މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު މުހައްމަދު މުއިއްޒު. (ފޮޓޯ/ ސިޓީ ކައުންސިލް)
އެޗްޑީސީއަށް ދޫކުރި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރަން ފާސްކޮށްފި
މާލޭ ސިޓީ ކައުންސިލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހައްދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ކައުންސިލުން މިއަދު ފާސްކޮށްފި އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ހުޅުމާލޭގެ ބެލެނިވެރިކަމަށް ބަދަލެއް ނާންނާނެ އެވެ.
އެނގުން މުހިންމު - ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި ސަރުކާރުން ވައުދުވި އެވެ. ނަމަވެސް، އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ކައުންސިލްގެ ސާފު މެޖޯރިޓީ ނެގުމުން، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެއާ އެކު، ހުޅުމާލެއާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އޮތީ އަރައިރުމަކަށް ގޮސްފަ އެވެ.
ވީ ކިހިނެއް؟ - އެ އަރައިރުން އިތުރަށް ހޫނުވީ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި ހުކުރުދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން މަސައްކަތްކުރަމުން އަންނަނީ ހުއްދަ ނުނަގައި ކަމަށާއި އެ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް އެޗްޑީސީން ރޭ ބުނުމުންނެވެ. އެ ޖަލްސާގައި އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަޅުގަނޑުމެން އެޗްޑީސީއާ އަރާ ރުޅިއެއްގައި ނުވަތަ ހުރި ފްރަސްޓްރޭޝަނެއްގައި ނުކުމެ މިބާވަތުގެ ކަމެއް ކުރުމަކީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް ނުދެކެން.
ތަފްސީލް - އެ ނިންމުމާ އެކު، މިއަދު ބޭއްވި ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި، ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، ހުޅުމާލެ އަކީ ކައުންސިލްގެ ބިމެއްގެ ގޮތުގައި ނިންމަން ހުށަހަޅުއްވައިފަ އެވެ.
ބުނީ ކީކޭ؟ - ނަރީޝް ވިދާޅުވީ:
-
ހުޅުމާލެ އަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް
-
ހުޅުމާލޭގެ މުނިސިޕަލް ސާވިސްތައް ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށް
-
ނަމަވެސް، އެއްވެސް ސިޓީއަކަށް އިޖާބީ ޖަވާބެއް ލިބިފައި ނުވާ ކަމަށް
"އަޅުގަނޑުމެންގެ އިހްތިސޯސްގެ ހިމެނޭ ތަނެއްގެ ގޮތުގައި ހުޅުމާލެ އޮވެފައި، އަޅުގަނޑުމެންނަށް އެ ތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބި، ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުން ދާތީ، މި ކައުންސިލުން ހަދާފައި ދީފަ އިން ރަޖިސްޓްރީއެއް މި އިންނަނީ ހުޅުމާލޭގައި. އެހެންވީމަ އަޅުގަނޑު ހުށަހަޅަން އަޅުގަނޑުމެން ހަދާފައިވާ ރަޖިސްޓްރީ އަޅުގަނޑުމެން ބާތިލްކުރަން. ހުޅުމާލެއަށް ހަދައިދީފައިވާ ރަޖިސްޓްރީ ބާތިލްކޮށް، އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި ނިންމަން،" ނަރީޝް ވިދާޅުވި އެވެ.
ނަރީޝްގެ ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު އައިފާން ތާއީދުކުރެއްވި އެވެ. އައިފާން ވިދާޅުވީ ލާމަރުކަޒުކޮށް، ކައުންސިލް ބާރުވެރިކުރުވާނެ ކަމަށް ސަރުކާރުން ވައުދުވީ ނަމަވެސް އަމަލުން އެކަން ނުފެންނަ ކަމަށެވެ. އަދި ހުޅުމާލޭގެ ޔުޓިލިޓީ ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދިނުމަށް އެއްވެސް ވަރެއްގެ އެއްބާރުލުމެއް ވެސް ނުލިބޭ ކަމަށެވެ.
'ރަޖިސްޓްރީ ބާތިލެއް ނުކުރެވޭނެ؛ އެއީ ބޮޑު ގޯހެއް'
ނަރީޝްގެ ހުށަހެޅުއްވުމަށް ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން ވެސް ތާއީދުކުރެއްވި އެވެ. އެ ހުށަހެޅުމަށް ތާއީދުނުކުރައްވައި ޖަލްސާގައި ބަހުސްކުރެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އެވެ.
ސައިފު ވެސް ވަނީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ ދަށުން ނުދިނުމަކީ ކަންބޮޑުވުމެއް ކަމަށް ފާހަގަކުރައްވައިފަ އެވެ.
ނަމަވެސް، ސައިފް ވިދާޅުވީ:
-
ކައުންސިލް ބައްދަލުވުމަކުން ނިންމައިގެން ރަޖިސްޓްރީއެއް ބާތިލްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް
-
ރަޖިސްޓްރީއެއް ބާތިލްކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ހުންނާނެ ކަމަށް
-
މިއަދު ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފި ނަމަ، އާންމު ފަރުދުންގެ ގޯތިތަކުގެ ރަޖިސްޓްރީ ވެސް ބާތިލް ކުރެވޭނެ ފަދަ ފުރުސަތެއް ހުޅުވިގެންދާ ކަމަށް
"އަޅުގަނޑުމެން އެޗްޑީސީއާ އަރާ ރުޅިއެއްގައި ނުވަތަ ހުރި ފްރަސްޓްރޭޝަނެއްގައި ނުކުމެ މިބާވަތުގެ ކަމެއް ކުރުމަކީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް ނުދެކެން،" ސައިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ތަނުން ތަންތަނަށް ދޫކޮށްފައި ހުންނަ ރަޖިސްޓްރީ ބާތިލް ކުރާކަށް މިގޮތަށް ނިންމޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،"
ސައިފް ވިދާޅުވީ ކައުންސިލާ ގާނޫނީ ގޮތުން ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތު އަދާކުރަން ހުރަސްތަކެއް ކުރިމަތިކުރުވާ ކަމަށް ވާނަމަ، ކޯޓަށް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު އެދެން މި ކައުންސިލުން ކޮންސިޑާކުރުން ކޯޓަށް ވަޑައިގަތުން. ކޯޓަށް ގޮސް ކޯޓުން ފައިސަލާކުރަނިވި ހުކުމެއް ކޮށްގެން އަޅުގަނޑުމެންނަށް މޮޅު ވެވޭނެ މި ވާހަކަތަކުން. އަޅުގަނޑުމެންގެ މެންޑޭޓު އެބަ އޮތް، އިހްތިސޯސް އެބަ އޮތް އަދި ގާނޫނު ދަންނަ، ގާނޫނުގެ ރޫހަކީ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުން ފޯރުކޮށްދިނުން،" ސައިފް ވިދާޅުވި އެވެ.
... އަޅުގަނޑުމެންގެ އިހްތިސޯސްގެ ހިމެނޭ ތަނެއްގެ ގޮތުގައި ހުޅުމާލެ އޮވެފައި، އަޅުގަނޑުމެންނަށް އެ ތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބި، ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުން ދާތީ.
ނަމަވެސް، ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވީ، ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރަން މިހާރު ވެސް ލަސްވެއްޖެ ކަމަށާއި ކައުންސިލަށް އެ ރަޖިސްޓްރީ ބާތިލްކުރެވޭނެ ކަމަށެވެ.
"ކޯޓަށް ދަންޏާ ދާން ޖެހޭނީ [އެޗްޑީސީ]،" ނަހުލާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި، 12 ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރީ، އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަށެވެ.
'ހުޅުމާލެ އަކީ އެޗްޑީސީގެ ބިމެއް'
ސަރުކާރުން ހުޅުމާލެއަށް ފޯރުކޮށްދޭ ހުރިހާ އަސާސީ ހިދުމަތްތައް ވިލަރެސް ކުރުމަށްޓަކައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދީ 23 މާޗު 2005ގަ އެވެ. އެއާ އެކު، 14 ޖޫން 2005 ގައި ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓު ވަނީ އުވާލައިފަ އެވެ.
އެޗްޑީސީ އުފެއްދީ:
-
ހުޅުމާލޭގެ ބިން ހިއްކައި ތަރައްގީކުރުމަށް
-
ހުޅުމާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލް ރޭވުންތައް ތައްޔާރުކުރުމަށް
-
ދިރިއުޅުމަށް ބޭނުންވާ ގޯތިގެދޮރު ބިނާކުރުމުގެ ކަންކަން ރާވައި ހިންގުމަށް
-
ހުޅުމާލޭގެ ބިމާއި މަގުތަކާއި ފަޅު ތަރައްގީކުރުމަށް
-
އަސާސީ ހިދުމަތްތައް ދިނުމަށް ކުރާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ފަހިކޮށްދިނުން
-
ސިނާއީ، ވިޔަފާރި އަދި ދަތުރުފަތުރުގެ ހިދުމަތަށް މަގުފަހިކޮށްދިނުން
-
ހުރިހާ އަސާސީ ހިދުމަތްތަކެއް ވިލަރެސްކުރުން
ވަކި ކަހަލަ ސާވިސްތަކެއް ދޭނީ ސިޓީ ކައުންސިލުންނޭ މަޝްވަރާކޮށްގެން ނިންމިދާނެ. އެކަމަކު، އެއަށް ވުރެ ބޮޑަށް އެ ބޭފުޅުން އެބަ ބޭނުންވޭ. އެކަމަކު އެގޮތަކަށް އެކަމެއް ނުއެއް ވާނެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކުރީ 2009ގަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނަމުން އަންނަނީ ހުޅުމާލޭގެ ތަރައްގީގެ ޕްލޭންތަކާއި ކަންކަން ރޭވުމުގައި ސިޓީ ކައުންސިލާ މަޝްވަރާ ނުކޮށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ހުޅުމާލެ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ސިޓީ ކައުންސިލްގެ ދަށަށް ގެންދަން ކައުންސިލުން އަންނަނީ އެދެމުންނެވެ. އެގޮތުން، ވިޔަފާރި ކުރާނެ އުސޫލުތައް ކަނޑައެޅުމާއި ބިން ދޫކުރުމާއި ހުޅުމާލޭގައި އެހެން ވެސް ކަންކަން ކުރުމުގެ ޖާގަ ހޯދުމަށް ސިޓީ ކައުންސިލުން ބޭނުންވެ އެވެ.
ނަމަވެސް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިދިޔަ އޮކްޓޫބަރު މަހު 'ދައުރު'އަށް ވިދާޅުވީ މާލޭގެ އަވަށެއްގެ ގޮތުގައި ހުޅުމާލެ އޮތް ނަމަވެސް ހުޅުމާލޭގެ ބިމަކީ އެޗްޑީސީއަށް ރަޖިސްޓްރީކޮށް ދީފައިވާ ބިމެއް ކަމަށެވެ. އެހެންކަމުން، ހުޅުމާލޭގެ ބިމުގައި ކަންކަން ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ އެޗްޑީސީއަށް ކަމަށާއި އަދި ހުޅުމާލޭގެ ބިންތަކަކީ އެޗުޑީސީން ލޯނު ނަގައިގެން ހިއްކާފައިވާ ތަންތަން ކަމަށް ވުމުން ވިޔަފާރި އުސޫލުން ހުޅުމާލެ މެނޭޖްކުރަން ޖެހޭނީ ވެސް އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނޫން ނަމަ، ހުޅުމާލެ ތަރައްގީކުރަން ނަގާފައިވާ ބޮޑެތި ލޯނުތައް ނުދެއްކި، މުސްތަގުބަލުގައި ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެދާނެކަން ސުހެއިލް ފާހަގަކުރެއްވި އެވެ.
"ވަކި ކަހަލަ ސާވިސްތަކެއް ދޭނީ ސިޓީ ކައުންސިލުންނޭ މަޝްވަރާކޮށްގެން ނިންމިދާނެ. އެކަމަކު، އެއަށް ވުރެ ބޮޑަށް އެ ބޭފުޅުން އެބަ ބޭނުންވޭ. އެކަމަކު އެގޮތަކަށް އެކަމެއް ނުއެއް ވާނެ،" ސުހެއިލް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -