އެއްބަސްވެ ދެބަސްވަމާ: މާލެ ތޮއްޖައްސައި ތާއަބަދު ވެރިކަން، މަހުޖަނުންގެ ޖަރީމާއެއް

އާބަން ޕްލޭނިންގެ ތަޖުރިބާކާރު އަސްލަމް ޝާކިރު ގަބޫލުކުރައްވާ ގޮތުގައި މާލެ ތޮއްޖެހުމަކީ ނޭނގި ހިނގި ކަމެއް ނޫން؛ ވަކި ބަޔަކު މުއްސަނދިވާން ވެގެން ރާވައިގެން ތާއަބަދު މާލެއަށް ވެރިކަން ލިބޭ ގޮތަށް ޑިޒައިން ކުރީ ކަމަށް

ވެރިރަށް މާލެ ތޮއްޖެހުމުގެ ފަހަތުގައި ތޮބީއީ ސަބަބުތަކެއް ހުރެދާނެ އެވެ. ޖިއޮގްރަފީ ގޮތުން ގާތްގަނޑަކަށް ރާއްޖޭގެ މެދަށް ވުމެވެ. ޒަމާންތަކެއް ވަން ދެން، މާލެއަށް ނިސްބަތްވާ ބޮޑު އާބާދީއެއް އޮތުމުން ވިޔަފާރީގެ ހަރަކާތްތައް އިތުރުވަމުން ދިއުމެވެ. އެހެން ސަރަހައްދުތަކުގެ އާބާދީ މާ ކުޑަވުމުން އެ ސަރަހައްދުތަކަށް ކުރިއެރުމެއް ނުލިބި އޮތީއޭ ވެސް ބުނެވިދާނެ އެވެ.

އެހެން ނަމަވެސް މި ހަފްތާގެ 'އެއްބަސްވެ ދެބަސްވަމާ' ގެ އެޕިސޮޑްގައި މި ގެނައީ ތަފާތު އެހެން ނަޒަރަކުން މި މައްސަލައަށް ވާހަކަ ދެއްކުމެވެ.

މާލޭގެ ބިމަށް ޑިމާންޑް ބޮޑުކުރަމުން، ހަރަދުކޮށްގެން ބިން އުފެއްދުމުގެ ނަތީޖާއަކީ ބިމުގެ އަގު އުފުލުމެވެ. މީހުން އެއްތަނަކަށް ޖަމާވާނަމަ، ބާރުތައް ވެސް ޖަމާވާނެ އެވެ. ކުލީގެ ބޮޑު ވިޔަފާރި އާއި އޭގެ ސަބަބުން މުއްސަނދިން އިތުރަށް މުއްސަނދިވަމުންދާ ގޮތެވެ.

މާލެ ތޮއްޖެއްސީ، އަދި އިތުރަށް ތޮއްޖައްސަމުން ގެންދަނީ ގަސްތުގައި ރާވައިގެން ނޫން ހެއްޔެވެ؟ 

'ދައުރު' ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފްއާއެކު މި މައުލޫގެ ފުނަށް ގެންގޮސްދިނީ ލޭންޑް ވެލުއޭޝަން އާއި އާބަން ޕްލޭނިންގެ ތަޖުރިބާކާރު އަސްލަމް ޝާކިރެވެ.

ދަގަތްފާނުގެ ބާރު މާލެއަށް

ހިންދު ކަނޑުގައި ގަތާލާފައި ޖަޒީރާ ރަށްތަކެއްގެ މި ރާއްޖޭގެ މީހުންނަށް މިއީ މިހާރު ހުޅުލެފަޅުން ފެށިގެން ގިރާވަރުފަޅާ ހަމައަށް ދަމާލާފައިވާ ރޮނގެކެވެ. މާލެއަށް ރާއްޖޭގެ ދެބައިކުޅައެއްބައަށްވުރެ ބޮޑު ބައެއް ޖަމާވުން އޮތީ ކައިރި މުސްތަގުބަލެއްގަ އެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ %41 މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ 2022 ވަނަ އަހަރުގަ އެވެ. އަދި މި ފެށުނު 2026ވަނަ އަހަރު ނިމޭއިރު %53 މާލެއަށް ޖަމާވެ ނިމޭކަން ދިރާސާތަކުން ދައްކާކަން ނާއިފް ފާހަގަކުރެއްވި އެވެ.

ނާއިފް ދެން މާލެ ސިފަކުރެއްވީ ދަގަތްފާނެއް ގޮތުގަ އެވެ. ދަގަތްފާނަށް ދަގަނޑުގެ ބާވަތްތައް ދަމާ ގޮތަށް މާލެއަށް މީހުން ޖަމަވަމުންދާ ކަމެވެ.

ނާއިފްގެ ވާހަކައަށް ބާރު ދެއްވަމުން ޒާހިރު އިޝާރާތްކުރެއްވީ މި ފަހުން ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1،500 ދަރިވަރުން ބަދަލުވި ކަމެވެ. ހުޅުމާލޭގައި އާ ސްކޫލެއް ހުޅުވިއިރު ސްކޫލްގެ ދަރިވަރުންގެ އަދަދު 2،000އަށް އަރަ އެވެ. އޭގެ 77% ދަރިވަރުންނަކީ އެހެން ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ.

އަސްލަމް ވިދާޅުވީ މާލެ ނޫން ތަނެއް ނެތުމުން ވާނެ ގޮތް ކަމެވެ. ހުރިހާ އިގުތިސޯދީ ހަރަކާތެއް ހިންގަނީ މާލެއާއި މާލެ ކައިރި ރަށްރަށުގަ އެވެ. ޓުއަރިޒަމަށް ބަލާއިރު، ޓުއަރިޓުން ރާއްޖެ ވަންނަ ދޮރޯށި ކަމުގައިވާ އެއާޕޯޓަކީ މާލެ ކައިރި އެވެ. ސަރުކާރު ހިންގަނީ މާލޭގަ އެވެ. ހިދުމަތްތައް، ފުރުސަތުތައް، ވަސީލަތްތައް ވެސް ހުރީ މާލޭގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅު ދައުލަތަށް އަސްލަމްގެ ހިދުމަތް ފެއްޓެވިއިރު އޭރު ސަރަހައްދީ ތަރައްގީގެ ޕްލޭންގެ ރަނގަޅު ބިންގަލެއް އެޅުނު ކަމަށް އަސްލަމް ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އަސްލަމްގެ ހިދުމަތް ދެމިގެން އައި އިރު، އޭނާ ވިދާޅުވީ އޭރުގައި ވެސް ކޮންމެވެސް ވަރަކަށް ސިޔާސަތެއްގެ ގޮތުގައި އެ ކަން ކުރަން އުޅުނު ނަމަވެސް ކޮންމެ ސަރުކާރެއްގައި ވެސް ފެނުނީ މައްސަލަތަކަށް ހައްލު ހޯދުމަށްވުރެ ސިޔާސީ ބާރުވެރިކަން ދަމަހައްޓަން އުޅުނު ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ސަރުކާރުތަކުގައި ވެސް. ކޮންމެ ސަރުކާރަކުން ވެސް އުޅުނީ ވޭތުވެދިޔަ ސަރުކާރުގެ ހުރި ގޯސްތައް ދެއްކުމުގައި. ދެން އުޅެވެނީ އެ މީހުން ދެން އަންނަން އޮތް ސަރުކާރު ހޯދުމަށް ޓަކައި އެ ސަރުކާރުގައި ކުރާނެ ކަމެއް ދެއްކުމުގައި،" އަސްލަމް ވިދާޅުވި އެވެ.

މާލެ ތޮއްޖެއްސުމުގެ ފަހަތުގައިވާ ޖަރީމާއާ ގުޅޭ ގޮތުން 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ވާހަކަ ދައްކަނީ --

ވެރިރަށުގެ ލަގަބު ވެސް 'ތާއަބަދަށް'

މާލެ ތޮއްޖެއްސުމަކީ ސިޔާސީ ވެރިންނާއި ވިޔަފާރިވެރިން ރާވައިގެން 'ޑިޒައިން'ކުރި ކަމެއް ކަމަށް ބާރު ދިނުމަށް އަސްލަމް އިޝާރާތްކުރެއްވީ ގާނޫނުއަސާސީ އެވެ. ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެ ކަމުގައި ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް ވަކި ރަށަކީ ތާއަބަދު ވެރިކަންކުރާ ރަށުގެ ގޮތުގަައި ގާނޫނުއަސާސީގައި ލިއުމަކީ ކޮށް އުޅޭ ކަމެއް ނޫނެވެ.

އަބަދުވެސް މާލެ ތޮއްޖައްސަމުން ގެންދިއުމާއި ތާއަބަދު ވެރިރަށުގެ ލަގަބު މާލެއަށް ލިބިދޭ ގޮތަށް ގާނޫނުއަސާސީގައި ވެސް ލިއުނީ 'ބައި-ޑިޒައިން' ވަކި ބަޔަކު މުއްސަނދިވާން ވެގެން ކަމަށް އަސްލަމް ގަބޫލުކުރައްވަ އެވެ.

"އައްޑު އަތޮޅުގެ ވެރިކަންކުރާ ރަށަކީ ހިތަދޫއޭ ލިޔެފައެއް ނޯވޭ. ހދ. ކުޅުދުއްފުށީގައޭ އެ އަތޮޅު ވެރިކަންކުރަން ޖެހެނީ ލިޔެފައެއް ނޯވޭ. އެކަމަކު ރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެ ކަމަށް ލިޔުނީ، ބައި ޑިޒައިން މި އުފައްދާފައިވާ ހާލަތެއް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ދެން ފާހަގަކުރެއްވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެރިކަންކުރާ ރަށް ބަދަލުކޮށްފައިވާ ކަމެވެ. އަދި އެއިން ގިނަ ގައުމުތަކުގައި ވެރިކަންކުރާ ރަށް ބަދަލުކުރި އެއް ސަބަބަކީ ވެރިކަން ކުރަމުން ދިޔަ ރަށް ފުރިބާރުވުމުންނެވެ. އަނެއް ސަބަބަކީ ވެރިކަންކުރާ ރަށަކީ ވަކި ބަޔެއްގެ ރަށަކަށްވުމުގެ ބަދަލުގައި ހުރިހާ އެންމެންގެ ވެސް ރަށަކަށް ވުމެވެ. ރާއްޖޭގައި މި ދެ ސަބަބު ވެސް މިއަދު ވުޖޫދުގައި އެބަ އޮތެވެ.

މީގެ ދެ މިސާލެއް ފާހަގަކޮށްލާނަމަވެ. އޮސްޓްރޭލިއާއާއި އަވައްޓެރި ސްރީލަންކާ އެވެ.

ލަންކާގައި ދެ ވެރިރަށެއް އޮވެ އެވެ. ވިޔަފާރި މަރުކަޒެއް ގޮތުގައި ޒަމާންތަކެއް ވަންދެން ކުރިއަރަމުންދާ ކޮލޮމްބޯ އާއި ސަރުކާރާއި ގާނޫނު ހިންގުމުގެ ވެރިރަށެއްގެ ގޮތުގައި ޝްރީ ޖަޔަވަރްދެނެޕޫރާ އެވެ. ބޭނުމަކީ ދައުލަތް ހިންގާ މައި މުއައްސަސާތައް ހުންނަން ވާނީ، ވިޔަފާރި މަރުކަޒުތަކާ ދުރު، ދައުލަތުގެ އެންމެން ވެސް ރަމްޒުކޮށްދޭ ތަނަކަށް ހެދުމެވެ.

އޮސްޓްރޭލިއާގައި ފެޑެރަލް ދައުލަތެއް ގާއިމުކުރުމަށް ފަހު، އޭރު ކުރިއަރާފައިވާ ދެ ސިޓީ ކަމަށްވާ މެލްބާން އާއި ސިޑްނީގެ ވާދަވެރިކަން ބޮޑެވެ. ހަމައެކަނި އެ ވާދަވެރިކަމާ ހުރެ، މަސްލަހަތު ހުރި ގޮތެއް ކަމުގައި އެ ގައުމަށް ފެނުނީ ދެ ސިޓީގެ ތެރެއިން ސިޓީއަކަށް ވެރިކަން ނުދިނުމެވެ. މުޅިން އާ ސިޓީއެއް ވެރިރަށުގެ ގޮތުގައި ތަރައްގީކުރުމެވެ. އޭގެ ކުރިން މީހުން ދިރިއުޅެފައި ވެސް ނެތް ތަނެއްގައި 'ކެންބެރާ' ގެ ނަމުގައި މުޅިން އާ ސިޓީއެއް ބިނާކުރީ އެވެ.

"ރާއްޖޭގެ ގާނޫނުއަސާސީގައި އެ ގޮތަށް ލިއުނީމައި މީހުންނަށް ގަބޫލުކުރަން ވެސް ދަތި، މާލެ ނޫން ތަނެއްގައި ވެރިކަން ކުރެވިދާނެ ކަމަށް ވެސް. އެ ނޫން ރަށެއް ވެރިރަށަށް ވެދާނެ ކަމަށް ވެސް،" އަސްލަމްގެ ނުކުތާ ތަފްސީލްކޮށްދެއްވި އެވެ.

މުއްސަނދިކަމުގެ ހަމަހަމަކަމެއް ގެންނަން ޖެހޭ

މުޅި މައްސަލަ ގުޅިލައި މެހެނީ ދެ ކަމަކަށް ކަމަށް އަސްލަމް ގަބޫލުކުރައްވަ އެވެ. އެއް ކަމަކީ ގައުމީ ތަރައްގީގެ ސްޓްރެޓެޖީއެއް ނެތުމާއި ހަމަ ނަމެއްގައި ތަރައްގީގެ ޕްލޭނެއް އޮތުމެވެ. އަނެއް މައްސަލައިގެ ގޮތުގައި އަސްލަމް ތަކުރާރުކޮށް ފާހަގަކުރެއްވީ މިހާރުގެ ގާނޫނުއަސާސީއާ އެވެ.

އެ ދެ ކަމަށް ވެސް އިޝާރާތްކުރައްވަމުން އަސްލަމް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރުން ތަރައްގީގެ ޕްލޭންގެ ވެސް ބޭނުމަކަށް ވާން ޖެހޭނީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމާއި އެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށެވެ. ބޮޑެތި ވައުދުތަކުގެ މެނިފެސްޓޯ ހެދި ނަމަވެސް ނަތީޖާއެއް ނުނުކުންނަނީ، އެ ނަޒަރިއްޔާތުން ދިރާސާކޮށްގެން ރަނގަޅު ސިޔާސަތުތަކެއް އެކުލަވާނުލާތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ވަކި ރަށެއްގައި ވެރިކަންކުރާ ގޮތަށް ލިއުމަކީ ވެސް ހައްގުތަކާއި ހަމަހަމަކަމުގެ ނަޒަރާ މާ ދުރު ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ކޮންމެ ސަރުކާރެއްގައި ވެސް މީހުންގެ ދިރިއުޅުމަށް އަސަރުކުރާނެ ތަރައްގީގެ ބޮޑު މަޝްރޫއުތައް ހިންގަނީ މާލޭގަ އެވެ. ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫއުތައް ވެސް މާލޭގައި ހިންގަ އެވެ. މާލޭގެ ބިމުގެ އަގު އުފުލަމުން، ހަރަދުކޮށްގެން އުފައްދާ ބިން ވެސް ހިލޭ ބަންޑާރަ ގޯތީގެ ނަމުގައި ވަކި ބަޔަކަށް ބަހާލަ އެވެ. މި ހިސާބުން މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވަމުންދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ބައި ޑިޒައިން ވަކި ބަޔަކު މި ހަދަނީ މުއްސަނދިންނަށް. ވެރިރަށުން ބިމެއް ލިބުނީމައި ބޭންކަށް ގޮސް އެ ތަން މޯގޭޖްކޮށްގެން މިލިއަން ލޯނު ނެގޭ އެބަ. އެ ލޯނުން ބޮޑެތި ވިޔަފާރިތައް ފެށޭނެ. ބައި ޑިޒައިން މި ގޯތި ލިބޭ މީހާ ވެސް މުއްސަނދިންނަށް އެބަވޭ،" އަސްލަމް ވިދާޅުވި އެވެ.

ތަރައްގީގެ ޕްލޭންގެ ބޭނުމަކީ އަހަރުތަކެއް ފަހުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް އޮތުމެވެ. އަސްލަމް ދެކޭ ގޮތުގައި ރާއްޖޭގެ ލަނޑުދަނޑިއަކަށް ވާންވީ ކުރިން ފާހަގަކުރެއްވި ފަރަގު ނައްތާލުމެވެ. މުއްސަނދިކަމުގެ ހަމަހަމަ އާބާދީއެއް ހެދުމެވެ. ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން ލިބޭ ނަފާ ރާއްޖޭގެ އެންމެނަށް ލިބުމެވެ.

"ނޭޝަނަލް ޑިވެލޮޕްމަންޓް ޕްރިއޯރިޓީއެއް ވެސް އޮންނަން ޖެހޭ. އެ ޕްރިއޯރިޓީއަކަށް ހަދަންވީ ނޫން ހެއްޔެވެ ދިވެހިރާއްޖޭގެ ހުރިހާ ވެލްތެއްގެ ފައިދާ އެންމެނަށް ލިބޭ ގޮތަށް ބަދަލުކުރަން،" އަސްލަމް ވިދާޅުވި އެވެ.

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް: ކަނޑުގެ ލޮނުގަނޑު އުސްވަމުންދާތީ އޭގެ ނުރައްކާ ރާއްޖެ ފަދަ ރަށްތަކަށް ބޮޑު ކަމަށް ސައިންޓިސްޓުން އިންޒާރުދޭ (ފޮޓޯ/ގޫގަލް)

އެ ކަން ހާސިލްކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ވެސް އަސްލަމް ވިދާޅުވި އެވެ. ރިސޯޓް ވިޔަފާރި ވެސް ހިންގެނީ ސަރުކާރުން ރަށްރަށް ދޫކުރާތީ އެވެ. ސަރުކާރަށް އޭގައި ގޮތްތަކެއް ހޯދޭނެ އެވެ. މި ގޮތަށް ރަށް ދޫކުރުމަށްފަހު، ގާއިމުކުރާ ރިސޯޓް ވިޔަފާރީގެ ވަކި ނިސްބަތެއްގެ ހިއްސާ އާންމުންނަށް ވިއްކަން ނޫނީ ދޫކުރުމަށް ޝަރުތުކުރެވިދާނެ އެވެ.

"ރިސޯޓްގެ %5 ހިއްސާ ޕަބްލިކަށް ވިއްކާށޭ. ވަކި އަދަދުތަކެއްގައި. އެ ވަރު ވިއްކިއަސް ރިސޯޓް އޯނަރަށް ވިޔަފާރީގެ ކޮންޓްރޯލް އޮންނާނީ. އެކަމަކު އާންމު އެތައް މީހުން އޭރުން އެ ވެލްތުގެ އޯނާޝިޕް ވެސް ލިބިގެންދޭ. ރައްޔިތުމީހާގެ މުދަލެއް ގޮތުގައި ހަގީގަތުގައި ވާނީ އެ ގޮތަށް އޯނާޝިޕް އުފައްދައިގެން،" އަސްލަމް ވިދާޅުވި އެވެ.

ކުލީގެ ވިޔަފާރީގެ ތެރެއަށް ވެސް ސަރުކާރަށް ކޮންމެ ވެސް ވަރަކަށް ވަދެވެން ޖެހޭނެ ކަމަށް އަސްލަމް ގަބޫލުކުރައްވަ އެވެ. ރެންޓް ރެގިއުލޭޓް ބޯޑެއް ހުރުމާއި ސެކިއުރިޓީ ޑިޕޮސިޓް ވެސް ބޯޑާ ހަވާލުކުރުން ފަދަ ކަންކަން ގިނަ ގައުމުތަކުގައި އޮވެ އެވެ. އަދި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ގޮތުގައި ހިލޭ ބިން ދޫކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ހިންގަނީ ބައި ޑިޒައިން ވަކި ބަޔަކު އެލީޓުންގެ ގޮތުގައި ތިބޭ ގޮތަށް އޮތް ނިޒާމެއް،" އަސްލަމް ވިދާޅުވި އެވެ.

މިއީ މާލޭގެ ރަށްވެހިންނާއި ހިޖުރަވެރިންގެ ބަހުސެއް ނޫނެވެ. މުއްސަނދިންނާއި ފަގީރުންނާ ދެމެދު ފުޅާވަމުންދާ ފަރަގާ ގުޅުން ހުރި ބަހުސެކެވެ.

ކޮމެންޓް (10)

ައަލީ ނަސީރު

3 ފެބްރުއަރީ 2026
މާލެ ހަލާކު ކޮއްލިގޮތަށް ހުޅުމާލެ މިހާރު ހަލާކު އެކޮށްލަނީ..ތަނަށް ނުކަތާ ވަރަށް މީހުން އަޅާ ފުޑާލަނީ
0 0

އަލިކާ ދިއްދޫ

1 ފެބްރުއަރީ 2026
ހަމަ އަޖައިބުވެއްޖެއް ސަރުކާރުތަކުގެ ފޮރުވިފައިވާ ސިޔާސަތަކީ ގުރޭޓްމާލޭ އޭރިޔާއެއް ހަދާފަ ނަގާ ކޮންމެއްވޯޓެއްވެސް މިތަނުން މެޖޯރިޓީ ނަގާނިންމާލުން . ރަށްރަށުން މީހުންގެނަސް ކުލީގެ އަޅުންނައް ހަދާ ސަރުކާރުން ބޭނުންވާގޮތަކައް ވޯޓުލާން މަޖުބޫރުކުރުން. ކަންއޮތީ މިހެންކަމައްވާއިރު ހިންދުމިމާ ކަނޑުތެރޭ މިއޮތްރައްތައް ވޯޓައްވީމަ ހިއްކާ ފަޅުތަކާއި ގިރިތައްހަލާކު މިކުރަނީ ތޮއްޖައްސާފައިވާ ކޮންކުރީޓް ޖައްގަޔައް އަންނައްކުރާ މަޖުބޫރެއްބާވައެވެ. މިވަރައްދިޔާމަ ޖަޒީރާއޭ ލޭނާރޭ ތިމާވެއްޓޭ ކިޔާގެން އަނގަނާރުވާ ސިޔާސީ ޕަޕެޓުން ތިބޭށެވެ. ގައުމައްޓަކާ ވިސްނާމީހެއްގެ ހައިސިއްޔަތުން ހޫނުވެ ކެކެނީ ލެއެވެ. ދޭނެ ވޯޓެެއް ލާނެ ވޯޓެއްވެސް ނެތެވެ.
1 0

ސާއިލް އިބްރާހިމް

1 ފެބްރުއަރީ 2026
އަސްލު ގެސްޓް ހައުސް ހަދައިގެން ރާއްޖޭގެ ރަށްތައް ކޮލޮނައިޒްކުރަން ދޫކުރަންނުޖެހޭ. މިއޮތީ އަސްލު ހައްލު. މިކަން ނުކޮށް އެކަން ކުރީ ހީވަނީ ކޮންސަވޭޓިވް ޕާޓީން ޕްލޭންކޮށްގެންހެން. ދެރައީ މިކަން ހަރުމީހުނާ ދީނީ މީހުންވެސް ނުފެންނަ ކަމަށް ހަދާތީ. ރިސޯޓްގެ %5 ހިއްސާ ޕަބްލިކަށް ވިއްކާށޭ. ވަކި އަދަދުތަކެއްގައި. އެ ވަރު ވިއްކިއަސް ރިސޯޓް އޯނަރަށް ވިޔަފާރީގެ ކޮންޓްރޯލް އޮންނާނީ. އެކަމަކު އާންމު އެތައް މީހުން އޭރުން އެ ވެލްތުގެ އޯނާޝިޕް ވެސް ލިބިގެންދޭ. ރައްޔިތުމީހާގެ މުދަލެއް ގޮތުގައި ހަގީގަތުގައި ވާނީ އެ ގޮތަށް އޯނާޝިޕް އުފައްދައިގެން،
3 0

މަރުމލ

1 ފެބްރުއަރީ 2026
މީކަމުދާ މީހެއް ނޫން. ހިހޫތަނުން ކައިގެން އުޅުނު ރޯނު އެދުރެއް. އާރބަން ޕްލޭނިންގ އެކްސްޕާރޓެކޭ ބުނަން އަސްލަމް ވެސް ލަދުގަންނާނެ. ސުމެއްގެ މީހެއް. ވަޒީފާގައި ޕާރފޯމް ނުކުރެވޭ މީހެއް. އެންމެ ފަހުން ގޮސް ހުރީ ކޮންމެސް އެމްބަސީއެއްގަ. އެތާވެސް ކައިގެން ނިދާފަ ކުރީ ވިޔަފާރި.
0 5

ޕއޮއް

1 ފެބްރުއަރީ 2026
@މަރުމލ ބޮޓް ލާރިދީގެން ސަހުޔޫނީން ގޮަތަށް ކުރާ ކޮމެންޓާ އޮގޭނިކް ކޮމެންޓާ ވަކިވާނެ ގޮތެއް ނޫސްވެރިން ހަދަންޖެހޭ. ރާއްޖޭގެ 90 ޕަސެޓް މި ލިއުމުގައި ވާ ވާހަކަތަކަށ ް ތާއިދު ކުރާނެ. އަނެއް 10 އަކި ނުވިސްނޭ. އެކަމަކު މިކޮމެންޓް ވައްތަރީ އެއުޅޭ ވަޓްއެވަރ
3 0

މޯހަން

31 ޖެނުއަރީ 2026
ތިޔަ އަސްލަމަކީ އަންނި ވެރިކަމުގަ ބަލަދު އަރާފަހުރި މީހެއް. ޕަރޕޯރމް ނުކުރެވޭތީ ޔަޤީނުންވެސް 4 މިނިސްޓްރީއަށް ބަދަލުކުރި. އެންމެ ފަހުން ހުރީ ގެންގޮސް ރައީސް އޮފީހުގަ ބަހައްޓާފަ. އައިސް ސޮއި ކޮށްލާފަ މުސާރަލިބޭ ގޮތަށް.
1 4

ޖަނީ

31 ޖެނުއަރީ 2026
ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގާ އުޅުނުއިރު އަސްލަމް ތިކަން ނުކުރީ ކީއްވެތަ.
2 0

ޏަމްބެ

31 ޖެނުއަރީ 2026
ވަރަށް ރަގަޅު ވާހަކައެއް. މިވާހަކަ ހުރިހާ ފޯރަމްތަކެއްގަ އެބަދައްކަން ޖެހޭ
3 0

ކަނޑުކޮސް

31 ޖެނުއަރީ 2026
ތިޔަ އަސްލަމުގެ ވިސްނުންވެސް އަބަދުވެސް ހުރީ މާލެއަށް އައުމަށް ދިރިއުޅުމަށް ފައިސާހޯދުމަށް. މުއްސަނދިކަމަކީ ވަކިމީހަކަށް އޮތް ހައްގެއްނޫން. އެންމެންނަށް އޮތްކަމެއް. އެކިއިރު އެކިމީހުން މުއްސަނދިވަނީ އެކިމަސައްކަތް ކޮށްގެން. އަސްލަމަށް އެނގޭބާ ރާއްޖޭގަ އެހެން ރަށްޜަށުގަ ރަސްކަން ކުރިކަން. މާލެ ތިޔަފެނުނީ މާފަހުން. މާލެއަށް ވެސް ބަޔަކުއައިސް ޖަމާވީ ވެރިކަންވެސް ކުރަނީ. އަސްލަމުގެ ވިސްނުން އެހެން ދިމައަކަށް ނަޒަރު ހުރިނަމަ ހުންނާނީ އެސަރަހައްދެއްގަ ނަފާހޯދުމުގަ. ތީ މީހާ އިސްތިހާރުވާން ދައްކާ ހުސްވާހަކަ
0 5

އޯއްއައި

30 ޖެނުއަރީ 2026
ގިރާވަރު ފަޅުން ވެސް 50 ހާސް ގޯތި ނުދެވެއޭ މާލެ ސަރަހައްދުން އެބަޖެހޭ ގޯތި ދޭން މަދުވެގެން ކުރިއަށް 2 އަހަރު 10 ހާސް އަކަފޫޓްގެ 5 ލައްކަ ގޯތި އެތަނުން 3 ލައްކަ އެއީ ދިރިއުޅުމަށް ދޫކުރާ ގޯތި ތަކޭ ގޯތި ތައް ދޭން ޖެހޭނީ 4 ހާސް އަހަރު ވަން ދެން މަހަކު އަކަފޫޓަކަށް 1 ރުފިޔާ ކުއްޔަށް މާލޭ ސަރުކާރަށް ދައްކަން ޖެހޭ ގޮތަށޭ ދިވެހިން ހުރިހާ އެންމެން ޝާމިލް ވާ ގޮތަށް ހިތުގެ އަޑިން ދިރިއުޅެން ބޭނުންވަނީ މާލެ ސަރަހައްދުގައޭ އަދަކު ނެތޭ މާލޭގައި ކުނި ފެނުން ފެންވަރާ އެކަކު ވެސް އެމާޒީއާއި އެކު ވެއްޖެއޭ ލައިފް އިޒް އަ ބިއުޓިފުލް ޑްރީމް އެޓް މާލެ ޓު މޭކް އިޓް ފީލް މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަކަނޑު ހިއްކާ މާލެ އާއި ވިލިގިލި އާއި ގުޅުވާލާށޭ ބިމުން އެއިރުން ދެން އެބައި ފުޅާކުރާނީ ހިއްކަމުން ހިއްކަމުން ގޮސް ތިލަފުށި ފަހަނައަޅާ ދަންދެން އަލިހުރަސް ކަނޑުގައި ހުރިއްޔާ ހުރި ހުރިހާ ފަހެއް ނަގައިގެން ގެނެސް މިތަން ހިއްކޭނެއޭ ޔޫ ނޯ އޯލް ކޭން މޭކް ލައިފް އިޒް ބިއުޓިފުލް ހިއަރ އިން މާލެ ޔޫ ކޭމް ހިއަރ އާސްކިންގް ފޯރ ދިސް އޯއް އައި އޯއް އައި އޯއް އައި އައި އޭމް ފީލިންގް ސޯ ހައި އޯއް އައި އޯއް އައި އައި އޭ
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް