24 ނޮވެމްބަރު 2021 (އަންގާރަ)ގައި ހުޅުމާލެ ފޭސް 2 (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިވިލް ކޯޓު

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފި

ހުޅުމާލޭގައި އެޗްޑީސީން ކުރަމުން އައި އެއްވެސް މަސައްކަތަކަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ އެކަމެއް ހުއްޓުވަން ފުލުހުންގެ މައްޗަށް އަމުރުކުރި
16 ޑިސެމްބަރު 2021

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހައްދައިދީފައިވާ ހުޅުމާލޭގެ ދެ ފޭސްގެ ރެޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފި އެވެ.

މައްސަލައިގެ ފެށުން - މާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި ސަރުކާރުން ވައުދުވި ނަމަވެސް، އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ކައުންސިލްގެ ސާފު މެޖޯރިޓީ ނެގުމުން، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެއާ އެކު، ހުޅުމާލެއާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އޮތީ އަރައިރުމަކަށް ގޮސްފަ އެވެ.

ވީ ކިހިނެއް؟ - މައްސަލަ އިތުރަށް ގޯސްވެ، ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހަދައިދިން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފަ އެވެ. ކައުންސިލްގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ވެއްދި އެވެ.

ތަފްސީލް - އެޗްޑީސީން ކޯޓަށް ދިޔައީ ކައުންސިލުގެ އެ ނިންމުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާއި ލާމަރުކަޒީ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެވެ.

ސިޓީ ކައުންސިލުގެ ނިންމުމުގެ ސަބަބުން އެ ކުންފުނިން ވެފައިވާ މަދަނީ އެއްބަސްވުންތަކާއި ލޯނު އެއްބަސްވުންތަކާ ކުންފުނިން ހިލާފުވެ، ކްރޮސް ޑިފޯލްޓް ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެޗްޑީސީ އާއި ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތައް އެއްފަހަރާ ޑީފޯލްޓް ވުމުގެ ފުރުސަތު އޮތުމުން، ހުޅުމާލޭގެ މިލްކުވެރިކަމުގެ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނެވެ.

އޭގެ އިތުރުން އެޗްޑީސީން އެދުނީ:

  • ކޯޓުން ހުކުމެއް ކުރުމުގެ ކުރިން ކައުންސިލްގެ ނިންމުން ތަންފީޒުކުރުމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް އަމުރުކޮށްދިނުމަށް އެދުނު 

  • ހުޅުމާލެ ތަރައްގީކޮށް ބެލެހެއްޓުމަށް އެޗްޑީސީން ކުރާ އެއްވެސް ކަމަކަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ހުއްޓުވައިދޭން ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދުނު

ކޯޓުގެ އަމުރު - އެ މައްސަލައި ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ ހުޅުމާލޭގެ ދެ ފޭސްގައި ބިން ހިއްކުމަށް ސަރުކާރުން ކުރި ހުރިހާ ހަރަދަކާ، ދަރަންޏާ އެޗްޑީސީން ހަވާލުވެ، އޭގެ ބަދަލުގައި ހުޅުމާލޭގެ ބިން އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި ސަރުކާރުން ހަވާލުކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.

އަދި ވަގުތީ އަމުރެއް ނެރެ ނުދީ، މައްސަލައިގެ ދައުވާ ލަސްވެއްޖެ ނަމަ، އެޗްޑީސީއަށް އިޔާދަނުކުރެވޭ ފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އެޗްޑީސީން އެދުނު ގޮތަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެދީފަ އެވެ.

ސިވިލް ކޯޓުގެ އަމުރުގެ މުހިންމު ބައިތައް:

  • ހުޅުމާލެ ދެ ފޭސްގެ ރަޖިސްޓްރީ ބާތިލުކުރި ކުރުމަށް އަމަލުކުރުން ފަސްކުރުން 

  • ކައުންސިލްގެ ނިންމުން ތަންފީޒުކުރަން އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ 

  •  ހުޅުމާލޭގައި އެޗްޑީސީން ކުރަމުން އައި އެއްވެސް މަސައްކަތަކަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ ފުލުހުން އެކަމެއް ހުއްޓުވަން ޖެހޭނެ

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް