ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖު ކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބޮޑުކަންނެލި މަސްވެރިން ގޮވާލަނީ މިނިސްޓަރު އެމީހުންނާ ބައްދަލުކުރަން
ބޮޑުކަންނެލި މަސްވެރިކަމުގައި ލޭނު އަޅަން ހުއްދަދޭން އުޅޭތިއްޔާއި ސަރުކާރުގެ ވައުދާ އެއްގޮތަށް ބޮޑުކަންނެލި ގަންނަ އަގު80ރ. އާއި100ރ. އާ ދެމެދަށް ހަމަޖައްސަން ސަރުކާރަށް ގޮވާލާ އިހުތިޖާޖުގެ ބައިވެރިންނާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައްދަލު ކުރެއްވުުމަށް މަސްވެރިން އެދިއްޖެ އެވެ.
ވީ ކިހިނެއް؟- ބޮޑުކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި މިއަދު މެންދުރު ކުރިން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
ތަފްސީލް - ކަންނެލި މަސްވެރިކަން ކުރާ ދޯނިތައް ބައިވެރިވާގިނަ އަދަދެއްގެ ދޯނިތަކުން ބައިވެރިވާ އިހުތިޖާޖުގެ ބައިވެރިން ދަނީ، އެމީހުންނަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ފާޅުކުރަމުންނެެވެ.
ދޯންޏެއްގައި މައިކް ސިސްޓަމް ބަހައްޓައިގެން ކަންބޮޑުވުންތައް ހިއްސާކުރަމުންދާއިރު އެމީހުންގެ ޑިމާންޑުތަކަކީ:
-
ފިޝަރީޒް މިނިސްޓަރު އެމީހުންނާ ބައްދަލުކޮށް މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުން
-
ހުޅުމާލޭ ކަންނެލި ޖެޓީ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރުން
-
ކަންނެލި މަސްވެރިކަމަށް ލޭނު އެޅުމުގެ ހުއްދަ ދޫ ނުކުރުމަށް
-
ސަރުކާރުން ކެމްޕޭމނު ތެރޭ ވައުފު ވެފައިވާގޮތަށް ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު 80ރ އާއި 100ރ އާ ދެމެދަށް ހެދުމަށް
"ބޭރު އުޅަނދުތަކުގެ ކިބައިން ރާއްޖޭގެ ކަނޑުތައް ސަލާމަތް ކުރަން" ގޮވާލާ ބެނާތައް ވެސް ދޯނިތަކުގައި ހަރުކޮށްފައިވެ އެވެ.
މަސްވެރިންގެ ފަރާތުން ހިޔާލު ފާޅުކުރި މީހަކު ބުނީ މާލޭ ސަރަހައްދުން ތެޔޮ ގަންނަން ލިބޭ އަގަކީ އައްޑޫ އިން ވެސް މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭ އަގު ކަމަށާއި އެއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. މަސްވެރިންގެ މަސައްކަތް ކުރަން ޖެހެނީ ވަރަށް ދުރަށް ދުއްވައިގެން ގިނަ ތެޔޮ އަންދައިގެން ކަން ފާހަގަކޮށް އޭނާ ވަނީ މާލެ ސަރަހައްދުން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮޮކުރަން ގޮވާލައިފަ އެވެ.
މަސްވެރިންނަށް ފައިސާ ނުލިބޭތީ، އޮޑިވެރިން ދަރަނިވެރިވެފައިވާ ކަމަށާއި ބައެއް އާއިލާތައް ހަދާނެ ގޮތް ހުސްވެފައިވާ ކަމަށް ވެސް ހިޔާލު ފާޅުކުރި މަސްވެރިޔަކު ބުންޏެވެ.
"ބައެއް އާއިލާތަކުން ދެ ދޯނި ތިން ދޯނި ވެސް އުފައްދާފައި އެބައޮތް. އެކަމަކު އެ ބޭފުޅުން އެތިބީ މަހަށް ފުރޭނެ ގޮތެއް ނެތިފައި،"
އޭގެ ސަބަބަކީ މަސްވެެރިންނަށް ފައިސާ ނުލިބުން ކަމަށާއި ލިބޭ ފައިސާ މަދުވުން ކަމަށް ވެސް އޭނާ ބުންޏެވެ. ގިނަ މަސްވެރިންތަކެއް ދޯނި ދޫކޮށް ސަރުކާރު ވަޒީފާތަކަށް ގޮސްފައިވާ ކަމަށާއި އެހެންވީ މަސްވެރިންނަށް ލިބޭ އާމްދަނީ އަށް ވުރެ ރަނގަޅަށް މިހާރު ސަރުކާރުން އޮފީސްތަކުން އާމްދަނީ ލިބޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޮޑުކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއަށް ދިޔައީ ފެކްޓްރީތަކުން ކުރި ބުރަ މަސައްކަތުން ނަމަވެސް މިހާރު އެދުވަސް ހިނގައްޖެ ކަމަށާއި، އަލުން ވެސް ފެންނަން ބޭނުންވަނީ ފެކްޓްރީތަކުން ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރާތަން ކަމަށް ވެސް އިހުތިޖާޖުގައި ބައިވެރިއަކު ބުންޏެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވަޒީރު ކަންނެލި މަސްވެރިންނާ ބައްދަލު ކުރަން މިތަނަށް އަންނާނެ ކަމަށް. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް މަޝްވަރާކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް،" މަސްވެރިންގެ އިހުތިޖާޖުގައި ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެން ނަޝީދު 'ދައުރު' އަށް މިއަދު ވިދާޅުވީ ފިޝަރީޒް މިނިސްޓަރާ ބައްދަލުކުރަ އަދި ފުރުސަތު ނުލިބޭ ކަމަށެވެ.
ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރުގެ ބަހެއް ހޯދުމަށް މިނިސްޓަރަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މެސެޖަކުން ވިދާޅުވީ އިންނެވީ މީޓިން އެއްގައި ކަމަށާއި ފަހުން ގުޅާނެ ކަމަށެވެ.