ހުޅުމާލެ ފޭސް އެކެއްގެ ބައްދަލުވުމުގައި ޝާޒް ވާހަކަ ދައްކަނީ؛ މާލެ ނޫން ރަށްތައް ފަޅުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރި (ފޮޓޯ/ ރައީސް އޮފީސް)

ޝާޒްގެ މި ވާހަކައަށް ވިސްނާލާ؛ 'މީހުން އުޅޭނީ މާލޭގައި އެކަނި، މާލޭގައި މީހުން ވާނީ މަގުމަތި'

މާލޭގައި ރައީސް މުއިއްޒު ބާއްވަމުން ގެންދެވި އަވަށު ބައްދަލުވުންތަކުގެ ތެރެއިން ރޭ ހުޅުމާލެ ފޭސް އެކެއްގައި ޝާޒް ނުރުހުން ފާޅުކުރި ކަމަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ރަށްރަށް ސަރުކާރުތަކުން ތަރައްގީނުކޮށް މާލެ ކައިރީ ފަހަރަކު ފަޅެއް ހިއްކައި މީހުން ޖަމާކުރަމުން ދާތީ
22 ޑިސެމްބަރު 2025
5

"މާދަމާ [މުސްތަގުބަލުގައި] މި ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ ކިތައް ރަށުގައި ހެއްޔެވެ ސުވާލުކުރުމުން ޖަވާބަކަށް ވާނީ ހަތަރު ރަށޭ. އެއީ، މާލެ، ހުޅުމާލެ، ވިލިމާލެ، ދެން ރަސްމާލެއޭ،"

ފިލްމު އަދި ކޮމެޑީ ޑްރާމާތަކުން އާންމުންގެ މަގުބޫލުކަން ހޯދި އަހުމަދު ޝާޒް (ތަޖޫބެ) ރޭ މި ޝުއޫރުތައް ފާޅުކުރީ ރައީސް މުހައްމަދު މުއިއްޒު ބާއްވަވާ އަވަށު ބައްދަލުވުމުގަ އެވެ. އެއީ ވިސްނާލަން ޖެހޭ ވާހަކަތަކެކެވެ. 

ހުޅުމާލެ ފޭސް އެކެއްގެ ބައްދަލުވުމުގައި ޝާޒުގެ ވާހަކަ ފަށަނީ ދައުލަތުގެ ބޭނުން ކިޔައިދެމުންނެވެ. މީހުން ޓެކްސް ފައިސާ ދެނީ، އެ ފަންޑުން މީހުންގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދީ، ފެންވަރު ރަނގަޅު ހިދުމަތަކާއި ތަރައްގީ ލިބުމަށެވެ.

"ފަޅުގެއެއްގެ ފާރެއްގައި ފްލައިވުޑް ފިލާގަނޑެއްގައި ސްޕްރޭ ޖަހާފައި ދައުލަތެއް ލިޔެލާފައި ހަވާލުކުރަނީއެއް ނޫނޭ،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ޝާޒް ބުންޏެވެ.

މާލޭގެ އަވަށު ބައްދަލުވުންތަކުގައި ކޮންމެ މީހަކު ވެސް 'ކަރުނަ އަޅަމުން' ދައްކަނީ އެންމެ ވާހަކައެކެވެ. އެއީ މާލެ ސަރަހައްދުގައި އަތްފޯރާ އަގެއްގައި އުޅޭނެ ގެދޮރު ނުވަތަ ފްލެޓެއް ނުލިބިގެންނެވެ. 

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްުޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/ރައީސް އޮފީސް)

ރައްޔިތުންގެ އުދާހަކީ އެއީ ކަމުގައި ވިޔަސް ހަގީގީ މައްސަލައަކީ މާލެއަށް ބާރުތަކާއި ހިދުމަތްތައް މަރުކަޒުކުރުން ކަން ޝާޒް ފާހަގަކުރި އެވެ. ނަމަވެސް ސަރުކާރުތަކުން ރަށްރަށުގައި އެކަށޭނަ ވަރަށް ވަސީލަތްތަކާއި ހިދުމަތްތައް ގާއިމެއް ނުކުރެ އެވެ.

"ތޮބީއީ ގޮތުން ރަށްރަށަކަށް ބެހިފައިވާ ބައެކޭ. އަތޮޅުތަކެއް އޮތް ގައުމެކޭ. 4000 އަހަރު ވެއްޖޭ އަޅުގަނޑުމެން މި ޖަޒީރާ އަތޮޅުތަކުގައި ދިރިއުޅެމުން އަންނަންތާ،" ޝާޒް ބުންޏެވެ.

"ރާއްޖެތެރޭގެ ރަށްރަށުގައި 4000 އަކަފޫޓުގެ ތަންތަނުގައި އަރާމުގައި ދިރިއުޅެވެން ތިބި މީހުން ދަމާފައި މި ގެންނަނީ މި ތަނަށް. ދެން މާލޭގެ ރައްޔިތުން މި ތަނުގައި ވީ މަގުމަތި. ރަށްފުށުގެ މީހުން ވެސް މި ތަނަށް ގެނެސް މަގުމަތިވީ،" 

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްުޔިތުންނާއެކު މިރޭ ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/ރައީސް އޮފީސް)

މީގެ ސަބަބުން ފައިދާކުރަނީ ހަމައެކަނި ކުލި ވިޔަފާރީގައި އުޅޭ މަދު ވިޔަފާރިވެރިންނަކަށެވެ. މާލޭގެ ރަށްވެހިންނަށް ފައިދާއެއް ނުވެ އެވެ. މާލޭގެ އާދައިގެ އާއިލާތަކުގެ މީހުން އުޅޭނެ ތަނެއް ނެތެވެ. ރަށްރަށުގެ މީހުން ގެނެސް، އެ މީހުން ވެސް އުޅޭނެ ތަނެއް ނެތެވެ. މާލޭގެ ކުލި ވެސް ދަނީ، އަތްނުފޯރާ ފަށަށް މަތީގަ އެވެ.

މިއީ މިދިޔަ ކޮންމެ ސަރުކާރަކުން ވެސް ސިޔާސަތުތައް ގެންގުޅެފައިވާ ގޮތުގެ މައްސަލައެއް ކަމަށް ޝާޒް ވެސް ގަބޫލުކުރެ އެވެ. ނަމަވެސް ރައީސް މުއިއްޒާ ވެރިކަން ހަވާލުކުރީ މި ކަންކަން ހައްލުކުރަން ކަމަށް އޭނާ ބުންޏެވެ. އެކަމަކު ހައްލު ކުރާ ތަނެއް ނުފެނެ އެވެ.

"ދެ އަހަރު ވެގެން ދިޔަ. ކޮބައިތޯ ކުރެވުނު ކަމެއް. މި މައްސަލަ ހައްލުކުރަން ކަމެއް ކުރާކަށް އުޅޭ ތަނެއް ނުފެނޭ. އަނެއްކާ ވެސް މި ސަރަހައްދުން ރަސްމާލެއެއް ހިއްކަން އުޅެނީ، އަނެއްކާ ވެސް ރަށްފުށު މީހުން މި ތަނަށް ގެނެސް މާލެ މީހުން ވެސް ރަށްފުށު މީހުން ވެސް މި ތަނުގައި މަގުމަތިވާނެ ގޮތަށް،" ޝާޒް ބުންޏެވެ.

ކޮމެންޓް (5)

މާހިރުބެ

23 ޑިސެމްބަރު 2025
މުއިއްޒުގެވެސް އެހެންމީހުންގެވެސް އެދުންތައް ހުންނާނެ. އެއީ އިންސާނީ ތަބީއަތް. ލޯނުނުނަގާ ކިހިނެއްތިޔަކަހަލަ ކަންކަން ކުރާނީ. ޑޮލަރު ބޭނުންވާނެ. އެންމެން ބޭނުންވަނީވެސް ޑޮލަރުޑޮލަރު.ބޭނުންނުވާ މީހަކުވެސް މިރާއްޖެއަކުނެތް. ދެން ކަލޭވެސް އިތުރުގޮތެއް ބުނެބަލަ
1 1

ކާާފު

23 ޑިސެމްބަރު 2025
ތިޔާއީދެން ކަލޭ ތިޔަހާ ކަންބޮޑުވާންޖެހޭ ކަންކަމެއްނޫނެއްނު. ބޯގޯސްވާކަހަލަ ވާހަކަ ނުދައްކާ. ކަލޭ އިންތިޒާރުނުކުރާ ކިތައްކަންކަން ވަމުން އެބަދޭ. ﷲގެ ރަޙްމަތުން ކަންކަން ވަމުންދާނެ. މީހުންވެސް ކަންކަން ކުރަންވެސް މަސައްކަތް އެބަކުރޭ. ކަލޭ މިހާރު ތިޔަ ދިރިއުޅެނީ ކާކުގެ ޚިޔާލަށް އައިތަނެއްގަ ބިން ހިއްކައިގެން.
2 4

ކޮސް

23 ޑިސެމްބަރު 2025
ޝާޒު އެބުނީ ތެދެއް. ރަސްމާލެއެއް ދަރަނި ނަގައިގެން އެހަދަނީ ދެމަޤުޞަދުގަ. ޝާޒު އެބުނީ އެއްވާހަކަ. އަނެއްވާހަކައަކީ ރަސްމާލެހަދަނީ މުއިއްޒުގެ ލެގަސީއަކަށްޓަކައި.. 2 ވަނަ ދައުރެއް ހޯދަން ފަސޭހައަކަށް. އެކަމަކު 5 އަހަރު ނިމޭއިރު ރަސްމާލެ ނުނިމޭނެ.ނުނިމޭބައި ނިންމަން 5 އަހަރު ދޭން އެދޭނީ. ހެއްހެއް.
7 1

ޖޯ މާސްކް

22 ޑިސެމްބަރު 2025
ޝާޒްގެ ވާހަކަ މިހާތަނަށް އެންމެ އޮއްޓަރު ހުރީ. މަގޭ އަތްޖެހިން ޓީވީ ބަލަމުން ހުރެ. (މިތާ ކޮމެންޓް ލިޔަން ވަރަށް އުދަގޫ... އަބަދު ބަދަލުވަނީ ލިޔާ އެއްޗެހި)
16 1

ކަންނާޑި

22 ޑިސެމްބަރު 2025
މާލޭގެ ރައްޔިތުންގެ ގެތައް ކުއްޔަށްދީގެން އެއުޅެނީ ހަމަ ވިޔަފާރިވެރިންތޯ؟ ހުރިހާކުދިރައްތަކުގެ މީހުންޖާމާކުރަންވީ މާލޭ ސަރަހައްދަށް. ދެންއެރަށްތައް ރިސޯޓްހަދަން ދޭންވީ އޭރުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެފާ ވްޒީފާތައްވެސް އިތުރުވާނެ. ފުލެޓްއަޅަންދާ ޚަރަދުވެސް އެރަށްތަކުން ލިބުނީ. މަިކެއްލިބުނީމާ ފޮނިވާހަކަދައްކަން ނޭގޭ އެކަކުވެސްނުޅޭ. ހައްތަހާވެސް މަމޮޅުމީހުން.
4 12

އިތުރު އާޓިކަލް

އިތުރު އާޓިކަލް