2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރިޔާސީ ބަޔާން 2026

ސްކޫކް ދައްކަން ލޯނު ނަގާނީ %9އަށް ވުރެ ދަށް އިންޓަރެސްޓުގައި: ރައީސް

ސްކޫކްގެ 150 މިލިއަން ޑޮލަރު ދައްކަން ރާވާފައި ވަނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން، އަނެއް ބައި ދައްކަނީ އިތުރު ލޯނެއް ނަގައިގެން
5 ފެބްރުއަރީ 2026

މިއަހަރު ރާއްޖެއިން އެއް ފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި، 500 މިލިއަން ޑޮލަރުގެ ސްކޫކް އަނބުރާ ދައްކަން ނަގާ ލޯން ނަގާނީ %9އަށް ވުރެ ބޮޑު ނުވާނެ އިންޓަރެސްޓެއްގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެނގުން މުހިންމު - ސްކޫކް ދެއްކުމަށް ކާގިލް ފައިނޭންޝަލްސްއިން ލޯނެއް ނަގަން ސަރުކާރުން މަޝްވަރާކުރަނީ %15 އިންޓަރެސްޓްގައިކަން މީގެ ކުރިން ވަނީ ހާމަވެފަ އެވެ. 

ތަފްސީލް - މިއަދު ރައްޔިތުން މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ދެއްވި ޔަގީންކަމަކީ މިދިޔަ ސަރުކާރުތަކުން އަމަލުކޮށްފައިވާ ޒިންމާދާރުކަން ކުޑަގޮތަށް މި ސަރުކާރުން އަމަލުނުކުރާނެ ކަމެވެ. މި ސަރުކާރުން ދަރަނި ނަގާނީ ދެމެހެއްޓެނިވި އަދި މާލީ ބުރަ ކުޑަވާނޭ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކަން ރާވާފައިވާ ގޮތް ރައީސް ވިދާޅުވެދެއްވި އެވެ. އެގޮތުން ވިދާޅުވީ: 

  • މިއަހަރު އެޕްރީލް މަހު ދައްކަން ޖެހޭ ސްކޫކްގެ 150 މިލިއަން ޑޮލަރު ދައްކަން ރާވާފައި ވަނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން

  • ބާކީ 350 މިލިއަން ޑޮލަރު ރީފައިނޭންސް ކުރުން ނުވަތަ އިތުރު ދަރަންޏެއް ނަގައިގެން ފައިސާ ދެއްކުމަށް ވަނީ ރާވާފައި 

"އަދާހަމައަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓަރެސްޓް ރޭޓް ވޭތުވެ ދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަ ގޮތާ ހިލާފަށް %9 އަށް ވުރެ ބޮޑު ނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަދި މަޖިލީހުގެ މެންބަރުންނަށް ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.   

އެސްޑީއެފް 275 މިލިއަން ޑޮލަރަށް އިތުރުކޮށްފިން

ކުރީ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ބޭނުން ކުރެވޭ ގޮތަށް ހުރީ 2 މިލިއަން ޑޮލަރު ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިސަރުކާރުން މިހާރު އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކޮށް އެ ފަންޑުގައި ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ އަދަދު 275 މިލިއަން ޑޮލަރަށް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.  

"މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ފާއިތުވެ ދިޔަ ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބިޔަ ބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް އެކަމަށް ތަސައްލީއެއް ހޯދައި މާލީ ގޮތުން އަދަށް ވުރެ ފަހި ފާގަތި މުސްތަގުބަލެއް ހޯދައިދޭން،" ރައީސް ވިދާޅުވި އެވެ. 

ރިޒާވް 1.3 ބިލިއަން ޑޮލަރަށް އަރައިފި

މި ސަރުކާރު ފެށުނީއްސުރެ ސްކޫކް ދެއްކުމަށް އަންނަނީ ފަރުވާތެރިކަމާ އެކު ތައްޔާރުވަމުންކަން ރައީސް ވިދާޅުވި އެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ ޑޮލަރު މާރުކުރުން މަޖުބޫރުކުރުވުން ކަމަށް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން:

  • މިދިޔަ ޑިސެމްބަރާ ހަމައަށް 492 މިލިއަން ޑޮލަރު އެމްއެމްއޭއަށް މާރުކޮށްފައިވޭ 

  • އެހެންވެ ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑް އަދަދަކަށް އިތުރުވެ 1.3 ބިލިއަން ޑޮލަރަށް ވަނީ އަރާފައި 

މީގެ އިތުރަށް ރައީސް ވިދާޅުވީ ޓެކްސް އާމްދަނީގެ އިތުރުން ބަޖެޓަށް 100 މިލިއަން ޑޮލަރު ކަށަވަރުވެފައިވާ ކަމަށާއި ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެ ފައިސާ ޖަމާވާނޭ ކަމަށެވެ. އަދި އިތުރު 150 މިލިއަން ޑޮލަރު ރާއްޖެއިން ބޭރު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް