ޔާމީން ރަޝީދާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މަލޭގައި ކުރިއަށްގެންދާ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: އެ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި ކޮމިޝަނަށް 5.5 މިލިއަން ރުފިޔާ ހަރަދު ކުރި. (ފައިލް ފޮޓޯ/ އެމްޑީޕީ)

ރައީސް އޮފީސް

ރިޔާސީ 2 ކޮމިޝަނަށް 15.4 މިލިއަން ރުފިޔާ ހަރަދުކޮށްފި

މަރު ކޮމިޝަނަށް 5.5 މިލިއަން ރުފިޔާ؛ ކޮރަޕްޝަން ކޮމިޝަނަށް 9.95 މިލިއަން ރުފިޔާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ރިޔާސީ މުހިންމު ދެ ވައުދު ފުއްދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި ރިޔާސީ ދެ ކޮމިޝަނަށް 15.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އެނގުން މުހިންމު - އިންސާފު ނުލިބި ހުރި މަރުތަކުގެ ހަގީގަތް ހޯދައި، މިިދިޔަ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމުން ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ބޮޑު ވައުދެކެވެ. އެކަން ކުރުމަށްޓަކައި އުފެއްދި ދެ ކޮމިޝަނަށް ގާނޫނީ ބާރުދީ، ސަރުކާރަށް ތިން އަހަރު ވީ އިރުވެސް އެ ވައުދުތައް ނުފުއްދެ އެވެ. އެެހެންވެ، އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ދެ ކޮމިޝަނުން ވޭތުވެދިޔަ ހަތަރު އަހަރު ކުރި ހަރަދުތަކުގެ ތަފްސީލު ހޯދީ ސޯޝަލް އެކްޓިވިސް އައިމަން ލަތީފެވެ. މިއަދު އޭނާ ވަނީ އެ ހަރަދުތަކުގެ ތަފްސީލު ޓްވިޓާގައި ހާމަކޮށްފަ އެވެ.

މަރު ކޮމިޝަނަށް ހަތަރު އަހަރުން 5.5 މިލިއަން ރުފިޔާ

ތަފްސީލުތަކުން އެނގޭ ގޮތުގައި، މިިދިޔަ ހަތަރު އަހަރު މަރު ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ ހަތަރު އަހަރުގެ ތެރޭގައި ކުރި ޖުމްލަ 5.5 މިލިއަން ރުފިޔާގެ %87 އެވެ.

ރިލްވާން، އަފްރާޝީމް އަދި ޔާމީން: އެ ތިން މީހުން މަރާލި މައްސަލައަކީވެސް މަރު ކޮމިޝަންގެ މަސައްކަތެއް

ދެން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ، ދަތުރުފަތުރު ހަރަދަށެވެ. އެކަމަށް ހިނގާފައިވަނީ، 270،363ރ. އެވެ.

މަރު ކޮމިޝަންގެ ހަރަދުތައް:

  • 2018 - 287،371ރ

  • 2019 - 2.34 މިލިއަން ރުފިޔާ

  • 2020 - 1.28 މިލިއަން ރުފިޔާ

  • 2021 - 1.59 މިލިއަން ރުފިޔާ

އައިމަން ލަތީފު ހިއްސާ ކުރެއްވި ހަރަދުތަކުގެ ތަފްސީލު

އެސެޓް ރިކަވަރީ ކޮމިޝަނަށް 9.95 މިލިއަން ރުފިޔާ

އައިމަން ލަތީފް ހާމަ ކުރި ތަފްސީލުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ވައްކަން ބެލުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ޖުމްލަ 9.95 މިލިއަން ރުފިޔާ ވޭތުވެދިޔަ ހަތަރު އަހަރު ހަރަދުކޮށްފައިވެ އެވެ.

އެސެކޓް

މި ކޮމިޝަންގެ ވެސް ހަރަދުތަކުގެ %91 ހަރަދުކޮށްފައިވަނީ ކޮމިޝަންގެ މެންބަރުންގެ މުސާރަ އަށެވެ. އެ ކޮމިޝަންގެ ފަސް މެންބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ދެން ބޮޑު ހޭދައެއް ކުރީ ހަރު މުދާ ހޯދުމަށެވެ. އެކަމަށް 667،504ރ. ހޭދަކޮށްފައިވެ އެވެ.

ކުރި ހަރަދުތައް:

  • 2018 - 332،171ރ.

  • 2019 - 4 މިލިއަން ރުފިޔާ

  • 2020 - 2.9 މިލިއަން ރުފިޔާ

  • 2021 - 2.68 މިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް