ގައުމީ ޔުނިވާސިޓީ

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައި ބަދަލުތައް އެމްއެންޔޫގެ ދިރާސާއާ ހިލާފު

ގައުމީ ޔުނިވާސިޓީން ލާމަރުކަޒީ ނިޒާމު ހިނގަމުންދާ ގޮތް ދިރާސާކޮށް ދީފައިވާ ލަފައަކީ އަތޮޅު ކައުންސިލްތައް އުވާނުލައި އަތޮޅު ކައުންސިލްތަކުގެ ބޭނުން ހިފޭ ގޮތަށް އެ ކައުންސިލްތަކުގެ ދައުރު މިހާރަށްވުރެ ބޮޑަށް ސާފުކޮށްދިނުމަށް
4 ޑިސެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުން ހިމެނޭ ގޮތަށް ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކަކީ، ސަރުކާރުން އެދިގެން ގައުމީ ޔުނިވާސިޓީން އެކުލަވާލި ދިރާސާގައި ދީފާއިވާ ލަފާތަކާ ހިލާފަށް ގެނައި ބަދަލުތަކެއްކަން ހާމަވެއްޖެ އެވެ.

ވީކިިހިނެއް؟ - ލޯކަލް ކައުންސިލްތަކުގެ އިދާރީ އަދި މާލީ ބާރުވެރިކަން ހަނިވާ ގޮތަށް އަދި ކައުންސިލްތައް އެކުލަވާލާފައިވާ ގޮތަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، ގާނޫނު އިސްލާހުކޮށް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވެ އެވެ.

އަތޮޅު ކައުންސިލްތައް ވަނީ އުވާލައިފަ އެވެ. އަދި ރަށު ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ. އެ ގޮތުން:

  • ކުރިން އޮންނަ ގޮތަކީ 3،000އަށް ވުރެ ގިނަ މީހުންގެ އާބާދީ އޮންނަ ރަށްރަށުގައި 7 ކައުންސިލަރުން އަދި އެއަށް ވުރެ ކުޑަ އާބާދީގެ ރަށްރަށުގައި 5 ކައުންސިލަރުން

  • މިހާރު ބަދަލުކުރި ގޮތަކީ 2،000އަށް ވުރެ ގިނަ މީހުންގެ އާބާދީ އޮންނަ ރަށްރަށުގައި 5 ކައުންސިލަރުން އަދި އެއަށް ވުރެ ކުޑަ އާބާދީގެ ރަށްރަށުގައި 3 ކައުންސިލަރުން

ތަފްސީލް - ގައުމީ ޔުނިވާސިޓީން ކުރި ދިރާސާގެ މައްޗަށް ބިނާކޮށް ދީފައިވާ ލަފާތަކަކީ:

  • ކައުންސިލްތައް ހިންގުމުގެ މާލީ ބުރަ ކުޑަކުރުމުގެ ގޮތުން ފުލްޓައިމް ކައުންސިލަރުންގެ އަދަދު މަދުކޮށް، ސިޓިން އެލަވަންސެއް ދޭ ގޮތަށް ޕާޓް ޓައިމް ކައުންސިލަރުންތަކެއް އިންތިހާބުކުރުން

  • އަތޮޅު ކައުންސިލަށް މާ ބޮޑު އަހަމިއްޔަތުކަމެއް ނުދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް އަތޮޅު ކައުންސިލްތަކަށް ވެސް އަހަމިއްޔަތުކަމެއް ދެވޭ ގޮތަށް، އަތޮޅު ކައުންސިލްތަކުގެ ދައުރު އިތުރަށް ސާފުކޮށް އެކުލެވުން ބަދަލުކުރުން

  • ކައުންސިލްތަކަށް ފުރިހަމަ އިދާރީ އަދި މާލީ މިނިވަންކަން ދިނުން

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ކައުންސިލްގެ ކޮމިޓީއަކަށް ހަދައި އެ ކޮމިޓީގެ ބައްދަލުވުންތަކަށް ވަކިން ހާއްސަ ސިޓިން އެލަވަންސެއް ކަނޑައެޅުން

ގައުމީ ޔުނިވާސިޓީން ކުރި ދިރާާސާގައި އަތޮޅު ކައުންސިލްތައް އުވާލަން ލަފާ ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ލަފާ ދިނީ އަތޮޅު ކައުންސިލްތަކުގެ ވެސް ބޭނުމެއް ހިފޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ.

ކައުންސިލަރުންގެ އަދަދުގެ ސަބަބުން އޮންނަ މާލީ ބުރައިގެ ހައްލަކަށް ގައުމީ ޔުނިވާސިޓީގެ ދިރާސާއިން ފެންނަނީ ސީދާ ކައުންސިލަރުންގެ އަދަދު ކުޑަކުރުމަށް ވުރެ ޕާޓް ޓައިމް ކައުންސިލަރުންތަކެއް އިންތިހާބުކުރާ ގޮތަށް ހެދުމަށެވެ. އެ ގޮތުން:

  • ރަށެއްގެ ނިންމުމެއް މަދު ބަޔަކަށް ނިންމޭ ގޮތަށް ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ވެސް ހައްލެއް ނޫން

  • ޑިމޮކްރެޓިކް އަސާސްތައް ނުގެއްލޭ ގޮތަށް މާލީ ބުރަ ކުޑަކުރުމަށް ފުލްޓައިމް ކައުންސިލަރުންގެ އަދަދު 2އަށް މަދުކުރެވިދާނެ؛ އެއީ ރަށު ކައުންސިލްގެ ރައީސް ނުވަތަ ސިޓީ ކައުންސިލްގެ މޭޔަރު އަދި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރު

މީގެ އިތުރުން، ސަރުކާރުން މި ފަހުން ކައުންސިލްގެ ބައެއް ބާރުތައް ހަނިވާ ގޮތަށް ގެނައި އިސްލާހުތަކަކީ، ކައުންސިލްތަކަށް ފުރިހަމައަށް މާލީ ބާރުވެރިކަން ދިނުމަށް ޔުނިވާސިޓީގެ ދިރާސާގައިވާ ލަފައާ ހިލާފު ކަމެކެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް