ޕީޖީ ހުސައިން ޝަމީމް ސުޕްރީމް ކޯޓުގައި.
ޑްރަގް މައްސަލައެއްގައި އިސްތިއުނާފު ލަސްވި ކަމަށް ބުނެ ކޯޓުން ބޭރުކޮށްލައިފި
މައްސަލަ އިސްތިއުނާފު ކުރަން އޮންނަ 48 ގަޑިއިރުގެ ތެރޭގައި ދައުލަތުން އެކަން ކޮށްފައި ނުވާ ކަމަށް ބުނެ، ޕާކިސްތާނު ތިން މީހަކު ރާއްޖެ ގެނައި 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ފުލުހުން ތުހުމަތުކުރާ ދިވެއްސަކު ބަންދުން ދޫކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
އެނގުން މުހިންމު - މައްސަލަ އިސްތިއުނާފު ކުރުމުގައި މުއްދަތު ގުނާނެ ގޮތާ މެދު ހައި ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހާ ދެމެދު އޮތީ ދެ ވިސްނުމެކެވެ. މުއްދަތު ގުނާނެ ގޮތުގެ ބަހުސެއް ފެށުނީ، އިސްތިއުނާފުކުރަން އޮތް މުއްދަތުގައި ދައުލަތުން އެކަން ކޮށްފައި ނުވާ ކަމަށް ބުނެ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުންނެވެ.
ޕީޖީ ހުސައިން ޝަމީމް ވިދާޅުވަނީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށާއި ދައުލަތުން އިސްތިއުނާފު މުއްދަތު ގުނަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށެވެ.
އިތުރަށް ކިޔާލަން -
ވީ ކިހިނެއް؟ - ފައިވާނާއި ފުރަގަސް ފަރާތުގަ އާއި އަންނައުނު ތެރޭގައި ފޮރުވައިގެން ރާއްޖެއަށް 2.4 ކިލޯ ހެރޮއިން އެތެރެކުރި މައްސަލައެއްގައި ޕާކިސްތާނުގެ ތިން މީހަކު ހައްޔަރުކުރީ 7 ޑިސެމްބަރު 2021ގަ އެވެ.
އެ މައްސަލައިގައި ގދ.މަޑަވެލި/ގާޑްނިން، އަފްޒާމް އަބްދުއްސައްތާރުގެ މައްޗަށް ދައުލަތުން ކުރަނީ ޕާކިސްތާނު ތިން މީހުންނާއި އަދިވެސް އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
މައްސަލައިގައި ކަން ހިނގާފައިވަ ގޮތް:
-
މިދިޔަ ޖެނުއަރީ 31 އިން ފެށިގެން ކްރިމިނަލް ކޯޓުން ވަނީ އެކި ފަހަރު މަތިން އޭނާގެ ބަންދު އިތުރުކޮށްދީފައި
-
ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ މަހުގެ 21ގައި ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލާފައި
-
ކޯޓުން ބުނީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް
-
ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި
ބުނީ ކީކޭ؟ - ދައުލަތުން މައްސަލަ އިސްތިއުނާފު ކުރުމުން އަފްޒާމްގެ ފަރާތުން ދިފާއުގައި ބުނީ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށާއި، އެހެންކަމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހަވާލާދީ ދައުލަތުން ރައްދުގައި ބުނީ މުއްދަތު ގުނުމުގައި ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަސް ނުހިމެނޭނެ ކަމަށާއި، އެހެންކަމުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަމަށެވެ.
ހައި ކޯޓުގެ ބަސް - މައްސަލައިގެ ބެންޗުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔުގައި ވިދާޅުވީ އިސްތިއުނާފުކުރުމުގެ މުއްދަތު ގޮތުގައި ކަނޑައަޅާފައިވާ "ގަޑި" ގުނާނެ ގޮތެއް ސާފުކޮށް އެނގެން ނެތް ކަމަށް އަހްމަދު މޫސާގެ މައްސަލައިގައި ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިސްތިއުނާފުގެ 48 ގަޑިއިރު ގުނުމުގައި ބަލަންޖެހޭނީ އަމުރު ނެރުނުތާ 48 ގަޑިއިރަށް ކަމަށާއި އެއީ އެހާއިރުން ފެށިގެން ހުއްޓުމެއް ނެތި ގުނަމުން ގޮސް 48 ގަޑިއިރު ހަމަވުމާ ހަމައަށް ކަމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.
އިސްތިއުނާފަށް ހުށަހެޅުމުގައި ކޯޓު އަމުރު ލިބުން ލަސްވުން ނުވަތަ އެ ނޫން ވެސް މައްސަލަ ލަހުން ހުށަހެޅުމުން ހުއްދަވާ ފަދަ މަގުބޫލު ސަބަބެއް އޮތް ކަމަށް ދައުލަތުން ހުށަހަޅާފައެއް ނުވޭ.
ހައި ކޯޓުން ފާހަގަކުރި ކަންކަން:
-
އަފްޒާމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ މަހުގެ 21ގެ ހަވީރު 4:20ގައި
-
އެއީ ރަސްމީ މަސައްކަތު ދުވަހެއްކަން
-
ދައުލަތުން މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅީ މިދިޔަ މަހުގެ 24ގެ ހެނދުނު 10:10ގައި
-
އަމުރު ނެރުމާއި މައްސަލަ އިސްތިއުނާފު ކުރުމާ ދެމެދަށް ރަސްމީ ބަންދު ދުވަހެއް އައިސްފައެއް ނުވޭ
-
ދައުލަތުން އިސްތިއުނާފު ފޯމު ހުށަހެޅީ އީމެއިލް މެދުވެރިކޮށް
"އިސްތިއުނާފަށް ހުށަހެޅުމުގައި ކޯޓު އަމުރު ލިބުން ލަސްވުން ނުވަތަ އެ ނޫން ވެސް މައްސަލަ ލަހުން ހުށަހެޅުމުން ހުއްދަވާ ފަދަ މަގުބޫލު ސަބަބެއް އޮތްކަމަށް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ،" ފަރުހީޒާ ވިދާޅުވި އެވެ.
އެހެންކަމުން، މި މައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނުފެންނަ ކަމަށް ފަރުހީޒާގެ ރައުޔުގައި ވިދާޅުވި އެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލް ތާއީދުކުރެއްވި އެވެ.
އެއް ފަނޑިޔާރުގެ ރައުޔު ތަފާތު
އެ މައްސަލައިގެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ)ގައި އިސްތިއުނާފުގެ މުއްދަތު ފެށޭނީ އަމުރު ނެރޭ ވަގުތު ނުވަތަ ގަޑި ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
"އޭގެ ބަދަލުގައި އެ މާއްދާގައި ލިޔެފައިވަނީ އެ އަމުރެއް ނެރޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެންނެވެ. މިއީ ދުވަހަށް ކޮށްފައިވާ އިޝާރާތެއް ކަމަށް ދެކެމެވެ،" އޭނާ ވިދާޅުވި އެވެ.
ހާތިފްގެ ރައުޔުގައި ވިދާޅުވީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ތައާރަފްކުރުމުގެ ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ 48 ގަޑިއިރުގެ މުއްދަތު ގުނަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ބަންދު ދުވަސްތައް ނުހިމަނާ ކަމަށެވެ.
އެހެންކަމުން، މުއްދަތު ގުނަންވާނީ އެ އަމުރު ނެރޭ ވަގުތުން ފެށިގެން ނުވަތަ ގަޑިއަށް ބަލައިގެން ކަމަށް ބަޔާންކޮށްފައި ނުވާތީ، އެފަދަ މާނަ ކުރުމަކަށް ނުދެވޭނެ ކަމަށް ހާތިފް ދެކެވަޑައިގަންނަވަ އެވެ.
ހާތިފްގެ ރައުޔުގައި ވިދާޅުވީ:
-
ކުރިން ދައުލަތަށް ލިބެމުންދިޔަ އިސްތިއުނާފުކުރުމުގެ މުއްދަތު ގަވާއިދުން ކުރުކޮށްފައި ނުވާ ކަމަށް
-
އެހެންކަމުން، 48 ގަޑިއިރުގެ މުއްދަތު ގުނަނީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް
-
އިސްތިއުނާފު މުއްދަތު ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ނަމަ، މުއްދަތު ހަމަވާ ދުވަހަކީ ވިދިގެން އަންނަ ރަސްމީ ދުވަސް ކަމަށް
ހާތިފްގެ ރައުޔުގައި ވިދާޅުވީ ދައުލަތުން މައްސަލަ އިސްތިއުނާފު ކުރީ 48 ގަޑިއިރުގެ މުއްދަތުގައި ކަމަށާއި، އެހެންކަމުން އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ނަމަވެސް، ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވީ އެ މައްސަލަ ހުށަހެޅީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.