ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ. (ފޮޓޯ/ރައީސް އޮފީސް)

އިންތިހާބުތަކުގައި ނޫސްވެރިންގެ ދައުރު ހަނިކުރަން އިސްލާހު ހުށަހެޅި ކަމަށް ބުނެ މެމްބަރުން ފާޑުކިޔައިފި

އިސްލާހުގައިވާ ގޮތުން، މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި

ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި އިންތިހާބުތައް މޮނީޓާކުރެވޭ ގޮތް ހެދުމަށް 'އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް' ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވާހަކަދައްކަވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ބިލަށެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށައިގެން ކުރިއަށް ދާއިރު، މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ އެ ބިލުގައި ހިމަނާފައިވާ ނޫސްވެރިންނާ ގުޅޭ އިސްލާހެވެ.

41 ވަނަ މާއްދާގެ (ހ)

  • ގާނޫނުގައި މިހާރު އޮންނަ ގޮތް - ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނީޓާކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގަ އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް

  • އިސްލާހު ހުށަހަޅާފައިވާ ގޮތް - ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނީޓާކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގަ އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެ ކަމަށް ހުއްދަ ދޭ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް

41 ވަނަ މާއްދާގެ (ށ)

  • ގާނޫނުގައި މިހާރު އޮންނަ ގޮތް - ވޯޓު ނަގާ ދުވަހުގެ ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެ ތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރުފަތުރާ ކޮންމެ އިދާރާއަކުން ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށް ވުރެ އިތުރު ނުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކުރަންވާނެ

  • އިސްލާހުކުރަން ހުށަހަޅާފައިވާ ގޮތް: ވޯޓު ނަގާ ދުވަހުގެ 10 ދުވަސް ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެ ތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތުކުރުމަކާ ނުލައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ

އެނގުން މުހިންމު - މި އިސްލާހު ހުށަހަޅާފައި އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ދެން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ މީޑީއާތައް ނުވަތަ ބްރޯޑްކާސްޓިންގެ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްގައި ހަބަރު ހޯދައި ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ މީހުންނަށް އެކަންޏެވެ. ފްރީލާންސްކޮށް މަސައްކަތްކުރާ ނޫސްވެރިންނަށާއި ބައިނަލްއަގްވާމީ މީޑީއާތަކުގެ މީހުންނަށް އިންތިހާބުތައް ކަވަރުކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

ބުނީ ކީކޭ؟ - ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުން ހުށަހެޅި މި ބިލަށް ބަހުސް ކުރައްވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެ ބިލުގައި ހިމަނާފައިވާ ބައެއް އިސްލާހުތަކަކީ އެމްޑީޕީގެ އަސާސްތަކާ މުޅިން ދެކޮޅު އިސްލާހުތަކެއް ކަމަށެވެ.

"އެ ނޫސް، މަޖައްލާއަކުން ކަނޑައަޅާ ރިޕޯޓަރުންނަށް އިންތިހާބުގެ ކަންކަން ހިނގާ ނުހިނގާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގު އެ ވަނީ [ގާނޫނުން] ފަހިކޮށްދީފަ. އެ މަގު ހަނިކުރުމަށްޓަކައި މި ބިލުން ހާސިލުކުރަން އުޅޭ މަގްސަދާ ދޭތެރޭގައި ކަންބޮޑުވުމާ އެކީގައި އަޅުގަނޑު އެކަން ފާހަގަކުރަން،" ހަސަން ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް. (ފޮޓޯ/މަޖިލިސް)

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ސަރުކާރާ ދެކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަސަން ވިދާޅުވީ ވޯޓު ފޮށިތައް މޮނީޓާކުރެވެނީ ހަމައެކަނި މީޑިއާ ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިންނަށް ކަމަށް ކަނޑައެޅުމުން އިންތިހާބުތައް ކަވަރުކުރުމުގައި ނޫސްވެރިންގެ ދައުރު ގާނޫނުން ހަނިކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ގިނަ މީޑީއާތަކަކީ ވަރަށް މަދު މުވައްޒަފުންނާ އެކު ހިންގާ ތަންތަންކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ، އެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުން ހުރިހާ ރަށެއްގައި ހިނގާ ކަންކަން އެ ނޫސްތަކަށް ރައްޔިތުންނާ ހަމައަށް ނުގެނެސްދެވޭނެ ކަމަށެވެ. އެހެންކަމުން، ސަރުކާރުން އެ އިސްލާހު ހުށަހެޅީ ރައްޔިތުންނަށް އިންތިހާބުގެ މައުލޫމާތު ނުދީ، ކަންކަން ނިންމާލުމުގެ ނިޔަތުގައިތޯ ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ބޭނުމަކީ ސުވާލު އުފެދޭ، މިއަދު ސަރުކާރުގެ ބޭނުމަކަށް ވެފައި މި އޮތީ މި ފަދަ ބޮޑެތި އިންތިހާބުތައް، ރިޔާސީ އިންތިހާބު ފަދަ، އެ އިންތިހާބުތައް ރައްޔިތުން ލޯ މަތިން ކެއްސިގެން ގޮސް ނުފެންނަ ގޮތަށް ހާމަކަން ބޮޑު ނޫން ގޮތަކަށް އިންތިހާބުގެ މައުލުމާތު ލިބުނަ ނުދީ، ރައްޔިތުންނަށް އެ އިންތިހާބު ބާއްވާ ނިންމާލުންތޯ؟،" ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

"މީޑިއާ ދެކެ މިއޮށް ގަންނަ ބިރެއް. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީޑިއާ ދެކެ މި އޮށް ގަންނަ ބިރެއް،" މި އިސްލާހުގެ ވާހަކަ، މާވަށު ދާއިރާގެ އިދިކޮޅު ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ފެއްޓެވީ އެހެންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ރަޖިސްޓާކޮށްފައިވާ ނޫސްވެރިންނަށް އެކަނި ހަރަކާތްތެރިވެވޭ ގޮތަށް ގާނޫނުގައި ކަނޑައެޅުމުން، އެ ހަނިކުރެވެނީ އިންތިހާބުތައް ކަވަރުކުރާ ބައިނަލްއަގްވާމީ މީޑީއާތަކުގެ ދައުރު ކަމަށެވެ.

"މިސާލަކަށް އަލް-ޖަޒީރާ، ސީއެންއެން ފަދަ ބޮޑެތި ބޭރުގެ މީޑިއާތަކުގެ މީސްމީހުން ގާތު މި ބުނަނީ ދެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކަށް ނެތޭ ކަލޭމެންނަށް އާދެވޭކަށް،" މީޑިއާގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި އިސްލާހު ފާސްވެއްޖެ ނަމަ ބޭރުގެ އެއްވެސް މީޑިއާއެއްގެ ބަޔަކަށް ރާއްޖޭގައި އިންތިހާބު ކަވަރުނުކުރެވޭނެ ކަމަށާއި އެ މީހުންނަށް އެކަން ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކުރުމުން އެކަނި ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް ތަމްސީލުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ފްރީލާންސްކޮށް މަސައްކަތްކުރާ ނޫސްވެރިންނަށް އިންތިހާބުތައް ކަވަރުނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ އިސްލާހެއް ސަރުކާރުން ނޫސްވެރިންނަށް ނުފޫޒު ފޯރުވަމުންދާ އިރެއްގައި ހުށަހެޅުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ސަރުކާރުން މިހާ ވަރަށް ނޫސްވެރިން ހިސޯރުކޮށްގެން އޮތް ޒަމާނެއްގައި ވޯޓު ފޮށިތައް ދޮށުގައި ތިބޭ ނޫސްވެރިންނަކީ މީގެ ކުރިއާ ހިލާފަށް ސީދާ އެ ނޫހެއްގައި ރަޖިސްޓާވެފައި އިންނަ ނޫސްވެރިއަކަށް ތިބޭ ނޫސްވެރިންތަކަށް ވާ ކަމަށް ވަންނާ އަޅުގަނޑަކަށް ނޭނގެ މިކަން ކުރާނެ ގޮތެއް ވެސް،" ޝިޔާމް ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވެސް ގަބޫލުކުރައްވާ ގޮތުގައި، މި އިސްލާހު ހުށަހެޅުމުގެ ފަހަތުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތެވެ. އޭނާ ވިދާޅުވީ، މީގެ ފަހަތުގައި ވަނީ "މަކަރާއި ހީލަތް" ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަަދަން މިފަހުން ނިންމި އެމްޑީއޭ ތަމްސީލުކުރައްވާ އާމިރު ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން މީގެ ކުރިން ބޭއްވި އިންތިހާބެެއްގައި މޮނީޓަރުންގެ ގޮތުގައި ނޫސްވެރިން ހަރަކާތްތެރިވެގެން އެއްވެސް މައްސަލައެއް އުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައި ނުވާއިރު، އެ އިސްލާހު ހުށަހެޅީ ރަނގަޅު ބޭނުމެއްގައިތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.  

"އެހެންވީމަ ދެ ފުށް ފެންނަ ގޮތަކަށް ރައްޔިތުންގެ އިންތިހާބުތައް ބާއްވާއިރުގައި ވީހާ ވެސް ފުޅާ ދާއިރާއެއްގައި އެކަން ބެލޭނެ ނިޒާމެއް އޮއްވައި އެކަން ހަނިކުރުމަށް އެ ކުރާ މަސައްކަތަކީ ކަނޑައެޅިގެން ނުބައި ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަން،" އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނު އިސްލާހުކޮށްފި ނަމަ، ރާއްޖޭގައި މިނިވަން އިންތިހާބެއް ނުބޭއްވޭނެކަން ޔަގީން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް