ރައީސް މުހައްމަދު މުއިއްަޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ސްކޫކް ދައްކަން 650 މިލިއަން ޑޮލަރު އެއްކޮށްފިން؛ މިއަދުވެސް ދެއްކޭނެ: ރައީސް

ރައީސް ވިދާޅުވީ ރާއްޖޭގެ ޖުމްލަ ރިޒާވް 1.27 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި މިއީ ރެކޯޑެއް ކަމަށް

ރާއްޖެއިން މިއަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ބޭރުގެ ދަރަނި 500 މިލިއަން ޑޮލަރުގެ ސްކޫކް ވަގުތުން ވަގުތަށް ދައްކަން ޖެހިއްޖެ ނަމަވެސްއެ ފައިސާ ރާއްޖެއަށް މިއަދު ވެސް ދެއްކޭނޭ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްުޒު މިއަދު ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - ރައީސްގެ ރިޔާސީ ބަޔާނުގައި ވައުދުވީ ގޮތަށް މިއަދު ރައީސް އޮފީހުގައި އެމަނިކުފާނު މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ 8 އެޕްރީލް ވަނަ ދުވަހު ރާއްޖެއިން ސްކޫކަށް ދައްކަން ޖެހޭ ފައިސާ އެކީ ދައްކާ ހަލާސްކުރާނޭ ކަމަށެވެ. 

"އެ ތާރީހުގައި ފައިސާ ދައްކަން ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރު. އެހެންވީމާ، 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާފައި 150 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހުންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

8 އެޕްރީލްއަށް އެ ފައިސާ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެން މިވަނީ މިއަދުން މިއަދަށް ވެސް މިހާރު ވެސް ސްކޫކް ދެއްކޭ ވަރަށް ތައްޔާރުވެފައި. އެއްވެސް ހާސްކަމެއް ނެތް

މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ

ތަފްސީލް - ރައީސް ވަނީ ސްކޫކް ދައްކަން އެއްކޮށްފައިވާ ކަމަށް ވިދާޅުވި 650 މިލިއަން ޑޮލަރުގެ ތަފްސީލް ވެސް ދެއްވައިފަ އެވެ. އެގޮތުން ވިދާޅުވީ: 

  • އެސްޑީއެފްގައި - 320 މިލިއަން ޑޮލަރު 

  • ބޭނުންކުރެވޭ ރިޒާވްގައި - 330 މިލިއަން ޑޮލަރު އެބަހުރި 

"8 އެޕްރީލްއަށް އެ ފައިސާ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެން މިވަނީ މިއަދުން މިއަދަށް ވެސް މިހާރު ވެސް ސްކޫކް ދެއްކޭ ވަރަށް ތައްޔާރުވެފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"ހަމަ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނެތް. މިއަދު މިއަދަށް ވެސް ސްކޫކް ދެއްކޭނެ." 

ވާހަކަ ބަދަލުވުމެއް، ބަޖެޓާ ވެސް ހިލާފު

މިދިޔަ ފެބުރުއަރީ 5ގައި ރައީސް މަޖިލީހަށް ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ސްކޫކް ރީފައިނޭންސް ކުރުން ނުވަތަ އެއްބައި ދެއްކުމަށް ފަހު އިތުރު ލޯނެއް ނަގައިގެމް ސްކޫކް ދެއްކުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފަ އެވެ. އޭރު ވިދާޅުވީ: 

  • މި އަހަރުގެ އެޕްރީލް މަހު އަދާކުރަންޖެހޭ ސުކޫކުގެ 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވައިފައި ވާނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރު ފައިސާއިން 

  • އަދި ބާކީވާ 350 މިލިއަން ޑޮލަރު ރީފައިނޭންސް ކުރުމަށް ނަގާ ލޯންގެ %9 ބޮޑުނުވާނެ ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެ

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައިވާ ގޮތުގައި: 

  • ދަރަނި ދެއްކުމަށް ސޮވަރިން ޑިވަލޮޕްމަންޓުން ފަންޑުން 270 މިލިއަން ޑޮލަރު ނަގާނެ؛ އޭގެ ބޮޑު ބަޔަކީ ސްކޫކު ރީފައިނޭންސް ކުރުމަށް ދައްކާބައި 

  • ސްކޫކް ރީފައިނޭންސްކުރަން މިއަހަރު 450 މިލިއަން ޑޮލަރު ނަގަން ރާވާފައިވޭ 

އެހެންކަމުން، ރައީސް މިހާރު އެ ވިދާޅުވާ ސްކޫކް ދައްކަން ރިޒާވާއި އެސްޑީއެފް އެކީ ބޭނުންކުރާ ވާހަކައިގައި ދިމާނުވުންތަކެއް އެބަހުއްޓެވެ. ސުވާލަކީ މިހާރު ސަރުކާރުގެ ރޭވުން ބަދަލުވެ ރީފައިނޭންސްނުކޮށް ސްކޫކް އެކީ ދައްކަނީ ހެއްޔެވެ؟ އެހެން އެކަން ކުރަން ޖެހެނީ ރީފައިނޭންސް ކުރަން ރަނގަޅު ޑީލެއް ނުލިބިގެންނެވެ. 

ރައީސް މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ބޭރުގެ އަަދި އެތެރޭގެ ދަރަނި ދެއްކޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި (ފޮޓޯ/ރައީސް އޮފީސް)

'ރިޒާވް ރަނގަޅުވުމުން އެހީއަކަށްވޭ'

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު 1.27 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. މިއީ ރެކޯޑެއް ކަމަށް ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. 

"ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނި، އެތެރޭގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކޭނެ އުސޫލަކުން އަޅުގަނޑުމެން ކަންކަން ރާވައިގެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޒާވް ރަނގަޅަށް ހުރުމުގެ ސަބަބުން މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގެ އަސަރުތައް ކުޑަކުރަން ވެސް އެހީއަކަށް އަދި ފަސޭހައަކަށްވާ ކަމަށެވެ. 

ރައީސް ވިދާޅުވީ ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ގެނައި ބަދަލާ އެކު މިއަހަރުގެ ފެބުރުއަރީގެ ނިޔަލަށް ވެސް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް 116 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ހިސާބަކަށް ބަލާއިރު އިގްތިސާދު އޮތީ ރަނގަޅަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"އިގްތިސާދީ ކަންކަން ރަނގަޅަށް އޮތީ ބާރަށް ފުޅާވެ ކުރިއަރަމުން އަންނަ އިގްތިސާދެއް އޮތީ، ރާއްޖެ އިގްތިސާދު އިތުރަށް ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

2 މާރިޗު 2026
ދައްކާ ވާހަކައިގައި ތެދުނޫން ބައި ގިނަކަމުންނާއި، ވާހަކަ ބަދަލުވާލެއް އަވަސްކަމުން، ތިޔަ ވިދާޅުވި ވާހަކަވެސް ގަބޫލްކުރަން ކުޑަކޮށް ދަތި.
5 0

ސިކުނޑި

2 މާރިޗު 2026
ރައީސަކަށް އިތުބާރެއް ނުކުރަން! ތިހާވަރަށް ފައިސާ ޖަމާވިގޮތެއް އަދިވެސް ބުނެ ނުދެއްވާ! ގެއަށް ވަންނަ ފައިސާ ޚުދު އަނބިމީހާވެސް ނާހާ ސިޔާސަތު އަހަރުމެން ބޭނުމެއްނޫން!
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް