ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

'ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިން'ގެ އިސްލާހާ ގުޅިގެން ޕާޓީތަކާއި އިދާރާތަކުގެ ކަންބޮޑުވުން އީސީއަށް

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިހާރު ވެސް އެ ކޮމިޝަނުން ހުއްދަ ދެނީ ރަޖިސްޓާޑް ނޫސްވެރިންނަށް

ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި އިންތިހާބުތައް މޮނީޓާކުރެވޭ ގޮތް ހެދުމަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ސިޔާސީ ޕާޓީތަކާއި ރާއްޖޭގެ މީޑިއާތަކުގެ ބެލެނިވެރި އިދާރާތަކުގެ ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)އާ މިއަދު ހިއްސާކޮށްފި އެވެ.

މައްސަލައިގެ ފެށުން - މިިދިޔަ ހަފްތާގައި ސަރުކާރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އިންތިހާބުތައް ކަވަރުކުރެވޭނީ ރާއްޖޭގައި "ރަޖިސްޓާޑް ނޫސްވެރިން" ނަށެވެ. އެހެން އޮތުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން:

  • އެ ބިލުގައި ރަޖިސްޓާޑް ނޫސްވެރިން ކަމަށް ބުނެފައި ވަނީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތް ކުރާ ކޮންމެ ފަރާތަކަށް؛ އޭގޭ ތެރޭގައި ލިޔާ މީހުންނާއި ފޮޓޯ ގްރާފަރުންނާއި ވީޑިއޯގްރާފަރުން ވެސް ހިމެނޭ

  • އެހެން އޮތުމުން، ބައިނަލްއަގުވާމީ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިންނަށް އިންތިހާބު ކަވަރުކުރުމުގެ ޖާގަ ނެތުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުން ޖަމިއްޔާތަކުން ދަނީ ފާޅުކުރަމުން

ވީ ކިހިނެއް؟ - ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތައް ހިމެނޭ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުން މިއަދު ހެނދުނު މެންހެޓަން ބިޒްނަސް ހޮޓަލުގައި ބޭއްވިއިރު، އެ ބައްދަލުވުން ފައްޓަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ އެ އިސްލާހާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. 

ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ހަބީބު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބުނީ ކީކޭ؟ - ހަބީބް ގަބޫލުކުރައްވާ ގޮތުގައި، އެ އިސްލާހު ހުށަހަޅާފައިވަނީ ރަނގަޅަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް ކޮމިޝަނުން ހުއްދަ ދެނީ ރަޖިސްޓާޑް ނޫސްވެރިންނަށް ކަމަށެވެ.

"ރެޖިސްޓްރީ ނުކުރާ، މަގުމަތިން އަންނަ މީހަކު ތިމަންނަމީ ރިޕޯޓަރެކޭ ބުންޏަސް އަޅުގަނޑުމެން އެ ކަމެއް ނުކުރާނެ. ކުރީގައި ވެސް ނުކުރަން އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮމިޝަނުގެ ވިސްނުމެއް ނެތް އެކަން އެ ގޮތަކަށް ކުރާކަށް،" ހަބީބް ވިދާޅުވި އެވެ.

ބޭރު ގައުމުތަކުން އަންނަ އޮބްޒާވަރުންނަށް ފުރުސަތު ނުލިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ހަބީބް ވިދާޅުވީ، ހުއްދައަށް އެދޭ ހުރިހާ ފަރާތްތަކަށް ހުއްދަ ދޭނެ ކަމަށެވެ. އަދި އެކަން ކުރާނީ އެ މީހުން އެކްރެޑިޓްކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްރެޑިޓްކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ... ބައެއް ފަހަރަށް ބައެއް ނޫސްތަކުން، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުންގެ ގޮތުގައި ފޮނުއްވީމަ އެބަހުރި ބައެއް ކަހަލަ ހިތި ތަޖުރިބާ ކުރެވިފައި. އޭގެ ތެރޭގައި، ވޯޓުލާ މަރުކަޒުގެ ވެރިޔާއާ މާރަމާރީ ހިންގުމާއި ވޯޓުލާ މަރުކަޒުގެ ތެރޭގައި ކެމްޕޭނު ކުރުމާ މި ކަހަލަ ކަންތައްތައް" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަހަރު ކޮމިޝަނުން ނޫސްވެރިންނަށް ހުއްދަ ދޭނީ، ދެ ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ.  

ހަބީބް ވިދާޅުވީ އެއްވެސް ބައެއްގެ ހައްގުތައް ހަނިކުރުމަކީ އެ ކޮމިޝަނުގެ ވިސްނުމެއް ނޫން ކަމަށާއި، އެ ކޮމިޝަނުން ބޭނުންވަނީ ވީހާ ވެސް ހާމަކަން ބޮޑު އިންތިހާބެއް ބޭއްވުމަށް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުގެ ބޭނުމަކީ ވީހާ ވެސް ހާމަކަން ބޮޑު ގޮތަކަށް އިލެކްޝަނުން ބާއްވާ އިންތިހާބުތައް، ހާއްސަކޮށް ރިޔާސީ އިންތިހާބު މޮނީޓަ ކުރަން ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލްކޮށް މޮނީޓާކޮށް، އެ ބޭފުޅުން ބޭނުންވާ ރިޕޯޓެއް ނެރެން ފުރުސަތު ދިނުން،" އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމުގައި ދެން ތިއްބެވި ބޭފުޅުންނަށް ވާހަކަދެއްކެވުމަށް ދިން ފުރުސަތުގައި ގިނަ ފަރާތްތަކުން ވަނީ އެ އިސްލާހާ ގުޅޭ ގޮތުން އޮތް ކަންބޮޑުވުންތައް ފާޅުކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައ ބައިވެރިވެވަޑައިގެންނެވި ރިޔާޒް ރަޝީދު ވިދާޅުވީ އެއްވެސް ބައެއްގެ ހައްގުތައް ހަނިކުރުމަކީ އީސީގެ ވިސްނުމެއް ނޫން ކަމަށް ހަބީބު ވިދާޅުވި ނަމަވެސް، އެ މަގުން ކަންތައްތައް ކުރަމުންދާ ކަމާ މެދު ޝައްކުވާ ފަދަ ކަންތައްތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ.

ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ރިޔާޒް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"އެކަން އެ ގޮތަށް ދާ ނަމަ، އިލެކްޝަން ކުރިއަށް ގެންދިއުމުގައި ކޮމިޝަނާ ދޭތެރޭގައި މީހުން ދެކޭ ގޮތް އެހެން ގޮތަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް،" ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވިދާޅުވީ، ނޫސްވެރިންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ އިސްލާހު އެކި މީހުންނަށް ދޭހަވާ ގޮތް ވެސް ތަފާތު ކަމަށެވެ. އެގޮތުން، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް އެކަމާ ގުޅިގެން ހިޔާލު ތަފާތުކަން އޭނާ ފާހަގަކުރެއްވި އެވެ.

ގައުމީ ލަފާ ދޭ ކޮމިޓީގައި ޝިޔާމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ ނޫސްވެރިންނަށް ސަރުކާރާއި ބޭރު ގައުމުތަކުގެ ނުފޫޒު އޮތް މިންވަރު ބޮޑުވުމަކީ އަބަދުވެސް އިދިކޮޅުގެ ކަންބޮޑުވުމެއް ކަމަށާއި، އެ އިސްލާހު ހުށަހަޅާފައި އޮތް ގޮތުން ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރާ ނޫސްވެރިންނަށް އެ ޖާގަ ހަނިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ގާނޫނު މި ގޮތަށް އޮތީމަ ވަރަށް ބޮޑަށް ލިމިޓްކުރެވެނީ ހަގީގަތުގައި އިލެކްޝަނުން ކަނޑައަޅާ ނޫސްތަކަށް، އެ ނޫސްތަކަށް ލިމިޓްވެފައި މިހުންނަނީ. އަނެއްކާ އެ ނޫސްތަކުގައި ރެޖިސްޓާވެފައި ތިބި ނޫސްވެރިންނަށް މި އޮންނަނީ. ހަގީގަތުގައި މިނިވަން ނޫސްވެރިކަން ކުރާ ބަޔަކަށް ވެސް މީގައި ދަތިތަކެއް ހުރެދާނެ،" ޝިޔާމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ މީޑީއާތައް ރެގިއުލޭޓް ކުރާ ދެ މުއައްސަސާ ކަމަށްވާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ވެސް އެ އިސްލާހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރި އެވެ.

ބްރޯޑްކޮމްގެ މެމްބަރު އަލީ ޔޫސުފް ދެއްކެވި ވާހަކައިގައި އޭނާ ފާޅުކުރެއްވީ، އެ އިސްލާހުގައިވާ 'ރެޖިސްޓާޑް ނޫސްވެރިން' ރަޖިސްޓްރީކޮށްފައި އޮންނަން ޖެހޭ އިދާރާއެއް ކަނޑައަޅާފައި ނުވުމުގެ މައްސަލަ އެވެ.

"އިލެކްޝަންސް ކޮމިޝަނަށް ވެސް އެބަ ސާފުވާން ޖެހޭ މިހާރު ގެންނަ ބަދަލުން ނުވަތަ ދެން އިތުރަށް މޮނީޓަރުންގެ ގޮތުގައި އިންތިހާބު ކަވަރުކުރުމުގައި ހަރަކާތްތެރިވާ މީހުން ރަޖިސްޓްރީ ކުރަނީ ކޮން ތަނެއްގައިތޯ؟،" އަލީ ޔޫސުފް ވިދާޅުވި އެވެ.

"ތިޔަބޭފުޅުން ރަޖިސްޓާކުރާނީތޯ ނުވަތަ ބްރޯޑްކާސްޓިން ކޮމިޝަނުން ރަޖިސްޓްރީކުރަނީތޯ ނުވަތަ މީޑިއާ ކައުންސިލުން ރަޖިސްޓްރީކުރަނީތޯ ނުވަތަ ހޯމް މިނިސްޓްރީގައި އޮންނަ ދަފްތަރުގައި ރެޖިސްޓްރީވެގެން އޮންނަ ތަންތަނުގައި މަސައްކަތް ކުރާ މީހުންތޯ ނުވަތަ ވަޒީފާއާ ބެހޭ ގާނޫނުގައި މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ހުރި މީހުންތޯ، މިއީ ވަރަށް ބްރޯޑްކޮށް އޮތް ކަމެއް."

ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އަލީ ޔޫސުފް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލީ ޔޫސުފް ވިދާޅުވި ގޮތުގައި، މީޑިއާގެ ދައުރު ހަނިކުރެވޭ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކީ އިންތިހާބެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމެކެވެ.

"ފަހަރަކަށް ވުރެ ފަހަރަކު ފުޅާވުން އުއްމީދަކީ،" އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ފަރާތުން ވާހަކަދެއްކެވި މުހައްމަދު އަފްރާހު ވެސް އަލީ ޔޫސުފްގެ ވާހަކައަށް ތާއީދުކުރެއްވި އެވެ.

ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އަފްރާހު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރަޖިސްޓްރީކުރަން ޖެހޭ ވަކި ތަނެއް ކަނޑައަޅާފައި ނުވުމުގެ ކަންބޮޑުވުމާ އެކު އޭނާ ވިދާޅުވީ، އެ ނޫހެއް ރަޖިސްޓްރީކޮށްފައިވާ މުއްދަތެއް ވެސް ގާނޫނުން ސާފުވާން ޖެހޭ ކަމަށެވެ. އިންތިހާބު ބާއްވަން ކުޑަ ދުވަސްކޮޅެއް އޮއްވައި އާ ނޫހެއް ރަޖިސްޓްރީކޮށްގެން އޮބްޒާވަރުން ނެރުމަށް މިހާރު އިސްލާހު ހުށަހަޅާފައިވާ ގޮތުން ފުރުސަތު ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް އިންތިހާބު ފެށެން ހަފްތާއެއް އޮއްވާ ވެސް ރަޖިސްޓްރީކޮށްފާނެ ނޫހެއް. އެހެން ވެއްޖެ ކަމަށް ވަންޏާ އެ ވެސް ތިބޭފުޅުން ކައުންޓުކުރައްވާނީތޯ ނުވަތަ ހިންގާތާ ކިހާ ދުވަހެއް ވެފައިވާ ނޫހެއްތޯ ރަޖިސްޓާޑް ނޫހެއްގެ ގޮތުގައި ބަލާނީ؟،" އަފްރާހު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް