މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ. (ދައުރު ފޮޓޯ/އިބްރާހިމް ރިޒާ)
ފިހިގެން ވެންޓިލޭޓަރުގައި އޮތް މީހާގެ ހާލު ރަނގަޅެއް ނުވޭ
މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލު އެއްވެސް ވަރަކަށް ރަނގަޅު ނުވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައިޖީއެމްއެޗުގެ ތަރުޖަމާނު ހައްވާ އަފީފާ 'ދައުރު'އަށް ވިދާޅުވީ އައިސީޔޫގައި އޮތް އެ މީހާގެ ހާލަތު އަދިވެސް ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ފަރުވާދެމުން އަންނަ ބިދޭސީ ފިރިހެން މީހާ އަކީ މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ހަމައެކަނި މީހާ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ ކާކުކަން ވަކި ނުކުރެވޭ ވަރަށް ފިހިފަ އެވެ.
މިހާތަނަށް އެ މީހާގެ އެއްވެސް މައުލޫމާތެއް އަދި އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް ކަމާ ބެހޭ ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އެނގުން މުހިއްމު - އިސްކަންދަރު މަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުގައި ހުންނަ މ. ނިރުފެހިގޭގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި އެ ތަނުގައި ދިރިއުޅެމުން ދިޔަ 10 ބިދޭސީން ވަނީ މަރުވެފަ އެވެ. އެއީ:
-
އިންޑިއާގެ އަށް މީހުން - ފަސް ފިރިހެނުން އަދި ތިން އަންހެނުން
-
ބަންގްލަދޭޝްގެ ދެ މީހުން - އަންހެނަކާއި ފިރިހެނެއް
މަރުވެފައިވާ މީހުންގެ ތެރެއިން އެ އާއިލާއަކުން ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު ފޮނުވާލުމަށް ކުރަން ޖެހޭ ފުލުހުން ދަނީ ކުރަމުންނެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މިހާރު ތިން މީހުންގެ ހަށިގަނޑު ވަނީ އެ މީހުންގެ ގައުމަށް ފޮނުވާލާފަ އެވެ.
ގުޅުން ހުރި ކަމެއް - މި ހާދިސާއާ ގުޅިގެން 18 ދިވެއްސަކާއި 15 ބިދޭސީއަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. އެ އިދާރާ އިން އިއްޔެ ބުނީ، އެ މީހުންނަށް މިހާތަނަށް 135،000ރ.އަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވާން ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައި ނުވާއިރު، ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރަށް ވަނީ ތާވަލްކޮށްފަ އެވެ.