މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ނިރުފެހިގޭގައި ހުރި ގަރާޖެއްގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފަޔަ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ނިރުފެހި ސާފުކުރަނިކޮށް މީހެއްގެ ފައިތިލަ ފެނިއްޖެ
މިދިޔަ ހަފްތާގައި 10 މީހަކު މަރުވި އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ސާފުކުރަމުން ދަނިކޮށް މީހެއްގެ ފައިތިލަ ފެނިއްޖެ އެވެ.
ތަފްސީލް - އެ ގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލަ ފެނިފައިވާކަން ފުލުހުން ކަށަވަރުކޮށްދިނެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.
އަލިފާނުގައި ވަރަށް ބޮޑަށް އަނދާފައިވާ އިމާރާތް ސާފުކޮށް ތަޅާލުމުގެ މަސައްކަތް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަން ކުރަނީ ޕްލޭނިން މިނިސްޓްރީންނެވެ.
އެނގުން މުހިއްމު - ފުލުހުން އިއްޔެ ބުނިގޮތުގައި އެ ގެ ސާފުކުރަމުންދަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އަދި ސާފުކުރެވޭ ވަރަކަށް، ތަހުގީގަށް އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފެށުން - އިސްކަންދަރު މަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުގައި ހުންނަ އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގީ އިމާރާތުގެ ތިރީގައި ގަވާއިދާ ހިލާފަށް ހިންގަމުން ގެންދިޔަ ގަރާޖެއްގައި ކުއްލިއަކަށް ރޯވެގެންނެވެ. އެ ހާދިސާގައި މަރުވީ ރާއްޖޭގައި މަސައްކަތްކުރާ 10 ބިދޭސީއެކެވެ. ގަރާޖުގެ މަތީގައި ޑެކު އަޅައި ދެ ފަންގިފިލައެއްގައި ލަކުޑިން ހަދާފައިވާ 12 ކޮޓަރީގައި މުޅިން ވެސް ދިރިއުޅުނީ ބިދޭސީންނެވެ.
އެ ހާދިސާގައި މަރުވެފައިވަނީ:
-
އިންޑިއާގެ އަށް މީހެއް - ފަސް ފިރިހެނުންނާއި ތިން އަންހެނުން
-
ބަންގްލަދޭޝްގެ ދެ މީހެއް - އަންހެނަކާއި ފިރިހެނެއް
އެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު މީހަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށް އިއްޔެ އެ ހޮސްޕިޓަލުގެ ތަރުޖަމާނު 'ދައުރު'އަށް ވަނީ ވިދާޅުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން 18 ދިވެއްސަކާއި 15 ބިދޭސީއަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ސީދާ ބުނެވެން ކަމަށެވެ.
ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި މަރުވެފައިވާ މީހުންގެ ތެރެއިން އެ އާއިލާއަކުން ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އިއްޔެއާ ހަމައަށް ތިން މީހެއްގެ ހަށިގަނޑު ވަނީ އެ މީހުންގެ ގައުމަށް ފޮނުވާލާފަ އެވެ.