އެއްބަސްވެ ދެބަސްވަމާ: ގެދޮރުގެ މި ބޮޑު ކާރިސާއިން ސަލާމަތްވާނީ ކިހިނެއް؟

ކޮންމެ ސަރުކާރަކުން ވެސް ކުރި އަދި ކުރަމުންދާ ކަމަކީ މާލެ ކައިރީ ބިންތައް އިތުރުކޮށްގެން ބިންތައް ވިޔަފާރި އާއި ސިޔާސީ ޕާޓީގެ މަސްލަހަތަށް ބަހަމުން ދިއުން؛ ރާއްޖޭގެ ގެދޮރުގެ ބޮޑު ކާރިސާއެއް އުފެދިގެން މި އުޅެނީ މިހެންވެގެން ކަމަށް ބުނެވިދާނެ
19 ޑިސެމްބަރު 2025
1

މީގެ އަށްވަރަކަށް އަހަރު ކުރި އެވެ. މިހާރުގެ ރައީސް މުހައްމަދު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. އެއްފަހަރާ އެތައް ހާސް ފްލެޓްގެ ސްކީމަކަށް މާލެ ސަރަހައްދުގައި ހުޅުވާލި އެއީ ފުރަތަމަ ފަހަރެވެ. ހަތްހާހަށްވުރެ ގިނަ ފްލެޓަށް ފޯމު ލާން މީހުން ހައުސިން މިނިސްޓްރީ ދޮށުގައި ދިގު ކިއޫއެއް ދަމާލި އެވެ. މެންދުރުގެ ހޫނު ދިލައިގައި ވެސް ކިއޫގައި މީހުން މަޑުކޮށްގެން ތިއްބެވެ. އެ ވަރުން ވެސް، ގެދޮރުގެ ކާރިސާއަކުން މި ތަން އަރައެއް ނުގަނެވެ.

މާލެ ތޮއްޖެހި ގެދޮރު ކާރިސާއެއް މި ރާއްޖޭގައި އުފެދެން ޖެހުނު ސަބަބުތައް ދެމިއޮތީމަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި، މާލެ ކައިރީ ހުޅުމާލެ ހިއްކި ފަހުން ކޮންމެ ސަރުކާރެއްގައި ވެސް އިތުރަށް ބިން ހިއްކައި، ފްލެޓްތަކެއް އަޅައި ދޫކުރި އެވެ:

  • މައުމޫނުގެ ވެރިކަމުގައި އެޅުނީ 900އެއްހާ ފްލެޓް

  • ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދުގެ ވެރިކަމުގައި 1،000 ފްލެޓް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 10،000އަށްވުރެ ގިނަ ފްލެޓް އަޅަން ހަވާލުކޮށް، ވެރިކަން ނިމުނު އިރު އެޅުނީ 8،000އެއްހާ ފްލެޓް

  • ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 4،000 ފްލެޓް

އެކަމަކު މާލެ ތޮއްޖެހުމަށް ބަދަލެއް ނަ އެވެ. ގެދޮރަށް އޮތް ޑިމާންޑަށް ބަދަލެއް ވެސް ނަ އެވެ. ސަރުކާރުގެ ސްކީމްތަކުގައި ބައިވެރިވާ މީހުން މަދެއް ނުވެ އެވެ. ކޭޕާކް ފަދަ އަމިއްލަ ވިޔަފާރިތަކުން އަޅާފައިވާ ފްލެޓްތައް ވެސް ގަނެ، އެތައް ސަތޭކަ މީހުނަަށް ލަނޑު ވެސް ލިބިއްޖެ އެވެ. ގެދޮރުގެ ކާރިސާއެކޭ ބުނަން ޖެހެނީ މިހެން ވެގެނެވެ.

މި ހުކުރު ދުވަހު 'އެއްބަސްވެ ދެބަސްވަމާ' ގެ ވޮޑްކާސްޓްގައި ވާހަކަ ދެއްކީ މި މައުލޫއަށެވެ. 'ދައުރު' ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފާއެކު ދެން ބައިވެރިވެވަޑައިގެންނެވީ ސޯޝަލް އެކްޓިވިސްޓު މިދުއަމް ސައުދެވެ.

މިދުއަމަކީ ގެދޮރުގެ މައްސަލާގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވާ، އިޖުތިމާއީ ހަރަކާތްތެރިއެކެވެ. ޖަމިއްޔާއެއް އުފައްދައިގެން ވެސް މަސައްކަތް ކުރައްވަ އެވެ.

'ދައުރު' ގެ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ހިރިގާ ޒާހިރު (ވ) އާއި ނާއިފް (ކ) އަދި މިދުއަމް ސައުދު --

މާލޭގެ ކުލި ބޮޑުވެ، ގެދޮރުގެ ކާރިސާއެއް

އިންސާނުން ދިރިއުޅެން ދާނީ ފުރުސަތުތައް އޮންނަ ތަނަކަށެވެ. ހިދުމަތްތައް ފުރިހަމައަށް ލިބޭ ސަހަރަކަށެވެ. އާމްދަނީ، ވަޒީފާ، ވިޔަފާރި، ތައުލީމު، ސިއްހީ މިހެން ގޮސް ދިރިއުޅުމަށް މުހިންމު ހިދުމަތްތައް ލިބެން އޮތް ތަނަކަށެވެ. މާލެއަކީ، މި ރާއްޖޭގައި އެ ރަށެވެ.

ދިރިއުޅުމުގެ އެތައް ކަމަކު ބަރޯސާވަނީ މި ވެރިރަށަށެވެ. ވެރިރަށަށް ހިޖުރަކުރަން މަޖުބޫރުވީ އެވެ. ނަތީޖާއަކީ ވެރިރަށް ތޮއްޖެހުމެވެ. އަދި މި ތަނުގައި ދިރިއުޅެން ދޫކުރާ ގެދޮރުތަކުގެ ކުލި ނުހިފެހެއްޓި ބޮޑުވަމުން ދިއުމެވެ. ކޮންމެ މީހެއްގެ އާމްދަނީގެ ބޮޑު ބައެއް ހޭދަވަނީ ކުއްޔަށެވެ.

ވެރިރަށް މާލެ ނޫނީ އުޅެން ކަމުދާ ތަނެއް ދިވެހިންނަށް ފެންނަން ނެތުމުން، މާލޭން ގެދޮރުގެ ޑިމާންޑް ބޮޑެވެ. ވެރިރަށުން ގެދޮރު ލިބެން މިހެން ޑިމާންޑް ބޮޑުވުމަކީ ވަރަށް ތޮބީއީ ކަމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

"ތޮބީއީ ކަމެއް. ވެރިރަށަށް އެކި ތަންތަނުން މީހުން ޖަމާވުމަކީ. އާބަން ސެންޓަރުތަކެއް އުފެއްދުމަކީ،" ޒާހިރު ވިދާޅުވި އެވެ.

މިދުއަމް ދެކެވަޑައިގަންނަވާ ގޮތުގައި އެހެން ދިމާވީ ނިޒާމީ ރޭވުމެއްގެ ވެސް ތެރެއިންނެވެ. މީހުން ހިޖުރަކުރާނީ ފުރުސަތުތައް ލިބެން ހުރި ތަނަކަށެވެ. ރާއްޖޭގައި ހިދުމަތްތަކާއި، ފުރުސަތުތައް އަދި ބާރުތައް ވެސް މަރުކަޒުކޮށްފައިވަނީ މާލެއަށެވެ. އަދި މިއީ ވަރަށް މަޖުބޫރު ހިޖުރައެކެވެ.

"މާލޭގައި އަޅުގަނޑުމެން ދިރިއުޅެނީއެއް ނޫން. ގިނަ މީހުން މި ތަނުގައި ގަނަތެޅެނީ. އެކަމަކު ގިނަ ބަޔަކު މަޖުބޫރު ވެސް ވެގެން މި އަންނަނީ. ފުރުސަތުތައް އެހެން ރަށަކުން ލިބެންޏާ އެ ރަށަކަށް ވެސް ދާނެ،" މިދުއަމް ވިދާޅުވި އެވެ.

އޭނާ ދެން މިސާލެއްގެ ގޮތުގައި ދެއްކެވީ ޗައިނާ އެވެ. ބެއިޖިން އަކީ ވެރިރަށް ނަމަވެސް ޝެންހައިގައި ވެސް ދިރިއުޅެން ގިނަ ބަޔަކު ބޭނުންވި އެވެ. އެމެރިކާގެ ވެރިރަށަކީ ވޮޝިންޓަން ނަމަވެސް މީހުން ޖަމާވާ އެއް ތަނަކީ ނިއުޔޯކެވެ. އިންޑިއާގެ ވެރިރަށް ދިއްލީއަށްވުރެ، މުމްބާއީ އާއި ބެންގަލޫރުން ވެސް ބިމާއި ގެދޮރުގެ ޑިމާންޑް ބޮޑެވެ.

ގެދޮރުގެ ކާރިސާއެއް އުފެދިގެން އުޅޭ ސަބަބުތަކަކީ އެއީ ކަމަށް ނާއިފް ވެސް ގަބޫލުކުރައްވަ އެވެ. އެއް ކަމަކީ މާލެއަށް އެކަނި މާ ބޮޑަށް ދިރިއުޅުން ބަރޯސާވާން ޖެހުމެވެ. އަނެއް ކަމަކީ މާލޭގައި މުޅިން ވެސް ކުއްޔަށް ދޭ އިމާރާތްތައް ހުރެފައި، ކުލީގެ އަގު ބޮޑުވުމެވެ.

"ބޯހިޔާވަހިކަމަކީ އެންމެ އަސާސީ އެއް ކަންތައް ދިރިއުޅުމަށް ޓަކައި. ކެއުންބުއިމާ ޖެހިގެން ދެން މި އޮންނަނީ ނިދާނެ ތަނެއް. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން އަތްނުފޯރާފަށަށް ގޮސްގެން މި އުޅެނީ. މީހެއްގެ މުސާރައާއި އާމްދަނީގެ %80 ހޭދަކުރަނީ މި ރެންޓަށް،" އިގުތިސޯދީ ގިނަ ކަންކަން ދިރާސާކުރައްވާ ނާއިފް ވިދާޅުވި އެވެ.

މާލެ އަތޮޅުގައި އޮންނަ ގިރާވަރު ފަޅު (ވ) އާއި ތިލަފުށި ހިމެނޭ ތިލަފަޅު (ކ). ގިރާވަރު ފަޅު ހިއްކުމަށްފަހު ބްރިޖަކުން ތިލަފުށްޓާ ގުޅުވާލުމަށް ވަނީ ނިންމާފައި.

ރޭވުންތެރިކަމެއް ނެތި، ބިންތައް ބެހުމުގެ ސަގާފަތް

ގެދޮރުގެ ކާރިސާއެއް އުފެދުނު ދެން އެންމެ ބޮޑު އަނެއް ސަބަބަކީ ސަރުކާރުތަކުން ޕްލޭން ބަދަލުކުރުމެވެ. އަދި މާ ބޮޑު ޕްލޭނެއް ނެތި މާލޭގެ އަގުހުރި ބިންތައް 'ގޯތި' ނަމުގައާއި ވިޔަފާރިއާއި ޕްރޮޖެކްޓްތަކުގެ ނަމުގައި ވެސް ބެހުމެވެ. ޒާހިރު، ނާއިފް، އަދި މިދުއަމް ވެސް މި ހަގީގަތަށް އެއްބަސްވެ އެވެ.

މައުމޫނުގެ ވެރިކަމުގައި ވެސް އެކި އާއިލާތަކަށް މާލޭން ގޯތި ދޫކޮށްފައިވެ އެވެ. ނަޝީދު ވެރިކަމުގައި ހުޅުމާލޭން 250 ގޯތި ދޫކުރި އެވެ. ސޯލިހު އެންމެ ފަހު ވަގުތު ހުޅުމާލެ ފޭސް ދޭކުން ބާކީ ހުރި ހުރިހާ ބިމެއް ގޮތަށް ގޯތީގެ ގޮތުގައި ދޫކޮށްލި އެވެ. ގިރާވަރު، ގުޅީފަޅު، އުތުރުތިލަފަޅު ނުވެސް ހިއްކަނީސް ގޯތީގެ ރަޖިސްޓްރީ ދީފަ އެވެ. ޔާމީން ވެސް ފުށިދިއްގަރުފަޅުން އެ ގޮތަށް ލިޔުން ދިނެވެ. މިހާރު ހަމަ އެ ފަޅުން 15،000 ގޯތި ދޫކުރަން މިހާރުގެ ރައީސް ވެސް ނިންމަވާފައިވެ އެވެ.

ރަސްމާލެ މަޝްރޫއުގެ މަސައްކަތް އަލުން ފަށައި ކުރިއަށް ގެންދަނީ (ފޮޓޯ/ އެޗްޑީސީ)

ނާއިފް ވިދާޅުވީ އެކި ސަރުކާރުތަކުން މި ކަން ކޮށްފައިވަނީ ތާއީދާއި ވޯޓުގެ ވެސް ބޭނުމަށެވެ. ހާއްސަކޮށް ކުރިން ހުންނެވި ރައީސް ސޯލިހް އެ ކަން ފަހު ވަގުތު ކުރެއްވީ އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ ސަބަބުން ވެރިންނަށް ވޯޓެއް އިތުރު ވެސް ނުވެ، އޭގެ ބަދަލުގައި، އުފެދިގެން ދިޔައީ ހަގީގީ މައްސަލައާ ވެސް މާ ދުރު ބަހުސެކެވެ.

"ނުބައި އެހެން ބަހުސެއް އުފެދުނީ. މާލެއާއި ރާއްޖެތެރެ ބަހުސް. ހަގީގީ މައްސަލައާ ވެސް މާ ދުރު، ބައިބައިވުން އުފެދޭނެ ކަންބޮޑުވުން މާ ބޮޑު ބަހުސެއް އަންނަނީ،" ނާއިފް ވިދާޅުވި އެވެ.

ބިމަކީ ރާއްޖޭގައި އެންމެ ތަދު އެއް ވަސީލަތެވެ. ރަށްރަށުން ހިއްކޭނީ ވެސް އެ ރަށެއްގެ ފަރާ ހަމައަށެވެ. ކޮންމެ ރަށެއްގެ ގުދުރަތީ ވެށި ފުނޑާލައި، ފަރާ ހަމައަށް ހިއްކުމަކީ ވެސް އަދި ކުރަން ހެޔޮވާ ވަރު ވެސް ކަމެއް ނޫނެވެ. މިހާ ތަދު ވަސީލަތެއް އެއް ގޮތަކަށް ވެސް ހިލޭ ދެވިގެން ނުވާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.

"ރާއްޖޭގައި އެންމެ ސްކާސް އެއްޗަކީ ބިން. އެންމެ ތަދު އެއްޗަކީ ބިން. ބިމަކީ ހިލޭ ދެވޭނެ އެއްޗެއް ނޫން،" ނާއިފް ވިދާޅުވި އެވެ.

ބިމުގެ ވާހަކަ ދައްކަވަމުން ޒާހިރު އިތުރުކުރެއްވި ނުކުތާއަކީ ޕްލޭނެވެ. ރޭވުންތެރިކަމެއް ވެސް ނެތި، ގޯއްޗާއި ފްލެޓް ދޫކުރުމެވެ. ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއް ހިއްކައި އެތައް ހާސް ފްލެޓެއް ދޫކުރިއިރު މީހުން ދިރިއުޅެން ދެން ބޭނުންވާ ހިދުމަތްތަކަށް ވިސްނާފައެއް ނެތެވެ. ހައުސިން މަޝްރޫއުތައް ހިންގިއަސް މައްސަލަ ހައްލު ނުވަނީ ވެސް އެހެންވެ އެވެ.

"7،000 ފްލެޓް އައި އިރުގައި، އެ ތަންތަނުގައި ދިރިއުޅެން އެއަށް އެއްވެސް ސަޕޯޓިން ފެސިލިޓީއެއް ނެތް. ޓްރާންސްޕޯޓް، ގްރީންސްޕޭސް، ސިއްހީ، ތައުލީމީ، ވިޔަފާރިތައް ޕްލޭންކޮށްފައެއް ނެތް. އެއީ ވެސް ރަނގަޅު ގޮތެއް ނޫން،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރުގެ އެ ވާހަކައަށް މިދުއަމް މުޅިން އެއްބަސްނުވިއަސް ސަރުކާރުތަކުން ޕްލޭން ބަދަލުކުރަމުން ދިއުމަކީ މައްސަލައެއް ގޮތުގައި އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ. ޔާމީންގެ ވެރިކަމުގައި ޕްލޭނަކީ ހިޔާ ފްލެޓްގެ ސަަރަހައްދަކީ ހަމައެކަނި މީހުން ދިރިއުޅޭ ސަރަހައްދަކަށް އޮވެފައި، ކުރިމަތީ އޮތް ބިމަށް ދަތުރުކޮށްފައި ބޭނުންތައް ލިބޭ ގޮތަށް އޮތުމެވެ. އެ ޕްލޭން ސޯލިހުގެ ސަރުކާރުން ކުރިއަށް ނުގެންގޮސް މުޅި ޕްލޭން ބަދަލުކުރި އެވެ.

"ޔާމީނުގެ ވެރިކަމުގައި ބޮޑު އަގުގައި ބީޗް ފްރޮންޓަށްވާ ގޮތަށް ބިން ވިއްކަން ވެސް ޖެހުނީ ބިން ހިއްކަން ނެގި ލޯނު އަނބުރާ ދައްކަން. އެކަމަކު މިހާރު ބިން އިތުރަށް ހިއްކާލީމައި ބީޗް ފްރޮންޓް މި ގެއްލެނީ. ރަށް މެދަށް އެ އައީ. ޕްލޭން ބަދަލުކުރާއިރު ބަޔަކު ކުރާ އިންވެސްޓްމަންޓަކަށް އޮނާ [އިހުތިރާމުކުރުމެއް] ވެސް ނޯވޭ،" މިދުއަމް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރޮންޓްގެ ބައެއް ބިންތައް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބިން، ގެދޮރު، ކުލި ރެގިއުލޭޓްކުރަން ޖެހޭ؟

ވޮޑްކާސްޓްގެ ތެރެއިން ވެސް އެންމެ ބަހުސް ބޮޑުވި ކަމަކީ މިއީ އެވެ. ނަމަވެސް މި ވަރުގެ ބޮޑު ކާރިސާއަކުން އަރައިގަނެވޭނީ ވެސް މިހާރުން މިހާރަށް ހައްލުކުރެވޭނެ ކަންކަމާއި، ހައުސިންގެ ސިޔާސަތު އިތުރަށް ހަރުދަނާ ކޮށްގެން ކަން ތިން ބައިވެރިން ވެސް ގަބޫލުކުރައްވަ އެވެ.

މިދުއަމް ފުރަތަމަ ފާހަގަކުރައްވަނީ ބިމެއް ވިއްކަން ވާނީ ވެސް ވަކި މުއްދަތަކަށެވެ. ގިޔާމަތާ ހަމައަށް މުޅި އުމުރު ދުވަހު ބިން ގަންނަ މީހާއާއި އޭނާގެ ދަރިފަސްކޮޅަށް މިލްކުވާ ގޮތަކަށް ނޫނެވެ. ފަސް އަހަރުގެ ސަރުކާރަކުން ހާމަކަމެއް ނެތި، ބިންތައް މަޖިލިސް މެންބަރުންނަށް ވިއްކާލާއިރުގައި ވިއްކާލީ މުޅި އުމުރު ދުވަހަށެވެ.

"ބިމަކީ އަހަރެމެން އެންމެންގެ ވެސް ހައްގު އޮތް އެއްޗެއް. މީގެ 100 އަހަރު ފަހުން ވެސް މި ތަނުގައި ދިރިއުޅެން ތިބި ބައެއްގެ ހައްގެއް، ބަންޑާރަ ބިމޭ ކިޔަނީ ވެސް އެހެންވެގެން. ރިސޯޓްތައް ހިންގަން ބިން ވިއްކަނީ ވެސް 99 އަހަރަށް،" މިދުއަމް ވިދާޅުވި އެވެ.

ނަމަވެސް 99 އަހަރަށް ބިން ވިއްކުމަކީ ހަމަ ގާތްގަނޑަކަށް އުމުރަށް ބިން ވިއްކުން ފަދަ ކަމެއްކަން، ނާއިފް އާއި ޒާހިރު ވެސް ފާހަގަކުރެއްވި އެވެ. ދެން މިދުއަމް ވިދާޅުވީ އޭނާގެ ނުކުތާއަކީ ކޮންމެ ވެސް ކެޕެއް އޭގައި ކަނޑައެޅުމެވެ. އެއީ 5 އަހަރުން ފެށިގެން 20 އަހަރާ ދެމެދުގެ މުއްދަތަކަށް ވިޔަސް އެންމެ ރަނގަޅެވެ. ކެޕެއް ކަނޑައަޅަންވީ އެވެ.

"މިހާރު މި އޮތީ ގިޔާމަތާ ހަމައަށް. ފަސް އަހަރުގެ ސަރުކާރަކުން ކިހިނެއް އަހަރުމެން އެންމެންގެ ބިމެއް ވަކި ބަޔަކަށް އެހެން އުމުރު ދުވަހަށް ދެވޭނީއެއް،" މިދުއަމް ވިދާޅުވި އެވެ.

ހުޅުމާލެއާއި ހުޅުމާލެ ފޭސް 2 ގުޅާލާފައިވާ ބުރިޖުތައް ކައިރި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބިމުގެ މިލްކުވެރިކަމުގެ ވާހަކަ ދައްކަވަމުން ނާއިފް ހުށަހެޅުއްވި ކަމަކީ ބިން މިލްކުކުރެވޭ ވަރު ވެސް ކުޑަ ކުރުމެވެ. މިހާރު ވަކި މަދު ބަޔަކު، މާލޭގެ އެތައް ބިމެއް މިލްކުކޮށްފައިވެ އެވެ. ނާއިފް ދެކެވަޑައިގަންނަވާ ގޮތުގައި އެ ގެއްލެނީ ގެދޮރުގެ ބޭނުން ޖެހިފައި ތިބި މީހުންނަށް ގެދޮރު އަޅައިދެވޭނެ ބިންބިމެވެ.

"މި ކަމުގައި ވެސް ކެޕެއް އޮންނަން ޖެހޭ. މިސާލަކަށް މާލެ ސަރަހައްދުން އާއިލާއަކަށް އޯން ކުރެވޭނީ ދޭއް ނޫނީ ތިން ބިން. ދެން ހުރި ބިންތައް އަތުލަންވީއޭ. އަތުލާފައި އެއަށް ބަދަލު ދޭން ޖެހެންޏާ ބަދަލެއް ދީގެން ވިޔަކަސް،" ނާއިފް ވިދާޅުވި އެވެ.

މި ވަގުތުން ވަގުތަށް ކުލި ރެގިއުލޭޓްކުރުމާއި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރާ މީހުންނަށް ދައުލަތުން އެހީއެއް ދޭން ޖެހޭ ކަމަށް ވެސް ނާއިފް ވިދާޅުވި އެވެ. ދައުލަތުން ދަރަނި ނަގައިގެން ހަރަދު ބޮޑުކޮށް ހިއްކާފައި ބިންތައް ހިލޭ ދެވޭއިރުގައި މިހާރު އެ ތަންތަނުން ކުލި ކޮންޓްރޯލް ކުރެވެން ޖެހޭނެ ކަމަށް މިދުއަމް ވެސް ވިދާޅުވި އެވެ.

"މިހާރު މިއީ ރަނގަޅު ފުރުސަތެއް ރެންޓް ކޮންޓްރޯލްކުރަން. ކުރިން ވިއްޔާ މި ބުނަނީ އެ މީހެއްގެ އަމިއްލަ ބިމޭ. އަމިއްލަ ތަންތަނޭ. ފްރީ މާކެޓެއް އޮތް ތަނެކޭ. އެއީ ދައުލަތުން ހަރަދުކޮށްގެން ހިލޭ ދީފައި ހުރި ބިން. ދައުލަތަށް، ސަރުކާރަށް ބަސް ކިޔޭނެ އެ ތަންތަނަށް،" މިދުއަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިފާ ގޯތި ގުޅީފަޅަށް ބަދަލުުކުރުމަށް ހުށަހެޅި މީހުންގެ ގުރުއަތު ނެގުމަށް ބޭއްވި ހަރަކާތެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ހައުސިން ސިޔާސަތުތައް ބައްޓަން ކުރެވިދާނެ އިތުރު ހިޔާލުތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ. ނާއިފްގެ ބައެއް ހިޔާލުތަކަކީ:

  • ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ސަރުކާރާއި ޕްރައިވެޓް ސެކްޓާ ހިއްސާވާ ކުންފުންޏަކުން ހުއްޓުމެއް ނެތި އަބަދުވެސް ހައުސިން އަޅަމުން ދިޔުން

  • ކޮންމެ ފަހަރަކު ސްކީމްތައް އިއުލާންނުކޮށް، އަބަދުވެސް ފްލެޓަކަށް އެޕްލައިކުރެވޭނެ ދާއިމީ ޕޯޓަލެއް ހެދުން

  • އެކި ރޭންޖުގެ ފްލެޓްތައް އަޅަން؛ ކޯ-ލިވިން ސްޕޭސް، ސޯޝަލް ހައުސިން، އެފޯޑަބަލް ހައުސިން، މިޑްރޭންޖް، އަދި ކައުސިން ހައުސިން

މިދުއަމް އިސްވެ ހިންގަވާ އާންމުންގެ އެކުވެރި ޖަމިއްޔާއިން މިދިޔަ ރިޔާސީ އިންތިހާބުގައި ހުށަހެޅި ކަންކަން އޭނާ ހިއްސާކުރެއްވި އެވެ. އެއީ:

  • ހައުސިން ޑޭޓާ ޑިޖިޓަލައިޒުކޮށް އެއްތަންކުރުން؛ ކޮންމެ މީހެއްގެ މިލްކުގައިވާ ބިންތަކާއި، ގެދޮރު

  • ބިން، އެޕާޓްމަންޓް، ފްލެޓް ހިމެނޭހެން ކުލީގެ މުއާމަލާތްތައް ރަޖިސްޓްރީކުރުން ލާޒިމުކުރުން؛ ރަޖިސްޓްރީނުކުރާނަމަ ފިޔަވަޅު ވެސް އެޅުން

  • ފްލެޓްތަކުގެ ނެޝަނަލް ސްޓެންޑާޑެއް ކަނޑައެޅުން؛ އެއް ކޮޓަރި، ދެ ކޮޓަރި، އަދި ތިން ކޮޓަރި އެޕާޓްމަންޓްތަކުގެ ސައިޒު އަދި އަގު ހިމެނޭ ގޮތަށް

ސަޕްލައި-ޑިމާންޑް: ހައްލަށް އޮތް ބަހުސް

ގެދޮރުގެ ކާރިސާގެ ސަބަބުތަކަކީ ހަގީގަތެކެވެ. އެ ވަށައިގެން ހުރި ހަގީގަތްތަކަށް އެއްބަސްވެވުނު ނަމަވެސް ދެބަސްވެވޭ ކަމަކީ އޭގެ ދާއިމީ ހައްލަށެވެ.

މިދުއަމް ވެސް ވޮޑްކާސްޓްގައި ވިދާޅުވިހެން، މައްސަލައިގެ ދާއިމީ ހައްލަކީ އެ މައްސަލަ ކުރިމަތިވާ މައި ސަބަބެވެ. އެއީ މާލެ ތޮއްޖެހުމާއި މާލެއަށް ބަރޯސާވުމެވެ.

އިގުތިސޯދީ ބަހުރުވައިން ބުނަނީ ނަމަ، މިއީ ޑިމާންޑް އަދި ސަޕްލައިގެ ކަމެކެވެ. މާކެޓުގެ އަގުތައް ކަނޑައަޅަނީ އެ މުދަލެއް ފޯރުކޮށްދެވެން އޮތް ނިސްބަތް (ސަޕްލައި) އާއި އެ މުދަލެއް ގަންނަން ތައްޔާރަށް ތިބި މީހުންގެ އަަދަދު (ޑިމާންޑް) އަށެވެ.

މާލެ ހިމެނޭހެން މުޅި ރާއްޖޭގައި ވެސް ބިމަކީ ތަދު އެއްޗެކެވެ. ސަޕްލައި ނެތް އިރު، ޑިމާންޑް ބޮޑެވެ. ދިރިއުޅުން މި މާލެއަށް ބަރޯސާވެފައި އޮތް ވަރުންނެވެ.

މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ކުރަމުން އައީ އެއް ކަމެކެވެ. މާލެ ސަރަހައްދަށް ބިން އިތުރުކުރުމެވެ. އެ ބިމުން ގޯތި ދޫކުރުމާއި ޕްލޮޓްތައް ވިއްކުމެވެ. މާލޭގެ ސަޕްލައި އިތުރުކޮށްގެން، އެއިން ވިޔަފާރި ވެސް ކުރުމަށެވެ. މިދުއަމް އެ ވާހަކަ ވިދާޅުވި އެވެ.

"އަބަދުވެސް އެއް ކަމެއް މި ފެނުނީ. މާލެ ރެޕްލިކޭޓް ކުރާ ތަން،" މިދުއަމް ވިދާޅުވި އެވެ.

'ބިންވެެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުމުގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މި މައްސަލާގައި ޒާހިރު ވިދާޅުވީ އިގުތިސޯދަކީ އާބާދީއަށް ވެސް ބަރޯސާވާ ކަމެކެވެ. ރާއްޖޭގެ އާބާދީ ކުޑަ އެވެ. އެންމެން ހެން މާލެއަށް ޖަމާވެ، އިގުތިސޯދެއް މި ހިނގަނީ މާލޭގަ އެވެ. މާލޭގެ ޑިމާންޑް އެެހެން ތަނަކަށް ބަދަލުކުރުން އުނދަގޫ ކަމަކަށް ވެސް ވެދާނެ ކަމެވެ.

"ރައީސް ޔާމީންގެ ސިޔާސަތަކަށް ވެސް އަޅުގަނޑުމެންނަށް ފެނުނީ މާލެއަށް ގިނަ މީހުން ގެނައުން. ބެލެވެނީ އިގުތިސޯދެއް ހިންގައި ފީޒިބަލް ވެސް ކުރެވޭނެ ގޮތް ކަމަށް،" ޒާހިރު ވިދާޅުވި އެވެ.

ނާއިފް ތާއީދުކުރައްވަނީ ޑިމާންޑް އެހެން ތަންތަނަށް ގެންދިއުމެވެ. ރާއްޖޭގެ ހަތަރެއް ނޫނީ ފަސް ސަރަހައްދަކަށް ބަހާލައިގެން، އާބާދީ އެއްފަސްކުރާނެ މަރުކަޒުތަކެއް އުފެއްދުމެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ ޅ. ނައިފަރާއި ހިންނަވަރު ހިމެނޭ ސަރަހައްދެވެ.

"އެ ދެ ރަށުގައި 10،000އެއްހާ މީހުން އުޅޭ. އެކި ތަންތަނުން ރިސޯޓްތަކުގެ ވަޒީފާއަށް ގޮސް އެބަ އުޅޭ. ކުރެއްދޫ ރިސޯޓްގައި ވެސް 1،000 މުވައްޒަފުން އެބަ އުޅޭ. ނައިފަރާއި ހިންނަވަރުން ގިނަ ހިދުމަތްތައް ލިބޭނަމަ އެ މީހުންގެ އާއިލާތައް އެ ރަށްރަށުގައި ވަޒަންވެރިނުވާނެ ސަބަބެއް ނެތް،" ނާއިފް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު ނައިފަރު ފަދަ ބޮޑު އާބާދީއެއް އޮތް ރަށުގައި ނަރުދަމާގެ ހިދުމަތް ގާއިމު ނުކުރެވުނެވެ. ނަމަވެސް މާ މީހުން މަދު ރަށްރަށުގައި އެ ކަން ކުރި އެވެ. ކަންކަން ތަރުތީބުކުރުމާއި ޕްލޭނެއް ނެތުމާއި އެންމެން ވެސް ރުއްސައިގެން ވެރިކަންކުރަން ޖެހޭތީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް ނުހިނގަނީ އެވެ.

ނައިފަރުގައި މިދިޔަ ސަރުކާރުން އެޅި އެންމެ 100 ހައުސިން ޔުނިޓު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

މިދުއަމް ވެސް ދެކެވަޑައިގަންނަވަނީ އެހެން ސަރަހައްދުތަކަށް ޑިމާންޑް ގެންދިއުމެވެ. އެކަމަކު އާބާދީ އެއްފަސްކުރުމަށް ވުރެ އޭނާ ގަބޫލުކުރައްވަނީ އީޖާދީ ވިސްނުންތަކެއް ގެނައުމެވެ. ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމެވެ. އަދި ހާއްސަކޮށް، ލޯކަލް ޓޫރިޒަމް ކުރިއެރުވުމާއި އަތޮޅުތަކަށް ދާ ޓޫރިސްޓުންގެ ބޭނުން ހިފުމެވެ.

"މިދިޔަ ޖެނުއަރީ މަހުން އޮކްޓޯބަރު މަހަށް ނ. އަތޮޅުގައި 90،000 ފަތުރުވެރިން. ރ. އަތޮޅުގައި 145،000 ފަތުރުވެރިން. ޅ. އަތޮޅުގައި 84،000 ފަތުރުވެރިން. މި މީހުންގެ ބޭނުން ހިފޭނެ ގޮތެއް ހޯދީމައި ރަށްރަށުގެ އާބާދީ ކުޑަވެގެން އިގުތިސޯދު ނުހިނގައިގެން އުޅޭކަށް ނުޖެހޭނެ،" މިދުއަމް ވިދާޅުވި އެވެ.

ދެން ޒާހިރު ހަނދާންކޮށްދެއްވީ ރައީސުންގެ ރިޔާސީ ވައުދުތަކެވެ. ހާއްސަކޮށް ލ. އަތޮޅާއި އައްޑު އަތޮޅު، އާބާދީ އެއްފަސްކުރާނެ މަރުކަޒެއް ގޮތުގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދެވެ. ނަމަވެސް ކޮންމެ ފަރަހަކު ވެސް ވެރިކަމަށް އައުމަށް ފަހުގައި ފެންނަނީ އެހެން މަންޒަރެކެވެ. މާލެ ސަރަހައްދު ބޮޑުކޮށް، ބިން ބެހުމަށް އިސްކަން ދެވޭ ތަނެވެ.

ދެން އައީ މި މައުލޫގެ އެންމެ ހިތި ހަގީގަތެވެ. އެއީ ވިޔަފާރި އާއި ފައިސާގެ މަސްލަހަތެވެ. މިދުއާމް ވިދާޅުވީ މާލޭގެ މަރުކަޒީ ނިޒާމުން ފައިދާވާ ވިޔަފާރިވެރިން އެބަ ތިބި ކަމަށެވެ. މަދު ނަމަވެސް ނުފޫޒުގަދަ ވިޔަފާރިވެރިންނެވެ. އެ މީހުންގެ ބާރު މާ ގަދައީ އެވެ.

"އެ ހިޔާ ފްލެޓަށް ދާން ހުންނަ ކޮންމެ މީހަކީ ވެސް، މި މާލޭގެ އިމާރާތެއް އަޅައިގެން ހުރި ފަރުދަކަށް ފައިސާ ދެމުން ދިޔަ މީހެއް. ފްލެޓު ގިނަ ކުރަންޏާ ވެސް މި ވިޔަފާރިވެރިންނަށް ގެއްލޭ އެއްޗެއް ބޮޑުވޭ. މި ސެންޓްރަލައިޒޭޝަނުން ފައިދާ ނަގާ ބަޔަކު ބޭނުމެއް ނުވާނެ މި ކަން ނިމޭކަށް،" މިދުއަމް ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓް:

'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓަކީ 'ދައުރު' އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ސީރީޒްއެކެވެ. އެއްބަސްވެ ދެބަސްވުމަކީ އަހަރުމެންގެ ފިތުރަތެވެ. އިންސާނީ ތޮބީއަތެވެ. އިންސާނިއްޔަތު ކުރިއަރައިގެން ދިޔައީ އެންމެން އެެއް ވިސްނުމެއްގައި ތިބެގެނެއް ނޫނެވެ. ތަފާތު ހިޔާލުތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކާއި ބަހުސްތައް ހިންގައިގެންނެވެ. ދެބަސްވާން އެއްބަސްވެގެނެވެ. "އެއްބަސްވެ، ދެބަސްވަމާ" އަކީ މި ގޮތަށް ހުރި ތަފާތު ހިޔާލުތައް އެއްތަންކޮށް އެ ތަފާތުތަކުން ފިލާވަޅުތައް ނަގައިދޭނެ ޕްލެޓްފޯމެކެވެ. މި ވޮޑްކާސްޓް ހޯސްޓުންނަކީ ދައުރުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު ނާއިފްއެވެ.

ކޮމެންޓް (1)

އއއއ

22 ޑިސެމްބަރު 2025
މާލޭ ޑިމާންޑް ކުޑަ ކުރަން އެބަ ޖެހޭ. ކޮމްޕިއުޓަރެއް ކައިރީ ކުރާ މަސައްކަތް ކީއްވެ ރާއްޖޭގެ ކޮްނމެ ތާކު ތިބެގެން ނުކުރެވެންވީ. މީހުން ބިނާ ކޮށްބަ އިޚްލާސްތެރި ތެދުވެރި، ދެން ވާޒީފާ ރީމޯޓް ކޮށް ދޫކުރޭ، އޭރުން ރަށަށް ދާނެ މީހުން ވާނެ. ހަމަ އެއާ އެކު، މެޑިކަލް ފެސިލިޓީސް ވަރުގަދަ ކުރޭ. އަނެއްހެން މިހާރު މެޑިކަލް މުހިންމެއް ނޫން ރާއްޖޭގަ، އެއީ މާލެއިން ވެސް ވާ އެއް ކަމެއް ވެސް ނެތް. އެހެންވީމަ، ރަށުފަ ތިބެ، ކުލި ސޭވް އެންޑް އިންޑިޔާ އަށް ދާނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް