ބޮޑު ކަންނެލި މަސްވެރިކަމަށް ލޭނު އެޅުމުގެ ހުއްދަ ދޭން އުޅޭ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖު ކުރުމުގެ ގޮތުން އެ މީހުންގެ ދޯނިތަކުގައި ޝުއާރުފާޅުކޮށް ފޮތި ދަމާފައި: މަސްވެރިންގެ ޝަކުވާތަކަށް އެއްވެސް ސަރުކާރަކަށް ނިމުމެއް ނުގެނެވޭ (ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަސްވެރިކަން

ހައްލަކީ މަސްވެރި ސިނާއަތުން ދިވެހި ސަރުކާރު އެކީ ނުކުތުން

ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މަހުގެ އަގު ކަނޑައަޅާ އެ ސިނާއަތުގެ ވިޔަފާރީގެ ތެރޭ ހަރަކާތްތެރިވުމުގެ ގެއްލުން ވަރަށް ބޮޑު؛ މިދިޔަ އަހަރުވެސް ސަރުކާރުން 763 މިލިއަން ރުފިޔާ މިފްކޯއަށް ދޭން ޖެހުނު

މިދިޔަ ހަފްތާ ތެރޭ ދިވެހި މަސްވެރިންގެ ތެރެއިން ބަޔަކު ނިކުމެ ވެރިރަށް މާލޭގެ ފަޅުތެރެ ހިސޯރުކޮށްގެން އުޅުނީ މުޒާހަރާގަ އެވެ. އެ މީހުން ރުޅިގަދަވެފައި ތިބީ ދިވެހި ސަރުކާރުން މަސްވެރިކަން ހަލާކުވާނޭ ފަދަ ސިޔާސަތުތައް ކަނޑައަޅަނީ ކަމަށް ބުނެ އެވެ. މިއީ މިއަހަރު ތެރޭ މަސްވެރިން ރުޅިގަދަވެ ކުރި ދެވަނަ މުޒާހަރާ އެވެ. 

މަސްވެރިންގެ ރުޅިވެރިކަން ސަރުކާރަށް އެންމެ ބޮޑަށް އަމާޒުވަނީ އެ މީހުން ބާނާ މަސް ސަރުކާރުގެ ކުންފުނި، މިފްކޯއިން ކިރުމަށް ފަހު ފައިސާ ނުލިބި އެތައް މަހެއް ވާތީ އެވެ. އެއީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު މައްސަލަ އެކެވެ. މިހާރު ވެސް އެކަން ހަމަ އެހެންނެވެ. މިފަހަރު ބޮޑުކަންނެލި މަސްވެރިން މުޒާހަރާއަށް ނުކުތީ ވައުދާ އެއްގޮތަށް މިފްކޯއިން ކަންނެލި ނުގަންނަ ކަމަށް ބުނެ އެކަމަށް ގޮވާލަމުންނެވެ. އަދި ލޭނު އަޅަން ހުއްދަ ދޭން އުޅޭތީ އެކަމާ ދެކޮޅަށެވެ.

ބޮޑު ކަންނެލި މަސްވެރިކަމަށް ލޭނު އެޅުމުގެ ހުއްދަ ދޭން އުޅޭ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖު ކުރުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މި ހުރިހާ ޝަކުވާތަކަކުން އެއްކަމެއް ބުނެދެ އެވެ. މަސްވެރި ސިނާއަތާ މެދު ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތު މިހާރު ބަދަލުކުރަން ވެއްޖެ ކަމެވެ. އާ ވިސްނުމާއި އާ ހިޔާލަކުން މި ސިނާއަތާ މެދު ވިސްނަން ވެއްޖެ ކަމެވެ. 

ހައްލަކީ މަސްވެރިކަމުން އަތް ފޮޅާލުން 

ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާއާ ގުޅިގެން ހިޔާލު ބަދަލުކޮށްލަން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާދިލް ސަލީމްއަށް ގުޅާލުމުން އޭނާ ވިދާޅުވި އެންމެ މުހިންމު ވާހަކައަކީ ސަރުކާރުން މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.

މިފްކޯ އަމިއްލަ ބަޔަކު ހިންގަން ދޫކޮށްލުން ނުވަތަ އުވާލަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވާ ސަބަބުތައް ވަރަށް ބައިވަރެވެ. 

މިހާރު އެއްކަލަ ލަވައިގައި އެ ކިޔާ މަސްވެރިއެއް ނޫޅޭ... އޮޑިވެރިޔާ ބޮޑު ދޯންޏެއް ބަނދެފައި އެއަށް ދޮށިއަޅާނެ ބަޔަކު ލައިގެން ވިޔަފާރިއެއް މި ހިންގަނީ. ދެން އެ ހުރިހާ މަހެއް ސަރުކާރަކުން ގަންނަން ދިމާކުރުން އެއީ ކުރެވޭނެ ކަމެއް ނޫން. ކުރަން ޖެހޭ ކަމެއް ނޫން. 

އާދިލް ސަލީމް، މިފްކޯގެ އިސްމަގާމުތައް ފުރުއްވި ބޭފުޅެއް

އާދިލް ވިދާޅުވަނީ ސަރުކާރުން މަސްވެރި ސިނާއަތުގެ ތެރޭ ވިޔަފާރި ކުރުމަކީ މިހާރުގެ ޒަމާނަށް ފެތޭ މޮޑެލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިފްކޯ ހަދައިގެން މަސްވެރިންގެ މަސް ގަނެ އެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވީ އޭރު މަސްވެރިކަން، ސިނާއަތެއްގެ ގޮތުގައި ފުރާފުރިހަމަ ނުވާތީ އެވެ. އެކަމަކު، މިހާރު އެ ހާލަތް ބަދަލުވެއްޖެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. މިހާރު މިއީ މަސްވެރި ސިނާއަތް އޭގެ އަމިއްލަ ޒާތުގައި ވިޔަފާރީގެ އުސޫލުތަކުން ހިނގަން ދޫކޮށްލަންވީ ވަގުތުކަމަށް އޭނާ ވިދާޅުވި އެވެ. 

"މިހާރު އެއްކަލަ ލަވައިގައި އެ ކިޔާ މަސްވެރިއާއެއް ނޫޅޭ. މި އުޅެނީ އޮޑިވެރި މީހާ. އޭނާ ބޮޑު ދޯންޏެއް ބަނދެފައި އެއަށް ދޮށިއަޅާނެ ބަޔަކު ލައިގެން ވިޔަފާރިއެއް މި ހިންގަނީ. ދެން އެ ހުރިހާ މަހެއް ސަރުކާރަކުން ގަންނަން ދިމާކުރުން އެއީ ކުރެވޭނެ ކަމެއް ނޫން. ކުރަން ޖެހޭ ކަމެއް ނޫން. މި ވިޔަފާރި ދޫކޮށްލީމާ ބާޒާރުގެ ހަމަތަކަށް އަމިއްލައަށް މި ސިނާއަތް ފެތޭނެ،" އާދިލް ވިދާޅުވި އެވެ. 

މިފްކޯގެ ބޯޓަކުން މަސްކިރަނީ -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

އޭނާ ވިދާޅުވީ މަސްވެރި ސިނާއަތުގެ ހުރިހާ ކަމަކަށް ސަރުކާރުން ސަބްސިޑީ ދީގެން ހިންގުމުން އޭގެ މަންފާ ވަނީ މަދު ބަޔަކަށް ކަމަށެވެ. އެއީ އޮޑިވެރިންނެވެ. އެ ވިޔަފާރިވެރިންނާ ހަވާލުވާން ޖެހޭ ބަޔަކީ ނުވަތަ ބަލަދު އަރާ ބަޔަކީ ދިވެހި ސަރުކާރަށް ވެގެން ނުވާނެ އެވެ.

"މިކަމުން ފަގީރު ވަނީ ސަރުކާރު. ގެއްލުން ވަނީ ޓެކްސް މި ދައްކާ މީހުންނަށް،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެއްވެސް ވިޔަފާރިއެއް ކުރާ ބަޔަކު ސަރުކާރުން އެއްޗެއް ދޭނޭ ކަމަށް ބަލައިގެން ވިޔަފާރިއެއް ކޮށްގެން ނުވާނޭ ކަމަށެވެ. އެއީ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ޒިންމާ ސަރުކާރަކަށް ނުނެގޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެ އުސޫލުން އޮޑިވެރިން ޖެހޭނީ ހަގީގަތާ ކުރިމަތިލައި މަސްވެރިކަން ވިޔަފާރީގެ އުސޫލުތަކުން ކުރަން ދަސްކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑު ދޯންޏެއް މި ބަންނަނީ ސަރުކާރުން އެ ދޯންޏަކުން ބާނާ ހުރިހާ މަހެއްހެން ކިރަން ޖެހޭ ކަމަށް ބަލައިގެން. އެކަމަކު އެއީ ބަޔަކު ވިޔަފާރި ކުރަން ޖެހޭ ގޮތެއް ނޫން. ސަރުކާރުން މި ވިޔަފާރިން ނިކުތީމާ އޭރުން މި ދިވެހި އޮޑިވެރިން ހޯދާނެ ފައިދާގައި މިކަން ކުރެވޭނެ ގޮތެއް. ދިވެހިން މޮޅުވާނެ. އެ މީހުން ގޮތްގޮތް ހޯދާނެ،" އާދިލް ވިދާޅުވި އެވެ. 

"ދުވަސްކޮޅަކުން އޭގެ ޒާތުގައި މި ސިނާއަތް ގޮސް ހަމައަކަށް އެޅި އަމިއްލަ ވިޔަފާރިވެރިން އެކަން ކުރަމުން ދާނެ." 

ސަރުކާރުގެ 'މިފްކޯ' ރަނގަޅުވުމެއް ނެތް

ސަރުކާރުން މަސްވެރި ސިނާއަތުގައި ވިޔަފާރިކުރަނީ ސައްތައިން ސައްތަ ހިއްސާ އޮންނަ މިފްކޯ މެދުވެރިކޮށެވެ. އެކަން ކުރަނީ މަހުގެ އަގު ވަކި ވަރެއްގައި ހިފަހައްޓައި އޮބި އަޅައިގެންނެވެ. އޭގެ ނަތީޖާ އަކީ އެ ކުންފުނީގެ ބުރަ ސަރުކާރާއި ރައްޔިތުންނަށް އިންތިހާއަށް ބޮޑުވުމެވެ.

މީގެ ކުރިން މިފްކޯއިން ހާމަކޮށްފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ނުއަގުގައި ރާއްޖޭގެ ބާޒާރުން މަސް ގަނެ އެ މަސް މިފްކޯއިން ތައިލެންޑަށް ބޭރުކުރަން ޓަނަކަށް އެވްރެޖްކޮށް 1،800 އެއްހާ ޑޮލަރު ހަރަދުކުރަން ޖެހެ އެވެ. އެކަމަކު ތައިލެންޑް ބާޒާރުގައި އެވްރެޖްކޮށް މަސް ޓަނެއް ވިއްކެނީ 900 ޑޮލަރަށެވެ. އެއީ އެވްރެޖްކޮށް ޓަނަކުން 900 ޑޮލަރުގެ ގެއްލުމެކެވެ. 

ކިތަންމެ ގެއްލުން ބޮޑަސް މިފްކޯއަށް ނޯވޭ ވިޔަފާރީގެ ވިސްނުމުން ނިންމުމެއް ނިއްމޭކަށް. ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުން މި އޮންނަނީ

މިފްކޯގެ އެމްޑީކަން ކުރެއްވި ބޭފުޅެއް

އެ ގެއްލުން ފޫބައްދަން ފޫނެއް މިފްކޯއަށް ސަރުކާރުން އަހަރެއްގެ މައްޗަށް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަޅަން ޖެހެ އެވެ. ސަރުކާރުގެ ސިޔާސަތަށް ކުންފުނި ދީލައިލަން ޖެހުމުން މިފްކޯ ވެފައި ވަނީ ޒާތަކަށް ފިޝަރީޒް މިނިސްޓްރީގެ ކުޑަ ޑިޕާޓްމަންޓަކަށެވެ. މުވައްޒަފުން އިންތިހާއަށް ގިނަ އެވެ. އިސްރާފު ބޮޑެވެ. ކޮރަޕްޝަންގެ ހާއްޔަކަށްވެ ގެއްލޭ ފައިސާ އެތައް މިލިއަނެކެވެ. ދަރަނި އެހާމެ ބޮޑެވެ. 

މިފްކޯގެ ގެއްލުން

މިފްކޯގެ އެމްޑީކަން މިފަހުން ކުރެއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން ވިދާޅުވީ މިފްކޯ ހިނގައި ނުގަންނަ އެއް ސަބަބަކީ ވިޔަފާރިއަށް ވުރެ ބޮޑަށް އެ ކުންފުނި ހިނގަނީ ސަރުކާރުގެ ސިޔާސަތުތަކެއް ހާސިލްކުރަން ކަމަށް ވާތީ ކަމަށެވެ. ސަރުކާރު ކުންފުންޏެއްގެ ގޮތުގައި އޮވެ ވިޔަފާރި ނިންމުންތައް މިފްކޯއަށް ނިންމަން ވަރަށް އުނދަގޫ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ސިޔާސަތެއްގެ ގޮތުން ވަރަށް ފުންކޮށް ވިސްނަން ވެއްޖެ ކަމެއް މިފްކޯ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި ބާއްވައިގެން ހިންގާނީތޯ. ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އޮންނަހާ ހިނދަކު ވިޔަފާރީގެ ގޮތުން އެންމެ ފައިދާހުރި ނިންމުންތަކެއް ނުނިންމޭނެ،" އެ ހަގީގަތް މިހާރު ގަބޫލުކުރަން ޖެހިއްޖެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވި އެވެ. 

މިފްކޯ އިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ޕީއެސްއެމް)

އޭގެ އެއް މިސާލަކީ މިދިޔަ ސަރުކާރުގައި ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިފްކޯއަށް މަސް ގަންނަ އަގު ސަރުކާރުން 25ރ. ބޮޑުކޮށް އެކަން ތަންފީޒު ކުރަން މިފްކޯއަށް މަޖުބޫރުކުރުވުމެވެ. މިފަހުން އޮޑިޓް އޮފީހުން އެކުލަވާލި 2023 ވަނަ އަހަރުގެ ބަޖެޓް ރިވިއު ރިޕޯޓް ދައްކާ ގޮތުގައި އެ ބަދަލުގެ ސަބަބުން މިފްކޯއަށް އިތުރަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުން 247 މިލިއަން ރުފިޔާ ދޭން ޖެހުނެވެ. ނުއަގުގައި މަސްގަތުމުން މިފްކޯއަށް ވާ ގެއްލުން ފޫ ބައްދަން މިދިޔަ އަހަރު އެކަނިވެސް 763 މިލިއަން ރުފިޔާ ސަރުކާރު މިފްކޯއަށް ޕަމްޕް ކުރަން ޖެހުނެވެ. 

"އާންމު ބަޔަކު ކުރާ ވިޔަފާރިއެއް ނަމަ ވިޔަފާރީގެ ގޮތުން ގެއްލުންވާ ގޮތަށް ނިންމުންތަކެއް ނުނިންމާނެ. އެ މީހުން ބަލާނީ ފައިދާވާ ގޮތަށް މިކަން ކުރަން. ކިތަންމެ ގެއްލުން ބޮޑަސް މިފްކޯއަށް ނޯވޭ ވިޔަފާރީގެ ވިސްނުމުން ނިންމުމެއް ނިއްމޭކަށް. ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުން މި އޮންނަނީ،" ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ. 

ހައްލަކީ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުން

އާދިލް ވިދާޅުވީ މިފްކޯ ހެދީ މާކުރީ ޒަމާނެއްގެ މަސްވެރިކަން ކުރި ގޮތަށް ބަލައިގެން ކަމަށް ވާތީ އެ ކުންފުނީގެ ކާރުހާނާ ފަދަ ތަންތަން ހުރީ މިހާރު ބޮޑެތި ދޯނިތަކުގައި މި ކުރާ މަސްވެރިކަމަށް ހާއްސަކޮށްފައެއް ނޫނެވެ. ނަތީޖާއަކީ މަސްކިރުވަން ހުރި ފެސިލިޓީތަކުގެ ކެޕޭސިޓީ ކުޑަވުމާއި އެތަންތަން ހަދާފައި ހުރި ސަރަހައްދުތައް ވެސް މިހާރުގެ މަސްވެރިކަމަށް އެކަށީގެން ނުވުމެވެ. މީގެ އިތުރަށް މަސްވެރިން ބާނާ ހުރިހާ މަހެއް ސަރުކާރުން ކިރަން އުޅުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިފްކޯގެ ތަންތަން އެ ހުރީ ބޮޑެތި އޮޑިފަހަރު ދުއްވާފައި ގޮސް ދޯނި ފުރާ ބާނައިގެން އެ އަންނަ މަސް ކިރޭ ގޮތަކަށް ނޫން. ތާޒާކަމާ އެކު މަސް މިފްކޯއަށް ކިރަން ވެސް އުނދަގޫވާނެ އެ ވަސީލަތްތައް އެތާ އެހުރި ގޮތުން،" އާދިލް ވިދާޅުވި އެވެ.

މަސްވެރިންތަކެއް އެ މީހުން ބޭނި މަސްތައް ވަށިގަނޑުތަކަށް އަޅަނީ: މަސްވެރިކަމުގެ ސިނާއަތާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުވާން ޖެހޭ -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

އާދިލް ދެއްވާ ހައްލަކީ އަމިއްލަ ވިޔަފާރިތައް މި ސިނާއަތުގައި ބާރުވެރިވާނޭ ސިޔާސަތެއް ސަރުކާރުތަކުން ގެންގުޅެން ފެށުމެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިފްކޯ މެދުވެރިކޮށް ގެންގުޅޭ މަސްވެރި ސިޔާސަތުގެ ސަބަބުން އަމިއްލަ މީހުންނަށް ވެސް މަސްވެރިކަމުގައި އިންވެސްޓްކޮށް ވިޔަފާރިކުރަން ވަނީ ހުރަސް އެޅިފަ އެވެ.

"ސަރުކާރުން މަސް ގަންނަ އަގު ކަނޑައެޅުމާ މި ކަންކަމާ ހުރެ މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރަން ވެސް ޕްރައިވެޓް ކުންފުނިތަކުން ބޭނުމެއް ނުވޭ. އެއީ ސަރުކާރަކާ ކިހިނެއްތޯ ވާދަކުރާނީ އަމިއްލަ ބަޔަކަށް،" އާދިލް ވިދާޅުވި އެވެ. 

މަސްވެރި ސިނާއަތަށް ސަރުކާރުން އަތްބޭނުން ހުއްޓާލި ދުވަހަކުން ނޫނީ މަސްވެރިންގެ ޝަކުވާތަކަށް ނިމުމެއް ނާންނާނެ އެވެ. ހަމަ އެކަނި އޮތް ހައްލަކީ އެ ސިނާއަތުގެ ވިޔަފާރިން ސަރުކާރު ވީހާ ވެސް އަވަހަކަށް ނިކުތުމެވެ. އެކަމުގެ ފުރަތަމަ ފިޔަވަޅަކީ މިފްކޯ ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ. 

ސިޔާސީ ބޭނުމަށް މަހުގެ އަގު ކަނޑައެޅުމާއި މަސްވެރިންނަށް ސަބްސިޑީ ދިނުން ފަދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ފަދަ ސިޔާސަތުތައް ސަރުކާރުތަކުން ގެންގުޅުން ހުއްޓާލަން ޖެހެ އެވެ. އޮޑިވެރިންނާއި މަސްވެރިން ވެސް ހަގީގަތް ގަބޫލުކޮށް ވިޔަފާރިއެއްގެ ގޮތުގައި މަސްވެރިކަން ބަލައިގަނެ އެކަން ކުރަން ފަށަންވީ އެވެ. 

ކޮމެންޓް (2)

ހިތަދޫ 2

17 ޖޫން 2024
ސަރުކާރުން މަސްވެރިކަމުން ނިކުތީމާ ދެން މަދު މަހުޖަނުންތަކެއް ގޭންގް ހަދައިގެން މަހުގެ އަގު މާކެޓް ރޭޓް ގެ ނަމުގަ ނަޖާއިޒް ފައިދާ ނަގަން ވަރަށް ކުޑަ އަގެއްގަ ގަންނަން ފެށުން އެކަށީގެންވޭ، ސަރުކާރުން ޕަރިސް ފިކްސިން އިންވެސްޓިގޭޓް ކޮށް ފިޔަވަޅު ނޭޅެންޔާ މަސްވެރިކަން އެއްކޮށް ފުނޑޭނޭ. ސަރުކާރަށް ކޮރަޕްސަން ދެކޮޅަށް މަސައްތަކް ކުރެވޭ މިންވަރު އެންމެނަށް އިނގޭ. ތިކަމުން ސަރުކާރު ނިކުންނަންޔާ ވާދަވެރި ބަޔަރުން(ހަމަ އެކަނި ލޯކަލް އޯނާސް) ނެތި ހަމަ ބިކަވާނީ މަސްވެރިން
0 1

މުހަންމަދު ޝަފީޤު

17 ޖޫން 2024
ހާދަ ކުރީގެ ޗާޓެއް -- މީގެ 13 އަހަރު ކުރީގެ ޗާޓެއް - މުއުލޫމާތު ނެތީތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް