އެއްބަސްވެ ދެބަސްވަމާ: ހަނގުރާމައާއެކު މި ކުރިމަތިވަނީ ހީނުކުރާވަރުގެ ތޫފާނެއް؛ ތައްޔާރުތަ؟

ތެޔޮ އެތެރެކުރަން މިދިޔަ އަހަރު 709 މިލިއަން ޑޮލަރު ހަރަދުކުރި އިރު އެއީ ގާތްގަނޑަކަށް މަހަކު 60 މިލިއަން ޑޮލަރު؛ މިހާރު ތެލުގެ އަގު އުފެލެމުންދާ ނިސްބަތަށް ބަލާއިރު މި އަހަރު 1 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހިއްޖެއްޔާ ރާއްޖޭގެ އިގުތިސޯދަށް ބޮޑެތި ލޮޅުންތަކެއް އައުމުގެ ބިރު އެބަ އޮތް

ހަނދާނަށް އަންނަނީ ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ދުވަސްވަރެވެ. މީގެ ހައެއްކަ އަހަރު ކުރިން ކުރިމަތިވި އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެ ބަންދުވި އެވެ. ދުނިޔެ އިގުތިސާދީ ތަދުމަޑުކަމެއްގެ ތެރެއަށް ދިޔަ އެވެ. އޭގެ އަސަރު ރާއްޖެއަށް ވެސް ކުރި އެވެ. ވަޒީފާތައް ގެއްލި، އާއިލާތަކުގެ އަތްމަތިދަތިވި އެވެ. ކާތަކެތި އެތެރެކުރުމުގައި ދަތިތަކެއް އުޅުނެވެ.

ރާއްޖެއަކީ ހުރިހާ އެއްޗެއް ވެސް އެތެރެކުރާ ނުވަތަ އިމްޕޯޓް ކުރާ ގައުމެކެވެ. ކެއިންބުއިމަށް ބޭނުންކުރާ އެންމެ އާންމު ތަކެތި ވެސް ގެންނަން ޖެހެނީ ބޭރުންނެވެ. ހަނޑޫ، ހަކުރު، ފުއް، ފިޔާ، އަލުވި މިހެން ގޮސް ހުރިހާ އެއްޗެއް ވެސް އިމްޕޯޓް ކުރަނީ އެވެ. ނަމަވެސް ކޮވިޑްގެ ތެރޭގައި ސަރުކާރުން އިވުނު އެއް ވާހަކައަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސައްކަތްތަކެއް ކުރާނެ ކަމެވެ.

އެހެން ނަމަވެސް ކޮވިޑުން ދުނިޔެ އަރައިގަނެ، މިވީހާ ދުވަހު ވެސް އެ ކަމަށް އެކަށޭނަ މަސައްކަތްތަކެއް އެ ސަރުކާރުގައި ވެސް އަދި މިހާރު ހިނގަމުންދާ ސަރުކާރުގައި ނުފެނެ އެވެ. ތަޖުރިބާކާރުން އަބަދުވެސް އިންޒާރު ދެމުން ދިޔައީ، ހަނގުރާމައެއްގެ ވިލާގަނޑުގައި ދިވެހިން ކައިބޮއި އުޅެވޭ ވަރަށް ތައްޔާރުވެގެން ތިބެން ޖެހޭނެ ކަމެވެ.

އަބަދުވެސް ހަނގުރާމަވެރި ހާލަތެއްގައި އޮންނަ މެދުއިރުމަތިން މިދިޔަ ހަފުތާގައި ފެނިގެން ދިޔައީ އަދި މި ފަހުގެ ތާރީހެއްގައި ކުރިން ނުދެކޭ ވަރުގެ ކަންތައްގަނޑެކެވެ. އިޒްރޭލާ ގުޅިގެން އެމެރިކާއިން އިރާނަށް ދިން ހަމަލާތަކުގައި އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމުން އިރާނުން ދަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ.

ހަނގުރާމަ ހަފުތާއަކަށް ދެމިގެން ދިޔައިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެ އެވެ. ތެލުގެ ސަޕްލައި މި އަންނަނީ މެދުއިރުމަތިންނެވެ. ޔޫރަޕާއި ހުޅަނގުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރަނީ މެދުއިރުމަތީގެ ގައުމުތަކުގައި މަޑުކޮށްފައި އެ މަގުންނެވެ. އެއީ ރާއްޖެ އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް %35 އެވެ.

މި ހަނގުރާމައާ އެކީ މިހާރު ވެސް އޭގެ އެނގުން ރާއްޖޭގެ އިގުތިސާދަށް ވާން ފަށައިފި އެވެ.

'ދައުރު'ން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓް ވެސް މި ފަހަރު ހާއްސަކުރީ މި މައުލޫއަށެވެ. މައުލޫއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ބައިވެރިވެވަޑައިގެންނެވި މެހެމާނަކީ ކުރީގެ އިކޮނޮމިކް މިިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) އެވެ.

'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (ކ) އާއި 'ދައުރު'ގެ ތަޖުރިބާކާރު ދެ އެޑިޓަރުން، އަހުމަދު ޒާހިރު އާއި އަހުމަދު ނާއިފް -

ތެލަށް ބަރޯސާވާ ގައުމެއް، ގޮންޖެހުން ބޮޑުވާނެ

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު 80 ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ. މީގެ ކުރިން އެއީ 70 އެއްހާ ޑޮލަރު ހިސާބުގައި ހުރި އެއްޗެކެވެ. ދިވެހި އިގުތިސާދު ވެސް ބަރޯސާވާނީ ތެލަށެވެ. އެއީ އިގްތިސާދެއް ހިނގާ ހަކަތަ އެވެ.

އަހުމަދު ވެސް ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުން، މުދާ އުފުލުމުގެ އަގު ބޮޑުވެ ފެރީތަކާއި ޓެކްސީ ކުރުމުގެ އަގު ބޮޑުވާނެ ކަމަށެވެ. ކަރަންޓުގެ އަގު ވެސް ބޮޑުވެގެންދާނެ އެވެ. ނަތީޖާއަކީ ތެލުގެ އަގު ބޮޑުވާ ނިސްބަތަކުން ވިޔަފާރިވެރިން ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑު ކުރަމުން ދާނެ ކަމެވެ.

"ތެޔޮ ލިބުން ދަތިވެއްޖެއްޔާ ހަމައެކަނި ތެޔޮ އިމްޕޯޓްކުރުމުގެ އަގެއް ނޫން މި ބޮޑު ވަނީ. ތެޔޮ ބޭނުންކޮށްގެން މުދާ ވެސް މި އުފުލަނީ. އެހެންވުމުން މުދާ އުފުލުމުގެ އަގު އެބަ ބޮޑުވޭ. މުދާ އުފެއްދުމުގެ އަގު އެބަ ބޮޑުވޭ. ލޮޖިސްޓިކްސް ހަރަދު އެބަ ބޮޑުވެގެން އެބަދޭ. ރާއްޖޭގެ އެއް ތަނުން އަނެއް ދަތުރުކުރުމާއި، ކަރަންޓުގެ ހަރަދު ބޮޑުވެގެން އަބެދޭ،" އަހުމަދު ވިދާޅުވި އެވެ.

އިމްޕޯޓް ތަފާސްހިސާބުތަކަށް ހަވާލާދެއްވައި އަހުމަދު ވިދާޅުވީ އިމްޕޯޓްގެ ދެބައިކުޅައެއްބައި ހަރަދުކުރަނީ ވެސް ތެލަށާއި ކާބޯތަކެއްޗަށް ކަމަށެވެ. އެގޮތުން:

  • ތެޔޮ އެތެރެކުރަން މިދިޔަ އަހަރު 709 މިލިއަން ޑޮލަރު ހަރަދުކުރި؛ އެއީ ގާތްގަނޑަކަށް މަހަކު 60 މިލިއަން ޑޮލަރު

  •  ކާބޯތަކެތި އެތެރެކުރަން މިދިޔަ އަހަރު 790 މިލިއަން ޑޮލަރު ހަރަދުކުރި؛ އެއީ ގާތްގަނޑަކަށް މަހަކު 65 މިލިއަން ޑޮލަރު

އަހުމަދު ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ގޮސް ތެލުގެ އަގު ތިރިނުވެއްޖެ ނަމަ މި އަހަރު ތެޔޮ އެތެރެކުރުމުގެ ހަރަދު ގާތްގަނޑަކަށް މަހަކު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާއަށް ލަފާކުރެއްވެ އެވެ. އެއީ ގާތްގަނޑަކަށް އަހަރަކު އެއް ބިލިއަން ޑޮލަރެވެ. ކުރިން ކުރި ހަރަދަށް ވުރެ %30 އިތުރުވުމެކެވެ.

ތެލުގެ އަގު ސަބަބުން ހަރަދު ބޮޑުވެގެންދާ ހާލަތުގައި، އާމްދަނީ ހޯދެން އޮތް މަގު ފެންނަނީ ބަންދުވާ ތަނެވެ. މެދުއިރުމަތީގެ ފްލައިޓްތައް ކެންސަލްވެ، އެ ސަރަހައްދު ބަންދުވެގެން ދިއުމުގެ ސަބަބުން މިހާރު ވެސް ޓޫރިސްޓުން އަންނަ އަދަދު ބޮޑުތަނުން ދަށްވެއްޖެ އެވެ. މި ހަނގުރާމަ ކަންބޮޑުވާ ކަމަކަށް ވަނީ އެހެންވެގެން ކަން އަހުމަދު ވެސް ފާހަގަކުރެއްވި އެވެ.

މި ވަގުތު އެމިރެޓްސް އާއި ފުލައިދޫބާއީ ފަދަ މަދު އެއާލައިންތަކަކުން މަދުމަދުން ދަތުރުތައް ވަނީ ފަށައިފަ އެވެ. އެކަމަކު، އަދިވެސް އާންމު ހާލަތަކަށް އާދެވޭނޭ ދުވަހެއް ނޭނގެ އެވެ. 

ދަރަނި އޮތަތީ މާލީ ސިޔާސަތު ހަރުދަނާކުރަން ޖެހޭ

ހަނގުރާމައިގެ މި ވިލާގަނޑުގައި ރާއްޖެއަށް އޭގެ އަސަރު ބޮޑުވެގެންދާ އަނެއް ސަބަބަކީ މި އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހިފައި އޮތުމެވެ. އެއްފަހަރާ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ސުކޫކެވެ. އެ އަދަދު އަންނަ އޭޕްރީލް މަހު ރާއްޖޭން ދައްކަން ޖެހެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެ ދަރަނި ދައްކަން އިތުރު ލޯނެއް ނުލިބުނަސް ނުވަތަ ރީފައިނޭންސް ނުކުރި ނަމަވެސް ދަރަނި ދެއްކެން އެބަ އޮތް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޒާވްގައި މި ވަގުތު 650 ޑޮލަރު ވަނީ ރައްކާކުރެވިފަ އެވެ. އެއީ:

  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި - 320 މިލިއަން ޑޮލަރު 

  • ބޭނުންކުރެވޭ ރިޒާވްގައި - 330 މިލިއަން ޑޮލަރު އެބަހުރި 

ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުުން އަހުމަދު ވިދާޅުވީ އަދާހަމައަށް ތަފާސްހިސާބު ލިބޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި އެހެން ނަމަވެސް އެންމެ ފަހުން ފެންނަން ހުރި ހިސާބުތަކާ އެއާ ފުށުއެރުމެއް ވެސް އެބަ އުޅޭ ކަމަށެވެ.

މިދިޔަ އަހަރު ނިމުނުއިރު އެސްޑީއެފްގައި ހުރީ ބޭނުންކުރެވޭނެ ގޮތަށް 172 މިލިއަން ޑޮލަރެވެ. މިދިޔަ ފެބްރުއަރީ މަހާ ހަމައަށް އިތުރުވީ އެންމެ 18 މިލިއަން ޑޮލަރެވެ. ފެބްރުއަރީ މަހާ ހަމައަށް ހުރީ 190 މިލިއަން ޑޮލަރެވެ. އެންމެ މަހެއް ތެރޭ 300 މިލިއަން ޑޮލަރު އެއްކުރެވުނުތޯ އަހުމަދު ސުވާލު އުފެއްދެވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީތީ އެ ވާހަކަ ގަބޫލުކުރި ނަމަވެސް އަހުމަދު ވިދާޅުވީ ރީފައިނޭންސް ނުކޮށް ރިޒާވްގައި ހުރި ފައިސާ އާއި އެސްޑީއެފްގައި ހުރި ފައިސާއަކުން ސްކޫކް އެއްކޮށް ދައްކައިފި ނަމަ، ރާއްޖޭގެ ޔޫސެބަލް ރިޒާވް އެއްކޮށް ހުސްވެގެން ދާނެ ކަމަށެވެ. ޔޫސެބަލް ރިޒާވްގައި މި ވަގުތު ހުރި ވަރަކީ ރާއްޖޭން އެއް މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ އަދަދެވެ. 

"ޔޫސަބަލް ރިޒާވްގައި މި ހުރީ މަހެއްގެ އިމްޕޯޓް. ޔޫސަބަލް ރިޒާވް އެއްކޮށް ހުސްކޮށްލާ ވާހަކަ މި ދައްކަނީ،" އަހުމަދު ވިދާޅުވި އެވެ.

މި ވަގުތު އިގުތިސާދީ ހަރަކާތްތައް އިތުރުވާނެ ސިޔާސަތުތައް އަދި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހިންގަން ޖެހޭ ކަމަށް އަހުމަދު ވިދާޅުވި އެވެ. އިމްޕޯޓް ވެސް މަދުކުރެވިދާނެ ގޮތްތަކެއް ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަނގުރާމަ ހިނގައިދާނެ ކިތަންމެ ދުވަހަކަށް. އިންޝުއަރެންސް ކުންފުނިތަކުން ބޯޓުތައް އިންޝުއާ ނުކުރާތީ ވެސް ބޯޓުތަކުން މުދާ އުފުލައިގެން ދަތުރުކޮށްނުދޭނެ. ޔޫސެބަލް ރިޒާވް ހުސްކުރީމަ ހަދާނެ ގޮތް ސަރުކާރުން ކިޔައިދޭން ޖެހޭނެ،" އަހުމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިޔާސީ ވަޒީފާތައް މަދުކުރުމާއި މުސާރަތައް ކުޑަކުރަން ޖެހޭ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. ޑަބަލް ޕެންޝަންގެ މައްސަލަ އާއި، ސަބްސިޑީ ވެސް ޓާގެޓްކުރުން އަދި ކޮންމެހެން ކުރަން ޖެހޭ ބޭރުގެ ދަތުރުތައް ކުރާ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއީ ސަރުކާރުން ކުރަން އިއުލާންކުރި ކަންކަމަށް ވިޔަސް އެ ކަންކަމަށް ސަރުކާރުން އަމަލީ ސިފަ ނުގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އޮތް ކަންބޮޑުވުމެވެ. 

ކޮސްމެޓިކް ޕްރޮޖެކްޓްތަކަށް ވުރެ ކާތަކެތި މާ މުހިންމު

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖޭގައި އިގުތިސާދީ މަސައްކަތްތައް ކުރާނެ މީހުން މިހާރު ވެސް ގިނަ ކަމަށެވެ. ކިރިޔާ ވެސް ތަކެތި ވިއްކޭނެ މާކެޓެއް އޮތް ނަމަ ދަނޑުވެރިކަންކުރާ ކަން ވެސް އަހުމަދު ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ހދ. ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރެވެ.

"ދަނޑުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރޭ ހދ. އަތޮޅުގެ ރަށްރަށުގައި ވެސް. އެ މީހުން ހަމަ އެކި ތަކެތި ހައްދައިގެން ކުޅުދުއްފުއްޓަށް ގެނެސް އެ ތަކެތި ގެނެސް ވިއްކާލައިގެން އެބަ ދޭ،" އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް ދިމާވާ ކަމަކީ ސަރުކާރުގެ ސިޔާސަތެއްގެ ތެރެއިން ދަނޑުވެރިންނަށް މާކެޓެއް ހޯދައިނުދެވުން ކަމަށް އަހުމަދު ވިދާޅުވި އެވެ. ރާއްޖޭގެ ރިސޯޓުތަކަށް ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ ގޮތަކަށް ސަރުކާރުން ބަލްކްކޮށް އެ ތަކެތި ގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވަކި ބާވަތްތަކުގެ ތަކެތި ހައްދަން ޝަރުތުކޮށް ރަށްރަށް ދޫކޮށް، މިނިސްޓްރީން ގަވައިދުން އެ މަސައްކަތް ހިނގަމުންދޭތޯ ބަލަން ވެސް ޖެހޭ ކަމަށް އަހުމަދު ވިދާޅުވި އެވެ. ނުހައްދަންޏާ ރަށް އަތުލާފައި ހައްދާނެ ބަޔަކަށް ރަށް ދީގެން މި ކަން ކުރުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އޭރަށް މަހާއި ކާއްޓާ ކާލައިގެން ވެސް އަޅުގަނޑުމެންނަށް ތިބެވޭނެތާ. ބޭރުން އަދި ނޫޑްލްސް އެތެރެނުކުރެވުނަސް. ސަރުކާރެއްގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުން ބަނޑަށް ނުޖެހި ތިބިކަން ކަށަވަރުކޮށްދިނުން،" އަހުމަދު ވިދާޅުވި އެވެ.

[ނަމަވެސް މިނިސްޓްރީތަކުން މި ގޮތަށް ކަންކަން ރެގިއުލޭޓްކޮށް ގައުމަށް މަންފާވާނެ ސިޔާސަތުތައް ތަންފީޒުކުރާ ތަނަކަށް ވުރެ ބޮޑަށް ފެންނަނީ 'ކޮސްމެޓިކް ޕްރޮޖެކްޓްތައް' ތަންފީޒުކުރަން އޮންނަ ތަނެއްގެ ގޮތުގައި ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މިނިސްޓްރީތައް ވާންވީ ރެގިއުލޭޓްކުރާ ބަޔަކަށް. ޕްރޮޖެކްޓް އިމްޕްލެމެންޓް ކުރާ ބަޔަކަށް ނޫން. އެކަމަށް އެހެން މެކޭނިޒަމްއެއް ހޯދަން ޖެހޭނީ،" އަހުމަދު ވިދާޅުވި އެވެ.

ސަރުކާރުން ބޮޑަށް އިސްކަން ދެނީ ޓަނަލް އެޅުމާއި، ބްރިޖް އެޅުމާއި، އެއާޕޯޓްތަކާއި އެކި ކުޅިވަރު މައިޒާންތަކުގެ އިމާރާތްތައް އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ކަންކަން ކުރެވެން އޮތް ވަރަކަށް ކުރަމުން ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތަކަށް އިސްކަން ދޭން ޖެހޭ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ކޮމެންޓް (2)

މަބުނީ

6 މާރިޗު 2026
އެއާރޕޯޓާ ކުޅިވަރުމައިޒާންތަކާ އެއީ ރައްޔިތުންގެ ޑިމާންޑް. ރައްޔިތުން ނޫޅެ ތެލުގެރިޒާވާ ކާބޯތަކެތީގެ ގޮތެއް ހޯދާކަށް. ސަރުކާރުން ހުރިހާކަމެއް ހިލޭކޮށްދީފަ ކާޑާއި ބިލްތަކަށް ސަބުސިޑީދޭނެ. މައުމޫނު ވެރިކަމުގަ 2008 ގަ ފީފާއެއް 150ޑޮލަރަށްއެރިއިރުވެސް ސާފުޗެމްޕިއަންތަށި ލިބިގެން ބުރުޖެހުމުގަ ދިވެހިންއުޅުނީ. މައުމޫނަށްފަހު ރައްޔިިތުން ހިލޭއުޅެން ބޭނުންވަންޏާ ބަނޑަށްވެސް ޖެހޭނެ.
2 0

ކޮޅުވެއްޓި

6 މާރިޗު 2026
މުއިއްޒު ނޫންގޮތެއް ގެންނަންވީ. ރައްޔިތުން ނިންމަންވީ ދުނިޔޭގެ ހާލަތު އޮތްގޮތުން ނަގަން އުޅޭ ވޯޓުގެ ސުރުހީ ބަދަލުކޮށްލަން. ކައުންސިލް އިންތިޚާބު ކަރުދާސްކޮޅުގެ ތިރީގައި ލިޔަންވީ .5 އަހަރު ނިމެންދެން މުއިއްޒު ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ؟ މިވޯޓަށް އިތުރަށް ކަރުދާހެއް ވަޤުތެއް، މީހުންނެއް ބޭނުމެއްނުވާނެ...
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް