ކިރާ މަހަށް ފައިސާ ނުލިބޭތީ ފެބްރުއަރީ މަހު ކޫއްޑޫގައި މުޒާހަރާކުރި މަސްވެރިންނާ މިނިސްޓަރު އަހުމަދު ޝިޔާމް ބައްދަލުކުރައްވަނީ (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)
މަސްވެރިންނަށް ލިބިގެން މި އުޅެނީ ކޮން ބާރެއް؟
މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް، 18 ފެބްރުއަރީގައި ހުންނެވީ ކޫއްޑުއަށް ވަޑައިގެން، އެތަނުގައި އޭރު މުޒާހަރާކުރަމުން ދިޔަ މަސްވެރިންނާ ބައްދަލުކުރެއްވުމުގަ އެ ވެ. އޭރު ވެސް މަސްވެރިންނަށް މިފްކޯއިން ނުދީ 280 މިލިއަން ރުފިޔާ އޮތެވެ. އެ ފައިސާ ވަރަށް އަވަހަށް ދީ ހަލާސްކުރާނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވި އެވެ. އެކަން އެވަގުތު ސަރުކާރުން ކުރި ވެސް މެ އެވެ.
މި މަހު 12 ވަނަ ދުވަހު ޝިޔާމް ވަޑައިގަތީ މާލޭ އެއް ނަންބަރު ފާލަން ކައިރީގައި ކަންނެލި ދޯނިތައް އަޅައިގެން ކަންނެލި މަސްވެރިން ކުރި މުޒާހަރާގެ ބައިވެރިންގެ ކުރިމައްޗަށެވެ. ދިވެހި މަހުގެ އަގަކީ ސިޔާސީ އަގަކަށް ވުމުން، ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ވެސް، ކަމުގެ ހަގީގަތަށް ވުރެ ހުވަފެނުގެ މަންޒަރުތަކެއް މަސްވެރިންނަށް ދެއްކެވި އެވެ. އޭގެ ތެރޭގައި ކަންނެލި ކިލޯއެއްގެ އަގު 80-100ރ.އާ ދެމެދަށް ހެދުމާއި މިފްކޯއަށް ކަންނެލި ގަތުން ހިމެނެ އެވެ.
ކަންނެލި މަސްވެރިކަން މިހާރު އޮންނަނީ އަމިއްލަ ވިޔަފާރިވެރިންގެ އަތްމަތީގަ އެވެ. މިފްކޯއަށް ގަންނަނީ ކަޅުބިލަ މަހެވެ. ކަންނެލި މަސްވެރިން ބޭނުންވަނީ ކަނޑުމަހުގެ މަސްވެރިކަން ކުރާ މީހުންނަށް ސަރުކާރުން އެ ދޭ ބޮޑު ސަބްސިޑީ ހޯދާށެވެ.
އެކަމަކު މިއީ ނުއަގުގައި މަސް ގަނެ ދިވެހި ރައްޔިތުންގެ ފައިސާ، ވަކި ބައެއްގެ ފައިދާއަށް އެޅުމެވެ.
ކަންނެލި މަސްވެރިންގެ ކުރިމަތީގައި ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވިޔަސް އެކަން މިވަގުތު ފުއްދާނެ މާލީ ތަނަވަސްކަން ދައުލަތުގައި ނެތް ކަމަށެވެ.
"ގައުމުގެ މާލީ ހާލަތު އޮތް ގޮތުން އަޅުގަނޑުމެންނަށް ނެތީ، މިއަދުން މިއަދަށް އެ ވައުދު ފެށެން. އެ ވައުދު ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ވާހަކަ މި ދެންނެވީ،" ޝިޔާމް ވިދާޅުވި އެވެ.
މިހާރު މަސްވެރިން މުޒާހަރާކުރަނީ އައްޑޫ ހުޅުދޫގައި ހުންނަ މިފްކޯ ފެކްޓަރީ ދޮށުގަ އެވެ. ކަޅުބިލަމަހުގެ މަސްވެރިންނަށް ދޭން ހުރި ފައިސާ ނުލިބިގެންނެވެ. އެ ފައިސާ ނުދީފި ނަމަ ފެކްޓަރީގެ މަސައްކަތް ހުއްޓުވާނެކަމުގެ ބިރު ދެއްކުމެވެ. ކޫއްޑޫގައި ވެސް މަސްވެރިން ދިން ފަދަ އިންޒާރުތަކެވެ.
މަސްވެރިން ބޭނުންވީމާ އެ މީހުން ބޭނުން އަގެއް ސަރުކާރުތަކުން ކަނޑައަޅައިދެ އެވެ. އެ މީހުން ބޭނުންވީމާ ފެކްޓަރީތަކުގެ މަސައްކަތަށް ހުރަސް ވެސް އެޅެ އެވެ. އެހެންކަމުން ދިވެހި މަސްވެރިންނަކީ އެހެން ދިވެހިންނަށް ވުރެ މާ ބާރުގަދަ، މާ އަޑުގަދަ ބަޔަކަށް މި އޮތީ ވެފަ އެވެ. އެހެން ދާއިރާތަކުގައި އުޅޭ ދިވެހިން ބުރަ މަސައްކަތްކޮށް، ސަރުކާރަށް މަޖުބޫރުކުރުމެއް ނެތި އާމްދަނީ ހޯދައިގެން ދިރިއުޅުން ހަމަޖައްސަމުން އަންނަ އިރު މަސްވެރިންނަށް ސަލާމަތް މިވެވެނީ ގަދަ ބާރު ދައްކައިގެންނެވެ.
ސަރުކާރަށް އޮބި ނޯންނަ ވަރަކަށް އެއްވެސް ދިވެއްސަކަށް އެހީއެއް ނުވެވޭނެ އެވެ. އެކަމުގައި މަސްވެރިއެއް، ދަނޑުވެރިއެއް، އާންމު ވިޔަފާރިވެރިއެއް ވެސް އިސްތިސްނާއެއް ނުވެ އެވެ. ދިވެހި ރައްޔިތުންގެ ފައިސާއަކީ އެންމެންގެ ހައްގެކެވެ. ގެއްލުންވާ ވިޔަފާރިއަކަށް ސަރުކާރުން ފައިސާ އަޅައިގެން ހިންގާ ނަމަ އެ އެހީތެރިކަން، އެހެން ދާއިރާތަކުގެ އިންވެސްޓަރުންނާއި މަސައްކަތްތެރިންނަށް ވެސް އޮންނަންވާނެ އެވެ.
މަސްވެރިކަމާ ބެހޭ އިތުރު ކަވަރޭޖް
އެކަމަކު ހަމަހަމަ އުސޫލުން ވިސްނުމުގެ ބޭރަށް މަސްވެރިން ނުކުމެގެން މި އުޅެނީ ވެރިކަމަށް އަންނާށާއި ވެރިކަން ދަމަހައްޓަން ރާއްޖޭގެ ސިޔާސީ ވެރިން ގެންގުޅޭ ޒަމާނަށް ނުފެތޭ އުސޫލުތަކަކާ ހެދި އެވެ. މިދިއަ އަހަރު އެކަނި ވެސް ސަރުކާރުން ވަނީ މިފްކޯއަށް 763 މިލިއަން ރުފިޔާގެ ސަބްސިޑީ ދީފަ އެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ދުނިޔޭގެ ބާޒާރުގައި މަސް ކިލޯއެއްގެ އަގު ހުރި މިންވަރަށް ވުރެ މާ ބޮޑުކޮށް މިފްކޯއަށް ގަންނަން ޖެހޭތީ ލިބޭ ގެއްލުން ފޫބައްދާށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބޮޑު އަގުގައި މަސް ގަންނަނީ ސަރުކާރުން އެ އަގު ދީގެންނެވެ.
ސިޔާސީ ގޮތުން މާ ނުފޫޒު ގަދަ ބަޔަކަށް ދިވެހި މަސްވެރިން ވާން ޖެހޭ ސަބަބެއް ވެސް ނެތެވެ. މަސްވެރިކަން ކުރާ ދިވެހިން މަދުވެއްޖެ އެވެ. ގިނަ ދޯނިފަހަރުގައި ގިނައީ ވެސް ބިދޭސީ މަސްވެރިންނެވެ. އޮޑިވެރިންނަށް ފައިދާ ބޮޑީ ވެސް ބިދޭސީން ގެންގުޅުނީމަ އެވެ.
"ބޮޑު ދޯންޏެއް މި ބަންނަނީ ސަރުކާރުން އެ ދޯންޏަކުން ބާނާ ހުރިހާ މަހެއްހެން ކިރަން ޖެހޭ ކަމަށް ބަލައިގެން. އެކަމަކު އެއީ ބަޔަކު ވިޔަފާރި ކުރަން ޖެހޭ ގޮތެއް ނޫން،" މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި އާދިލް ސަލީމް ވިދާޅުވި އެވެ.
އޮޑިވެރިން ކުރާ އިންވެސްޓްމަންޓް އަނބުރާ ދެއްކުން ސަރުކާރުން ދޭ ސަބްސިޑީއެއްގެ މައްޗަށް ބިނާކުރުމަކީ ގޯހެކެވެ. އޮޑިވެރިން އޮޑި ބަންނަން ޖެހޭނީ ވިޔަފާރީގެ އުސޫލުން އެކަން ކޮށްގެން ލިބޭ އާމްދަނީން އިންވެސްޓްމެންޓް ކަވަރުކުރުމުގެ ވިސްނުމާ އެކުގަ އެވެ. ދަނޑުވެރިން ދަނޑު ހައްދަން ޖެހޭނީ އެ ހައްދާ އެއްޗެއް ވަކި އަގެއްގައި ސަރުކާރުން ގަންނާނެ ކަމަށް ބަލައިގެންނެއް ނޫނެވެ. ރިސޯޓް ހިންގަން ޖެހޭނީ އެނދަކަށް ސަރުކާރުން ވަކި ވަރަކަށް ފައިސާ ދޭ ގޮތަށް ހިސާބު ޖަހައިގެން ވެސް ނޫންމެ އެވެ.
މަސްވެރިންގެ ވެސް ހުންނަން ޖެހޭނީ މާކެޓްގައި ލިބެން ހުރި އަގެއްގައި ވިޔަފާރިކޮށްގެން ދެމިގަތުމުގެ ވިސްނުމެވެ. އާދިލް ވިދާޅުވާ ގޮތުގައި މަސްވެރިކަމުގެ ސިނާއަތުން ސަރުކާރު މުޅިން ނުކުތީމާ އެ މަންޒަރު ފެންނާނެ އެވެ. ސަލާމަތްވާނެ ގޮތް އޮޑިވެރިންނަށާއި މަސްވެރިންނަށް ވެސް އެނގޭނެ އެވެ. އެ މަގުން ދަތުރުކުރަން ދަސްވާނެ އެވެ.
"ސަރުކާރުން މި ވިޔަފާރިން ނުކުތީމާ އޭރުން މި ދިވެހި އޮޑިވެރިން ހޯދާނެ ފައިދާގައި މިކަން ކުރެވޭނެ ގޮތެއް. ދިވެހިން މޮޅުވާނެ. އެ މީހުން ގޮތްގޮތް ހޯދާނެ،" ތައުރީފްގެ ބަސްތަކަކުން އާދިލް ވިދާޅުވި އެވެ.
މަސްވެރިން އެ ވާހަކަ ގަބޫލުކުރަން އެބަ ޖެހެ އެވެ. ބޭނުންވާ އަގެއް ސަރުކާރުން ދީގެން މަސްވެރިކަން ކުރުވުން ހުއްޓާލަން މި އޮތީ ޖެހިފަ އެވެ. ސަރުކާރަށް މަޖުބޫރުކުރުމުގެ ގޮތުން ފެކްޓަރީތަކުގެ މަސައްކަތަށް ހުރަސް އެޅުމަކީ ވަރަށް ބޮޑު ގޯހެކެވެ. ފިޝަރީޒް މިނިސްޓަރު ޝިޔާމް ކިތައްމެ ގިނައެއްކޮށް މަސްވެރިންގެ ކުރިމައްޗަށް ވަޑައިގެންނެވިޔަސް އެންމެ ރަނގަޅެވެ. އެކަމަކު މަސްވެރިން ބޭނުން ގޮތަކަށް ހުރިހާ ކަމެއް ނިންމަަވައިގެން ނުވާނެ އެވެ. ހާއްސަކޮށް ދައުލަތުގެ އާމްދަނީން ކުރާ ހޭދަތަކުގަ އެވެ.
ކޮމެންޓް (21)
މަސްވެރި އާއިލާއެއްގެ ދަރިއެއް
ސާބަސް
ކިޔުންތެރިޔާ
އިސްސޭ
ށަމު
ާއަބުލޯ
ގޮހޮޅަ
ރައްޔިތުމީހާ
މުހައްމަދު
ރެއްކަބޭ
ރެކިފުތާ
މަސްވެރި އާއިލާ
އަލީބުޚާރީ
އަލި
ގަރުދިޔަ
ރައްޔިތުންގެ މީހާ
އަބުދު
ޝިހާބު
މިފުކޫ
ޝަރފު
އިބުރާހިމް