ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއްގައި މަސްވެރިން. (ފޮޓޯ/ޓްވިޓާ/ބީކޭއެމްޔޫ)

މަސްވެރިން

ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑުއިއްވަން އިހުތިޖާޖު ފަށައިފި

ބޮޑު ކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުއްދަ ދީފި ނަމަ، އާންމު މަސްވެރިން ބަނގުރޫޓުވާނެ ކަމަށް ބުނެ ކަންނެލި މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވުމަށް ކަންނެލި މަސްވެރިން މިއަދު އިހުތިޖާޖެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބޮޑުކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި މިއަދު ފެށި އިހުތިޖާޖުގައި 50އަށް ވުރެ ގިނަ ކަންނެލި ދޯނިން ބައިވެރިވެ އެވެ.

ތަފްސީލް - ދިވެހި މަސްވެރިކަމުގެ ހާލަތު މިހާރު އޮތް ގޮތަށް އޮއްވައި ބޮޑުކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ހުއްދަ ދީފި ނަމަ، އާންމު މަސްވެރިން ބަނގުރޫޓުވާނެ ކަމަށް ބުނެ ކަންނެލި މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ކަންނެލި ޔޫނިއަން އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ލޭނުއެޅުން ހުއްދަ ކުރުމަކީ އާންމު މަސްވެރިންގެ ބަދަލުގައި މަދު ކުންފުނިތަކަކަށް ފައިދާވާނެ ކަމެއް ކަމަށާއި ދިވެހި އަތުނަނު ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑު ދަށްވެ، އަގު ދަށްވާނެ ކަމަށެވެ.

ލޭނު އެޅުމަށް ހުއްދަ ދިނުމުގެ އިތުރުން ކަންނެލި ކިރުމަށް ފަހު، ފައިސާ ލިބުން ލަސްވުމަކީ ވެސް މަސްވެރިންގެ ކަންބޮޑުވުމެކެވެ.

"ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ އާއި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓުކޮށްގެން ތިބި އޮޑިވެރިންނާއި ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓުވާނެ އެވެ،" އެ ޔޫނިއަން އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ޖަމްއިއްޔާ އިން ޑިމާންޑު ކުރަނީ އިންތިހާބުގެ ތެރޭގައި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކަށް 80ރ. އާއި 100ރ.އަށް މިފްކޯއިން ކަންނެލި ގަންނަން ފެށުމަށް ފަހު ނޫނީ ލޭނު އަޅަން ހުއްދަ ނުދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް