އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކުރުމަށް 4 ޑެސެމްބަރު 2018ގައި ރައީސް އޮފީހުގެ ބޭއްވި ރަސްމިއްޔާތު: މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަން ވަނީ އުވާލާފައި. (ފޮޓޯ/ ރައީސް އޮފީސް)
އެސެޓް ރިކަވަރީ ކޮމިޝަން: ގެއްލުނު ފައިސާ ނުހޯދި 11 މިލިއަން ރުފިޔާ ބޭކާރު
ކުރީގެ ސަރުކާރުން ރާއްޖޭގެ ފަޅުތަކާއި ރަށްތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކައިގެން ހިންގި ބޮޑު ވައްކަމާއި އެ ފަދަ ހިޔާނާތުގެ އަމަލުތައް ބަލައި އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދެވެ. ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާއަށް އަރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް ބޮޑު މުސާރަ ދީފައި އެކަމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް، ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި އެވެ.
ނަމަވެސް އެއިން އެއްވެސް ފައިސާއެއް ނުހޯދި، އެ ކޮމިޝަން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު އުވާލައްވާފަ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގެ އެއް މެމްބަރަކު 2020ގެ ފަހުކޮޅު އިސްތިއުފާ ދެއްވާފައި ވާއިރު، ކޮންމެ މެންބަރަކަށް މަހެއްގެ މައްޗަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ގާތްގަނޑަކަށް 47،700ރ. ލިބިވަޑައިގަތެވެ. ކޮމިޝަނަށް މެންބަރުން އައްޔަންކޮށްފައިވަނީ 4 ޑިސެމެބަރު 2018ގަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން ވޭތުވެދިޔަ ހަތަރު އަހަރު ކުރި ހަރަދުތަކުގެ ތަފްސީލު ހޯދުމަށް ހުށަހަޅައިގެން ސޯޝަލް ކްޓިވިސް އައިމަން ލަތީފް ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމައަށް ދައުލަތުން ވަނީ 9.95 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ނޮވެމްބަރުން ފެށިގެން މިވީ ތިން މަސްދުވަހު މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް އެއްކޮށްލުމުން 10.7 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއަށް ވުރެ އިތުރަށް ވެސް ހަރަދުތައް ހިނގާފައި ހުރުމަކީ އެކަށީގެންވާ ކަމެވެ.
-
އިތުރަށް ކިޔާލަން - ރިޔާސީ 2 ކޮމިޝަނަށް 15.4 މިލިއަން ރުފިޔާ ހަރަދުކޮށްފި
އެ ކޮމިޝަނަށް ހަރަދުވި 11 މިލިއަން ރުފިޔާއަކީ ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި މަހެއްގެ މައްޗަށް 8،500ރ.ގެ ރޭޓުން ބަލާ ނަމަ، 1،300 އެޕާޓްމަންޓްގެ އެއް މަހުގެ ކުލި އެވެ. ނުވަތަ ހުރިހާ އެޕާޓްމަންޓެއްގެ އެއް މަހު ކުއްޔަށް 1،638ރ. ދެއްކޭނެހާ ފައިސާ އެވެ.
ދައުލަތުން ގެއްލުނު ހިޔާނާތުގެ ފައިސާ ނުހޯދި، 11 ވަރަކަށް މިލިއަން ރުފިޔާ ބޭކާރުވެގެން ދިޔުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެކެވެ. ނަތީޖާއެއް ނުނެރެވި، މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަން އުުވާލަން ނިންމި ހަބަރާ އެކު ފާޑު ކިޔުންތައް ސޯޝަލް މީޑިއާއަށް އޮއްސާލި އެވެ.
"އެއީ ކުރި ބޭކާރު ހަރަދެއް. އެމްއެމްޕީއާރުސީގެ ވަގުން ހަމަ ގަދަކޮށް އެ އުޅެނީ. ކުރެވޭ އެއްކަމެއް ވެސް ނެތް. މި ސަރުކާރު ގެންނަން މީހުން ވޯޓު ދިނީ ވަގުންނަށް އަދަބު ދީ، ގެއްލުނު ފައިސާ ހޯދައި ދޭނެކަ މަށް ބުނުމުން،" އިތުފީގުގެ ނަމުގައި ޓުވީޓާގައި ހަރަކާތްތެރިވާ މީހަކު ބުންނެވެ.
"ތިން އަހަރު ވީއިރު ވެސް [ހިޔާނާތުގެ ފައިސާ ހޯދުން] އެ ވައުދު ނުފުއްދުނު. އެކަން ބެލުމަށް މި ސަރުކާރު ފެއިލްވެއްޖެ،" މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވި އެވެ.
ސަރުކާރުން ދެކެނީ އަދިވެސް ނަތީޖާ ނެރެވޭނެ ކަމަށް
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒާ 'ދައުރު'އިން ކުރި ސުވާލަކީ އާންމުން ވެސް ސޯޝަލް މިޑިއާގައި މިހާރު އުފައްދަމުން އަންނަ ސުވާލެވެ؛ އެއީ ބޭކާރު ވެގެން ދިޔަ ހަރަދެއް ކަމަށް ސަރުކާރުން ގަބޫލުކުރޭތޯ އެވެ. ނަމަވެސް އެއަށް ސީދާ ޖަވާބެއް ނުދެއްވައި މަބްރޫކު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަދިވެސް އެ ވައުދު ފުއްދުމަށް މަސައްކަތް ކުރުން ކަމަށެވެ.
"މިހާ ހިސާބުން ފެށިގެން އެ މައްސަލަތައް ކުރިއަށް ގެންދާނީ އަލަށް މެންބަރުން އައްޔަންކުރި އޭސީސީ އަދި ފުލުހުންނާ ގުޅިގެން. އެހެންވީމާ އެ ކަންތައް [އެމްއެމްޕީއާރުސީގެ ކޮރަޕްޝަން] ބެލުން ހުއްޓާލީކީ ނޫން،" އޭނާ ވިދާޅުވި އެވެ.
މަބުރޫކް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ރިޕޯޓެއް ތައްޔާރުކޮށް ރައީސް އޮފީހާ މީގެ ކުރިން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގެ މައްޗަށް ދެން ކުރަން ޖެހޭ ކަންކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ރިޕޯޓަށް ބިނާކޮށް، މުއައްސަސާތަކުން ކުރާ މައްސަކަތުން އިތުރު މައްސަލަތައް ބެލޭނެ ކަމަށް ގަބޫލުކުރަނީ،" އުވާލި ކޮމިޝަނަށް ނަތީޖާ ނެރެވުނު ކަމަށް ގަބޫލުކުރަންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން މަބުރޫކް ވިދާޅުވި އެވެ.
ކޮމެންޓް (1)
ސަލާމާ އަހްމަދު