މިފްކޯގެ މަސް ބޯޓަކަށް މަސްކިރަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

މިފްކޯ

މިފްކޯއަށް މި އަހަރު ކަންނެލި ނުކިރޭނެ؛ އެއަށް ވުރެ ހާލަތު މާ ގޯސް: މިނިސްޓަރު ޝިޔާމް

މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުންޏަށް ކަންނެލި ގަތުމާއި މި ސަރުކާރުން މަސްވެރިންނަށް ވީ އެހެން ވައުދުތައް ވެސް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި

ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯގެ މާލީ ހާލަތު އޮތީ މި އަހަރު ކަންނެލި ކިރަން ފެށޭ ވަރަށް ވުރެ މާ ގޯސްކޮށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވުމަށް 50 ވަރަކަށް ދޯނީގައި ކަންނެލި މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

މިއަދު ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން ފެށި އެ އިހުތިޖާޖު ފަހުން މާލޭ 1 ނަންބަރު ފާލަން ސަރަހައްދަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މިއަދު ހަވީރު އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - އިހުތިޖާޖުގައި މަސްވެރިންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ސަރުކާރުން ވީ ވައުދާ އެއްގޮތަށް މިފްކޯއަށް ކަންނެލި ގަންނަން އަދިވެސް ނުފަށައި އޮތުމެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މި އަހަރު މިފްކޯއަށް ކަންނެލި ކިރަން ފެށުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ، މި އަހަރަކު އަޅުގަނޑުމެންނަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށް، މިފްކޯއަށް. މިފްކޯ އޮތީ އެ ހާލަތަކު ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ބޮޑު ކަންނެލި މަސްވެރިން މިއަދުގެ އިހުތިޖާޖުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބޮޑު ކަންނެލި މަސްވެރިން މިއަދުގެ އިހުތިޖާޖުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލު - ސަރުކާރުގެ ވައުދާ އެއްގޮތަށް މިފްކޯއަށް ކަންނެލި ގަނެވޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެގެންނެވެ. އަދި އެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރަށް ކަންނެލި ގަންނަ ދުވަސް ވެސް [އަންނާނެ]. ރައީސްގެ ވައުދުފުޅުތައް އަޅުގަނޑުމެން ފުއްދަމުން ދާން ބޭނުންވަނީ ދައުރުގެ އެންމެ ކުރީކޮޅުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރަށް ހަތް މަސް ވީއިރު، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއީ މާލީ ގޮތުން ވަރަށް ދަތި ދުވަސްވަރެކެވެ.

ސަރުކާރުން ވީ ވައުދުތައް ނުފުއްދައި ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދޭން މި ސަރުކާރުން މަޝްވަރާ ކުރާތީ ވެސް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މާލީ ހާލަތު ރަނގަޅުވެގެންނެވެ.

މަސްވެރިން ނިންމާފައިވަނީ ކަންބޮޑުވުންތަކާއި ޑިމާންޑުތަކަށް ސީދާ ޖަވާބެއް ސަރުކާރުން ނުދޭނަމަ އިހުތިޖާޖު ނުހުއްޓައި ކުރިއަށްގެންދިއުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް