މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ (ފޮޓޯ/ ކައުންސިލް)

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ އެޗްޑީސީން ނަހަމަ ބޭނުންހިފާތީ: މޭޔަރު

މުއިއްޒު ވިދާޅުވީ ޔާމީން ބައިވެރިވާ ޖަލްސާ ބާއްވަން ހުއްދަ ނުދިނުމާ އެ ނިންމުމާ ގުޅުމެއް ނެތް ކަމަށް
9 ޑިސެމްބަރު 2021

މާލޭ ސިޓީ ކައުންސިލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހައްދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރީ އެޗްޑީސީން އެ ރަޖިސްޓްރީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނާތީ ކަމަށާއި އެކަމާ ހުކުރު ދުވަހު އިދިކޮޅުން ބާއްވަން ރާވާފައިވާ ޖަލްސާއަށް ހުއްދަ ނުދިނުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި ސަރުކާރުން ވައުދުވި އެވެ. ނަމަވެސް، އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ކައުންސިލްގެ ސާފު މެޖޯރިޓީ ނެގުމުން، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެއާ އެކު، ހުޅުމާލެއާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އޮތީ އަރައިރުމަކަށް ގޮސްފަ އެވެ.

އެ އަރައިރުން ހޫނުވެ، މާލޭ ސިޓީ ކައުންސިލުން އެޗްޑީސީއަށް ހައްދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ކައުންސިލުން އިއްޔެ ފާސްކުރި އެވެ. ކައުންސިލުން އެ ނިންމުން ނިންމި އިރު، އިދިކޮޅުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި ޖަލްސާއެއް، އެޗްޑީސީގެ ހުއްދަ ނެތި ނުބޭއްވޭނެކަން އޮތީ އަންގައިފަ އެވެ.

އެޗްޑީސީއަށް ކުރެވޭނެ ކަމެއް ނޫން. އެޗްޑީސީއާ ބެހޭ ކަމެއް ނޫން. އެޗްޑީސީއަކަށް އެއްވެސް ކަހަލަ ހައިސިއްޔަތެއް އޮތް ކަމެއް ނޫން އަޅުގަނޑުމެން ދިން ހުއްދައަކާ އެއްގޮތަށް ކަން ކުރަންނިންމުމަކީ

ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީގެ މޭޔަރު

ތަފްސީލް - އެ މައްސަލައިގައި މިއަދު ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، ޖަލްސާގެ މައްސަލަ އާއި ރަޖިސްޓްރީގެ މައްސަލަ ދިމާވީ "އިއްތިފާގަކުން" ކަމަށެވެ.

"އަޅުގަނޑުމެން އެކަން ކުރީކީއެއް ސިޔާސީ ޕާޓިއަކަށް، އަޅުގަނޑުމެން ސިޓީ ކައުންސިލަށް އޮތް ގާނޫނީ ހައިސިއްޔަތުގެ ތެރެއިން ދީފައި އޮތް ހުއްދައަކަށް އެޗްޑީސީން އިޖާބަ ނުދީގެންނެއް ނޫން. އެއީކީ މި ވީކެންޑުގައި އޮންނަ ޖަލްސާއަކާ ބެހޭ ކަމެއް ނޫން،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރުގެ ބަސް - ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ސަބަބުތައް މޭޔަރު މިއަދު ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވި އެވެ. މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސް ކަނޑައެޅުއްވި އިރު، އެ އިހްތިސޯސްގެ ތެރޭގައި މުޅި ހުޅުމާލެ ވެސް ހިމެނޭ ކަމަށެވެ.

އެހެންކަމުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަކީ ކައުންސިލަށް ގާނޫނުން ލާޒިމުކޮށްފައިވާ ޒިންމާތަކެއް ކަމަށެވެ. އަދި އެ ޒިންމާތައް ކައުންސިލާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވެސް ދެއްވި ކަމަށެވެ.

"އެހެން ނަމަވެސް ތަކުރާރުކޮށް އަޅުގަނޑުމެން އެކަމުގައި ސިޓީން އެދިގެން ވެސް އަދިވެސް މިއަދާ ހަމައަށް މާލޭ ސިޓީ ކައުންސިލަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުގައި ގާނޫނު ތަންފީޒު ކުރުމަށް ފުރުސަތެއް ނުދެއްވާ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ މައްސަލައިގައި ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ވެސް އެކި ފަހަރު މަތިން އެދިފައިވާނެ ކަމަށާއި ނަމަވެސް ހަ މަސް ވެގެން ދިޔަ އިރުވެސް އެއްވެސް ފަރާތަކުން އެކަމުގައި އެހީތެރިކަމެއް ދީފައި ނުވާ ކަމަށެވެ.

"ހަ މަސް ދުވަސް ވަންދެން އަޅުގަނޑުމެން މަސައްކަތް މި ކުރީ ހުޅުމާލެގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ އާންމު ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދިނުމަށް. އެކަމު އެކަމެއް ނުކޮށްދެއްވާ،" އޭނާ ވިދާޅުވި އެވެ.

މޭޔަރު މުހައްމަދު މުއިއްޒު، 22 ސެޕްޓެމްބަރު 2021

މޭޔަރު ވިދާޅުވީ ހުޅުމާލޭގެ ހުރިހާ ތަނަކީ ރަޖިސްޓްރީން އެޗްޑީސީގެ މިލްކުގެ ތެރޭގައި ހިމެނޭ ތަންތަން ނޫންކަން ރަޖިސްޓްރީން ސާފުވާނެ ކަމަށެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ތަނެއްގައި، މާލޭ ސިޓީ ކައުންސިލަށް ދެވެން އޮންނަ ހުއްދަތައް ދިނުމުން، އެ އެ ހުއްދަތަކަށް އަރައިގަތުމަކީ އެޗްޑީސީއަށް ވެސް އަދި އެހެން އެއްވެސް ފަރާތަކަށް އޮތް ހަގެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭގެ އިތުރަށް، ސިޓީ ކައުންސިލުން ހުޅުމާލޭގައި ކުރަން ރާވާ ގިނަ ކަންތައްތަކަށް އެޗްޑީސީން ހުރަސް އަޅާކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނައިޓް މާކެޓެއް ބާއްވަން ހުއްދަ ދޭ އިރަށް އެޗްޑީސީން އެބަ ހުއްޓުވާ. އަޅުގަނޑުމެން ކައިވެނި ޕާޓީއެއް ބާއްވަން އެތަނުގެ ރުއްގަނޑު ނޫނީ އެހެން ތަނެއް ހުއްދަ ދޭ އިރަށް އެކަމެއް ހުއްޓުވާ. އެހެން ނަމަވެސް ރަޖިސްޓްރީގައި ވަރަށް ސާފުކޮށް އެބަ ބުނޭ އާންމު މައިދާންތަކާއި ރުއްގަނޑާ، މި ހުންނަޕަބްލިކް ސްޕޭސް އަކީ ރަޖިސްޓްރީގެ ތެރެއިން އެބޭފުޅުންގެ މިލްކެއް ނޫން ކަމަށް،"

"އެހެންވީމަ މި ހުރިހާ ކަމެއް މިހެން އޮންނަ އިރުގައި، ރަޖިސްޓްރީ މިސްޔޫސް ކުރައްވަނީ،" މޭޔަރު ވިދާޅުވި އެވެ.

"މިހެން މިކަން ކުރާކަމަށް ވާނަމަ، ގާނޫނެއް އޮތުމުގެ ބޭނުމެއް ނެތް. ކައުންސިލެއް އޮތުމުގެ ބޭނުމެއް ނެތް. އެހެންވީމަ އެގޮތަށް ކަންކަން ކުރުމުގެ ފުރުސަތެއް މި ކައުންސިލަކުން ނުއެއް ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީ އަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށާއި، ކުންފުންޏަކަށް މުނިސިޕަލް ހިދުމަތްތައް ނުދެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ކައުންސިލްގެ އިހްތިސޯސްގެ ތެރެއިން ދޭ ހުއްދައަކާ ދެކޮޅަށް ކުންފުންޏަކަށް ބާރު ނުފޯރުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީއަށް ކުރެވޭނެ ކަމެއް ނޫން. އެޗްޑީސީއާ ބެހޭ ކަމެއް ނޫން. އެޗްޑީސީއަކަށް އެއްވެސް ކަހަލަ ހައިސިއްޔަތެއް އޮތް ކަމެއް ނޫން އަޅުގަނޑުމެން ދިން ހުއްދައަކާ އެއްގޮތަށް ކަން ކުރަންނިންމުމަކީ،"

'އަމިއްލަ މީހެއްގެ ގޯއްޗެއް ބަލަން ކީއްކުރާ މެމްބަރެއްތޯ؟ ކީއްކުރާ ކައުންސިލަރެއްތޯ؟'

އެޗްޑީސީގެ ބަސް - އެ މައްސަލައިގައި އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ބިމަކީ، އެ ކޯޕަރޭޝަންގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަދި އެ ކޯޕަރޭޝަނަށް ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި ވަކި ފަރާތަކަށް ރަޖިސްޓްރީކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށްގެން އެކަނި ކަމަށާއި އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ބުންޏެވެ.

ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުން ނެތި ނެގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ނިގުޅައިގަތުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މޭޔަރުގެ ރައްދު - އެޗްޑީސީގެ ވާހަކަތަކާ ގުޅިގެން މުއިއްޒު މިއަދު ވިދާޅުވީ، ސިޓީ ކައުންސިލުން ވެސް މަސައްކަތް ކުރަމުން އަންނަނީ ގާނޫނީ ލަފާ ހޯދައިގެން ކަމަށާއި، ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރީ އެއީ ކުރިއަށް ދިއުމުގައި އޮތް ހަމައެކަނި މަގު ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

މޭޔަރު ވިދާޅުވީ:

  • އެޗްޑީސީއަށް ސަރުކާރުން ހަދައިދީފައިވާ ރަޖިސްޓްރީތަކަކީ ބިން ހަވާލުކުރި ކަމުގެ ގޮތުން ބަޔާންކޮށްފައިވާ ވަގުތީ ރަޖިސްޓްރީތަކެއް ކަމަށް 

  • ގާނޫނަށް ގެނައި އިސްލާހުތަކާއެކު ހުޅުމާލޭގެ އާންމު ހިދުމަތްތަކާ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަކީ ސިޓީ ކައުންސިލްގެ ޒިންމާތަކަކަށް ވެފައިވާކަމެއް 

  • އެ ޒިންމާތައް އަދާކުރުމުގައި އެޅޭ ހުރަހަކަށް އެ ރަޖިސްޓްރީތައް ވެފައިވާކަމަށް

"އެއީ ބައެއްގެ އަމިއްލަ ބިމެއް ކަމަށް، އަމިއްލަ ގޯއްޗެއް ކަމަށް ވަންޏާ ކީއްކުރާ ކައުންސިލަރެއްތޯ ހުންނަންވީ؟ މީހެއްގެ ގޯތީގެ ކަންކަން ބަލަހައްޓާކަށް ކައުންސިލެއް ނޯންނާނެ. މީހެއްގެ ގޯއްޗެއްގެ ކަންކަން ބަލަހައްޓާކަށް މަޖިލިސް މެމްބަރެއް ނުހުންނާނެ،" މޭޔަރު ވިދާޅުވި އެވެ.

އެހެންކަމުން، އެޗްޑީސީ އާއި ސަރުކާރުން ހުޅުމާލޭގެ ރަޖިސްޓްރީ ނަހަމަގޮތުގައި ބޭނުން ހިފަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެޗްޑީސީ މެނޭޖިންގް ޑިރެކްޓަރު ސުހައިލް (ދައުރު ފޮޓޯ)

މޭޔަރު ވިދާޅުވީ، ހުޅުމާލޭގެ ރަޖިސްޓްރީ ހަދާދީފައި އޮތީ އެތަނުގެ ކޮމާޝަލް ބޭނުންތަކަށް އެކަނި ކަމަށާއި، އެ ރަޖިސްޓްރީ ހިނގާނީ ހުޅުމާލޭން އެޗްޑީސީން ވިއްކާ ބިންތަކުގައި ވިޔަފާރި އެގްރީމަންޓްތައް ހަދައިގެން ކޮމާޝަލް ބޭނުންތަކަށް އޮންނަ ބިންތަކަށް އެކަނި ކަމަށެވެ. އަދި ރަޖިސްޓްރީއެއް ހަދާފައި އޮތުމަކީ، ބިމުގެ ނަހަމަ ބޭނުން ހިފޭނެ ކަމެއް ނޫން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް ރަޖިސްޓްރީގައި އޮންނާނެ، މަގުތަކާއި އާންމު ތަންތަނާ ޕާކުތަކާއި މިސްކިތްތަކާ ސްކޫލުތަކާއި މިހެން ގޮސް ހުރި ޕަބްލިކް ޔޫސް ކުރާ، ރައްޔިތުން ދިރިއުޅުމަށްޓަކައި ބޭނުންކުރާ އެއްވެސް ތަނަކީ އެޗްޑީސީގެ މިލްކެއް ނޫން. އެ ރަޖިސްޓްރީގައި ވަރަށް ސާފުކޮށް އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ރަޖިސްޓްރީ މިސްޔޫސް ކުރައްވައި، ރަޖިސްޓްރީގެ ބޭނުން ނާޖައިޒް ގޮތުގައި ހިއްޕަވައި، މާލޭ ރައްޔިތުން ނިކަމެތި ކުރުން މާލޭ ސިޓީ ކައުންސިލުން ބަލައެއް ނުގަންނާނެ،"

މުއިއްޒު ވިދާޅުވީ ރަޖިސްޓްރީގައި އޮތް ގޮތަށް ކަންކަން ނުކުރާނަމަ، އެ ރަޖިސްޓްރީގެ ބޭނުމެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިފައިވާ ކަމަށެވެ. ކައުންސިލުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި، މާލޭ ރައްޔިތުންގެ ހައްގުގައި ގާނޫނު ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކައުންސިލުން ކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށާއި، އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކައުސިލްގެ މައްޗަށް ދައުވާ އުފުލާނެކަމުގެ އިންޒާރު އެޗްޑީސީން އޮތީ ދީފަ އެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ނިންމުން ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް ދެވޭނެ ނިކަމެތި ކަމެއް ކަމަށެވެ.

"މި ނިންމުން ބަދަލުކުރުމަށްޓަކައި ސަރުކާރުން ކުރާ ކޮންމެ ކަމެއް ވާނީ މާލޭ ރައްޔިތުންގެ ކުރިމަގަށްޓަކައި އެއްވެސް ވަރަކަށް މި ސަރުކާރުން ސަމާލުކަން ނުދެއްވާކަމުގެ ނިޝާނަކަށް،" މޭޔަރު ވިދާޅުވި އެވެ.

27 ނޮވެމްބަރު 2021 (ހުކުރު ދުވަސް)ގައި ހުޅުމާލެ ފޭސް 2އަށް އަރާ ބުރިޖުގައި ޓްރެފިކް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'ހުޅުމާލެއާ ހަވާލުވާން ތައްޔާރު'

މޭޔަރު މިއަދު ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތަކާ ހަވާލުވާން ސިޓީ ކައުންސިލް އޮތީ ތައްޔާރަށް ކަމަށާއި، މިއަދު އެކަންކަން ހަވާލުކުރި ނަމަވެސް އެންމެ ރަނގަޅު ކަމަށެވެ.

ނަމަވެސް ޒިންމާތައް ހަވާލުކުރާއިރު، އެކަމަށް ބޭނުންވާނެ ބަޖެޓާއި އެޗްޑީސީގައި އެކަމަށް ހާއްސަކޮށްފައިވާ މުނިސިޕަލް ޑިޕާޓްމަންޓުގެ މުވައްޒަފުން ވެސް ކައުންސިލާ ހަވާލުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ހަވާލުނުކުރީ އޯ މުވައްޒަފުން ވެސް. ބަޖެޓު ވެސް. އަޅުގަނޑުމެން ކޮންމެސް ގޮތެއް ހޯދާނަން." މުއިއްޒު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް