ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ފުލުހުން

ފައިވާނުގައި ފޮރުވައިގެން ރާއްޖެއަށް ހެރޮއިން އެތެރެކުރި ޕާކިސްތާން 3 މީހަކު ހައްޔަރުކޮށްފި

ތިން މީހުން ވެގެން 2 ކިލޯގެ ޑްރަގް އެތެރެކުރި. އޭގެ ތެރެއިން ދެ މީހަކު ވަނީ މީގެ ކުރިން ރާއްޖެއަށް ޑްރަގް އެތެރެކުރި ކަމަށް އެއްބަސްވެފައި
8 ޑިސެމްބަރު 2021

ފައިވާނުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު ތިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 49 އަހަރުގެ މީހަކާއި، 41 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހެކެވެ.

ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ދީފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު ކޯޓުގައި ބުނީ، އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ ފައިވާނާއި، ފުރަގަސް ފަރާތުގަ އާއި އަންނައުނު ތެރޭގައި ފޮރުވައިގެން ކަމަށެވެ. އެ ތިން މީހުން ވެގެން ރާއްޖެއަށް 2.4 ކިލޯގެ ހެރޮއިން އެތެރެކުރި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން:

  • އެކަކުގެ ފައިވާނުން 598 ގްރާމް ހެރޮއިން ފެނުނު 

  • ދެވަނަ މީހާގެ ފައިވާނާއި ޖަނގިޔާ ތެރެއިން 852 ގްރާމް ހެރޮއިން ފެނުނު 

  • ތިން ވަނަ މީހާގެ ފައިވާނުން 738 ގްރާމް ހެރޮއިން ފެނުނު އިރު، ފުރަގަސް ފަރާތުގައި ފޮރުވާފައި ހުރި ތިން ބުލެޓުގައި 254 ގްރާމް ހެރޮއިން ހުރި

ބުނީ ކީކޭ؟ - ކޯޓުގައި އެ މީހުން ވަނީ ދައުލަތުން ވަކީލުން ހަމަޖައްސައިދިނުމަށް އެދިފަ އެވެ. އެހެންކަމުން ވަކީލަކު އައްޔަންކުރުމުގައި އެހީތެރިވުމަށާއި، އެކަން އަވަސްކުރަން ގާޒީ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. 

މައްސަލައިގައި ހައްޔަރުކުރި 36 އަހަރުގެ މީހާ ބުނީ އޭނާގެ މަންމަ ފިޔަވައި އިތުރު މީހަކު ނެތް ކަމަށާއި މަންމައަށް ހަރަދުކުރަން ވެސް ހުރީ އޭނާ އެކަނި ކަމަށެވެ. އެހެންކަމުން ފުލުހުންނަށް އެއްބާރުލުން ދީފައިވާތީ، އޭނާއަށް ލުއި ދީ، އަވަހަށް ގައުމަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދުނެވެ.

އޭނާގެ މަންމައާ ގުޅޭނެ ގޮތް ހަދައިދިނުމަށް އެދުމުން، ގާޒީ ވަނީ އެއީ ތަހުގީގަށް ހުރަސްނޭޅޭ ކަމަކަށް ވާ ނަމަ އެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފުލުހުންނަށް އަންގައިފަ އެވެ.

އޭނާ ވަނީ މީގެ ކުރިން އެހެން ފަހަރަކު ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް އެއްބަސްވެފަ އެވެ.

މައްސަލައިގައި ހައްޔަރުކުރި 41 އަހަރުގެ މީހާ ބުނީ އޭނާ އަކީ ޓީޗަރެއް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ބަލަން މީގެ ކުރިން ތިން ފަހަރު ރާއްޖެ އައިސްފައިވާނެ ކަމަށާއި، އޭގެ ތެރެއިން ދެ ފަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާނެ ކަމަށް ބުންޏެވެ.

ގުޅުން ހުރި ކަމެއް - ލަގެޖުގައި ފޮރުވައިގެން ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބްރެޒިލްގެ ދެ މީހަކު ނޮވެމްބަރު މަހު ހައްޔަރުކުރި އެވެ. އެ މައްސަލައިގައި ހިމެނޭ އަންހެން މީހާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް