ބޮޑު ކަންނެލި މަސްވެރިން މިއަދުގެ އިހުތިޖާޖުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ސީދާ ޖަވާބެއް ލިބެންދެން އިހުތިޖާޖުގައި ތިބެން މަސްވެރިން ނިންމައިފި
ބޮޑު ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޑިމާންޑުތަކަށް ސަރުކާރުން ސީދާ ވަކި ޖަވާބެއް ލިބެންދެން މިއަދު ފެށި އިހުތިޖާޖު ނުހުއްޓާނެ ކަމަށް އެ އިހުތިޖާޖުގައި އިސްކޮށް އުޅޭ، ކަންނެލި މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވުމަށް 50 ވަރަކަށް ދޯނީގައި ކަންނެލި މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
އެ އިހުތިޖާޖު ފެށީ މިއަދު ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުންނެވެ. އަދި ފަހުން މާލޭ 1 ނަންބަރު ފާލަން ސަރަހައްދަށް ވަނީ ބަދަލުކޮށްފަ އެވެ. މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވަން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މިއަދު ހަވީރު އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.
ބުނީ ކީކޭ؟ - ބީކޭއެމްޔޫގެ ރައީސް ހުސައިން ނަޝީދު 'ދައުރު'އަށް ވިދާޅުވީ ކަންބޮޑުވުންތަކާއި ޑިމާންޑުތަކާ ބެހޭ ގޮތުން މިނިސްޓަރުގެ ފަރާތުން ސީދާ ޖަވާބެއް ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެން ނިންމީ ބައެއް ޑިމާންޑުތަކަށް ސީދާ ޖަވާބެއް ނުލިބެނީސް އިހުތިޖާޖު ނުހުއްޓައި 1 ނަންބަރު ފާލަން ސަރަހައްދުގައި ކުރިއަށްގެންދަން،" އޭނާ ވިދާޅުވި އެވެ.
ތަފްސީލު - މަސްވެރިންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުއްދަ ދިނުމާ ބެހޭގޮތުން ސަރުކާރުން މަސް ކުންފުނިތަކާ ދެމެދު މަޝްވަރާކުރާ ކުރުމެވެ.
ކަންނެލި މަސްވެރިން ބުނަމުންދަނީ ރިޔާސީ އިންތިހާބު ދުވަސްވަރުގައި މަސްވެރިންނަށް ވެފައި ހުރި ވައުދުތައް ނުފުއްދައި އެކަން ކޮށްގެން ނުވާނެ ކަމަށެވެ. އެ ވައުދުތަކުގެ ތެރޭގައި ހިމެނެނީ:
-
ކަންނެލި ގަންނަން އެންމެ ދަށްވެގެން 80-100ރ.އާ ދެމެދުގެ އަގެއް ހަމަޖެއްސުން
-
މިފްކޯއަށް ބޮޑު ކަންނެލި ގަތުން
އޭގެ އިތުރުން، ހުޅުމާލެއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑުވުމުގެ ޝަކުވާ ވެސް މަސްވެރިން ވަނީ ކޮށްފަ އެވެ.
"އެފްއެސްއެމްއިން އާންމުންނަށް އެބަ ވިއްކާ 13.92ރ.އަށް. އެކަމަކު އަޅުގަނޑުމެންނަށް މި ލިބެނީ، ސަބްސިޑީ ވެސް ލައިގެން 14.53ރ.އަށް،" ނަޝީދު ވިދާޅުވި އެވެ.
"މި ޑިމާންޑުތަކަށް މިރޭ ވެސް ސީދާ ޖަވާބެއް ދީފި ނަމަ އިހުތިޖާޖު ހުއްޓާލާނަން."