ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ އަވަށުގެ އިހުތިސޯސާ މެދު ހިޔާލު ތަފާތުވުންތައް އެބަހުރި.

ހުޅުމާލެ

އެޗުޑީސީ އޮތީ ސިޓީ ކައުންސިލަށް ހުޅުމާލެ ދޫކޮށްލާ ގޮތަކަށް ނޫން

ހުޅުމާލޭގެ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ސިޓީ ކައުންސިލަށް ދެވިދާނެ ކަމާ މެދު އެޗުޑީސީން ޝައްކު އުފައްދާ
15 އޮކްޓޯބަރު 2021
2

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދިނުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭ ސަރުކާރުން ވައުދުވި އެވެ. އެކަމަކު އިންތިހާބުގެ ނަތީޖާ ސަރުކާރާ ދެކޮޅަށް ނިކުމެ،  ކައުންސިލްގެ ގިނަ ގޮޑިތައް އިދިކޮޅު ޕީޕީއެމަށް ލިބުނު ހިސާބުން އެ ރާގު ބަދަލުވެއްޖެ އެވެ. އެއާ އެކު މާލޭ ސިޓީ ކައުންސިލާއި ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އޮތީ ހުޅުމާލެއާ މެދު އަރައިރުމެއްގަ އެވެ. ހުޅުމާލެއާ މެދު ސިޓީ ކައުންސިލްގެ އެހެން ވިސްނުންތަކެއް ހުރިއިރު އެޗްޑީސީގެ ވިސްނުން ވަރަށް ގިނަ ކަންކަމުގައި ތަފާތެވެ. އެހެންވެ، މި އަރައިރުމުގައި އެއްކޮޅުން ވެސް ދޫ ދޭނޭ ހެނެއް ހިއެއް ނުވެ އެވެ. 

އެޗުޑީސީން ބުނަނީ އެ ތަނުގެ ބިމެކޭ

މާލޭ ސިޓީ ކައުންސިލުން ބުނަމުން އަންނަނީ ހުޅުމާލޭގެ ތަރައްގީގެ ޕްލޭންތަކާއި ކަންކަން ރޭވުމުގައި ސިޓީ ކައުންސިލާ މަޝްވަރާ ނުކޮށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ހުޅުމާލެ ބެލެހެއްޓުމުގެ އެންމެހާ ކަންކަން ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް އެ ފަރާތުން އަންނަނީ އެދެމުންނެވެ. އެގޮތުން ވިޔަފާރި ކުރާނެ އުސޫލުތައް ކަނޑައެޅުމާއި ބިން ދޫކުރުމާއި ހުޅުމާލޭގައި އެހެން ވެސް ކަންކަން ކުރުމުގެ ޖާގަ ހޯދުމަށް ސިޓީ ކައުންސިލުން ބޭނުންވެ އެވެ.

ނަމަވެސް އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު 'ދައުރު'އަށް ވިދާޅުވީ މާލޭގެ އަވަށެއްގެ ގޮތުގައި ހުޅުމާލެ އޮތް ނަމަވެސް ހުޅުމާލޭގެ ބިމަކީ އެޗްޑީސީއަށް ރަޖިސްޓްރީކޮށް ދީފައިވާ ބިމެއް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގެ ބިމުގައި ކަންކަން ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ އެޗުޑީސީއަށް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި ހުޅުމާލޭގެ ބިންތަކަކީ އެޗުޑީސީން ލޯނު ނަގައިގެން ހިއްކާފައިވާ ތަންތަން ކަމަށް ވުމުން ވިޔަފާރި އުސޫލުން ހުޅުމާލެ މެނޭޖްކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެހެން ނޫން ނަމަ، ހުޅުމާލެ ތަރައްގީކުރަން ނަގާފައިވާ ބޮޑެތި ލޯނުތައް ނުދެއްކި، މުސްތަގުބަލުގައި ބޮޑެތި މައްސަތަކަކާ ކުރިމަތިވެދާނެކަން ސުހެއިލް ފާހަގަ ކުރެއްވި އެވެ.

"މާލޭގައި ވާ ގޮތަށް ޖުމްހޫރީ މައިދާން އެއީ ސިޓީ ކައުންސިލްގެ ތަނެކޭ، އެހެނެއް މިތަނަކުން [ހުޅުމާލެއަކުން] ނުދެވޭނޭ އަޅުގަނޑުމެންނަކަށް. އެހެނެއް ނޫން، ވަކި ކަހަލަ ސާވިސްތަކެއް ދޭނީ ސިޓީ ކައުންސިލުންނޭ މަޝްވަރާކޮށްގެން ނިންމިދާނެ. އެކަމަކު އެއަށް ވުރެ ބޮޑަށް އެ ބޭފުޅުން އެބަ ބޭނުންވޭ. އެކަމަކު އެގޮތަކަށް އެކަމެއް ނުއެއް ވާނެ،" ސުހެއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން ބޭނުން ވަނީ ހުޅުމާލޭގެ ބައެއް ބިންތައް ވެސް ކައުންސިލުން އަމިއްލައަށް ޕްލޭންތަކެއް ހަދައި އެގޮތަށް ބޭނުން ކުރާށެވެ. މިސާލެއްގެ ގޮތުގައި ސުހެއިލް ނެންގެވީ ހުޅުމާލޭ ގޮނޑުދޮށުގައި ކެފޭ ހެދުމަށް ބިން ދޫކުރަން ސިޓީ ކައުންސިލުން އެދުމެވެ. ސުހެއިލް ވިދާޅުވި ގޮތުގައި އެގޮތަށް ބިންތަކުގައި ވިޔަފާރިކޮށް ކަންކަން ކުރަން ސިޓީ ކައުންސިލަށް އެ ތަންތަނުގެ ބާރު ދޫކޮށެއް ނުލެވޭނެ އެވެ. ސަބަބަކަށް ވަނީ، ހުޅުމާލެއަކީ ދުރާލާ ޕްލޭންކޮށްގެން އެ ޕްލޭނާ އެއްގޮތަށް ތަރައްގީ ކުރާ ސިޓީއަކަށްވުން ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.

"އެ ބޭފުޅުން އެދޭ މިންވަރަކަށް އެއީ އެއްގޮތަކަށް ވެސް ހުޅުމާލެ ދޫކޮށްލެވޭނެ ގޮތެއް ނޫން،" ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލެ މަގެއްގެ މަތި. (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)

ސިޓީ ކައުންސިލަށް އެޗްޑީސީގެ ހުށަހެޅުމެއް

ހުޅުމާލޭގެ ހުރިހާ ކަމެއް އެއްކޮށް ސިޓީ ކައުންސިލްގެ ދަށަށް ދޫކޮށްލަން އެޗުޑީސީން އެއްބަސް ނުވިޔަސް ދެ ފަރާތުން މަޝްވަރާކޮށްގެން ކަންތައްތަކަށް ކޮންމެވެސް ވަރަކަށް ދޫދޭން ސުހެއިލް ހުންނެވީ ތައްޔާރަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މަގުތަކާއި ޕާކުތައް ފަދަ ތަންތަން ބެލެހެއްޓުމަކީ ސިޓީ ކައުންސިލަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަމަށް އޮތް ހުށަހެޅުމަކީ، ސުހެއިލް ވިދާޅުވި ގޮތުގައި، ކައުންސިލުން ދޭ އެފަދަ މުނިސިޕަލް ހިދުމަތްތައް ވެސް ސިޓީ ކައުންސިލްގެ ނަމުގައި އެޗުޑީސީން ދިނުމެވެ. އެ ގޮތަށް ހުށަހެޅުއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުށަހެޅިން ސިޓީ ކައުންސިލްގެ ޓީޝާޓާއި ނަމުގައި ހަމަ އަޅުގަނޑުމެން އެޗުޑީސީގެ މުވައްޒަފުން ޕާކުތައް ބެލުމާއި މަގު ބެލެހެއްޓުމާ މި ކަންކަން ކޮށްފާނަމޭ. އެއީ މާލޭ ސިޓީ ކައުންސިލްގެ ކެޕޭ ސިޓީ ވެސް އެކަމަށް ނުހުންނާނެތީ. އެކަމަކު އެ ބޭފުޅުން އެގޮތް ވެސް އެހާ ބޭނުންފުޅެއް ނުވި،" ސުހެއިލް ވިދާޅުވި އެވެ.

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް 'ދައުރު' އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ހުޅުމާލެ މާލޭ ސިޓީ ކައުންސިލާ ހަވާލު ނުކުރެވޭނެ ކަމަށް. (ދައުރު ފޮޓޯ)

ސުހެއިލް ވިދާޅުވީ ހުޅުމާލެ ބެލެހެއްޓުމަށް އެޗުޑީސީން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރެވޭނެ އަދަދަށް މާލޭ ސިޓީ ކައުންސިލްގައި މުވައްޒަފުން ވެސް އަދި ބަޖެޓު ވެސް ނުހުންނާނެ ކަމަށެވެ. އެހެންކަމުން އެޗުޑީސީން ހުޅުމާލޭގެ މުނިސިޕަލް ކަންކަމަށް ކުރާ ވަރަށް ހަރަދުތައް ކުރަން މާލޭ ސިޓީ ކައުންސިލަށް އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ސަރުކާރާއި އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ހައްލުތަކެއް ލިބޭތޯ މަސައްކަތް ކުރާނެ މިކަމުގައި،" ސުހެއިލް ވިދާޅުވި އެވެ. 

ކޮމެންޓް (2)

ހަބީބު

15 އޮކްޓޯބަރު 2021
ވަރަށް މޮޅު ވާހަކައެއްދޯ؟ ކައުންސިލްގަ މީހުން މަދިއްޔާ މީހުން ނެގޭނެ ދޯ؟ ބަޖެޓް ނެތިއްޔާ ތި ކުންފުނީގެ ލާރިގަނޑު ވެސް އޮންނާނެއްނު ބަޖެޓް ދޭން. ތި ކުންފުނީގެ އެސެޓްތައް ހިފައިގެން ގެއަށް ދާންތަ ހިތުގަ އޮތީ؟ ތި ކުންފުނި އުވާލާފަ ކުންފުނީގެ މުވައްޒަފުންނާ މިލްކިއްޔާތު ކައުންސިލްގެ ދަށަށް ގެންދިޔައިމަ ތިކަން ނިމުނީނުނ ް
1 4

މުއިއްޒު

15 އޮކްޓޯބަރު 2021
ދައުލަތުގެ ބާރު ހިނގާނީ. ތިބޭފުޅުންގެ ތަރިކަ މުދާތަ؟؟
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް