މާޗް 22، 2023: އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިންތިހާބު ބޯމަތިވެފައި އޮއްވާ ގާނޫނު އިސްލާހުކުރަން ތާއީދެއް ނުކުރަން: ފުއާދު

ފުއާދު ވިދާޅުވީ، އެ އިސްލާހުތަކަކީ މީގެ ދެއަހަރު ކުރިން ބަންޑާރަނައިބު އޮފީހަށް ފޮނުވި އިސްލާހުތަކެއް ކަމަށް

އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ، މީގެ ދެހަރު ކުރިން ބަންޑާރަނައިބު އޮފީހަށް ފޮނުވި ކަންތައްތަކެއް ކަމަށާއި ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅެއް އޮތުމުން މި ދަނޑިވަޅުގައި އެ އިސްލާހުތައް ފާސް ކުރަން ތާއީދު ނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ މިމައްސަލައާ ގުޅޭ ގޮތުން ފުއާދު މިގޮތަށް ވާހަކަ ދެއްކެވީ، މިދިޔަ ބުދަ ދުވަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މައްސަލައިގެ ފެށުން - އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ ފަރާތުން އިންތިހާބުތަކާ ބެހޭ ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް މިދިޔަ މަހު މަޖިލީހަށް ވަނީ ހުށަހާޅާފަ އެވެ. ރިޔާސީ އިންތިހާބަށް ހަ މަސް ދުވަހުގެ މުއްދަތެއް އޮއްވާ މިގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނުތައް އިސްލާހު ކުރާތީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުވުން ފާޅުކޮށްފަ  އެވެ. އިސްލާހު ހުށަހަޅަފާފައިވާ ގާނޫނުތަކަކީ:

  • ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު

  • އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު

  • ލޯކަލް ކައުންސިލްތަކުގެ ގާނޫނު

ބުނީ ކީކޭ؟ - "އަޅުގަނޑުވެސް ގަބޫލުކުރަނީ މިއީ އެންމެ އެކަށީގެންވާ ވަގުތެއް ނޫނޭ އެކަމަށް [އިންތިހާބުބާ ގުޅޭ ގާނުނޫނުތަކަށް އިސްލާހު ގެންނަން]،"ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުއާދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މި މަސައްކަތް ފަށައިފިން މީގެ ދެ އަހަރު ކުރިން. ދެ އަހަރު ކުރިން ފަށައިގެން، ނިންމާލާފައި އެޓާނީ ޖެެނަރަލްއަށް [އިސްލާހުތައް] ފޮނުވިން ހަމަ ދެއަހަރު ކުރިން. އެހެން ނަމަވެސް މަޖިލިސް ތެރެއަށް އޭތި ނުގެންދެވިގެން [ލަސްވެފަ އޮތީ]."

މާޗް 22، 2023: އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިލެކްޝަންސް ކޮމިޝަނަކީ ސީދާ މަޖިލިހަށް އިސްލާހު ހުށަހެޅޭ ބައެއް ނޫންކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ، އާންމުން އިތުބާރު ކުރާ ގޮތަކަށް ގާނޫނަށް އިސްލާހު ގެންނަން ބޭނުން ނަމަ، އޮންނަ ގޮތަކީ ބަންޑާރަނައިބު މެދުވެރިކޮށް މަޖިލީހަށް އިސްލާހު ހުށަހެޅުން ކަމަށެވެ. އަދި މެންބަރަކު މެދުވެރިކޮށް ކޮމިޝަނުން އަމިއްލައަށް އިސްލާހެއް ހުށަހަޅާ ނަމަ، އޭގައި 'ތަފާތު ކުލައެއް ޖެހިދާނެ' ކަމަށްވެސް ފުއާދު ވިދާޅުވި އެވެ. އަދި ދެ އަހަރު ކުރިން ކޮމިޝަނުން ފޮނުވި މި އިސްލާހުތައް މަޖިލީހަށް ފޮނުވުން ލަސްވުމުން އެކަމާ އޭނާ ކަންބޮޑުވުން ވެސް ފާޅު ކުރެއްވި އެވެ.

މިހާރު މިއޮތީ ހަ މަސް ދުވަހަށް ވުރެ ވެސް ކުޑަވެފައި، މިހާރު މަޖިލިސް ތެރޭގައި އެ އިސްލާހުތައް ހިނގަމުން އެދަނީ. ތިޔަ ވިދާޅުވާހެން، އޭގައި ހުރި ބައެއް ކަންތައްތަކާ ބެހޭ ގޮތުން މީހުންގެ ހިތުގައި ސުވާލު އުފެދޭނެ އެހެންވީމާ

ފުއާދު ތައުފީގް، އިލެކްޝަންސް ކޮމިޝަންގެ ރައީސް

"އެޓާނީ ޖެނަރަލަށް ފޮނުވައިގެން މިހާ ދުވަސް މިވީ. އަޅުގަނޑުމެން އެޓާނީ ޖެނެރަލް އަރިހުގައި އެދެމުން ދިޔައިން މީތި [އިސްލާހުތައް މަޖިލީހަށް ފޮނުވުން] ވަރަށް އަވަސް ކުރަން. އެހެން ނަމަވެސް، އެޓާނީ ޖެނަރަލްގެ މަސައްކަތްޕުޅު ހުރި ގޮތާއި މަޖިލިސްގެ މަސައްކަތްޕުޅު ހުރި ގޮތުން އަޅުގަނޑުމެންގެ އިސްލާހުތައް ފަސްވަމުން ފަސްވަމުން ގޮސް މިހިސާބަށް ދިޔައީ،" ދެވަނަ ދައުރަކަށް ކޮމިޝަންގެ ރައީސްކަން ކުރައްވާ ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ދެ އަހަރު ކުރިން މި މަސައްކަތްތައްކޮށް ނިންމައި، ހުށަހަޅަމުން ވެސް ދެންނެވިން އިންތިހާބާ ކައިރިވެއްޖިއްޔާ މިކަމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނޭ. މީހުންގެ ހިތުގައި ފާޑުފާޑުގެ ވަސްވާސް އުފެދެނޭ، ސުވާލު އުފެދޭނޭ."

މާޗް 22، 2023: އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުއާދު ވިދާޅުވި ގޮތުގައި އިންތިހާބަށް އެންމެ ލަސްވެގެން އެއް އަހަރު ކުރިން އިސްލާހުތައް މަޖިލިހަށް ފޮނުވުމަށް ބަންޑާރަނައިބު އަރިހުން ކޮމިޝަނުން އެދުނެވެ. އަދި އެގޮތަށް އެދުނީ ވެސް އިންތިހާބާ ކައިރިކޮށް ގާނޫނުތައް އިސްލާހުކުރާ ނަމަ އާންމުންގެ މެދުގައި އިންތިހާބާ މެދު ޝައްކުތައް އުފެދޭނެތީ ކަމަށް ފުއާދު ވިދާޅުވި އެވެ. އެކަން މިހާރު އެގޮތަށް ވެފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެއް އަހަރަށްވުރެ މާ ކުޑަވި ފަހުން، މިހާރު މިއޮތީ ހަ މަސް ދުވަހަށް ވުރެ ވެސް ކުޑަވެފައި، މިހާރު މަޖިލިސް ތެރޭގައި އެ އިސްލާހުތައް ހިނގަމުން އެދަނީ. ތިޔަ ވިދާޅުވާހެން، އޭގައި ހުރި ބައެއް ކަންތައްތަކާ ބެހޭ ގޮތުން މީހުންގެ ހިތުގައި ސުވާލު އުފެދޭނެ އެހެންވީމައި،" ފުއާދު ވިދާޅުވި އެވެ.

ވިސްނުމަކީ އިސްލާހުތައް އަނބުރާ ގެންނަން އެދުން

އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މި ހަފްތާ ތެރޭ މަޖިލީހަށް ހާޒިރުވުމަށް ކޮމިޝަނަށް ވަނީ ދައުވަތު ދީފަ އެވެ. އަދި މަޖިލީހަށް ދިޔުމުގެ ކުރިން އިސްލާހުތަކާ ގުޅޭ ގޮތުން ކޮމިޝަނުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރަން އަދި ކޮމިޝަންގެ މެންބަރުންވެސް ގަބޫލުކުރައްވާ ހަ މަސް ދުވަހަށް ވުރެ [އިންތިހާބު] ކުޑަ ވެފައިއޮތުމަކީ އިލެކްޝަންސް ކޮމިޝަނުން އެދޭ ގޮތެއް ނޫނޭ [ގާނޫނު އިސްލާހުކުރުން]

ފުއާދު ތައުފީގް، އިލްކްޝަންސް ކޮމިޝަންގެ ރައީސް

މި ދަނޑިވަޅުގައި އިސްލާހުތައް ފާސް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން ފުއާދު ގަބޫލުކުރައްވާއިރު، އިސްލާހުތައް އަނބުރާ ގެނައުމަށް މަޖިލީހުގައި އެދޭނަންތޯ ސުވާލުކުމުން ފުއާދު ވިދާޅުވީ، މިކަމުގައި ކޮމިޝަންގެ މެންބަރުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ. އަދި މަޖިލީހުގައި އެގޮތެއް ހާމަ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރަން އަދި ކޮމިޝަންގެ މެންބަރުންވެސް ގަބޫލުކުރައްވާ ހަ މަސް ދުވަހަށް ވުރެ [އިންތިހާބު] ކުޑަ ވެފައިއޮތުމަކީ އިލެކްޝަންސް ކޮމިޝަނުން އެދޭ ގޮތެއް ނޫނޭ [ގާނޫނު އިސްލާހުކުރުން]،"ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތެރޭގައި އެބަ ވާހަކަ ދެކެވޭ، މިހާލަތުގައި އަޅުގަނޑުމެން އެދޭނީ ކޮން ގޮތަކަށްތޯ މިހާ ހިސާބުން އަނބުރާ ގެންދަވަންތޯ ނޫނީ ކުރިއަށްދާން ދޫކޮށްލުންތޯ. އެކަމުގައި އަދި ކޮމިޝަންގެ މެންބަރުންނަށް ގޮތެއް ނުއެއް ނިންމޭ."

ކޮމެންޓް (1)

ބަރާބަރު

26 މާރިޗު 2023
ފުއާދަކީ އިތުރުބާރު ހިފޭ ބޭފުޅެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް