ރައީސް މުހައްމަދު މުއިއްޒު އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް ރަސްމިއްޔާތެއްގައި (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއަކާއި ކަމެއް ކައުންސިލްގެ ހުއްދައާ ނުލާ ވެސް ކުރެވޭ ގޮތަށް ހަދައިފި

މި ބާރު ސަރުކާރަށް މި ލިބުނީ، މިދިޔަ ހަފްތާގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް މުއިއްޒު އިއްޔެ ތަސްދީގު ކުރުމާއެކު، އިއްޔެއިން ފެށިގެން އެއަށް އަމަލު ކުރަން ފެށުމުން

ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ "ތަރައްގީގެ މަޝްރޫއުއެއް" ނުވަތަ "ހަރަކާތެއް" ހިންގޭނެ ގޮތަށް އިއްޔެއިން ފެށިގެން ހަދައިފި އެވެ.

ވީ ކިހިނެއް؟ -  ސަރުކާރަށް އެ ބާރު މި ލިބުނީ، ލާމަރުކަޒީ ގާނޫނު އިސްލާހު ކުުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އެއާ އެކު، އެ އިސްލާހުން ގެންނަ ބަދަލުތަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.

ތަފްސީލު - ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ލާމަރުޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ކޮމިޓީން ގެނައި ބައެއް ބަދަލުތަކާ އެކު ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިކޮށްފައިވަނީ 54 މެންބަރުންގެ ތާއީދާ އެކު އެވެ.

އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން ތަޅުމުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ބިލަށް އިތުރު އިސްލާހެއް ހުށަހެޅި އެވެ. ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ބިލަށް ހުށަހެޅުއްވި އިސްލާހަކީ:

  • މިހާރު ކައުންސިލްތަކުގެ ހުއްދަ ހޯދައިގެން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަން ޖެހޭ މަޝްރޫއުތަކާއި ހަރަކާތެއް، ސަރުކާރުން ބޭނުންވެއްޖެ ނަމަ، ހުއްދަ ހޯދުމަކާ ނުލާ ވެސް ކުރެވޭ ގޮތަށް ހެދުމަށް ހުށަހެޅުއްވި އިސްލާހެއް

ބިލުގެ 3-107 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، އެގޮތަށް ސަރުކާރަށް ކަންކަން ކުރެވޭނީ "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" އެކަމަކަށް ކައުންސިލުން ހުއްދަ ނުދީފި ނަމަ އެވެ.

އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.

އެ އިސްލާހު ހުށަހެޅުއްވި މަމްދޫހު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

 މަމްދޫހު ހުށަހެޅުއްވި އިސްލާހު:

  • ބިލުގެ ބިލުގެ 3-107ގެ (ނ): "ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ދީފައި ނުވާ ނަމަ، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދައާ އެކު، އެ މަޝްރޫއުއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެ އެވެ."

ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް ތާއީދު ކުރެއްވި އެ އިސްލާހުގައި "އެކަށީގެންވާ ވަގުތަކީ" ކޮބައި ކަމެއް ނުވަތަ މިގޮތަށް ކުރެވޭނީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ކޮން ތަނެއްގައި، ކޮން މަސައްކަތްތަކެއް ކަމެއް ބާޔަންކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް (2)

ކޮސް

2 ޑިސެމްބަރު 2025
ދެން އޯގާތެރި ސަރުކާރުގެ ކެހިވެރި ނިންމުނަށް ސަނާކިޔަން ރައްޔިތުން ތިބޭ.
1 0

ހުސެން ހިތަދޫ

2 ޑިސެމްބަރު 2025
ހުއްދަ ހޯދުމުގެ ބޭނުމެއް ނެތެއްނު ހުއްދަ ދިނަސް ނުދިނަސް ސަރުކާރުން ބޭނުން އެއްޗެއް ހެދެންޔާ؟ ކޮންކަހަލަ ގަވާއިދު ގާނޫނުތަކެއް ތި؟
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް