ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
އިންތިހާބުތަކުގައި މީޑިއާގެ ދައުރު ހަނިކުރަން އުޅޭތީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ހަ މަސްދުވަހަށް ވެފައި ވަނިކޮށް ސަރުކާރުން އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހަކީ އިންތިހާބުތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިކުރުމަށް ކުރި ކަމަށް ބުނެ ޖަމިއްޔާތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށް މިއަދު ބަޔާނެއް ނެރެފައި މި ވަނީ މި ހަފްތާގައި މަޖިލީހުގައި ބަހުސްކުރަން ފެށި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުންނެވެ.
41 ވަނަ މާއްދާގެ (ހ)
-
ގާނޫނުގައި މިހާރު އޮންނަ ގޮތް - ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނީޓާކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގަ އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް
-
އިސްލާހު ހުށަހަޅާފައިވާ ގޮތް - ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނީޓާކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގަ އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެ ކަމަށް ހުއްދަ ދޭ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް
41 ވަނަ މާއްދާގެ (ށ)
-
ގާނޫނުގައި މިހާރު އޮންނަ ގޮތް - ވޯޓު ނަގާ ދުވަހުގެ ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެ ތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރުފަތުރާ ކޮންމެ އިދާރާއަކުން ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށް ވުރެ އިތުރު ނުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކުރަންވާނެ
-
އިސްލާހުކުރަން ހުށަހަޅާފައިވާ ގޮތް: ވޯޓު ނަގާ ދުވަހުގެ 10 ދުވަސް ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެ ތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތުކުރުމަކާ ނުލައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ
ބުނީ ކީކޭ؟ -"މި ޖަމިއްޔާ އިން ދެކޭ ގޮތުގައި ރިޔާސީ އިންތިހާބު ފަދަ ބޮޑު، މުހިންމު އިންތިހާބެއް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެންނަ މި ބަދަލު މި ޖަމިއްޔާ އިން ސިފަކުރަނީ އިންތިހާބު ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ އިންސާފުވެރިކަމާ އެކުކަން ކަށަވަރުކޮށް، އެ ކަމަށް ފާރަވެރިވާ މުހިއްމު އެއް ފަރާތަކީ މީޑިއާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، އިންތިހާބު މޮނީޓާކުރަން މީޑިއާއަށް އޮންނަ ފުރުސަތު ހަނިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ، އެ އިންތިހާބެއްގެ ނަޒާހަތްތެރިކަމާއި ސައްހަކަމާ މެދު ސުވާލު އުފައްދަން އޮތް ޖާގަ އިތުރުވެ، ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން މި އިސްލާހުތައް ފާސްވެއްޖެ ނަމަ:
-
މި އަހަރުގެ ރިޔާސީ އިންތިހާބާއި ދެން ވެސް ހުރި އިންތިހާބުތައް ކަވަރުކުރުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރުގެ މީޑިއާ އައުޓްލެޓްތަކާއި ނޫސްވެރިންނަށް އެ ފުރުސަތު ގެއްލޭނެ
-
ރާއްޖޭގައި ހަރަކާތްތެރިވާ ފްރީލާންސް ނޫސްވެރިންނަށް ވެސް އެ ފުރުސަތު ގެއްލިގެން ދާނެ
އެކަން ފާހަގަކޮށް، އެ ޖަމިއްޔާތަކުން ގޮވާލާފައިވަނީ:
-
އިލެކްޝަންސް ކޮމިޝަން، ސަރުކާރު އަދި މަޖިލީހުން އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ކުރެވޭ މަސައްކަތަކީ އިންތިހާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާއި މީޑިއާ އަދި އެހެން ވެސް ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރުމާ އެކު ގެނެވޭ އިސްލާހުތަކަކަށް ހެދުން
-
ރާއްޖޭގެ މީޑިއާތައް ހިންގާ ގޮތާއި މި ދާއިރާގައި ހުރި ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ވީހާ ވެސް ބޮޑަކަށް މީޑިއާގެ ބައިވެރިވުމާއި ނޫސްވެރިންނާއި ރިޕޯޓަރުންނަށް އާންމު އިންތިހާބުތައް މޮނީޓަކުރުމުގެ ފުރުސަތު ފަހިވާނެ ގޮތްތައް ކަށަވަރުކުރުން
-
ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެވޭ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ އިސްލާހުތަކެއްކަން ކަށަވަރުކުރުން
-
ބޭރުގެ މީޑިއާތަކަށާއި ފްރީލާންސް ނޫސްވެރިންނަށް ވެސް އިންތިހާބު ކަވަރުކުރުމުގެ ފަހި ފުރުސަތު މިހާރެކޭ ވެސް އެއްގޮތަށް އެ ގޮތުގައި ދިނުން