ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ ދޫވެފައި ހުރި ކަމަށް ބުނެ އިއްޔެ އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން (ފޮޓޯ/މެޓްރިކްސް ހުސައިން،ފޭސްބުކް)

އައްޑޫ

6 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އަންހެންމީހާ ނޫން ކަމަށް ބުނެ މުޒާހަރާކުރަނީ

މައްސަލައިގައި 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނަނީ އެކަމުގައި އިތުރު މީހަކު ހިމެނޭތޯ ބަލަމުން އަންނަ ކަމަށް
29 މާރިޗު 2022

އައްޑޫގައި އުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ނުބައި މީހެއް ކަމަށް ބުނެ، ނުރުހުން ފާޅުކުރަމުން އެބަގެންދެ އެވެ.

ވީ ކިހިނެއް؟ -  ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ރިޕޯޓުކުރި އެ މައްސަލައިގައި، ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބުރާސްފަތި ދުވަހު 59 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ތަފްސީލް - ނަމަވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ނުބައި މީހެއް ކަމަށާއި ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ ކާފަ ކަމަށް ބުނެ އައްޑޫގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގައި އުޅޭ މީހަކު 'ދައުރު' އަށް ބުނީ ފުލުހުން މި މައްސަލައިގައި ހައްޔަރު ކުރީ "ކުށެއް ނެތް މީހެއް" ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ކުޑަކުއްޖާ ކިޔަވާ ސްކޫލުގައި 30 އަށް ވުރެ ގިނަ އަހަރު މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށާއި އޭނާއަކީ އެއްވެސް ކުށެއްގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް މުޒާހަރާގައި ބައިވެރިވާ މީހާ ބުންޏެވެ.

މުޒާހަރާ ކުރަމުން އަންނަ މީހުން ބުނަނީ ކުއްޖާއަށް "ތަދުކުރީ" އެ ކުއްޖާގެ ކާފަ ކަމަށް ބުނެފައިވާ ކަމަށެވެ.

ހައްޔަރުކުރި އަންހެން މީހާއަށް ބޮޑުދައިތަ ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކުއްޖާގެ ހަށިގަނޑުގައި ވަކި އަޅާފައި ހުރި ކަމަށާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައި ހުރި ކަމަށެވެ. 

މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި އިތުރު ފަރާތެއް މި މައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް މި ހިދުމަތުގެ ފަރާތުން ކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ.

ފުލުހުން

އެ މައްސަލައިގައި އައްޑޫގައި އިއްޔެ ފެށި މުޒާހަރާ ރޭ ފަތިހު ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ. މިއަދު ވެސް އެ މައްސަލައިގައި މުޒާހަރާކުރަން އޮތީ ނިންމައިފަ އެވެ.

ކުޑަކުއްޖާއަށް ޖިންސީގޯނާ ކުރި މީހާ ދޫވެފައި ހުރި ކަމަށް ބުނެ އިއްޔެ ހިތަދޫގައި ކުރި މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވަނީ (ފޮޓޯ/މެޓްރިކްސް ހުސައިން، ފޭސްބުކް)

އިިތުރު މީހަކު ހިމެނޭތޯ އެބަ ބަލަން: ޕޮލިސް

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ފުލުހުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ ހުށަހެޅުމާ ގުޅިގެން، ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި މެޑިކަލް އެސެސްމަންޓެއް ހަދާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން މައްސަލައިގެ ތަހުގީގަށް ބޭނުންވާ، ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެސެސްމަންޓްތައް ހެދުމަށާއި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އެކި ފަރާތްތަކުން ދެމުން އަންނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއް މި މައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް މި ހިދުމަތުގެ ފަރާތުން ކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ތަހުގީގާ ގުޅޭގޮތުން، މައްސަލައާ ގުޅުންހުރި ފަރާތްތަކާ ތަހުގީގު ޓީމުގެ ފަރާތުން ހިއްސާކުރަންޖެހޭ މައުލޫމާތު ދުވަހުން ދުވަހަށް ދެމުން ގެންދާ ކަމަށެވެ. 

ފަސްމަންޒަރު - މީގެ ކުރިން މާލޭގެ ގަލޮޅު ސްކޫލުގެ ޕްރީ ސްކޫލު ދަރިވަރަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ވެސް އެ ސްކޫލުގައި މަސައްކަތްކުރާ އަންހެނަކު ހައްޔަރުކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް