އެއްބަސްވެ ދެބަސްވަމާ: ލާމަރުކަޒީ ނިޒާމު ފެއިލްވީއެއް ނޫން، ސަރުކާރުތަކުން ފެއިލްކޮށްލީ

ސަރުކާރުތަކުން ރާވައިގެން ގަސްތުގައި ލާމަރުކަޒީ ނިޒާމު ބާރުވެރިނުކުރުވި ނަމަވެސް މިދިޔަ 5 އަހަރު ކައުންސިލްތަކަށް ދިން ކުޑަ ފުރުސަތަކުން ވެސް ނަތީޖާތަކެއް ނެރެދިން ކަމަށް، ކައުންސިލްތައް ތަމްސީލްކުރާ ޖަމިއްޔާގެ އެޑްވޮކޭޓާ އައިމަން ރަޝީދު ކިޔައިދެއްވި
20 ފެބްރުއަރީ 2026
11

ރާއްޖެއަކީ ހިންދޫ ކަނޑުގެ މެދުތެރޭގައި ފެތުރިފައިވާ ހާހަކަށްވުރެ ގިނަ ރަށްތަކުގެ ޖަޒީރާ ގައުމެކެވެ. އިހަވަންދިއްޕޮޅުން އައްޑު އަތޮޅާ ހަމައަށް ދުއިސައްތައެއްހާ ރަށުގައި އެތައް ޒަމާނަކު މީހުން ދިރިއުޅެމުން ގޮސްފައިވެ އެވެ. އެއިން ކޮންމެ ރަށަކީ ތަފާތު މުޖުތަމައެކެވެ. އެއިން ކޮންމެ މުޖުތަމައެއް ކުރިއަރާ ދިއުމުގެ 'ރަށުވަންތަ' ރޫހެއް ވެސް އޮވެ އެވެ.

ނަމަވެސް މި ގަރުނުގައި އަހަރުމެން ދުށީ، ވެރިރަށަށް މީހުން ޖަމާވަމުން ދިޔަ ތަނެވެ. މަރުކަޒީ ސަރުކާރު މާލޭގައި ހިންގަމުން، މާލެއަށް މީހުން ޖަމާކޮށް މާލެ ތޮއްޖެއްސި ތަނެވެ. މާލެ ނޫން ތަނެއްގައި އެކަށޭނެ އަސާސީ ހިދުމަތްތައް ނުލިބޭތީ އެވެ.

ފެހި ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމަށް ބާބެއް ހާއްސަވީ ރަށްރަށަށް ބާރުދީ، ރަށްރަށް ވެސް ކުރިއަރައިދާން ހޯދި ޖާގައެއް ގޮތުގަ އެވެ. ބާރުތައް ޖަމާކުރުމާ ދެކޮޅަށް އުފެދުނު އިސްލާހީ ހަރަކާތުގެ އެއް ތަނބަކީ ރަށްރަށުން މީގައި ބައިވެރިވި ހަރަކާތްތެރިންނެވެ. މަހަލީ ސަރުކާރުތަކެއް ހެދުމާއި، ސަރުކާރު ހިންގުން ރައްޔިތުންނާ އިތުރު ގާތްކުރުގެ ނިޔަތުގަ އެވެ. ވެރިކަމުގެ ބާރުތައް ލޯކަލް ކައުންސިލްތަކަށް ބަހާލުމެވެ.

ނަމަވެސް ލޯކަލް ކައުންސިލްތަކާއެކު ވެސް ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ލިބުނު ތަނެއް ނުފެނެ އެވެ. އަދިވެސް މީހުން މާލެ ހިޖުރަކުރަން ޖެހުމުގެ މަޖުބޫރުކަމަށް ބަދަލެއް ނާދެ އެވެ. އަދިވެސް ރަށުގެ ކުރިއެރުމަށް މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑައެއް ނުވެ އެވެ. ކުރިން އޮތް ރައީސް ކަތީބުން އައްޔަންކުރި ޒަމާން ރަނގަޅުކަމަށް ވެސް ބައެއް ސިޔާސީ މީހުން އާންމުންނަށް ވިސްނައިދޭން މަސައްކަތްކުރާ ތަން ވެސް އެބަ ފެނެ އެވެ.

އެކަމަކު މަރުކަޒީ ސަރުކާރާ ދެކޮޅު ވިސްނުމާއި އެ އަޑު ކަނޑުވައެއް ނުލެވެ އެވެ. ލޯކަލް ކައުންސިލްތަކުގެ އަޑު އެއް ތަނަކުން އިވޭނެހެން ކައުންސިލްތަކުގެ ޖަމިއްޔާއެއް ވެސް ވަނީ އުފައްދައިފަ އެވެ. 'އެއްބަސްވެ ދެބަސްވަމާ'ގެ މި ހަފުތާގެ މެހެމާނަކީ އެ ޖަމިއްޔާގެ އެޑްވެކޮސީގައި މަސައްކަތްކުރައްވަމުން ގެންދަވާ އައިމަން ރަޝީދެވެ.

އައިމަންއާއެކު، މި ހަފްތާގެ އެޕިސޮޑްގައި ލާމަރުކަޒީ ނިޒާމަށް ކުރިމަތިވި ގޮންޖެހުންތަކުގެ ފުނަށް ދެވުނެވެ.

'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ލޯކަލް ކައުންސިލްތަކާއި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރަނީ -

ދިނީ ކުޑަ ފުރުސަތެއް، އިތުރު ބާރު ދޭން ޖެހޭ

2008ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހިމެނޭ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމުގެ ތެރެއިން އެންމެ ފުރަތަމަ ކައުންސިލްތައް އިންތިހާބުކުރީ 2011ގަ އެވެ. އެހެން ނަމަވެސް 2021ވަނަ އަހަރާ ހަމައަށް ހިނގި 10 އަހަރު ކައުންސިލްތައް ހިންގުމަށް ބާރުތަކެއް ދެވިފައެއް ނުވެ އެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަކީ އޭރު ސަރުކާރުގައި އޮތް އެމްޑީޕީގެ ބޮޑު ވައުދެކެވެ. އެމްޑީޕީގެ ވައުދާ އެއް ވަރަށް ކައުންސިލްތަކަށް އެހާ ބޮޑެތި ބާރުތަކެއް ނުދިން ނަމަވެސް ކައުންސިލްތަކަށް ކޮންމެ ވެސް ވަރެއްގެ ބާރުތަކެއް ދެވުނީ، އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިންނެވެ. އެ ގޮތުން:

  • ދައުލަތުގެ އާމްދަނީގެ %5 ކައުންސިލްތަކަށް ދިނުން

  • ބިމު ކުލީގެ %40 ކައުންސިލްތަކަށް ދިނުން

  • ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ކައުންސިލްތަކަށް ބާރުތަކެއް ދެވުން

"2021ގައި އިންތިހާބުވި ކައުންސިލްތަކުން [ކުރީގެ ކައުންސިލްތަކާ ހިލާފަށް] ނަތީޖާ ވެސް ނެރެދީފި. އިންގިލާބީ ހެޔޮ ބަދަލުތަކެއް ކައުންސިލްތަކުން ފެނުނު. އެ ބަދަލުތައް އެ އައީ ދިން ވަރަށް ކުޑަ ފުރުސަތަކުން،" ކައުންސިލްތަކާއެކު ވަރަށް ކައިރިން މަސައްކަތްކުރައްވަމުން ގެންދަވާ އައިމަން ވިދާޅުވި އެވެ.

އެހެން ނަމަވެސް ކައުންސިލްތަކުގެ އިދާރީ ހިންގުން އެކަނި ވެސް އެއީ ގައުމެއް ހިންގުމުގެ ވަރަށް ބޮޑު ބައެއް ކަމަށް އައިމަން ގަބޫލުކުރައްވަ އެވެ. އެހެންވީއިރު ދައުލަތުގެ އާމްދަނީގެ އެހާ ކުޑަ ނިސްބަތެއް އެއީ ރަށްރަށުގެ ހިންގުމަށް އެންމެ ހައްގު މިންވަރުތޯ އައިމަން ސުވާލު އުފެއްދެވި އެވެ.

"މި ދައްކަނީ އެތައް ހާސް މުވައްޒަފުންގެ މުސާރައާއި، ހުރިހާ ރަށެއްގެ މަގުބައްތި ދިއްލުމާއި، މަގު ސާފުކުރުމާއި، ކުނި މެނޭޖުކުރުމާއި، ސަހަރާތަކާއި ބަނދަރުތަކާއި ޒުވާނުންނާއި އިޖުތިމާއީ މަރުކަޒުތައް ބެލެހެއްޓުމަށް ހުރި ފައިސާގެ ވާހަކަ،" އައިމަން ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި މާލީ ބާރުތަކެއް ދެވުމާއެކު އެއާ ޖެހިގެން ކުރި ކަމަކީ ދިން މާލީ އެހީން ތަރައްގީގެ ކަންކަމަށް ހަރަދުކުރަން ދަތިވާ ވަރަށް އިދާރީ ހަރަދު ބޮޑުވާނެ އެހެން ބަދަލުތައް ގެނައުމެވެ. އެހެންކަމުން އޭރުގައި ދެވުނު 'ކުޑަ ފުރުސަތު' ވެސް މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކޮށްދިން ކަމަކަށް އައިމަން ގަބޫލެއް ނުކުރައްވަ އެވެ.

"ކައުންސިލަރުންގެ އަދަދު ގިނަކޮށް ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ. ޑަބްލިއުޑީސީގެ މެންބަރުން ގިނަކޮށް، އެލަވަންސްތައް ބޮޑުކުރީ. ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު މި ހުރިހާ މުވައްޒަފުންގެ މުސާރަ ހޭދަކުރަން މި ޖެހެނީ އެއްކަލަ ބްލޮކް ގްރާންޓުން، ބަޖެޓުގެ ތިން ވަރަކަށް ޕަސެންޓުގެ ތެރެއިން،" އައިމަން ވިދާޅުވި އެވެ.

"ހައްތަހާ ވެސް މަރުކަޒީ ސަރުކާރަށް ބަރޯސާއެއްނު ވާނީ،" އައިމަން އިތުރަށް ވިދާޅުވި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްުޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ދެކުނުގެ ރަށްތަކުގެ ކައުންސިލަރުންނަށް ހާއްސަކޮށް ބޭއްވި ކޮންފަރެންސެއްގައި ކުރީގެ ރައީސް ސޯލިހް. (ފޮޓޯ/ރައީސް އޮފީސް)

މި ހުރިހާ ގޮންޖެހުންތަކާއެކު އައިމަނަށް ފެނުނީ މަރުކަޒީ ސަރުކާރަށްވުރެ ވެސް މަހަލީ ސަރުކާރުތަކުން ރައްޔިތުންނާ ގުޅުންހުރި، ރައްޔިތުންނާ ގާތުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވުނު ތަނެވެ. މަރުކަޒީ ސަރުކާރަށްވުރެ އުމްރާނީ ތަރަައްގީގެ ވިސްނުން ކައުންސިލްތަކުގައި ރަނގަޅު ކަމަށް އައިމަން ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލްތަކުން އެއާޕޯޓް އާއި ބަނދަރާއި ހިލަ ގިނަކުރުމަށް ވުރެ މާ ތަފާތުކަންކަން ފެނުނީ. ފެހި ގަސްތައް އިތުރުކޮށް ރައްޔިތުން ހިތްހަމަޖެހޭނެ ޕާކްތަކާއި، ލުއި ލޯނު ދިނުމާއި، ވިޔަފާރިތަކަށް ފަސޭހަވާނެ ކަންކަން ކުރުމާއި، އާންމު ހިދުމަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ކުރަމުން ދިޔައީ،" ކައުންސިލްތަކުގެ މަސައްކަތަށް އައިމަން ތައުރީފުކުރެއްވި އެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ ގޮތަކީ އަތޮޅުތަކުން ލިބޭ ޓެކްސް މާލޭގައި ހުންނަ މީރާއަށް ޖަމާކުރުމެވެ. އެ އުސޫލު ބަދަލުކުރަން ބަލާއިރު ދިމާވާ ކަމަކީ އިގުތިސޯދު ރަނގަޅަށް ހިނގަނީ ވެސް މާލެ އަތޮޅުގަ އެވެ. ދެން މާލެއާ ކައިރީގައި މި އޮންނަ އަރި އަތޮޅުގެ ދެ ބަރީގަ އެވެ. ބ. އަތޮޅުގައި ވެސް ޓޫރިޒަމުން ދައްކާ ޓެކްސް ބޮޑެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަމަށް ޓެކްސް އެ އަތޮޅަކަށް ދޫކޮށްލަން ބަލާއިރު އަބަދުވެސް ދެެކެވޭ އެއް ވާހަކަ އަކީ މިއީ އެވެ. ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. ދުވާފަރު، ޅ. ނައިފަރު އަދި ހިންނަވަރު، ލ. ގަން އަދި ފޮނަދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލަކާއި އައްޑޫ ފަދަ އާބާދީގެ ގޮތުން ބޮޑު އަދި މާލެއާ ދުރު ސަރަހައްދުތަކަށް ބޮޑު އާމްދަނީއެއް އޭރަށް ނުލިބިދާނެ އެވެ.

އައިމަން ގަބޫލުކުރައްވާ ގޮތުގައި ފުރަތަމަ ކަމަކަށް ޓެކްސްގެ ވަކި ޕަސެންޓެއް އެ އަތޮޅަކަށް ދޫކޮށްލަން ޖެހެ އެވެ. އަދި އަތޮޅުތަކުގެ ގުދުރަތީ ވަސީލަތްތައް ދޫކޮށްލުމުން ވެސް ނަތީޖާ ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބ. އަތޮޅުގައި ދެން ނެތް ކަމެއް ކުރެވޭނެ މާ ގިނަ ފަޅުރަށެއް. އެކަމަކު ގއ، ގދ. އަތޮޅުގައި އެބައޮތް މާ ގިނަ ފަޅުރަށްތައް. އިކޮނޮމިކް ޕޮޓެންޝަލް މާ ބޮޑު އެ އަތޮޅުގައި. އެ އަތޮޅުގެ އެއާޕޯޓާއި ގުދުރަތީ ވަސީލަތްތައް ހިމެނޭ ގޮތަށް ޓެކްސްގެ ޕަސެންޓެއް ދޫކޮށްލުމުން ކުރިއަށް އޮތް ތަނުގައި މާ ބޮޑަށް ކުރިއަރައިދިއުމުގެ ފުރުސަތު ވެސް އެބަ އޮތް،" އައިމަން ވިދާޅުވި އެވެ.

ހަމަހަމަކަމާއެކު ކައުންސިލްތަކަށް ގްރާންޓް ދެވޭނެ ވަކި އުސޫލެއް ވެސް ހެދިދާނެ އެވެ. މިހާރު ވެސް ދައުލަތުގެ އާމްދަނީގެ %5، ބްލޮކް ގްރާންޓެއްގެ ގޮތުގައި ކައުންސިލްތަކުގެ މެދުގައި ބަހަނީ އޭގެ ފޯމިއުލާއެއްގެ ތެރެއިންނެވެ. ރަށުގެ އާބާދީއާއި، ބިމުގެ ސައިޒު ފަދަ ކަންކަމަށް ރިއާޔަތްކޮށް ހަދާފައިވާ ފޯމިއުލާއެއްގެ ތެރެއިންނެވެ.

ސިޓީ ތަކަށް ބްލޮކް ގްރާންޓުން ލިބޭ އާމްދަނީ މިހާރު ވެސް އޮންނަނީ ބޮޑުކޮށްފަ އެވެ. ސިޓީއަކަށް ވެވެނީ އެ ރަށެއްގައި ނުވަތަ ރަށްރަށެއް ހިމެނޭ ސަރަހައްދެއްގައި މަދުވެގެން 10،000 މީހުން ހަމަވެގެނެވެ. އަދި އިތުރު ވަސީލަތްތަކެއް އެ ތަނެއްގައި ލިބެން ހުރުމުންނެވެ.

"އިިކުއަލައިޒޭޝަން ގްރާންޓް، ސެލެކްޓޯރަލް ގްރާންޓް ވެސް ދެވެން އެބަ އޮތް [މިހާރު ވެސް ގާނޫނުގައި ހިމެނޭ ކަމެއް، އެކަމަކު ނުދޭ]. ޓެކްސްގެ ވަކި ޕަސެންޓެއް، އެ ވެދާނެ ދެ ޕަސެންޓަށް ވެސް، އަހަރެން ތާއީދުކުރަން ކޮންމެ ވެސް ވަރެއް ދޭން،" އައިމަން ވިދާޅުވި އެވެ.

ހަރުދަނާ އޮނިގަނޑެއް ނުގެނޭ

ލޯކަލް ކައުންސިލްތަކުގެ އޮނިގަނޑު ހިމެނޭހެން ލާމަރުކަޒީ ނިޒާމުގައި ހަރުދަނާކުރަން ޖެހޭ ބައިވަރު ކަންކަން ހުރި ކަން އައިމަން ވެސް ގަބޫލުކުރައްވަ އެވެ.

ނަމަވެސް މިދިޔަ 15 އަހަރު ފެނުނުހާ ވެސް ކަމަކީ ކައުންސިލަރުންގެ އަދަދުން ނުނެއްޓިގެން އުޅޭ ތަނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުކުރި އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަކުރި އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަނެއްކާ ވެސް ކުޑަކުރި އެވެ.

އައިމަން ވިދާޅުވީ އޭގައި ބަލަން ޖެހޭ ކަމަކީ އަދަދެއް ނޫނެވެ. ހަރުދަނާ ގޮތެއްގައި ލޯކަލް ކައުންސިލްތައް ހިންގޭނެ ގޮތެވެ. އެފަދަ އޮނިގަނޑެކެވެ.

"ބޮޑު ޗަރުކޭހެއް މި ކަމުގައި ވެސް ހިންގަނީ. ނަންބަރަކާ އަޅައިގެން. މީގައި ބަލަންވީ ހަރުދަނާ ގޮތެއްގައި ރަށު ކައުންސިލް ހިންގަން އެ ތަން އޮންނަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ ނަންބަރަކާ ގުޅުން ހުރި ކަމެއް ނޫން މިއީ،" އައިމަން ވިދާޅުވި އެވެ.

ރަށް ކުރިއަރުވާ ކޮމިޓީތައް އޮތް ޒަމާނުގައި އެ ކޮމިޓީގައި މުޅި ރަށް ތަމްސީލްވި ކަމަށް އައިމަން ވިދާޅުވި އެވެ. މާ އުފެއްދުންތެރިކޮށް ހިންގި ކޮމިޓީތަކެއް ކަމަށް ވިދާޅުވި އެވެ.

"އެ ކޮމިޓީގައި ތިބި ވަޑިން، މަސްވެރިން، ވިޔަފާރިވެރިން، ޓީޗަރުން، އެކި ފަންނުގެ އެކި މީހުން، ދޮށީ އުމުރުގެ މީހުން، ޒުވާނުން މިހެން ގޮސް،" އައިމަން ވިދާޅުވި އެވެ.

އެންމެ ފަހުން ވެސް ލާމަރުކަޒީ ކޮމިޓީއަށް ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ހުށަހެޅި ހިޔާލުގައި ވެސް ހިމަނާފައިވަނީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ސިޓިލް އެލަވަންސް ލިބޭ ކައުންސިލަރުންތަކެއް އިންތިހާބުކުރަން ޖެހޭ އޮނިގަނޑެކެވެ. އޭރުން ހަރަދު ކުޑަވެފައި، އެ ކައުންސިލެއްގައި ރަށުގެ ގިނަ މީހުންގެ ހިޔާލު ތަމްސީލްވެގެންދެ އެވެ.

"މިހެން ނުހަދައި އަދަދު އެ ކުޑަކުރަނީ ކޮންޓްރޯލްކުރަން ފަސޭހަކުރަން،" އައިމަން ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލުތަކެއް ގެނައުމުގެ ކުރިން، ސަރުކާރުން އިސްވެ ގައުމީ ޔުނިވާސިޓީއަށް ދިރާސާއެއް ހެދުމަށް ހަވާލުކުރި އެވެ. އެއީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް ހެދި ދިރާސާއެކެވެ. އެ ދިރާސާގައި ވެސް ސަރުކާރަށް ލަފާދީފައިވަނީ އައިމަން ސިފަކުރެއްވި ކައުންސިލެއްގެ އޮނިގަނޑެވެ.

ހިފަހައްޓަނީ 'މަތިން ތިރިއަށް' ހިނގާ ނިޒާމެއް

ޒަމާނުއްސުރެން ރާއްޖޭގައި ހިނގަމުން ދިޔައީ ހުދުމުހުތާރު ވެރިކަމެއްގެ ސަގާފަތެވެ. ފެހި ގާނޫނުއަސާސީގެ ފަހުގައި ވެސް އެ ސިޔާސީ ސަގާފަތަށް ބަދަލެއް އައި ތަނެއް ނުފެނެ އެވެ. މަރުކަޒީ ސަރުކާރުން ބާރުތައް ދޫކޮށްލުމަށް ފަސްޖެހެނީ ވެސް އެކެއްގެ މުށުތެރޭގައި ބާރުތައް އޮތުމަށް މަސައްކަތްކުރުމުގެ ސިޔާސީ ސަގާފަތަށް ބަދަލެއް ނާންނާތީ އެވެ.

ކައުންސިލްތަކަށް ބާރު ދޭން ޖެހިދާނެތީ އެކި ބަހަނާ ދައްކާ ކަމަށް އައިމަން ވިދާޅުވި އެވެ. އޭގެ އެއް ބަހަނާއަކީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮތުމެވެ. ނަމަވެސް ޔުނިޓަރީ ދައުލަތްތަކުގައި ވެސް ވިލެޖުތައް، ޓައުންތައް އަދި ސިޓީތައް ވެސް ހިންގަމުން ދަނީ އެ ތަނެއްގެ ބިމާއި ވަސީލަތްތަކުގެ ބާރު ދޫކޮށްލައިގެން ކަން އައިމަން ފާހަގަކުރެއްވި އެވެ.

"ސަރުކާރަކުން ވެސް އެހެން އެ ބުނަނީ އަހަރެންނަކީއޭ ގޮތް އެންމެ ބާރުގަދަ މީހާ. އެންމެ އިސް ވެރިއަކަށް އަހަރެންނޭ ރައްޔިތުން އިންތިހާބުކުރީ ބުނަން. އެކަމަކު މުއިއްޒު އާއި ސޯލިހަކީ ވަކި އަހަރެމެންނަށް ވުރެ ބާރުގަދަ މީހެއް ނޫން. މި ނިޒާމުގައި އެއީ ހާދިމެއް. އަހަރެމެންގެ އެންމެ އިސް ހާދިމު،" އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ސިޔާސީ ލީޑަރުން ރާއްޖެ ހިންގަން ބޭނުންވަނީ 'މަތިން ތިރިއަށް' ހިނގާ ނިޒާމެއްގެ ގޮތުގަ އެވެ. ރައްޔިތުންނާ ހަމައިން ތިރިން، ވެރިންނާ ހަމައަށް މައްޗަށް ހިނގާ ނިޒާމަކަށް ނޫނެވެ. ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބާރުތަކެއް ދިނުމުން ވެރިން ބޭނުންވާ ގޮތަށް ވެރިކަންކުރަން ދަތިވާނެ ކަމަށް އައިމަން ވިދާޅުވި އެވެ.

"އެންމެ މަތީގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ. އެއީ ދެން ހަމަ ރަސްކަލެއް. އޭނާއާ ގުޅިލާމެހިފައި ތިބޭނީ މަޖިިލިސް މެންބަރުންތަކެއް. މި މެންބަރުންނާ ގުޅިލާމެހިފައި ތިބޭނެ ކޮންމެ ރަށެއްގެ ވެސް ބަޔަކު. އެންމެ މަތިން ގޮސް ތިރިއަށް ނިންމުންތައް ގެންދާ ގޮތަށް ނިޒާމު ބައްޓަންކޮށްފައިވަނީ،" އައިމަން ވިދާޅުވި އެވެ.

ކައުންސިލަކުން ސަރުކާރަށް އެއްބާރުލުން ނުދޭ ވާހަކަ ވެސް އަންނަނީ ހުދުމުހުތާރު ވެރިކަމުގެ އެ ސިފަ ދެމެހެއްޓުމުގެ ވިސްނުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ރަށެއްގައި ހިންގަން ޖެހޭ މަޝްރޫއުތައް ނިންމުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ނޫނެވެ. އައިމަން ގަބޫލުކުރައްވާ ގޮތުގައި އެއްބާރުލުން ދޭން ޖެހެނީ ކައުންސިލްތަކަށް ސަރުކާރުންނެވެ.

"ފޯކައިދޫގައި މުއިއްޒު ދައްކަންވީ ވާހަކައަކީ ކައުންސިލުން ކަމެއް ކޮށްގެން، ނުކޮށްގެން ސަރުކާރަށް އުނދަގޫވާ ވާހަކައެއް ނޫން. ދައްކަންވީ، ކައުންސިލުން ކުރަން އުޅޭ ކަމަކަށް ސަރުކާރުން ކޮން ކަމެއްތޯ ކޮށްދެވޭނީ. އޭގެ ބަދަލުގައި މި އަަހަނީ އަހަރުމެން ކުރަން ބޭނުންވާ ކަމަކަށް ފޯކައިދޫން ނޫނެކޭ ބުނަނީ ކީއްވެގެންތޯ؟" އައިމަން ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާގެ ކޮންފަރެންސެއްގައި އައިމަން ރަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ ލޯކަލް ކައުންސިލްސް އެސޯސިއޭޝަން)

"މުއިއްޒު ވެސް އެ ބުނާ ވާހަކައަކީ އެއީ. ތިމަންނަ ބޭނުންވަނީ މަތިން ތިރިއަށް ހިނގާ ނިޒާމާ ގުޅޭ ކައުންސިލްތަކެކޭ. ހުރިހާ ސަރުކާރަކުން ވެސް ބުނަނީ އެހެން. އެމްޑީޕީން ވެސް 2021ގައި ބުނީ އެހެން."

ސަރުކާރުން ކުރަން ޖެހޭ ކަމަކީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުވާލައި އެ ޕްލޭނާ އެއްގޮތަށް ދިއުމަށް ސިޔާސަތުތަކެއް ކަނޑައެޅުމެވެ. އަދި އެ ސިޔާސަތުތަކުގެ ތެރެއިން ރަށްރަށަށް ހޯދަން ޖެހޭ ކުރިއެރުންތައް، އެ ރަށްރަށުން ބޭނުންވާ ގޮތަށް، އެ ރަށްރަށުގެ ކައުންސިލްތަކުގެ ނިންމުމާ އެއް ގޮތަށް ދޭން ޖެހޭ އެހީތަކެއް ދިނުމެވެ.

"އޭރުން ރާއްޖެ ތަރައްގީކުރަން އުޅެން ޖެހޭނީ މުއިއްޒު އާއި ކެބިނެޓް މިނިސްޓަރުން އެކަންޏެއް ނޫން. މުޅި ރާއްޖެ ބައިވެރިވާނެ. އަދި ސަރުކާރުގެ ކާމިޔާބީގެ މިންގަނޑަކަށް ވެސް ބަލަންވީ ސަރުކާރުން ކައުންސިލްތަކަށް މަގުފަހިކޮށްދިން ކަންކަމަށް. އެއީ ކޮންމެ ޕާޓީއެއްގެ ކައުންސިލަކަށް ވިޔަސް،" އައިމަން ވިދާޅުވި އެވެ.

އަތޮޅު އުވާލީ ވެސް ބާރުތައް މަރުކަޒުކުރަން

މި ސަރުކާރުން އަތޮޅު ކައުންސިލްތައް ސިފަކުރީ ބުރައެއް ގޮތުގަ އެވެ. ހަރަދުތަކެއް ހިނގާ ބޭކާރު ފަށަލައެއް ގޮތަށެވެ. ރަށަކުން ކުރަން ބޭނުންވާ ކަމެއް ސަރުކާރުގައި ހިއްސާކުރުމަށް އޮތް ހުރަހެއް ގޮތަށެވެ.

ނަމަވެސް ކައުންސިލްތަކާ އެކު މިދިޔަ އަހަރުތަކުގައި ގާތުން މަސައްކަތްކުރެއްވި އައިމަން ވިދާޅުވީ އަތޮޅު ފެންވަރުގައި ކުރަން ޖެހޭ ކަންކަން ކުރެވުނީ އަތޮޅު ކައުންސިލްތައް އޮތުމުން ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު މީހުން ކަރަންޓީނު ކުރުމާއި، މާލެ ލޮކްޑައުންކުރުމުން ވަސީލަތްތައް ހުރި ރަށްރަށަށް މީހުން ދަތުރުފަތުރުކުރެވޭނެ ގޮތާއި މި ހުރިހާ ކަމެއް ވިލަރެސްކުރަން ފަސޭހަވީ އަތޮޅު ކައުުންސިލް އޮތުމުންނެވެ.

އަތޮޅު ކައުންސިލްގެ އޮނިގަނޑު އެކުލަވާލާފައިވަނީ، މަރުކަޒީ ސަރުކާރުން ފަސްޖެހޭނެ ގޮތަކަށް ކަމަށް އައިމަން ވިދާޅުވި އެވެ. މުޅި އަތޮޅުން އިންތިހާބުކުރާ އަތޮޅުގެ ރައީސްގެ އިތުރުން އަތޮޅުގައި ހިމެނޭ ކޮންމެ ރަށަކުން އިންތިހާބުކުރާ ރަށުގެ ރައީސް އެވެ. އަތޮޅު ކައުންސިލެއްގެ ނިންމުން ވެގެން ދަނީ ގާނޫނީ ގޮތުން ހައިސިއްޔަތު ބޮޑު ނިންމުމަކަށެވެ.

މަރުކަޒީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް މެންބަރުންގެ މަސްލަހަތާއި ބާރުވެރިކަން ދެމެހެއްޓުމަށް އަތޮޅެއްގެ ގުދުރަތީ ވަސީލަތްތައް 'ހިތުހުރި ގޮތަކަށް' ބޭނުން ކުރުމަށް ހުރި ހުރަހަކަށް ވެސް އަތޮޅު ކައުންސިލްތައް ވެގެންދިޔަ އެވެ. އެމްޑީޕީގެ ސަރުކާރު އޮވެމެ، އެމްޑީޕީގެ މެޖޯރިޓީ ކައުންސިލްތަކުން ވެސް ހިޔާލުތަފާތުވެގެން ދިޔަ ކަންކަން އެބަހުއްޓެވެ.

ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދުމަށްފަހު އަތޮޅު ކައުންސިލްތައް އުވާލައި، އަތޮޅުގެ ކަންކަން ބެލެހެއްޓުން އެ މިިނިސްޓްރީގެ ދަށަށް ގެންދިޔުމުން ކުރިން އޮތް އެޓޯލްސް މިނިސްޓްރީގެ މާޒީއަށް އަނބުރާ ގެންދިޔައީ ކަމަށް އައިމަން ވިދާޅުވި އެވެ.

"އަތޮޅުތަކުގައި މި ހުރި ފަޅުރަށްތަކާއި ފަޅުތަކާއި ގިރިއާއި މި ފަދަ ގުދުރަތީ ވަސީލަތްތަކުގެ އިތުރުން އަތޮޅު ފިހާރަތަކުން ލިބެމުން ދިޔަ އާމްދަނީއާއި ހުރިހާ ބާރެއް މަރުކަޒީ ސަރުކާރަށް ގެންދިޔައީމި،" އައިމަން ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމެއް (ފޮޓޯ/ ލޯކަލް ކައުންސިލްސް އެސޯސިއޭޝަން)

ދާއިމީ އެޑްރެހުގެ ވޯޓަކީ ވެސް ގޯހެއް؟

ލާމަރުކަޒީ ނިޒާމުގެ މައުލޫގެ ތެރެއިން ދާއިމީ އެޑްރެހުގެ ވާހަަކައަށް ވެސް ދެވުނެވެ. ލޯކަލް ކައުންސިލްތަކުގެ ހިދުމަތް މުހިންމުވާނީ އެ ކައުންސިލެއް ހިމެނޭ ރަށެއްގަައި ދިރިއުޅޭ ބަޔަކަށެވެ. އެ ތަނެއްގައި ވަޒީފާ އަދާކުރަމުން، ލިބޭ ފައިސާ ކުއްޔާއި އެހެނިހެން ހަރަދުތަކަށް ވިޔަފާރިތަކަށް ހޭދަކޮށް އެ އިގުތިސޯދުގެ ބައިވެރިންނަކީ ވެސް އެއީ އެވެ.

ނަމަވެސް ރާއްޖޭގައި ކައުންސިލް އިންތިހާބުގައި ވޯޓުލާން ޖެހެނީ ދިރިއުޅޭ ރަށެއްގެ ކައުންސިލަކަށް ނޫނެވެ. އޭނާގެ ދާއިމީ އެޑްރެސް އޮންނަ ރަށަކަށެވެ. އެހެންވެ، އެ މީހަކު ހިދުމަތް ހޯދާ ރަށުގެ ކައުންސިލް އެކުލަވާލުމުގައި އެ މީހެއްގެ ވޯޓެއް ނުދެވެ އެވެ.

އައިމަން ސިފަކުރެއްވީ މިއީ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޝަން ނުވަތަ ތަމްސީލްވުމުގެ ހައްގު ވެސް ގެއްލިގެންދާ ކަމެކެވެ. އޭނާ ވެސް މާލޭގައި ދިރިއުޅޭ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ނަމަވެސް މާލޭގެ ކައުންސިލް އެކުލަވާލުމުގައި އޭނާގެ ބަހެއް ނެތެވެ. މާލޭގެ ކައުންސިލްގައި އޭނާ ތަމްސީލްކުރާ މީހަކު ވެސް ނެތެވެ.

2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓިން ރަޖިސްޓްރޭޝަން ދައްކާ ގޮތުން ވެސް މާލޭގެ ރަށްވެހިންގެ ތެރެއިން ވޯޓުލާން ރަޖިސްޓްރީވެފައިވަނީ 61،000 މީހުނެވެ. އެހެން ރަށްރަށުގައި ރަށްވެހިކަން އޮތް 67،000 މީހުން ރަޖިސްޓްރީވެފައިވެ އެވެ. ނަމަވެސް މާލޭގެ ކައުންސިލްގައި އެ މީހުން ތަމްސީލްވުމެއް ވެސް ނެތެވެ.

"މިއަށްވުރެ އަންޑިމޮކްރެޓިކް ގޮތެއް ނެތް. ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލުކުރާ ގޮތެއް ނޫން މިއީއެއް،" އައިމަން ވިދާޅުވި އެވެ.

ކޮމެންޓް (11)

އަސްލަމް ޝާކިރު

24 ފެބްރުއަރީ 2026
މިސާލަކަށް، ރައްޔިތުން ބޭނުންވަނީ ދީންވެރިކަމަށް ދެއްކޭ، ސޯޅަބުރީގެ ޓަވަރު އަޅާ، 50 ދުވެހުން ފަޅު ހިއްކޭ ޑިކްޓޭޓަރެކޯ. ހޮވާފައި ހުރީ ރައްޔިތުންގެ ސީދާ، ސައްހަ އިންތިހާބަކުންކަމަށްވެފައި، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށް ވާއިރު، އެއީ އެމީހުން ހޮވި ރައްޔިތުންނަށް ހައްގުގޮތް ނޫންތަ؟
0 0

އާދެ

24 ފެބްރުއަރީ 2026
@އަސްލަމް ޝާކިރު ރަނގަޅު! އެބަޔަކު ބޭނުންވާ ވެރިއެއް އެބަޔަކަށް ލިބޭނީ
0 0

ެެކޮއި

21 ފެބްރުއަރީ 2026
ގާނޫނު ތަކަށް ތަބާ ނުވާ ތިމާ ވަރުގެ މީހެއް ނެތްކަމަށް ހެދިގެން އުޅޭ މީހެއް. ރައީސް އާއި މުހާތަބު ކުރަން ގާނޫނުގައި އޮންނަނީ "ރައީސް" މި ލަފްޒާ އެކީ
1 8

ހަރިހަރިޔާ

21 ފެބްރުއަރީ 2026
@ެެކޮއި އެކޮއި، ރަނގަޅަށް އަޑުއަހާބަލަ. ކެމްޕެއިން ކުރިން އުޅެނީ ޚިދުމަތް ކުރަން. ހޮވުނީމާ ކުރަނީ ވެރިކަން. އެއީ އަހަރުމެންގެ އެންމެ އިސް ޚާދިމުކަން ބަޔާންކޮށްފައިވޭ. ބާރު ފެށެނީ އަދި ނިމެނީ ރައްިތުންގެ ކިބައިން. ތިހާ ބޮޑަށް އަޅުވެތިވާކަށް ނުވާތެ. ރަސްކަލެއްހެން ވެރިމީހާއަށް އުޅެވެނީ އެކޮއިމެން އެހެން އޭނާއަށް ވިސްނައިދޭތީ. އެހެންތާ ވާނީ އެކޮއިމެންނަށް ހާދަ ފައިދާއެކޭ އެވަނީ.
5 0

އަސްލުވާ ގޮތަކީ

21 ފެބްރުއަރީ 2026
@ެެކޮއި @ެކޮއި އަށް ހާދަ އަސަރެއް ކޮށްފިއޭ. ދައްކާވާހަކައަށް އެކަށޭނެ ރައްދެއް ނެތީމާ، ދެން ތިހެން ކިޔާާ. ކުލެސިކް ފެއިލް
0 0

ޖައިސާމް

21 ފެބްރުއަރީ 2026
@އަސްލުވާ ގޮތަކީ އެކޮއި ތީ މުއިއްޒުތަ؟
2 0

ބޭޗާރާ

20 ފެބްރުއަރީ 2026
ދިންކުޑަފުރުސަތުގެ ބޭނުންހިފައިފެން ތިޖޫރީ ކައިހުސްކޮށް ބާކީކޮޅުހިފައިގެން ތަޖުރިބާދަތުރުކޮށް ގާތްމީހުންނަށް ރަށުގެ ބިންތައް ނުއަގުގަ އެތައް އަހަރަކަށް ދޫކުރީ.
2 4

ކަލަމިންޖާ

21 ފެބްރުއަރީ 2026
@ބޭޗާރާ ރަގަޅު. ދިން ކުޑަ ފުރުޞަތުގައި މާލޭ ސިޓީ ކައުންސިލްގެ މުސާރައިން ކޮންސަލްޓަންޓުން ނަގައި، ދިވެހި ރައްޔިތުންގެ ފައިސާއިން ފަންޑުކޮށް ކެމްޕެއިން ޖަގަހައެއްހެން ތަން ހިންގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށް، ހުރިހާ ކޮންސަލްޓަންޓުންނަށް ކެބިނެޓް މިނިސްޓަރުންނާއި ސިޔާސީ މަޤާމު ދިންތަންވެސް ތާރީޚު ހެކިދޭ. މިހާރުގެ މާލޭ މޭޔަރުންވެސް އެވަރަށް އެއުޅެނީ ހަމަ އެމޭރުމުން ޢަމަލުކުރަން. ދެން ކީއްކުރާ ނިޒާމެއް މީ. އެއާއެކު މައި ސަރުކާރުވެސް އުޅެނީ ހަމައެހެން. ތަޖުރިބާ ދަތުރާއި މަޖާކުރުމުގައި
6 0

ކޮސް

20 ފެބްރުއަރީ 2026
މަށަށް އެނގޭކަމަކީ މުއިއްޒުގެ ވެރިކަން ޑިމޮކުރެޓިކު އުސޫލުގެ ތެރެއިން 2028 ގައި ނިންމަންޖެހޭކަން. މުއިއްޒަކީ ރާއްޖެއަށް އޮތް ހައްލެއްނޫންކަން. މުއިއްޒަށް ބައިއަތު ހިފައިގެން ތިބީ ދުނިޔޭގެ ދަހިވެތި ކަމުގަ. ރަނގަޅުވާނީ ރަމަޟާންމަހު އެބައިގަނޑު ތައުބާވެ ، މުއިއްޒާއި ދުރުވުން.ފައިސާއަށާއި މަގާމަށް ނޫނެކޭ ބުނުން. މިކަމުގައި ވަޑިއާއި ބާރަށޭ އިސްނަގާބަލަ!!
7 4

އޮޅާލާ

20 ފެބްރުއަރީ 2026
ލާމަރުކަޒީ ނިޒާމަކީ ރާއްޖެ އަށް ބޭނުންވާ ނިޒާމެއް ނޫނޭ ދެން ކަނޑުކޮހުން ތަކެއް ދަ ކިއްލި ތަޅާ ކިޔަވައިގެން އައިސް އުނގުން އެމެން ވިސްނައިގެން ލާމަރުކަޒީ ނިޒާމޭ ފޯއް ނިޒާމޭ ކިޔާ އަނގައަރުވާއިރު އެ ކަނޑުކޮހުންނަށް ވެސް ނޭގެއޭ ލާމަރުކަޒީ ނިޒާމުން ކުރާ ވައްކަން ރާއްޖެތެރޭގައި މީހުން ދިރިއުޅެން ވެސް ނުޖެހޭނެއޭ އެހުރިހާ އާލާތްގަނޑު މާލެ ސަރަހައްދަށް ބަދަލުކޮށްލާ އެމެން ގައިގައި ހުރި އެއް ހިއްސު މަދުގޮތް ގަނޑުކެނޑެން ދެން އެމެން މާލެ ސަރަހައްދުގައި ދިރިއުޅެން މާލެ ސަރަހައްދުން ފަޅު ތައް ހިއްކާ ގޯއްޗާއި ފްލެޓްސް ތައް ދޭންވީއޭ ލާމަރުކަޒީ ނިޒާމް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ އެމްޑީޕީ ބެކަށް...
8 11

ޖައިސާމް

21 ފެބްރުއަރީ 2026
@އޮޅާލާ ގަދަބާރުން ހުރިހާ ކަމެއް ކުރަން ބޭނުންވާ މީހުނަށް މަރުކަޒީ ނިޒާމް ނޫން އެއްޗެއް ރަނގަޅެއް ނުވާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް