އެޗްޑީސީ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ކައުންސިލްގެ ނިންމުން ބާތިލްކޮށްދޭން އެދި އެޗްޑީސީ އިން ކޯޓަށް
މާލޭ ސިޓީ ކައުންސިލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހައްދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ކައުންސިލުން ނިންމި ނިންމުން ބާތިލްކޮށްދޭން އެޗްޑީސީ އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން - މާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި ސަރުކާރުން ވައުދުވި ނަމަވެސް، އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ކައުންސިލްގެ ސާފު މެޖޯރިޓީ ނެގުމުން، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެއާ އެކު، ހުޅުމާލެއާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އޮތީ އަރައިރުމަކަށް ގޮސްފަ އެވެ.
ވީ ކިހިނެއް؟ - އިއްޔެ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި، ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، ހުޅުމާލެ އަކީ ކައުންސިލްގެ ބިމެއްގެ ގޮތުގައި ނިންމަން ހުށަހަޅުއްވައިފަ އެވެ. ނަރީޝްގެ ހުށަހެޅުން އިއްޔެގެ ޖަލްސާގައި ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
އެ މައްސަލާގައި އެޗްޑީސީ އިން ރޭ ނެރުނު ބަޔާނުގައި ބުނީ، ކައުންސިލްގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި، އެ ނިންމުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ އުފުލާނެ ކަމަށްވެސް ބުންޏެވެ.
އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޓީ ކައުންސިލުގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށްދޭން އެދި ސިވިލް ކޯޓަށާއި އެލްޖީއޭ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުގެ އެ ނިންމުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާ ބެހޭ ގާނޫނުގެ24 ވަނަ މާއްދާގެ (ށ) އާއި ލާމަރުކަޒީ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.
އިތުރަށް ކިޔާލަން