އިޝްތިހާރު

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކުރި އަހުމަދު އަސްއަދުއަށް މަގާމުގެ ލިޔުން ހަވާލުކުރަނީ. (ފޮޓޯ/ރައީސް އޮފީސް)

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތުގެ ރިޕޯޓެއް އާންމުކުރަނީ

ތިން އަހަރު ފަހުން މިދިޔަ މަހު ކޮމިޝަން އުވާލި އިރު، އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވޭ
12 އޭޕްރީލު 2022

ކުރީގެ ސަރުކާރުން ހިންގި ކަމަށް ބުނާ ހިޔާނާތްތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިވަކަރީ ކޮމިޝަން އުވާލުމާ ހަމައަށް އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ރިޕޯޓެއް އާންމުކުރަން ރައީސް އޮފީހުން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ސޯލިހް އެ ކޮމިޝަން އުފެއްދެވީ އެ މަނިކުފާނުގެ ރިޔާސީ ވައުދަކާ އެއްގޮތަށް، ކުރީގެ ސަރުކާރުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށެވެ.

މިދިޔަ ތިން އަހަރަށް ވުރެ ދިގު މުއްދަތުގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެ ނޫން ވެސް މައްސަލަތަކުގައި އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނުނެރެވި، އެންމެ ފަހުން ކޮމިޝަން އުވާލީ މިދިޔަ މަހުގެ 17ގަ އެވެ.

ރައީސް ސޯލިހް އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް ފަހު އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ވީ ކިހިނެއް؟ - ކޮމިޝަން އުވާލުމުގެ ކުރިން އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ދައުލަތުން ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދުނު މިންވަރު ސާފުކުރުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމު ފަރާތަކުން އެދުނެވެ. އެ މައުލޫމާތަށް އެދުނީ އެކިއެކި އިދާރާތަކުން މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފް އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު އާއިޝަތު އަގީދާ ހަސަން ސޮއިކުރައްވައި އައިމަންއަށް ފޮނުވި ޖަވާބުގައި ބުނީ އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ރިޕޯޓެއް ޝާއިއުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"އެ ރިޕޯޓު ނެރުއްވުމުން، އެދިވަޑައިގެންފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ފަސްމަންޒަރު - އެސެޓް ރިކަވަރީ ކޮމިޝަނުން ވޭތުވެދިޔަ ހަތަރު އަހަރު ކުރި ހަރަދުތަކުގެ ތަފްސީލު ވެސް އައިމަން މީގެ ކުރިން ވަނީ ހޯދައި އާންމުކޮށްފަ އެވެ. އޭނާ ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެއްވެސް ނަތީޖާއެއް ނުނެރުވުނު އެ ކޮމިޝަނަށް ދައުލަތުން ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ނަމަވެސް އެއަށް ވުރެ އިތުރަށް ވެސް ހަރަދުތައް ހިނގާފައި ހުރުމަކީ އެކަށީގެންވާ ކަމެވެ.

އެނގުން މުހިންމު - އެސެޓް ރިކަވަރީ ކޮމިޝަން އުވާލީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާ މެމްބަރުން އައްޔަންކުރެއްވުމަށް ފަހު އެވެ. ރައީސް އޮފީހުން ބުނީ އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުން ދިޔަ މަސައްކަތްތައް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް