މާލެ

އެއްބަސްވެ ދެބަސްވަމާ: ސިޓީގެ ބާރާއެކު ވެސް އުޅެވޭ ވަރު ރަށަކަށް މާލެ ނުވީ ކީއްވެ؟

މާލެ ސިޓީގެ އެންމެ ބޮޑު ރައުސުލްމާލަކީ ބިން ކަމަށްވީ ނަމަވެސް ނުއަގުގައި ބިންތައް ބަހަމުންދާތީ ސިޓީ ކައުންސިލަށް މާލޭގެ މައްސަލަތައް ހައްލުކުރެވޭ ވަރުގެ އާމްދަނީއެއް ނުހޯދޭ؛ ލިބޭ އާމްދަނީގައި ވެސް މާލޭގެ މައްސަލަތައް ހައްލުކުރާ ތަނެއް ނުފެނޭ
12 ޑިސެމްބަރު 2025
4

މާލޭގެ މޭޔަރު ވޯޓު އަހަރުމެން އެންމެނަށް ވެސް މުހިންމެވެ. ވޯޓު ދެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށެވެ. އެކަމަކު އޭގެ އަސަރު އެންމެނަށް ކުރެ އެވެ. މާލޭގައި އުޅޭ މީހުންނަށާއި ޒަރޫރީ ކަންކަމުގައި ދޭތެރެދޭތެރެއިން މާލެ އަންނަން ޖެހިފައިވާ ކޮންމެ މީހަކަށެވެ. އަދިވެސް ދިރިއުޅުމުގެ އެތައް ކަމަކު ބަރޯސާވާން ޖެހިފައި ވަނީ، މި ވެރިރަށް މާލެއަށެވެ.

'ދައުރު'ގެ 'އެއްބަސްވެ، ދެބަސްވަމާ' ވޮޑްކާސްޓްގެ ދެވަނަ އެޕިސޮޑް ހާއްސަކުރީ މި މައުލޫއަށެވެ. ވެރިރަށް މާލޭ ތޮއްޖެހިފައިވާ ހާލަތަށް އޮތް އެއް ހައްލެއް ގޮތުގައި ދެކެމުން އައީ ލާމަރުކަޒީ ނިޒާމެވެ. އޭރުން ވެރިރަށުގެ އަގުހުރި ބިންތަކާއި، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސީދާ ސިޓީ ކައުންސިލަށް މާލޭގެ ހުރި ކަންކަމަށް އެޓެންޑްވެވޭނެ އެވެ. ނަމަވެސް ސިޓީ ކައުންސިލެއް އުފެއްދުމުގެ ބޭނުން ހިފުނު ތަނެއް ނުފެނެ އެވެ.

'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއަ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް ހޯސްޓްކުރާ މި ވޮޑްކާސްޓްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ، މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ.

'އެއްބަސްވެ، ދެބަސްވަމާ' ވޮޑްކާސްޓްގެ ދެވަނަ އެޕިސޮޑްގައި މާލޭގެ ކައުންސިލަރު ސައިފް (ކ) އާއި 'ދައުރު' ގެ ނާއިފް (މ) އާއި ޒާހިރު --

މިއީ އެންމެ 50،000 މީހުނަށް ޑިޒައިންކުރި މާލެއެއް

ވޮޑްކާސްޓް ފެށިގެން އައީ މީގެ އަހަރުތަކެއް ކުރިން މާލެ އޮންނަ ގޮތް، ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ޒާހިރު ސިފަކުރައްވަމުންނެވެ.

ޒާހިރުގެ އެންމެ ޅަ ދުވަސްތަކުގައި އެއީ ވަރަށް ހިމޭން މާލެއެކެވެ. ހިނގާފައި ވެސް އުޅެވޭނެ މާހައުލެއް އޮތް ރަށެކެވެ. ޒާހިރު ހިމެނޭހެން ވަރަށް ގިނަ ބަޔަކު އޭރު ދަތުރުކޮށް އުޅުނީ ވެސް ބައިސްކަލުގަ އެވެ. ވަރަށް ފެހިކަން ގަދަ، ހިތްގައިމު ވައި ވެސް ޖެހެ އެވެ. މާ ގިނަ އުސް އިމާރާތްތަކެއް ވެސް ނުހުރެ އެވެ. 

"އޭރު އަހަރެން އުމުރުން އެންމެ އަށެއްކަ އަހަރު. ރަށުން [އދ. މާމިގިލިން] މާލެ މި އަންނަނީ މާލޭގެ ދެކުނު ފަޅިން. މާލެ މަލަމަތިން އޭރު ފެންނާނީ އެންމެ ގެއެއް ދެ ބުރިއަށް ނަގާފައި ހުންނަ ތަން. އެއީ އޭރު މަޑުއްވަރީ ކުޑަ މުހައްމަދުުފުޅުގެ ގެ، މިހާރު [ކުރީގެ ޓުއަރިޒަމް މިނިސްޓަރު] އަލީ ވަހީދު ބައްލަވައިގެން އުޅުއްވާ ހިސާބު،" ޒާހިރު ސިފަކޮށްދެއްވި އެވެ.

މިހާރު އަހަރުމެންނަށް މި ފެންނަނީ ޒާހިރު އެ ސިފަކުރެއްވި ފަދަ ހިމޭން މާލެއެއް ނޫނެވެ.

1960ގެ އަހަރުތަކުގައި ވެރިރަށް މާލެ މަތިން ފެންނަ ގޮތް ؛ އޭރު އެއީ ދުއްވާ އުޅަނދު މަދު، ފެހިކަން ގަދަ އުސް އިމާރާތްތަކެއް ނެތް މާލެއެއް ---

ހެނދުނު އިންޖީނު ލީ އުޅަނދުތަކުގެ ގަދަ އަޑެވެ. ރޭގަނޑު ކޮންސްޓްރަކްޝަން ސައިޓްތަކުގެ އަޑުފައްގަނޑެވެ. އަބަދުއަބަދު އަރާ ދުންތަކުން ވައިނުސާފުވެފަ އެވެ. މި ސިޓީގައި މީހުން އުޅޭނީ ހަމަ ނިދި ނުލިބި އެވެ. އެކި ޒާތުގެ ބަލިތަކުން އަރައިނުގަނެވިގެނެވެ. މަގެއް މަތީ ހިނގޭކަށް ނެތެވެ. އުޅަނދެއްގައި ދުއްވާފައި ވެސް ތަނަކަށް ދެވޭނީ އެހާ ހާލުންނެވެ. އަދި އެ ތަނަކަށް ގޮސް އުޅަނދު ޕާކްކުރާނެ ޖާގަ ނުލިބިގެން ވެސް އެތައް އިރަކު އުޅެން ޖެހިދާނެ އެވެ. ވާރޭ ކިރިޔާ ވެހުނަސް، ގާ އަތުރާފައިވާ ޒަމާނީ މަގުތައް އޮންނާނީ ފެން ބޮޑުވެފަ އެވެ.

މި ހާލަތު ރަނގަޅު ކުރުމަށް ވުރެ އިތުރަށް ކަންކަން ގޯސްކުރަމުންދާ ކަން ފާހަގަކުރެއްވީ ނާއިފެވެ. ހިތްހަމަޖެހުމެއް ލިބުމަށް ވުރެ ބޮޑަށް ހޫނު މާހައުލެއްގައި އުޅެން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ފެންނަނީ ވަރަށް އަޑުފައްގަނޑު ބޮޑު މާލެއެއް. މަގެއް ހެދިއަސް ވެސް ގަސްތައް ވެސް ކަނޑާލާފައި ތާރު އަޅާފައި، މިހާރު އެ ތަނުން ދިޔަސް ފިހޭ ވަރުވޭ. މުޅި މާލެ ވެސް މިހާރު އިތުރަށް ހޫނުވަމުން މި ދަނީ. ތާރު އަޅަމުންދާ ވަރަކަށް، އަދި މި މޫސުމީ ބަދަލުތަކުން،" ނާއިފް ވިދާޅުވި އެވެ.

މި ކަމާ ގުޅޭ ގޮތުން ސައިފް އޭނާއަށް ލިބިވަޑައިގެންފައިވާ މައުލޫމާތާއި ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ މާލޭގެ މަގުތަކާއި އިންތިޒާމުތައް ތަރުތީބުކުރެވިފައި މި ހުރީ މި ރަށުގައި ގާތްގަނޑަކަށް 50،000އެއްހާ މީހުން އުޅުނު ޒަމާނުގައި އޮތް ގޮތަށް ކަމަށެވެ.

"މިހާރު މާލޭގައި ދެ ލައްކައެއްހާ މީހުން އެބަ އުޅޭ. އާބަން ޑިޒައިނިންގެ މައްސަލައެއް މީގައި އެބަ އުޅޭ. އަދި ތިބޭ ނޫންތޯ ޓްރާންސްޕޯޓް ސައިންޓިސްޓުން ވެސް. އެ މާހިރުންގެ ލަފާގެ މަތިން އެބަ ޖެހޭ މުޅި މާލޭގެ މަގުތަކާއި ގްރިޑް ބަލަހައްޓަން،" ސައިފް ވިދާޅުވި އެވެ.

މިހާރު މާލެ މަތިން ފެންނަ ގޮތް ؛ ފެހިކަމެއް ނެތް، ވެހިކަލްތަކުން ފުރިފައިވާ ކޮންކްރީޓް އިމާރާތްތަކުގެ ޖަންގައްޔެއް -- (ދައުރު ފޮޓޯ)

ލިމިޓްތައް ކަނޑަނާޅާ ލަސްކުރުން

ދިރިއުޅެވޭ ވަރު ރަށަކަށް މާލެ ހެދުމަށް، ސިޓީ ކައުންސިލުން މިހާރުން މިހާރަށް ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވި ނުވަތަ ނުކޮށް ދިގުލައިގެން ދިއުމަކީ އެންމެ ބޮޑު އެއް ހުރަހެއް ގޮތުގައި ވޮޑްކާސްޓްގައި ފާހަގަކުރެވިގެން ދިޔަ އެވެ.

މާލޭގައި ދުއްވޭނެ ވެހިކަލް ލިމިޓް ކަނޑައެޅުމަކީ ގާނޫނުގައި ވެސް ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ. ގާނޫނުން އެ ކަން ލާޒިމުކުރި ފަހުން، ފުރަތަމަ މޭޔަރު، އޭގެ ފަހުން މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ވެސް އެ ކަމެއް ނުވި އެވެ. އެ ކަން ކަނޑައެޅުމަކީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ވައުދަކަށް ވެސް ވި އެވެ. އެކަމަކު އަދި ނުވެ އެވެ. އެތައް ބަޔަކާއި މަޝްވަރާކުރުމާއި އެތައް ދިރާސާއެއް ހެދުމުގައި އެ ކަން ނުވެ ދިގުލައިގެން ދަނީ އެވެ.

އޭގެ އަދަދެއް ކަނޑައެޅި ނަމަވެސް، ޒާހިރު ފާހަގަކުރެއްވީ އަދަދެއް ކަނޑައަޅަން ވާނީ ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ އެހެން ގޮތްތަކެއް ވެސް ދައްކައިގެން ކަމަށެވެ. ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓެއް އޮންނަން ވާނެ އެވެ. އަދި އެ ނިޒާމު ވާން ޖެހޭނީ ވެސް މާލެ އިތުރަށް ތޮއްނުޖެހޭނެ ގޮތަކަށް ހުންނާނެ ވަރުގެ ޓްރާންސްޕޯޓަކަށެވެ.

"ޕޭވްމަންޓްތައް މި ހުންނަނީ ހިނގައިލެވޭ ވަރަކަށް ނޫން. ކުރިމަތީ އެތައް ހޮޅިއެއް ހުންނާނެ. ޕެރަލަލީ މި ކަންކަން ވެސް ރަނގަޅުކޮށްގެން މީހާއަށް ހިނގާލާފައި ވެސް އުޅެވޭނީ. އަޅުގަނޑުމެން ވެސް ސައިކަލެއްގައި އުޅެނީ އެ ނޫން ގޮތެއް ނޯންނާތީވެ. އެ ނޫން ގޮތެއް އޮންނަ ނަމަ ކޮންމެހެން ސައިކަލެއްގައި އުޅޭކަށް ވެސް ނުޖެހޭނެ،" ޒާހިރު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ސައިކަލު މާލޭ މަގުމަތީގައާއި ޕާކިން ޖާގައެއްގައި ޕާކްކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެކަމާ ސައިފް މުޅިން ދެކޮޅެއް ނުހައްދަވަ އެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބޭނުންވާ ކަންކަން ހުރި ނަމަވެސް ސައިންޓިފިކް އަދަދަކާ ކުރެވޭނެ މަޝްވަރާއެއް ނޯންނާނެ އެވެ. މާލޭގެ ބިމަށް ކެތްވާނެ ވެހިކަލްގެ ލިމިޓަކީ ސައިންޓިފިކް އަދަދެކެވެ. ސައިންޓިފިކް ދިރާސާއެއްގެ އަލީގައި ފެންނަ އަދަދަކަށް އެންމެން ވެސް ރުހެން ޖެހޭނެ އެވެ.

"މިހާރު ވެސް އިސްލާމިކް ޔުނިވާސިޓީން ހަދާފައި އެބަ އޮތް ދިރާސާއެއް. އެ ދިރާސާގެ އަލީގައި ކަނޑައެޅެން އެބަ އޮތް އަދަދެއް. އެ އަދަދު ކަނޑައަޅާފައި އެ އަދަދަށް ވާސިލްވާނެ ގޮތުގެ ޕްލޭނެއް ހެދޭނެ. އަޅުގަނޑު ވެސް ނުދަންނަވަން، ހަމަ ހުރެފައި މާދަމާއަށް އެ އަދަދަށް ވެހިކަލްގެ އަދަދު ދަށްކުރާކަށް. އެކަމަކު އެ އަދަދެއް ކަނޑައެޅެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެ ކަމުގައި ނާއިފް ކުރިމަތިކުރެއްވީ ސުވާލެކެވެ. އޭނާ ވިދާޅުވީ ގަނޑެއްގައި އަދަދެއް ޖެހި ނަމަވެސް އެ ކަން ތަންފީޒުކުރެވޭނެތޯ އެވެ. ގިނަ ފަހަރު ރާއްޖޭގައި ނިންމާ ގިނަ ކަންކަން ނިމިގެން ދަނީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮންނަ ދެލިގަނޑަށެވެ.

ސައިފް އަނެއްކާ ވެސް ތަކުރާރު ކުރެއްވީ ކުރިން ދެއްކެވި ވާހަކަ އެވެ. އެ އަދަދަކީ ފެންނަން އޮންނަ، ގަބޫލުކުރަން ޖެހޭ އަދަދެކެވެ. އެ އަދަދު ކަނޑައަޅައި، އެ ކަމަށް ދެވޭނެ ކަން ނުވަތަ ނުދެވޭނެ ކަން ވެސް އެނގޭނީ ފުރަތަމަ އަދަދެއް ކަނޑައެޅިގެން އެ އަމާޒަށް މަސައްކަތްކޮށްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފުރަތަމަ އެ މަގަށް މަސައްކަތްކޮށްގެންތާ އެނގޭނީ ވެސް. ފުރަތަމަ ހިނގާށޭ އަދަދެއް ކަނޑައަޅަން. ސައިންސަކާ އިތުރަށް ނޯންނާނެ ނެގޯޝިއޭޓް ކުރެވޭކަށް،" ސައިފް ވިދާޅުވި އެވެ.

ހުޅުމާލެއިން މާލެ އަންނަ ހައިވޭގައި ވެހިކަލްތައް ތޮއްޖެހިފައި

ހިތުހުރި ގޮތަކަށް ބިންތައް ބެހުން

މާލޭގެ މައްސަލަތައް ހައްލުކުރަން ބަލާއިރު ސިޓީ ކައުންސިލަށް އޮތް އެންމެ ބޮޑު ވަސީލަތަކީ މާލޭގެ ބިމެވެ. ވެރިރަށަށް ވެފައި، އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ކިރިޔާ ވެސް ލިބޭ ތަނަކީ މާލެ އެވެ. އެހެންވެ މާލޭގެ ބިމަށް ޑިމާންޑް ބޮޑެވެ. އެ ބިމުގެ އަގު އެބަ ހުއްޓެވެ. މާލޭގެ ބިންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ކިތަންމެ ކަމެއް ކުރެވިދާނެ އެވެ.

ނަމަވެސް ސިޓީ ކައުންސިލުން މިހާތަނަށް ފެންނަނީ ދެ ކަމެއް ކުރާ ތަނެވެ. އެއް ކަމަކީ ނުއަގުގައި ބިން ދޫކުރުމެވެ. ހާއްސަކޮށް މޭޔަރާއި ބައެއް ނުފޫޒު ގަދަ ކައުންސިލަރުންގެ ގާތް މީހުނަށެވެ. ދެވަނަ ކަމަކީ، ލިބޭ އާމްދަނީގެ ބޮޑު ހޭދައެއް ކޮންސަލްޓެންޓުންގެ ނަމުގައި ޕާޓީގެ އެކްޓިވިސްޓުންނާއި މޭޔަރާއި ކައުންސިލަރުންގެ ގާތް މީހުނަށް ފައިސާ އާއި ވަޒީފާ ދިނުމެވެ.

ސިޓީ ކައުންސިލްގެ އެތެރެއިން ހިނގާ މި ނަހަމަ ކަންކަން ނާއިފް ފާހަގަކުރެއްވި އެވެ. މީގެ ސަބަބުން ސިޓީ ކައުންސިލަށް އޭގެ ފައިދާއެއް ނުލިބެ އެވެ. ސިޓީ ކައުންސިލަށް ލިބެން ޖެހޭ އާމްދަނީއެއްގެ ބޮޑު ބައެއް، އޭގެ ސަބަބުން އެބަ ދޫކޮށްލެވެ އެވެ. އެ ދޫކޮށްލެވެނީ މާލޭގެ އެތައް މައްސަލައެއް ހައްލުކުރެވޭނެ ވަރުގެ އާމްދަނީއެކެވެ.

"ވެރިރަށުގެ ބިންތައް ބަހާ ގޮތަކީ ދެން ފަރުދާގެ ފުރަގަހުގައި ވަރަށް ސިއްރު ކޮޓަރިއެއްގައި ތިބެގެން ކުރާ ކަމެއް. [ސިޓީ ކައުންސިލުން] ކާނިވާގެ ބިމެއް މީހަކަށް 32،000ރ ދިނީމައި އޭނާ މި ކުރާ ކަމަކީ އެހެން ވިޔަފާރިވެރިއަކަށް މި ދެނީ އެތައް ލައްކަ ރުފިޔާއަކަށް،" ތަހުގީގީ ދާއިރާއިން ކުރިއެރުންތަކެއް ހޯއްދަވާފައިވާ ނޫސްވެރިޔާ، ނާއިފް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)

މާލޭގެ ކައުންސިލަރުންގެ ތެރޭގައި އެ ވާހަކަ އެންމެ ބޮޑަށް ދައްކަވަމުން ގެންދަވާ ބޭފުޅަކީ ވެސް ސައިފެވެ. ސިޓީ ކައުންސިލެއް އުފެދުމަށް ފަހު ވެސް މާލެ އިތުރަށް ބޮއްސުންލައިގެން ދިޔަ ކަމަކީ މޭޔަރުންނާއި ބައެއް ކައުންސިލަރުން ވިޔަފާރިތަކުގެ މަސްލަހަތުގައި ކަންކަން ނިންމުމެވެ. ބިން ބަހަމުން ދަނީ ވެސް އެ ޒާތުގެ ވިސްނުމެއްގަ އެވެ.

"މަނިޓަރީ ވެލިއުއެއް ނެތް ކަމެއް ވިއްޔާ އޭގެ އަގެއް، ވެލިއުއެއް ނުފެނޭ. ގަހުގައި ވެސް ފައިސާ އަޅަންޏާ ނުކަނޑާނެ. ރައްޔިތުން އުންމީދުގައި ވެސް ހޮވަނީ. މާލޭގައި އުޅޭ މީހުން ބޭނުންވޭ ގަހުގެ ހިޔާ ލިބެން. މަގުމަތިން ދާއިރުގައި ފިނިކަން ލިބެން،" ސައިފް ވިދާޅުވި އެވެ.

ޒާތީ ބޭނުންތަކަށް ނަމަވެސް ނުއަގުގައި ބައެއް ބިންތައް ދޫކޮށްފައި ހުރީ ކޮންމެވެސް ކަހަލަ އުމްރާނީ ބިނާއެއް ދޭ ގޮތަށެވެ. ނަމަވެސް އެ ބިންތަކުގައި އެ މަސައްކަތްތަކެއް ނުހިނގަ އެވެ. ބައެއް ބިންތައް ދޫކޮށްފައި ހުރީ އެ ބިމެއް ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުމަށް ކަމަށް ބުނެ އެވެ. އެކަމަކު އެއިން ކަމެއް ނުކުރިއަސް ކައުންސިލުން ކުރާ ކަމެއް ނެތެވެ.

"ރަސްފަންނު. އާޓިފިޝަލް ބީޗުގައި ހަމަ ވިޔަފާރިކުރަނީ. ސާފުކުރާ ތަނެއް ނުފެނޭ. ދުވަހަކު ވެސް ދުށިންތަ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ނޫނިއްޔާ އާޓިފިޝަލް ބީޗް ކުނި ކަހަނިކޮށް؟" ސައިފް ވިދާޅުވި އެވެ.

"ކައުންސިލްގެ ރުހުމެއް އޮވެގެން ކުރި ކަމެއް ވެސް ނޫން. ކައުންސިލް ޖަލްސާއެއްގައި ވޯޓަށް އަހައިގެނެއް ނޫން ދީފައި ހުރީއެއް. ކައުންސިލްގެ ރުހުން އޮތަކަސް ނުދެވޭނެ ނުއަގުގައި ދައުލަތުގެ ބިމެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މި ކަންކަން ނުބެލެހެއްޓި ދަނީ އޮޑިޓަ ޖެނެރަލްގެ މަސައްކަތްތަކަށް މަތިކޮށްފަ އެވެ. ނަމަވެސް ސައިފް ގަބޫލުކުރައްވާ ގޮތުގައި އޮޑިޓް ނުކުރިޔަސް މި ހުރީ ބެލި، ފިޔަވަޅު އެޅޭނެ ކަންކަމެވެ. އޮޑިޓް ނުކުރުމަކީ ފިޔަވަޅު ނޭޅެންވީ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ހަމަ އޮޑިޓަރަކު އެއްޗެއް ބުނަން ދެން މި ހިރަ މޭޔަރަކު ވިދާޅުވީމައި އަޅުގަނޑުމެން މަޑުކޮށްލައިގެން މި ތިބީ. ނަމަވެސް އޮޑިޓަރަކު ނުބުންޏަސް ސިކުނޑިން ވިސްނާލީމައި އެނގޭ ކަންކަން މިއީ. މާލޭގެ ބިމެއް އަކަފޫޓެއް ހަތަރު ރުފިޔާއަށް ދިނީމައި ނުއަގުގައި ކަން އެ ދިނީ،" ސައިފް ވިދާޅުވި އެވެ.

މާލޭގެ މަގުމައްޗަށް އަޅާފައި ހުރި ކުނިތަކެއް ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގައި ސާފުކުރަނީ

މާލޭގެ ބިންތައް ކުއްޔަށް ދީފައިވާ ގޮތުގެ ލިސްޓެއް ނެރެން ޖެހޭ ކަމަށް ސައިފް ވިދާޅުވި އެވެ. އެ ލިސްޓަކީ އެގުރިމަންޓާއި، ބިމުގެ ސައިޒާއި، ދިން މުއްދަތާއި، ކުލި ވެސް އެނގޭނެހެން މައުލޫމާތު ފުރިހަމަ ލިސްޓަކަށް ވާން ޖެހެ އެވެ.

މޭޔަރު އާޒިމްގެ ވާދަވެރިއެއްގެ ކެމްޕެއިން ލޯންޗުކުރަން އޮތް ރެއާ ދިމާކޮށް ނެރުނީ، މި މައުލޫމާތުތައް ހަމަ ލިސްޓެއް ނޫން ކަމަށް ސައިފް ވިދާޅުވި އެވެ.

ސިސްޓަމްގެ ވެސް މައްސަލައެއް؟

މި މައުލޫއުގެ ތެރެއިން ވާހަކަ ގޮސް ހުއްޓުނީ ލާމަރުކަޒީ ނިޒާމުގެ މުޅި އޮނިގަނޑަށެވެ.

ފުރަތަމަ ނާއިފް އިޝާރާތްކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި  ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ލާމަރުކަޒީ ގާނޫނުގެ އޮނިގަނޑު އޭރު އިދިކޮޅު ޑީއާރުޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކޮށައިމަށައިގެން މުޅި އޮނިގަނޑު ގަޑުބަޑުކުރި ކަމެވެ. އެ ގާނޫނު މަޖިލީހުން ފާސްކުރީ، ޑީއާރުޕީގެ ފަރާތުން 700އަށް ވުރެ ގިނަ އިސްލާހު ހިމަނައިގެނެވެ.

އެ ކަމަށް އިޝާރަތްކުރެއްވުމަށް ފަހު، ނާއިފް ކުރިއަށް ނެރުނު ހިޔާލަކީ ކައުންސިލްތަކަށް ވާދަކުރުމުގައި ޕާޓީތައް ނުހިމެނޭ ގޮތަށް ހެދުމެވެ. ޕާޓީތަކުން ވާދަނުކުރާ ގޮތަށް ކައުންސިލް އިންތިހާބު ހެދުމެވެ. އަދި ކައުންސިލްތަކުގެ ސީޓްތަކަކީ ވެސް ކަންކަމުގެ މާހިރުން ޕާޓް ޓައިމްކޮށް ތިބޭ ގޮތަށް ހެދުމެވެ.

"މި އުޅެނީ އާޒިމެއް، އަހުމަދެއް، ކާސިމެއްގެ މައްސަލައެއް ނޫން. ދެން ހުރި އާޒިމް [މޭޔަރު އާދަމް އާޒިމްއާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ، ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް] އަޔަސް ޖެހޭނީ އެއްތާކު. މި ލޯކަލް ކައުންސިލްތަކުގެ ނިޒާމުގައި ވެސް އުޅޭ މައްސަލައެއް ގޮތަށް ފެންނަނީ،" ނާއިފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތައް ނުހިމެނުމުގެ ވިސްނުމަށް ޒާހިރު އާއި ސައިފް އެއްބަހެއް ނުވެ އެވެ.

ސައިފް ވިދާޅުވީ އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ކަމަށެވެ. ސިޔާސީ ޕާޓީތަކުން ދިރާސާކޮށްގެން، ރައްޔިތުންގެ ހުރި ތަކުލީފުތަކާއި ދައުލަތުގެ ކެރުންތެރިކަން ހުރި ވަރަކުން އެ ކަންކަން ރަނގަޅު ކުރެވޭނެ ސިޔާސަތުތައް ދެއްކުމެވެ. ނަމަވެސް މިހާރު ހިނގަނީ އިންތިޒާމެއް ނެތް، ޒާތީ ބޭނުންތައް އިސްކޮށްފައިވާ ސިޔާސީ ހަރަކާތެކެވެ.

ލާމަރުކަޒީ ގާނޫނުގެ އޮނިގަނޑުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަ ހުރިކަން ސައިފް ވެސް ގަބޫލުކުރައްވަ އެވެ.

"މުޅި ބިލުގެ ސިފަ އާއި ބައްޓަން އޮތީ ކޮށައިމަށައި ވީދާ ކުދިކޮށްލާފައި. ފާސްކުރި އިރު އޮންނާނީ ގެނައި ބިލެއް ނޫން. މުޅިން އެހެން އެއްޗެއް. އޮންނާނެ ސީނާ ޒާހިރު ވިދާޅުވެފައި، ގެއްލުން ދޭން އުޅުނީ ރައީސް ނަޝީދަށޭ، އެކަމަކު ގެއްލުން ލިބުނީ މުޅި ގައުމުގެ ބަޖެޓަށޭ،" ސައިފް ވިދާޅުވި އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް، ފައިސާ އާއި ނުފޫޒުތަކަށް ދީލައިނުލައި، ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި ސިޔާސަތުތަކަށް ބަލައިގެން ވިސްނުންތެރިކަމާ އެކު ވޯޓު ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް (4)

ރރރރރރ

14 ޑިސެމްބަރު 2025
ބޭރު މީހެއް ދެން މިގަުއމުގެ އިންޓެރިމް ޕްރެސިޑެންޓް އަދި ކެބިނެޓް އަށް ލައިގެން ގައުމު ރަނގަޅު ވާނީ، ދިވެއްސެއް ނެތް ހަމަ.. ދިވެހި ގައުމު ސަލާމަތް ކުރަން އެބަ ޖެހޭ. ހަމަ ޖީލަކަށް ފަހު ޖީލެއް ހަލާކު ވަނީ. ކޮބާތަ އޮކްޒްފޯޑް އިން ކިޔެވި މީކައިލް މެން، ހަމަ ކޮރަޕްޓް، ނެތް ހަމަ ސަހަލު އެކަކު ވެސް
3 0

ހިމާރުލްގައުމު

13 ޑިސެމްބަރު 2025
ކާސިމެއް ނާޒިމެއް އަހައްމަދެއް ކިޔާނެ ކަމެއް ނެތް. އަދީބު އަތުން ލާރި ނުނަގާ އެކަކުވެސް ނެތް. އެ ވާހަކަ ލިޔެބަލަ ދޮންކަލޯ
2 0

ދައުލަތުގެ ވެރިޔާ

12 ޑިސެމްބަރު 2025
ތިޔަތަނުގައި ތިޔަ ހުރި މައްސަލަ ހައްލެއްނުވާނެ. ތިޔައީ އިންސާނުން އުޅެން ހެޔޮވަރުތަނެއް ނޫން.
2 0

ޖަމީލް

13 ޑިސެމްބަރު 2025
@ދައުލަތުގެ ވެރިޔާ މާލެ ތޮައްޖައްސާ ހަލާކު ކޮށްލީ ޕޮލިޓީސަނުން... މިހާރު ހަލާކުކޮށް އެލަނީ ހުޅުމާލެ .. މީހުން ގިނަކުރިކުރީނުން ތަން ހަލާކުކޮށްލައިފި
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް