަން މޫސަ ހާދަ މަސައްކަތެއް އެބަކުރެއޭ ދޯ؟ އަދިވެސް ގިނައިން ލިޔޭ. ނަން ނޭނގޭ މީހުންނާ، ނަން ހާމަނުކުރާ މީހުންނާ، ސިއްރު މަސްދަރާ ބޭނުންކުރޭ. ތިޔައިހން ވާހަކައެއްގެ އޮތީ ކޮން އިތުބާރެއް؟ ނަން ހާމަކޮށްގެން މީހަކު ބުނާ އެއްޗަކަށްވުރެ އިތުބާރު ބޮޑުވާންވީ ނަން ނުޖަހާ މީހާގެތަ؟
13 11

ކޮބަ

17 އޭޕްރީލު 2023
ނަޝީދުގެ ނަން ނުގެނެސް އާޓިކަލް އެއް މޫސަމެންނަށް ނުލިޔެވޭދޯ. ހަގީގަތަކީ އެމްޑީޕީއަށް ވެރިކަން ލިބެން އަންނަނީ ނަޝީދުއާއި އެކީގައިކަން. އެހެން ނޫނީ މިއީ ގާސިމްގެ ފަހަރު
12 20

އައްޔަ

17 އޭޕްރީލު 2023
@ކޮބަ ތީ ކުށްހީއެއް
10 3

އުއްޗުބެ

17 އޭޕްރީލު 2023
ގަޑުބަޑުވިއަސް ކޮތަޅު ރައީސަކަށް މިފަހަރު ޖާގައެއްނެތް. ކޮންކަމެއް ކުރަންތޯ އަނެއްކާ ހޮވަންވީ؟ 5ބަޖެޓް ހުސްކޮށްލާ ތިޖޫރީ ހުސްވީމާ ދެން ރައްޔިތުން ބުނީ ހޯހޯއޭ. މިވަގުތު ޖަލުގަވެސް އެބައިން ތިގިތައް މާލިއްޔަތުގައި ޖެހުނު ރައީސެއް. މިފަހަރު ވެރިއަކާށް ހޮވާނީ އުމަރު ކަހަލަ މީހެއް.
15 11

ތެފައާސާ.

17 އޭޕްރީލު 2023
ޝައްކުތަކާއި ހިރަފުހާއި ގުޑުންގަނޑުގެ ތެރޭގައި އެހެން އެންމެން ބައިތިއްބާފައި IMS މި އިންތިޚާބު ކިހިލީޖަހައިގެން ގެންގޮސް 2 ވަނަ ދައުރެއް ނަގާނެތަން މި ފެންނަނީ. ދެކޭބަޔަކު ދެކެންތިބޭތި.
19 12

ދެއާޒް

17 އޭޕްރީލު 2023
@ތެފައާސާ. ކިހިލިޖަހައިގެން އިބޫ ހިންނަވަރު ބަނދަރަށް ބާލާތަން ފެންނާނެ. އިންޝާﷲ. ޕާޓީއަށް ހިޔާނާތްތެރިވި މީހަކަށް ޖާގައެއް ނެތް
14 14

އަންނި

18 އޭޕްރީލު 2023
@ދެއާޒް އަންނިއަށް ވުރެ ބޮޑަށް ޕާޓީއަށް އިޙްމާލުވި މީހަކު ނުހުންނާނޭ، ވެރިކަމާއި މަޖިލީހާ ދެން ވެސް ކައުންސިލްތަކާ ދިނީމަ ވެސް ރައީސް ކަން ނުލިބުނީމަ މުޅި ނިޒާމް ގޯސްވެ އިބޫގެ ވެރިކަން ވެސް ގޯސްވީ ނުވިތާކަށް ވެރިކަމުގެ ދަހިވެތިކަމުގައި ދެން ވިއްދާލީ ޕާޓީ ފުނޑާލަން، އެއްމެ ފަހުން މިހާރު އެހުރީ ވަންނާނެ ތަނެއްނެތިފަ
7 6

އިބިރަހިމާ

20 އޭޕްރީލު 2023
@ތެފައާސާ. އިބޫ ޕާޓީއަށް ހިޔާނާތްތެރިވީއޭ؟ އަހަރުމެން ދެން މީ މޮޔައިންތަ؟ ތެފެއާސާމެން ބުނެލާ ކޮންމެ އެއްޗެއް ގަބޫލުކުރަން؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް