ނިރުފެހި ގޭގައި ހުރި ގަރާޖުގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު ރޯވި އަލިފާން ނިއްވާލައި ހެނދުނުވީ އިރު، ގަރާޖުގެ ގޭޓުގެ ހަލާކުވެފައިވާ ދަނގަޑު ފްރޭމުގައި ދެ ގޭސް ސިލިންޑަރު. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ނިރުފެހި ގޭގެ އަލިފާން: ގަރާޖުގައި ހުރި ދެ ގޭސް ސިލިންޑަރުގެ ހަގީގަތަކީ ކޮބާ؟
މުހިންމު ނުކުތާތައް
އެއީ އަލިފާން ހިފުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ގޭހެއް އަޅާ ފުޅިއަކާއި އޮކްސިޖަން އަޅާ ފުޅިއެއް؛ އެ ދެ ބާވަތް ކައިރިކައިރީގައި ބެހެއްޓުމަކީ ނުރައްކާތެރި ކަމެއް
ގޭގެ ފުރަތަމަ ފަންގިފިލާގެ ބޮޑު ބަޔާއި ގިނަ އެއްޗެހި ހުރީ ސަލާމަތުން
މީހުންނަށް ސަލާމަތްވެވޭނެ ހަމައެކަނި މަގަކަށް ހުރި ލަކުޑި ސިޑީގައި ރޯވާން ގިނަ އިރެއް ނުނަގާނެ
އިމާރާތުގެ ބޭރުން ބަލާއިރު ގަރާޖު ފިޔަވައި އަލިފާނުގެ މާ ބޮޑު އަސަރެއް ކޮށްފައި ހުރި ތަނެއް ނުފެނެ އެވެ. ގަރާޖުގެ ދޮރުމަތީގައި، ކާރެއް އަނދާފައި އޮތެވެ. އެކަމަކު، ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއަށް ހެނދުނު އަލިވިލުނު އިރު އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނަ ގޮތަށް ހުރީ، ދަގަނޑުގަނޑުތައް ބަނޑިވެ ނައްޓައިގެން ގޮސްފައިހުރި ގަރާޖުގެ ގޭޓު މައްޗަށް ބޮޑު ދެ ގޭސް ސިލިންޑަރު ވެއްޓިފައި އޮތް ތަނެވެ.
މ. ނިރުފެހި ގޭގައި ރޯވެ 10 މީހަކު މަރުވި އަލިފާނުގެ ފެށުމަކީ، ފުލުހުން ބުނެފައިވާ ގޮތުގައި، އެ ގޭގެ ތިރީގައި ހުރި 'އޭއެސްއެމް ކޫލް ސޮލިއުޝަން' ގަރާޖުގެ ތެރެއިން ބާރު އަޑުފަށްގަނޑަކާ އެކު ހުޅުގަނޑު ފަޅައިގެން ދިޔުމެވެ.
އިސާހިތަކު ގަރާޖުގެ މައި ދޮރުގެ މަތިން ބޭރަށް ނުކުތުމަށް ހުޅުގަނޑު ހިފަން ފެށި އެވެ. ލަކުޑިން ޑެކު އަޅައި، ދެ ފަންގިފިލާ ހަދާފައިހުރި އެ ކުޑަ އިމާރާތުގެ މަތީ ދެ ބައިގައި ތިބި ބިދޭސީންނަށް ހޭވެރިކަންވީއިރު މުޅި ތަން ދުމުން ބައްދާލަނީ އެވެ. މި މަހު 9 ވަނަ ދުވަހުގެ ރޭ ރޯވި އެ އަލިފާނުގެ އަސަރު މުޅި އިމާރާތަށް ފެތުރެން ނެގީ، ފުލުހުން ބުނެފައިވާ ގޮތުގައި، އެންމެ ދޮޅު މިނެޓެއްހާ އިރެވެ. ބާރަށް ފެތުރެމުންދިޔަ އަލިފާނާއި ދުމުގެ ތެރެއިން، އެ ތަނުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ، ފުޅާމިނުގައި ދެ ފޫޓުވަރު ހުރި ލަކުޑި ސިޑި އެކެވެ. ނަމަވެސް، އެ ސިޑިން ފައިބަން ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅުގައި އަލިފާނުން ސަލާމަތްވެވުނީ ބައެއް މީހުންނަށެވެ.
މިހާރު މުޅި އިމާރާތް ތަޅާލައި ސާފުކޮށްފައިވާ ނިރުފެހި ގޭގެ އެންމެ ތިރީ ބައިގައި ހިންގަމުންދިޔައީ ގަވާއިދާ ހިލާފު ގަރާޖެކެވެ. އޭއެސްއެމް ގަރާޖު ހިންގަން ހުއްދަ ދީފައި އޮތީ ހުޅުމާލޭގަ އެވެ. ނަން ބޯޑުން އެއީ އޭސީ، ފުރިޖު އަދި ދޮންނަމެޝިނު ފަދަ ތަކެތި މަރާމާތު ކުރާ ތަނެކެވެ. އެކަމަކު ހިންގަނީ ވެހިކަލް ވެސް މަރާމާތުކުރާ ގަރާޖެއްގެ ގޮތުގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި:
-
ފުރަތަމަ ހުޅު ހިފީ މެންދަމު 12:26 ގައި
-
އާންމު ފަރާތަކުން އެކަން ރިޕޯޓުކުރީ 12:28 ހާއިރު
-
ފުލުހުން އެތަނަށް ދިޔައީ 12:30 ހާއިރު
-
ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓު ކުރީ 12:30 ގައި؛ އަލިފާން ނިއްވާ ސިފައިން އެ ތަނަށް ދިޔައީ 12:33 ގައި
-
އަލިފާނުގެ ހާދިސާ ހިނގި އިރު ނިރުފެހި ގޭގައި 26 މީހަކު ތިބި
-
އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:30 ހާއިރު
ގަރާޖުގައި ހުރި ދެ ގޭސް ސިލިންޑަރު: ކިހާ ވަރެއްގެ ނުރައްކަލެއް؟
ގަރާޖުގެ އެތެރޭގައި، އަނދާފައި އޮތް ދެ ޕިކަޕާއި އެ ނޫނަސް ބައިވަރު ތަކެތި ހުއްޓެވެ. އޭގެ ތެރޭގައި ބޮޑު ދެ ގޭސް ސިލިންޑަރު ހިމެނެ އެވެ.
'ދައުރު' އިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ގަރާޖު ތެރޭގައި ހުރި އެ ދެ ގޭސް ސިލިންޑަރަކީ އާއްމުކޮށް ވެލްޑިން އާއި އެ ނޫން ވެސް އިތުރު މަސައްކަތްތަކުގައި ބޭނުންކޮށްއުޅޭ އެސިޓްލިން ގޭސް އަޅާ ސިލިންޑަރަކާއި އޮކްސިޖަން އަޅާ ސިލިންޑަރެކެވެ.
-
އެސިޓްލިން އަކީ ވަރަށް ފަސޭހައިން އަލިފާން ހިފާ ޒާތުގެ ('އެކްސްޓްރީމްލީ ފްލޭމަބަލް') ގޭހެއް
-
އެސިޓްލިން އާއި އޮކްސިޖަން އެއްކޮށް ބޭނުން ކުރުމުން ފިއުލް ގޭސްތަކުގެ އެންމެ ހޫނު ޓެމްޕަރޭޗާ (ގާތްގަނޑަކަށް 3،100 ޑިގްރީ ސެލްސިއަސް) ނެރެވޭ
-
އެސިޓްލިން އާއި އޮކްސިޖަން ސިލިންޑަރު ކައިރިކައިރީގައި ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫން
'ދައުރު'ގެ ހޯދުންތަކުން ދައްކާ ގޮތުގައި އެސިޓްލިން އަކީ ބޭނުންނުކޮށް ރައްކާކޮށްފައި މާ ގިނަ ދުވަހު ބެހެއްޓުން ވެސް ރައްކާތެރި ކެމިކަލެއް ނޫނެވެ. މި ގޮތަށް ގިނަ ދުވަހު ބެހެއްޓުމުން އެސިޓްލިން އޭގެ އަސްލު މާއްދާތައް ކަމަށްވާ ކާބަން އާއި ހައިޑްރިޖަން އަށް ބްރޭކްޑައުންވެ، ހޫނު ދޫކުރަން ފަށަ އެވެ. އަދި ހޫނު ބޮޑުވެ، ޕްރެޝަރު ވަކި ވަރަކަށް ވުރެ މަތިވުމުން އޮކްސިޖަން ނެތަސް، ސިލިންޑަރުގައި ބާކީ ހުންނަ އެސިޓްލިންގައި އަލިފާން ރޯވާ ހިސާބަށް ދެ އެވެ.
ގަރާޖުގެ ވެރިމީހާ އޭނާގެ ނަން ނުޖަހަން ޝަރުތުކޮށް މީގެ ކުރިން 'ދައުރު' އަށް ބުނެފައިވަނީ އެއީ މާ ކުރިން ހުސްވެފައިވާ ގޭސް ސިލިންޑަރުތަކެއް ކަމަށާއި އެއީ އުކާލުމުގެ ހަރަދު ބޮޑުކަމުން ބަހައްޓާފައި ހުރި ދެ ސިލިންޑަރު ކަމަށެވެ.
ފެންނަ ފެނުމަށް ގަރާޖުގެ ދޮރުމައްޗަށް ވެއްޓިފައި ކަހަލަ ގޮތަކަށް ހުރި އެ ސިލިންޑަރުތަކަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަނުވި ނަމަވެސް، އަލިފާން ނިއްވާލިއިރު އެ ފުޅިތައް ހުރި ތަނަކީ، އަލިފާން ރޯވަމުންދިޔަ އިރު ގަރާޖުގެ ބޭރަށް ހުޅުގަނޑު ފަޅައިގެންދިޔަ ދިމާލެވެ. އެހެންކަމުން، އެއީ ހުސް ސިލިންޑަރުތަކެއް ކަމަށް ގަރާޖުގެ ވެރިމީހާ ބުނި ބުނުމާ މެދު ސުވާލު އުފެދެ އެވެ. ނަމަވެސް، ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުން އަންނައިރު، އޭނާގެ އެ ވާހަކައާ މެދު ވަކި ގޮތެއް ކަށަވަރެއް ނޫނެވެ.
މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތަކެއް ހިނގި އެ ގަރާޖުގެ ވެރިމީހާ 'ދައުރު'އަށް ބުނެފައިވަނީ:
-
ގަރާޖުގެ ތެރޭގައި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް
-
އެ ތަނުގައި ކުރީ ހަމައެކަނި ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް
ނަމަވެސް، އަލިފާނަށް ފަހު ގަރާޖުތެރެ ދުށް ބައެއް މީހުންގެ ވާހަކައިންނާއި 'ދައުރު' އިން ހޯދާފައިވާ، އަލިފާނަށް ފަހުގެ ފޮޓޯތަކުން އެނގޭ ގޮތުގައި ރޯވި އިރު އެ ތަނުގައި ދޮންނަމެޝިނާއި ފްރީޒަރު ފަދަ ތަކެތި ހުއްޓެވެ. އަދި އެ ގަރާޖުގައި ތެލާއި ބާ ދަގަނޑު ވެސް ފުނި ޖަހާފައި ހުންނަ ކަމަށާއި ވެލްޑިންގެ މަސައްކަތް ފަދަ ކަންކަން ވެސް އެ ތަނުގައި ކުރާ ކަމަށް، އަލިފާނުގެ ހާދިސާއާ އެކު، އަވަށްޓެރިން ވަނީ 'ދައުރު' އަށް ކިޔައިދީފަ އެވެ.
-
އިތުރަށް ކިޔާލަން - ގަރާޖާ ހެދި އަވަށްޓެރިން ސިހިސިހި؛ އެ ބިރު ރޭ ހަގީގަތަކަށް
އަލިފާން ރޯވާން ދިމާވި ސަބަބަކާ ބެހޭގޮތުން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
އަލިފާންގަނޑު އެއް ފަންގިފިލާ ދޫކޮށް ފުންމައިގެން
ނިރުފެހި ތަޅައިލުމުގެ ކުރިން ބޭރުން ފެންނަން ހުރީ، ގަރާޖުގެ މައި ދޮރުގެ މަތީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓުތައް ސަލާމަތުން ހުރި ތަނެވެ. ފުރަތަމަ ފަންގިފިލާގައި މަގަށް ހުޅުވާލެވޭ ގޮތަށް ހުރި ދެ ކުޑަދޮރުގެ ފްރޭމްގައި ލާފައި ހުރި ފެހި ކުލަ ވެސް ރީއްޗަށް ހުއްޓެވެ. އެއީ ފުރަތަމަ ފަންގިފިލާއިން އަނދައިގެންދިޔަ އެޕާޓްމަންޓުގެ ކޮޓަރީގެ ކުޑަދޮރާއި ބަދިގޭގެ ކުޑަދޮރެވެ. ހާދިސާ ހިނގިއިރު، އެތެރޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެ ކުޑަދޮރުތަކުން ވެސް ބޭރަށް ނުކުމެފައި ހުރުމާ އެކު، ކޮންމެވެސް ވަރަކަށް ކުޑަދޮރުގެ ކައިރިން ފާރަށް އަލިފާނުގެ އަސަރު ކޮށްފައި ހުއްޓެވެ.
އެ ހާދިސާގައި އިމާރާތުގެ އެތެރޭގެ ވެސް ބޮޑު ބައެއް ސަލާމަތްވެފައިވާކަން، 'ދައުރު' އަށް ލިބިފައިވާ ވީޑިއޯ އަކުން ފެނެ އެވެ. އަލިފާނަށް ފަހު ނިރުފެހި ސާފުކުރަން ފެށުމުގެ ކުރިން ނަގާފައިވާ އެތެރޭގެ އެ މަންޒަރުތަކުން އެނގޭ ގޮތުގައި، ފުރަތަމަ ފަންގިފިލާގެ ބިތްދޮށު ކޮޓަރިތަކަށް އަލިފާނުގެ އަސަރުކޮށްފައެއް ނެތެވެ. ކައްކަން ބޭނުންކުރާ ތެޔޮ ފުޅި، އަންނައުނު، ފަރުނީޗަރު އަދި އިލެކްޓްރޯނިކް ސާމާނު ވެސް ހުރި ގޮތަށް ހުއްޓެވެ.
ފަޔާފައިޓިން ތަޖުރިބާކާރު އާދިލް ނައީމްއަށް، އެއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސިފައިންގޭގައި ހިދުމަތްކުރެއްވި 22 އަހަރުގެ ތެރެއިން 12 އަހަރު ފަޔާފައިޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު އަމިއްލަ ފަޔާ ސޭފްޓީ ކުންފުންޏެއް ހިންގަވަމުން ގެންދަވާ އާދިލް ވިދާޅުވި ގޮތުގައި، ތަނެއްގައި ރޯވެއްޖެ ނަމަ، އަލިފާންގަނޑު ފެތުރޭނީ ވަކި ތަރުތީބަކުން ކަމަށް އާއްމުކޮށް ގަބޫލުކުރެވިފައި އޮންނަ އޮތުމަކީ ކުށްހީއެކެވެ.
"ބުރިބުރިއަށް ހުންނަ ގޭގޭގައި، ގްރައުންޑް ފްލޯގައި ރޯވެފައި، ފުރަތަމަ ފަންގިފިލާގައި ރޯނުވެ، ދެ ވަނަ ފަންގިފިލާގައި ވެސް ރޯވެދާނެ،" ނިރުފެހިގޭގައި އަލިފާން ރޯވި ތަނަށް ނުދިޔަ ނަމަވެސް، އަލިފާނުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކައަށް ބާރުދެއްވުމަށް، އަލިފާން ފެތުރޭ ގޮތްތަކާއި ފެތުރެން މެދުވެރިވާ ސަބަބު، ތަޖުރިބާ އާއި ސައިންސްގެ އަލީގައި އާދިލް ކިޔައިދެއްވި އެވެ.
"އަލިފާން ފެތުރެނީ އެންމެ އެއްޗެއްގެ ޒަރިއްޔާއިން. އެއީ ހޫނު. ހޫނު ނެތިއްޔާ އަލިފާން އެއް ތަނުން އަނެއް ތަނަށް ފެތެރޭނެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޫނު ނުވަތަ އަލިފާން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރަން އޮންނަނީ ތިން ގޮތެކެވެ. އެއީ 'ކޮންވެކްޝަން'، 'ކޮންޑަކްޝަން' އަދި 'ރޭޑިއޭޝަން' އެވެ.
"ކޮންވެކްޝަން އަކީ ސީދާ އަލިފާނާ ގުޅިފަ ހުންނަ [އަލިފާނުން އުފެދޭ] ހޫނުން ދަތުރުކަރުން... ދެން ކޮންޑަކްޝަންގައި ގޭގެ ހަދާފައި ހުންނައިރު މަތީގައި ހުރެދާނެ ހޫނު ދަތުރުކުރާނެ (ހީޓް ކޮންޑަކްޓް ކުރާނެ) އެއްޗެއް. މިސާލަކަށް ދަގަނޑު، ބެރި މިއީ ހޫނު ދަތުރުކުރާނެ އެއްޗެހި. އެހެންވެއްޖެއްޔާ އެއްކަލަ ފަސްޓް ފްލޯގައި ރޯ ނުވެ [ސެކަންޑް ފްލޯގައި ފަސޭހައިން އަނދާ އެއްޗެހި ހުރެއްޖެ ނަމަ] ކޮންޑަކްޝަންގެ އެހީގައި ފުރަތަމަ ފްލޯއަށް އެ ވަރު ނުވެ ސެކަންޑް ފްލޯގައި ހުޅު ހިފާނެ،" އޭނާ ވިދާޅުވި އެވެ.
"ރޭޑިއޭޝަންގެ އެހީގައި އެ ތަނުގައި [ނިރުފެހިގޭގައި] ވަރަށް ނާދިރުވާނެ [އަލިފާން ފެތުރެން]. ކޮންޑަކްޝަން އަދި ކޮންވެކްޝަން ގޮތުގައި އެ ތަނުގައި އަލިފާން ފެތުރުނީ [ކަމަށް ގަބޫލުކުރެވެނީ]."
ލޭބާ ކުއާޓާއެއްގެ ގޮތުގައި ތައްޔާރުކޮށް، ފުރަތަމަ ފަންގިފިލާގައި ހަތަރު ކޮޓަރި އަދި ދެވަނަ ފަންގިފިލާގައި އަށް ކޮޓަރި ހުއްޓެވެ.
އެ ހާދިސާއަށް ފަހު ނިރުފެހިގެ ތަޅާލައި، ސާފުކުރަން ފެށީ 11 ނޮވެމްބަރުގަ އެވެ. 'ދައުރު' އަށް އެނގިފައިވާ ގޮތުގައި، ކޮޓަރިތައް ގިނަ ދެވަނަ ފަންގިފިލާއަށް ލިބިފައި ހުރި ގެއްލުން ބޮޑަށް ހާމަވީ، ވެއްޓިފައި އޮތް ފުރާޅު ހިއްލައިލުމުންނެވެ. ދެވަނަ ފަންގިފިލާގެ އަށް ކޮޓަރިއަކީ ވެސް ލަކުޑި ފިލައިން ޕާޓިޝަން ހަދައިގެން ވަކިކޮށްފައި ހުރި، ކުދި ކޮޓަރިތަކެކެވެ. ކޮންމެ ތަނެއްގައި ވަކިން ކެއްކޭ ގޮތަށް އުނދުނާއި ގޭސް ފުޅި ބަހައްޓާފައި ހުރި ކަމަށް، ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
ހާދިސާއަށް ފަހު އިމާރާތުގެ އެތެރެ ފެނުނު އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، 'ދައުރު' އަށް ވިދާޅުވިގޮތުގައި ދެވަނަ ފަންގިފިލާގައި ހުޅަނގު ފަރާތަށްވާ ގޮތަށް ތިން ފާހާނާ ހުއްޓެވެ. އަދި އެ ފާހާނާތަކާ ޖެހިގެން ވައިގޮޅިއެއް ހުއްޓެވެ.
"އެ ވައިގޮޅި ދަނީ އެންމެ ތިރިއަށް، ގަރާޖުގެ އަރިމައްޗަށް ވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވި ގޮތުގައި އެފަދަ ވައިގޮޅި އަކުން އަލިފާންގަނޑު މައްޗަށް އަރާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަދި، އެ ހާދިސާ ހިނގި ތަނަށް ވަޑައިނުގެންނެވި ނަމަވެސް، ދެން ވެދާނެ ގޮތް ލަފާކޮށްލައްވާފައި އޭނާ ކިޔައިދެއްވި އެވެ.
"އަލިފާން ރޯވީމަ އެއިން އަރާ ދުން، އެއީ ވަޔަށް ވުރެ ލުއި އެއްޗެއް. ތި ގޮޅި އިނދެދާނެ އެންމެ މަތިން ބެދިފައި ވެސް. ދެން ހުރިހާ ދުންތައް ކަލެކްޓު ވަމުން ކަލެކްޓު ވަމުން ގޮސް އިގްނީޝަން ޓެމްޕަރޭޗާ ލިބުނީމަ ޕަސްލާފައި އެ ތަނުގައި ރޯވާނެ،" އަލިފާނުގެ އެތައް ބައިވަރު ހާދިސާތަކަކާ ކުރިމަތިލައްވާފައިވާ އާދިލް ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގަރާޖުގެ މުވައްޒަފުން ދިރިއުޅުމަށް، ގަރާޖު ތެރެއިން ވަދެ ނުކުމެވޭ ކޮޓަރިއެއް ނުވަތަ އެޕާޓްމެންޓެއް ހުއްޓެވެ.
ހާދިސާއަށް ފަހު ނިރުފެހިގެ ދުށް، ކަމާބެހޭ އޮފިޝަލް ވިދާޅުވި ގޮތުގައި:
-
ގަރާޖުގެ މުވައްޒަފުން ނިދާ ބައި ހުންނަނީ ގަރާޖުގެ ފަހަތުގައި
-
ގޭޓުގެ ދެ ފަރާތުގައި ދެ ދޮރު ހުރޭ
-
ކަނާތް ފަރާތުގައި ހުންނަ ދޮރަކީ މަތީ ފަންގިފިލާތަކުގެ މީހުން ގެއަށް ވަދެ ނުކުތުމަށް ބޭނުންކުރާ ދޮރު
-
ވައަތް ފަރާތުގައި ހުންނަ ދޮރަކީ ގަރާޖުގެ މުވައްޒަފުން ނިދާ ބަޔަށް ވަންނަން ދާ ގޮތަށް އޮންނަ ގޯޅިގަނޑަށް ހުންނަ ދޮރެއް
-
ގޯޅިގަނޑުގެ ތެރޭގައި، ގަރާޖުގެ މީހުންގެ ނިދާ ބަޔަށް ވަދެ ނުކުންނަށް އިތުރު ދޮރެއް ހުރޭ
-
ގަރާޖުގެ އެތެރޭގައި (ވައަތް ފަރާތު އަރިމަތީގައި) ވެސް، ގަރާޖުގެ އެތެރެއިން ގޯޅިގަނޑަށް ނުކުމެވޭ ގޮތަށް ދޮރެއް ހުރޭ؛ އަލިފާނުގެ ހާދިސާގައި އެ ދޮރު ވަނީ އެއްކޮށް އަނދާފައި
-
ވައިގޮޅި ހުންނަނީ ގޯޅިގަނޑުގެ ތެރޭގައި، ގަރާޖު މީހުން ނިދާ ބައިގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް؛ ވައިގޮޅި ފިޔަވައި، ގޯޅިގަނޑުގެ މަތިން އޮންނަނީ ޑެކު އަޅާފައި
-
ގަރާޖުގެ ކަނާތް ފަރާތުގައި (ސިޑި ދަށަށް ވާ ގޮތަށް) ފިލައިން ޕާޓިޝަން ޖަހައިގެން ހަދާފައިވާ ކުޑަ އޮފީސް ޖާގައެއް ހުރޭ؛ އެ ބައި ވެސް ވަނީ އެއްކޮށް އަނދައި ހުލިވެފައި
މަތީ ފަންގިފިލާތަކަށް އަރާ ސިޑި އާއި ގަރާޖާ ދެމެދު ހުންނަ ކުޑަ ހުސް ޖާގައެއް ބައްދަން ޖަހާފައި ހުރި ފިލާގަނޑު އެއްކޮށް ވަނީ އަނދާފަ އެވެ. އެހެންކަމުން، ފެންނަ މަންޒަރުތަކުން ދޭހަވާ ގޮތުގައި، ގަރާޖުގައި ރޯވި އަލިފާންގަނޑު ސިޑިއަށް ފެތުރި، މަތީގައި ތިބި މީހުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގު ބަންދުވީ އެ ހިސާބުންނެވެ.
ކައްކާ ގޭސް ފުޅި ގޮވުން: ކުއްލިއަކަށް ވާ ކަމެއް ނޫން
ގަރާޖުގެ ތެރެއިން ހުޅު ފަޅައިގެންދިޔަ ފުރަތަމަ ގޮވުމަށް ގަޑިއެއްހާއިރު ފަހުން، ފުލުފުލުގައި އިތުރު ގޮވުންތަކެެއްގެ އަޑު އިވުނެވެ. އެއާއެކު ކުދިކުދި އަލިފާން ކަނިތަކެއް ގޭގެ މަތިން މަގުމައްޗަށް ބުރައިގެން އަ އެވެ. ފަހުން އެނގުނު ގޮތުގައި އެއީ އެ ގޭގެ މަތީ ބައިތަކުގައި ހުރި ގޭސް ފުޅިތައް ގޮވި އަޑެވެ.
ގަރާޖުގެ ވެރިމީހާ ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގީ ގަރާޖުގައި ރޯވެގެން ކަމަކަށް ނުވާނެ ކަމަށާއި ބޮޑަށް ބެލެވެނީ ފުރަތަމަ ރޯވީ އެ ގޭގައި ދިރިއުޅޭ ބިދޭސީން ކައްކަން ގެންގުޅޭ ގޭސް ފުޅިތަކުގެ ތެރެއިން ފުޅިއެއްގައި ރޯވެގެން ކަމަށެވެ. ނަމަވެސް، އެ ގޭސް ފުޅިތައް ގޮވި އަޑާއި ކަނިތައް އައީ ރޯވި ފަހުންނެވެ. އަދި، ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް ފުލުހުން މިހާރު ވެސް ބުނެފައިވާ އިރު، އާދިލް ވިދާޅުވިގޮތުގައި ކައްކާ ގޭސް ފުޅިއެއް ގޮވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
"އެލްޕީ ގޭސް ސިލިންޑަރު ގޮވާނެ، އެކަމަކު، އަލިފާންކޮޅެއް ކައިރީގައި ހުރެގެން އެ ގޮވާނެ ގޮތެއް ނޯންނާނެ،" އާދިލް ވިދާޅުވި އެވެ.
"ކައިރީގައި ހުރި ހުރިހާ ތަނެއްގައި ރޯވެއްޖެ ނަމަ ސިލިންޑަރަށް [އެތެރެއަށް] ހެސްކިޔާފައި ޕްރެޝާ ކުރާނެ. ޕްރެޝާ ކުރީމަ ޕްރެޝާ ނުހިފެހެއްޓުނީމަ ދެން ގޮވާނީ. އަލިފާން ތެރެއަށް އެއްލައިލާފައި ހުއްޓަސް ގޭސް ފުޅިއެއް ނުގޮވާނެ. އެކަމަކު އެއަށް ހޫނު ލިބިލިބި، އޭގައި ހުންނަ ގޭސްތައް ފުފިގެން ގޮސް އޭގެ ޕްރެޝަރު ބޭރުވާންވީމަ ދެން ނޯންނާނެ [ގޮވުން ނޫން] އިތުރު ގޮތެއް."
އެލްޕީ ގޭސް ސިލިންޑަރުތަކުގެ މަތީގައި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި، 'އެއާ ރިލީޒް ވޭލްވް'އެއް ހުރެ އެވެ. ނަމަވެސް، އެ ވޭލްއަށް ވެސް ކެތްވާނީ ވަކި ވަރަކަށެވެ.
"އެއީ އެހެން އަންނަ ކުދިކުދި ހޫނު އެ ވޭލްއިން އެބްސޯބް ކޮށްލާފައި ބޭރުކޮށްލަންވެގެން. އެކަމަކު ތިވަރަށް ރޯވެފައި ހުރި ތަނެއްގައި ވެއްޖެއްޔާ ގޮވާނެ،" ނިރުފެހި ގޭގައި ރޯވެފައި ހުރި ތަން ފެންނަ ވީޑިއޯއެއް ބައްލަވަން އިންނަވައި އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެފަދަ ހާލަތްތަކުގައި ގޭސް ފުޅި ބަދަލުވެގެން އެ ދަނީ ބޮމެއް ފަދަ އެއްޗަކަށެވެ. ފަޅައިގެންދާއިރު ދަގަނޑު ސިލިންޑަރު ފުނޑުފުނޑުވެ، ބާރު ސްޕީޑުގައި އޭގެ ބައިތައް ބުރައިގެންދެ އެވެ. އެ ވަގުތު އެ ތަނުގައި މީހުން ތިބެ، ބުރައިގެންދާ އެއްޗެހިން ޖެހިއްޖެ ނަމަ ހަށިގަނޑުގެ ގުނަވަނެއް ބުރިވުމަކީ ވެސް ވެދާނެ ކަމެއްކަން އާދިލް ފާހަގަކުރެއްވި އެވެ. ނިރުފެހިގެ ސާފުކުރުމުގެ ތެރޭގައި، މީހެއްގެ ފައިތިލައެއް ވަނީ ފެނިފަ އެވެ. ނަމަވެސް، މި ހާދިސާގައި ގޭސް ފުޅިތަކުގެ ދަނގަނޑުގަނޑަކުން ނުޖެހުނަސް ގުނަވަނެއް ބުރިވުން އެކަށީގެންވެ އެވެ. އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭ ތަނެއްގެ ހޫނުމިން އާއްމުކޮށް ހުންނަނީ 1،000 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. އެވަރުގެ ގަދަ ހޫނެއްގެ ތެރޭގައި ހަށިގަނޑުގެ ޓިޝޫތަކާއި ހަންގަނޑު އިރައިގެން ގޮސް، މަސްތައް 'ކޮންޓްރެކްޓް' ވުމުގެ އިތުރުން ކަށިތަކުގައި ވެސް ރެނދުލައި، ބައިބައި ވަކިވެ އެވެ.
'ގައިގައި އަލިފާން ރޯވުމުގެ މާ ކުރިން، އޮންނާނީ މަރުވެފައި'
"އަހަރެންގެ ހަޔާތުގައި [އަލިފާނުގެ ހާދިސާތަކުގައި] 15 ވަރަކަށް މަރު ފެނިފައިވަނީ. އަސްލު އަލިފާން ގައިގައި ޖެހިގެނެއް ނޫން މަރާ ހިސާބަށް މި ދަނީ،" އާދިލް ވިދާޅުވި އެވެ.
"އަހަރެމެންނަށް ނޭވާލުމަށް މި ބޭނުންވަނީ %21 އޮކްސިޖަން. ޖައްވުގައި މި ހުންނަނީ [އެ މިންވަރަށް] ލިބެން. މީތި 15 އަށް ތިރިވިޔަސް އަހަރެމެންނަށް އުޅެވޭނެ. ދިހަޔަކަށް ތިރިވިޔަސް އުޅެވޭނެ، އެކަމަކު [މީހާގެ ބުއްދި] ހަމައެއް ނުވާނެ. އެހެން ގޮސް އަށަކަށް ދިޔައިމަ އެހިސާބުން ބޮލަށް އެނބުރުން އަރައި، ހަޔަކަށް ދިޔައިމަ މި ވެއްޓެނީ."
އަލިފާން ރޯވެގެން އުޅޭ ތަނެއްގައި އުފެދޭ ގޭހުގެ އެކި ބާވަތްތަކުން އެ ތަނެއްގެ އޮކްސިޖަން ނެތިކޮށްލަ އެވެ. އެ އުފެދޭ ގޭސް ބިނާވަނީ ރޯވާ އެއްޗެއްގެ މައްޗަށެވެ. ނިރުފެހި އަކީ ވައި ދައުރުވުން ކުޑަ ތަނަކަށް ވާއިރު، އާދިލް ވިދާޅުވީ ރަނގަޅަށް ވައި ނުލިބޭ ތަނެއްގައި ބޮޑަށް ރޯވެއްޖެ ނަމަ އެތަނުން ބޮޑަށް އަރާނީ ވިހަ ކާބަން މޮނޮކްސައިޑް ކަމަށެވެ.
އޭގެ އިތުރަށް ޕްލާސްޓިކާއި ލަކުޑި އަދި ކެމިކަލް ފަދަ ތަކެތީގައި ރޯވުމުން ގޭހުގެ ތަފާތު ބާވަތްތައް އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއިން ކޮންމެ އެއްޗަކީ [ގޭހަކީ] ވެސް އިންސާނުންނަށް ގެއްލުންކުރަނިވި އެއްޗެހި. އަލިފާނުގެ ހާދިސާތަކުގައި މީހުން އެ މަރުވަނީ ގައިގައި އަލިފާން ރޯވެގެނެއް ނޫން. އެމީހެއްގެ ގައިގައި އަލިފާން ރޯވުމުގެ މާ ކުރިން، އޮންނާނީ މަރުވެފައި،" އާދިލް ވިދާޅުވި އެވެ.
މިފަދަ ހާދިސާއެއްގައި ދުމާ އެކު ތަނުގައި އޮކްސިޖަން ވަރަށް ބޮޑަށް ދަށްވެގެންދެ އެވެ. ހޭނެތުމާ ހަމައަށް ކަންކަން ގޯސްވުމުގެ ކުރިން، ވާނުވާ އެނގޭ މިންވަރު ދަށަށް ދިޔުމާއި ހާސްވުމަކީ އޮކްސިޖަން ލިބެން ހުރި މިންވަރު ދަށްވުމުން ކުރިމަތިވާ ކަންކަމެވެ. އެ ކަންކަމާ ކުރިމަތިލަމުންދާއިރު، ބޯ ދުމުގެ ތެރެއިން ސިޑިއާ ހަމައަށް ދެވުނު ނަމަވެސް، އެ ސިޑީގައި ރޯވެފައި ހުރި ނަމަ، އެކަމުގެ ތަޖުރިބާ އާއި ތަމްރީނު ނެތް މީހަކަށް ޖެހެވޭނީ އެ އަލިފާނާ ދުރަށްކަން އާދިލް ފާހަގަކުރެއްވި އެވެ.
"އޮކްސިޖަން ފަށަލަ ދަށްވީމަ ދެން ނުއެއް އުޅެވޭނެ. އޭނައަށް އެތަނުން ނުކުމެވޭނެ ގޮތެއް ނެތިއްޖެއްޔާ ދެން ހޭނެތިގެން ވެއްޓިފައި އޮއްވާ ގައިގައި އަލިފާންގަނޑު އައިސް މި ހިފަނީ... އެހެން ނޫން ނަމަ، އަލިފާންގަނޑުގެ ތެރެއިން ވެސް އެ މީހަކު ދާނެ،" އާދިލް ވިދާޅުވި އެވެ.
"[އެފަދަ ތަނެއްގައި] ހާސްވާނެ، ބިރު ވެސް ގަންނާނެ. ނުކުތް ބައެއް މީހުން ވެސް ވަނީނު؟ އެހެންވީމަ ނެތެއްނު އެވެއާނަސްއެއް ވެސް."
އެނދި ގެއިން ފެނުނީ މާލޭގެ އާންމު ހާލަތު
ނިރުފެހި ހުރި ގޮތަކީ މާލޭގައި އާ ކަމެއް ނޫނެވެ. ކޮންމެ ބަޔަކަށް ވެސް ވަދެ ނުކުމެ ހަދަން ހުރީ އެންމެ ދޮރެކެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތެވެ. ތަނާ އެކަށީގެންނުވާ ވަރަށް މީހުން ދިރިއުޅެ އެވެ. އަލިފާން ނިއްވާލާނެ ފުޅިގަނޑެއްހާ ހިސާބު ވެސް އެ ތަނުގައި ނެތެވެ. އެކަން ކުރަން އެނގޭ މީހަކު ހުރި ހެނެއް ވެސް ހިޔެއް ނުވެ އެވެ.
އާދިލް ވެސް ފާހަގަކުރެއްވީ ނިޒާމުގައި ހުރި މައްސަލަތަކާއި ހޭލުންތެރިކަން ކުޑަކަމެވެ. އެކަށީގެންވާ ހަރުދަނާ ގަވާއިދުތައް ނެތުމެވެ. ހުރި ގަވާއިދުތަކަށް އަމަލު ނުކުރުމާއި ތަންފީޒު ނުކުރުމެވެ. އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތައް ލިބެމުންދާ އިރު، ހޭލުންތެރިކުރުމުގެ މަސައްކަތްތައް މަދުކަމެވެ.
ނިރުފެހި ހުރި ގޮތާ ދާދި އެއްގޮތަށް ހުރި ގެތައް މާލޭގައި މަދެއް ނޫނެވެ. ޖާގަ ނެތް ތަނެއްގައި އެތައް ހާސް ބަޔަކު ތޮއްޖެހިގެން ދިރިއުޅޭ ގިނަ ބޯހިޔާތައް ހުރީ މި ގޮތަށެވެ.
"މި ހާދިސާއިން ވެސް މި އެނގުނީ ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ގިނަކަން،" ނިރުފެހިގޭގައި އަލިފާން ރޯވި ރެއަށް ފަހު ހެނދުނު އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ދެއްކެވި ވާހަކައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. "ފުރަތަމަ ތޮއްޖެހުމުގެ މައްސަލަ. ދެން ގަރާޖުތައް މީހުން ދިރިއުޅޭ ހިސާބާ ދުރަށް ގެންދިއުން. އަޅުގަނޑު ގަބޫލުކުރަން އެކަން މިހާރު ވެސް ލަސްވެއްޖެ ކަމަށް. އެކަމަކު، އެ މަސައްކަތްކޮށް، ގަރާޖުތައް މީހުން އުޅޭ ސަރަހައްދުތަކާ ދުރަށް ގެންދާނެ."
މީހުން ދިރިއުޅޭ ހިސާބާ ދުރަށް ގަރާޖުތައް ގެންދިޔުން ލަސްވެއްޖެ ކަމަށް ރައީސް ވިދާޅުވިއިރު، އެކަމަށް ހާއްސަކޮށް ކުރީގެ ސަރުކާރުން މާލޭގައި ބިމެއް ހިއްކާފައި އެބައޮތެވެ. ނަމަވެސް ވެރިކަން ބަދަލުވުމުން ސިޔާސަތު ބަދަލުވެ، މި ސަރުކާރުގެ ނިންމުމަކީ އަދި ބްރިޖަކުން ގުޅާލެވިފައި ނުވާ ތިލަފުއްޓަށާއި ގުޅިފަޅަށް ގަރާޖު، ވޯކްޝޮޕް އަދި ވަޑާންގެ ފަދަ ތަންތަން ބަދަލު ކުރުމެވެ. ނިރުފެހި ގޭގައި ރޯވި ހާދިސާއަށް ފަހު ރައީސް ސޯލިހު ވަނީ އެ ޔަގީންކަން ދެއްވައިފަ އެވެ.
އެކަން ކުރާނެ މުއްދަތެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.
-
އިތުރަށް ކިޔާލަން - ގަވާއިދާ ހިލާފު ގަރާޖު ނުހުއްޓުވުމުގެ ޒިންމާ ނަގަނީ ކާކު؟
ނިރުފެހި ގޭގެ އަލިފާން ކޮންޓްރޯލް ކުރުމަށް ފަހު، ބަލަބަލާ ތިއްބައި، އެތަނުން ފުލުފުލުން ނެރުނީ ނުވަ މީހެއްގެ ފުރާނަ ނެތް ހަށިގަނޑެވެ. ދިރިތިއްބާ ފެނުނު ދެ މީހެއްގެ ތެރެއިން އެކަކު ވެސް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. އަނެއް މީހާގެ ހާލު 10 ދުވަސް ފަހުން ވަނީ، އައިސީޔޫ އިން ނެރެވޭ ވަރަށް ރަނގަޅުވެފަ އެވެ.
ތިން ފަރާތުން ފިތިބާރުވެފައި ހުރި އިމާރާތެކެވެ. ރަނގަޅަށް ވައި ދައުރުވާނެ ގޮތެއް ނެތެވެ. ސަލާމަތްވެވެން އޮތް ހަމައެކަނި މަގު އަލިފާނުން ބަންދުވީ އެވެ. ބައިބޯކޮށް މީހުން ދިރިއުޅެމުންދިޔަ ކޮޓަރިތަކުގެ ތިރީގައި، އެ ތަނުގައި ހުރުން ރައްކާތެރި ނޫން ގަރާޖެކެވެ. ތަން ހިންގީ ހުއްދަ ނެތި އެވެ.
ކޮމެންޓް (8)
ހޫސިސް
ނަފާ_22
ާަލައޮނު
ސަރަގު
ޞިކެޗް
އާޔޫރްވެދިކް ނަވްރަތްނަތޭލް
އިބްރޭ
އަންމަޑޭ