މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ރަމީޒު. (ފައިލް ފޮޓޯ/ކައުންސިލް

މައްސަލަ ބަލަން ފެށުމާ އެކު ރަމީޒް ޕީޕީއެމްއިން ވަކިވެއްޖެ

ރަމީޒަށް ތުހުމަތުކުރަނީ މާލޭގެ މޭޔަރު މުއިއްޒުއަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވުމަށް އަޑިއަޑިން އޭނާ މަސައްކަތްކުރައްވާާ ކަމަށް ބުނާ މައްސަލައެއްގައި
19 އޭޕްރީލު 2023
1

މާލޭ ސިޓީ ކައުންސިލްގެ މެންބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްއިން ބަލަން ފެށުމާ އެކު، އޭނާ އިއްޔެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލު ކުރައްވާ ރަމީޒުގެ ސުލޫކީ މައްސަލައެއް އެ ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބަލަން ފެށީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވުމަށް އަޑިއަޑިން އޭނާ މަސައްކަތްކުރައްވާާ ކަމަށް ބުނެ، އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ޕީޕިއެމްގެ ސެނެޓްގައި ހިމެނޭ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅީ، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މި މައްސަލައިގައި ސުލޫކީ ކޮމިޓީން ވަނީ ރަމީޒުގެ ބަޔާން އިއްޔެ ވަގުތެއްގައި ނަގާފަ އެވެ.

ތަފްސީލް - ރަމީޒުގެ ބަޔާން ނަގާފައި ވަނިކޮށް، އޭނާ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އޭނާގެ ނަން ޕާޓީގެ ދަފްތަރުން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ސަބަބެއް ކަމަށް އެ ސިޓީގައި އޭނާ ވިދާޅުވީ "މި ވަގުތު ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތުމެ"ވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރަމީޒަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

ގުޅުން ހުރި ކަމެއް - ރަމީޒަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާއާ ދެކޮޅަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހެކިބަސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލުމާތު ލިބެ އެވެ. ނަމަވެސް ޕީޕީއެމްއިން ވަނީ ރޭ އެކަން ދޮގުކޮށްފަ އެވެ.

ފަސްމަންޒަރު - ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ޖަލު ހުކުމެއްގައި ހުންނެވި ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި ޕާޓީ ތެރޭގައި ބައިބައިވުންތަކެއް ދަނީ އުފެދެމުންނެވެ. ޕީޕީއެމުން އެކަން ދޮގުކުރި ނަމަވެސް، ރިޔާސީ ޓިކެޓް ހޯއްދަވަން ލީޑާޝިޕްގެ ބައެއް ބޭފުޅުން މަސައްކަތް ކުރައްވާކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް (1)

އައްދު

19 އޭޕްރީލު 2023
މުއިއްޒުގެ ފިކުރު ފެކްޝަން ހަދަން ފެނޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް