ބޮޑު ކަންނެލި މަސްވެރިން މިއަދުގެ އިހުތިޖާޖުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަސްވެރިން

މަސްވެރިންނަށް ވީ ވައުދު ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން: މިނިސްޓަރު ޝިޔާމް

ކަންނެލި މަސް ގަންނަ އެންމެ ދަށް އަގު 80-100ރ. އަށާއި މިފްކޯއަށް ކަންނެލި މަސް ކިރޭނެ ގޮތް ހަމަޖައްސައިދިނުމަށް މި ސަރުކާރުން ވަނީ ވައުދުވެފައި؛ އެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން ކަމަށް މިނިސްޓަރު ވިދާޅުވި

ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ދުވަސްވަރު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެގެން ކަމަށާއި އާމްދަނީ އިތުރުކޮށްގެން ދައުރުގެ ކުރީކޮޅުގައި އެ ވައުދުތައް ފުއްދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ސަރުކާރުން ހުއްދަ ދޭން އުޅޭތީ މިއަދު 1 ނަންބަރު ފާލަން ސަރަހައްދުގައި މަސްވެރިން އިހުތިޖާޖު ކުރި ތަނަށް މިނިސްޓަރު ޝިޔާމް ވަނީ ވަޑައިގެންފަ އެވެ.

މަސްވެރިންގެ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:

  • ރިޔާސީ އިންތިހާބުގައި ވައުދުވި ގޮތަށް ކަންނެލި ގަންނަ އަގު 80-100ރ.އާ ދެމެދަށް ހަމަނުޖެއްސުމާއި މިފްކޯއިން ބޮޑު ކަންނެލި ނުކިރުން

  • އެ ވައުދުތައް ނުފުއްދައި ކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުއްދަ ދޭން އުޅުން

  • ހުޅުމާލެއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މިހާރު މާ ބޮޑުވުން

ބޮޑު ކަންނެލި މަސްވެރިން މިއަދުގެ އިހުތިޖާޖުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބޮޑު ކަންނެލި މަސްވެރިން މިއަދުގެ އިހުތިޖާޖުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބުނީ ކީކޭ؟ - މަސްވެރިންގެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންފައި ހުރި ވައުދުތައް ފުއްދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

"ގައުމުގެ މާލީ ހާލަތު އޮތް ގޮތުން އަޅުގަނޑުމެންނަށް ނެތީ، މިއަދުން މިއަދަށް އެ ވައުދު ފެށެން. އެ ވައުދު ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ވާހަކަ މި ދެންނެވީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސްގެ ވައުދުފުޅުގައި އެ ވިދާޅުވެފައި އޮތް ވިދާޅުވުން އެއީ ފައިސާ [ހުރެގެން]، އަޅުގަނޑުމެންގެ މާލީ ހާލަތު ރަނގަޅު ވެގެން ކުރެވޭނެ ކަންކަން."

މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި މިދިޔަ ފެބްރުއަރީގައި އިހުތިޖާޖުކުރި މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރެއްވުން. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

ތަފްސީލު - ދެން ހުރީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލީ ހާލަތު ރަނގަޅު ކުރަން ހުރިހާ ސިނާއަތަކުން މި ސަރުކާރު ކުރިއަށްގެންދަން ރާވައިގެން ކުރަން ޖެހޭ ކަންތައްތަކެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ލޭނު މަސްވެރިކަން އެކަނި ނޫން ކަމަށާއި އެ ނޫނަސް ބައިވަރު ކަންކަން ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެން އާމްދަނީ އިތުރު ކުރުމަށްޓަކައި ހުށަހެޅި ކަންތައްތަކުގެ ތެރެއިން ހުށަހަޅަން މަޝްވަރާކުރާ ކަމެއް [ލޭނު އަޅަން ހުއްދަ ދިނުމަކީ]،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، ލޭނުއެޅުމާ ބެހޭ ގޮތުން، މިނިސްޓްރީގެ ދައުވަތަކަށް މިނިސްޓްރީގައި ކަންނެލި މަސްވެރިންގެ ޖަމިއްޔާ ވެސް ހިމެނޭ ގޮތަށް މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރި ކަމަށެވެ.

އެކަމާ މެދު ކަންނެލި މަސްވެރިންގެ ޖަމިއްޔާގެ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި ނޯޓު ނުކުރާ އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރަން ހުށަހަޅާ ނުވަތަ މަޝްވަރާ ކުރާ އެއްވެސް ކަމަކާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ނެތި މި ސިނާއަތުގެ އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ.

"މަސްވެރި އާއިލާތަކަށް ޔަގީނުން ވެސް މި ސަރުކާރަކީ، ތި ވިދާޅުވިހެން މަސްވެރި އާއިލާތަކަށް ރަނގަޅު މެސެޖުތަކެއް، ރަނގަޅު ވައުދުތަކެއް ވެގެން އައި ސަރުކާރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ އަހަރު މި ގުނަނީ. އިރާދަކުރެއްވިއްޔާ ރައީސް ވިދާޅުވި ހުރިހާ ކަމެއް، އެމަނިކުފާނުގެ ދައުރުގެ ކުރީކޮޅުގައި ކުރާނަން."

ގުޅުން ހުރި ކަމެއް - މިނިސްޓަރުގެ ފަރާތުން މިއަދު ލިބުނު ޖަވާބާ މެދު ހިތްހަމަނުޖެހޭތީ މަސްވެރިން ނިންމީ ކަންބޮޑުވުންތަކެއް ސީދާ ޖަވާބެއް ލިބެންދެން 1 ނަންބަރު ފާލަން ސަރަހައްދުގައި އިހުތިޖާޖު ނުހުއްޓައި ކުރިއަށް ގެންދިއުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް