ހުޅުމާލެ ފޭސް ދޭއްގައިވާ އިމާރާތްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހައި ކޯޓު

މައްސަލަ ނިމެންދެން އެޗްޑީސީގެ ދަށުގައި ހުޅުމާލެ ބާއްވަން ހައި ކޯޓުން ތާއީދުކޮށްފި

ބިމުގެ މިލްކުވެރިކަމާ ގުޅޭ އަސްލު މައްސަލަ އަދިވެސް އޮތީ ސިވިލް ކޯޓުގައި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހައްދައިދީފައިވާ ހުޅުމާލޭގެ ދެ ފޭސްގެ ރަޖިސްޓްރީ ބާތިލްކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކޮށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލެއާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އަރައިރުމަކަށް ގޮސްފައި އޮއްވައި ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހައްދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީތައް ބާތިލުކޮށްފަ އެވެ. އެގޮތުން:

  • ކައުންސިލްގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ވެއްދި

  • ހުޅުމާލޭގެ މިލްކުވެރިކަމުގެ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެޗްޑީސީން ސިވިލް ކޯޓުގައި އެދުނު؛ އެ ކޯޓުން ވަނީ އެ އަމުރު ނެރެދީފައި

  • ސިވިލް ކޯޓުން ނެރެދިން ވަގުތީ އަމުރު ކައުންސިލުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ސިވިލް ކޯޓުގައި ކުރިއަށް ދަނީ އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ދެ ބިމެއްގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައެއް ކަމަށް ވާތީ، އެޗްޑީސީއަށް ވަގުތީ އަމުރަށް އެދެވޭނެ ކަމަށެވެ.

ބުނީ ކީކޭ؟ - އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އަސްލު މައްސަލަ ބެލުމުން، އެއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ ކުންފުންޏަށް އަސަރު ކުރާނެ ކަމެއްކަން އެނގޭ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައި ބުންޏެވެ. އެހެންކަމުން، އެޗްޑީސީއަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަށް ކޯޓުން ބުންޏެވެ.

"ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށާއި ވަށައިގެން ހުރި ކަންކަމަށް ބެލުމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދީފި ނަމަ އިޔާދަ ނުކުރެވޭ ވަރުގެ ނުވަތަ އިސްލާހު ނުކުރެވޭ ވަރުގެ ގެއްލުމެއް އެޗްޑީސީއަށް ލިބިގެން ހިނގައިދާނެކަން އެނގޭ،" ހުކުމްގައި ބުންޏެވެ.

ހައި ކޯޓުން ބުނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރުމުން ކައުންސިލަށް ލިބޭ ގެއްލުމަށް ވުރެ، ވަގުތީ އަމުރެއް ނުނެރުމުން އެޗްޑީސީއަށް ލިބޭ ގެއްލުން ބޮޑު ކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން، ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބަލަހައްޓަވައި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި މުހައްމަދު ފައިސަލް ހިމެނިވަޑައިގެންނެވި ބެންޗުގެ އިއްތިފާގުން ނިންމީ ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ.

އެނގުން މުހިންމު - ސިވިލް ކޯޓުގެ އަމުރުގެ މުހިންމު ބައިތައް:

  • ހުޅުމާލެ ދެ ފޭސްގެ ރަޖިސްޓްރީ ބާތިލުކުރި ކުރުމަށް އަމަލުކުރުން ފަސްކުރުން 

  • ކައުންސިލްގެ ނިންމުން ތަންފީޒުކުރަން އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ 

  • ހުޅުމާލޭގައި އެޗްޑީސީން ކުރަމުން އައި އެއްވެސް މަސައްކަތަކަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާ ނަމަ ފުލުހުން އެކަމެއް ހުއްޓުވަން ޖެހޭނެ

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އެޗްޑީ

29 މާރިޗު 2022
ކޮންތަނެއްގެ ދަށުގަ ތަ އަސްލު ހުޅުމާލެ ތާށިވެފަ އޮތީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް