ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ވީއައިޕީއަށް އެންމެ ބޮޑު ހަރަދެއް ހިނގީ މެމްބަރު ނާޒިމް އަށް

މެންބަރުންގެ އާއިލާ އަދި ރައްޓެހިންނަށް ވީއައިޕީ ހިދުމަތް ދިނުމަށް ތިން އަހަރު ތެރޭ 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
30 ޖެނުއަރީ 2022
1

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ހިދުމަތް ދިނުމަށް ތިން އަހަރު ތެރޭ 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، އެންމެ ގިނައިން ވީއައިޕީ ލައުންޖު ބޭނުންކުރެއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަކި ވަކި މަޖިލިސް މެމްބަރުންގެ ވީއައިޕީއަށް މަޖިލީހުން ކުރި ހަރަދުތަކުގެ ތަފްސީލު ހޯދީ، މަޖިލީހުން ވީއައިޕީއަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު ވެސް ހޯދި ސޯޝަލް އެކްޓިވިސް އައިމަން ލަތީފު އެވެ. 

މަޖިލީހުން އޭނާއާ ހިއްސާކުރި ތަފްސީލުތައް، އައިމަން ލަތީފް ވަނީ ޓުވިޓާގައި އާންމުކޮށްފަ އެވެ. 

އެނގުން މުހިންމު - އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. ވަރަށް ކުރިއްސުރެން ފެށިގެން ވެސް އަމަލު ކުރަމުން އަންނަ މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ.   

ތަފްސީލް - އޭނާ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2019 އިން 2021 އަށް މެންބަރުންނާއި މެންބަރުންގެ އާއިލާ އަދި ރައްޓެހިންނަށް ޖުމްލަ 104،400 ޑޮލަރު (1.6 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އެއީ:

  • މެމްބަރުން- 804 ފަހަރު 

  • އަނބިން/ފިރިން/ދަރިން- 495 ފަހަރު 

  • އާއިލާ/ރައްޓެހިން- 441 ފަހަރު 

  • ޖުމްލަ- 1740 ފަހަރު

މަޖިލީހުން އައިމަން އާ ހިއްސާކުރި ލިޔުމުން އެނގޭ ގޮތުގައި، ވީއައިޕީގެ ހިދުމަތަށް ކޮންމެ ފަހަރަކު ބޮލަކަށް ނަގަނީ 60 ޑޮލަރު (925ރ.) އެވެ.

ވަކިވަކި މެމްބަރުން ވީއައިޕީ ހިދުމަތް ބޭނުންކުރި އަދަދަށް ބަލާއިރު، އެންމެ ގިނަ މޫވްމަންޓްސް ހުރީ މެމްބަރު ނާޒިމްގެ ނަމުގަ އެވެ. ލިސްޓުގެ ދެވަނައިގައި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ގައްސާން މައުމޫން ހިމެނިވަޑައިގަންނަވާ އިރު، ތިން ވަނައިގައި ހިމެނިވަޑައިގަންނަވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

1. މެމްބަރު ނާޒިމް - ވީއައިޕީއަށް 103،622ރ. (6720 ޑޮލަރު) މަޖިލީހުން ހަރަދުކުރި

  • މެމްބަރު- 38 ފަހަރު 

  • އަނބި/ދަރިން- 44 ފަހަރު 

  • އާއިލާ/ރައްޓެހިން- 30 ފަހަރު 

  • ޖުމްލަ- 112 ފަހަރު

ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލިސް)

2. މެމްބަރު ގައްސާން - ވީއައިޕީއަށް 87،894ރ. (5700 ޑޮލަރު) މަޖިލީހުން ހަރަދުކުރި

  • މެމްބަރު- 32 ފަހަރު 

  • އަނބި/ދަރިން- 22 ފަހަރު 

  • އާއިލާ/ރައްޓެހިން- 41 ފަހަރު 

  • ޖުމްލަ- 95 ފަހަރު

ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން މަޖިލީހުގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލިސް)

3. މެމްބަރު ޖާބިރު - ވީއައިޕީއަށް 86،043ރ. (5580 ޑޮލަރު) މަޖިލީހުން ހަރަދުކުރި

  • މެމްބަރު- 43 ފަހަރު 

  • އަނބި/ދަރިން- 4 ފަހަރު 

  • އާއިލާ/ރައްޓެހިން- 46 ފަހަރު 

  • ޖުމްލަ- 93 ފަހަރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ފާއިތުވި ތިން އަހަރުގެ ތެރޭގައި އަށް މެމްބަރަކު ވީއައިޕީ ލައުންޖުގެ ހިދުމަތް އެއްވެސް ގޮތަކަށް ހޯއްދަވައިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހައިސިއްޔަތުން ވީއައިޕީ ބޭނުންނުކުރައްވާ މެންބަރުންގެ ތެރޭގައި، ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. އެ މެމްބަރުންނަކީ:

1- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)

2- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އެމްޑީޕީ)

3- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (އެމްޑީޕީ)

4- ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް (އެމްއެންޕީ)

5- ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު (އަމިއްލަ)

6- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް (އެމްޑީޕީ)

7- ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު (އެމްޑީޕީ)

8- ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (އެމްޑީޕީ)

އެނގުން މުހިންމު - ކުރީގެ އުސޫލު ބަދަލުކޮށް، މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަށް އާންމު ކޮމިޓީން މިދިޔަ ސެޕްޓެމްބަރު މަހު ނިންމި އެވެ.

އެ ނިންމުމާ ގުޅިގެން ފާޑުކިޔުން ބޮޑުވެ، އާންމުންގެ ނުރުހުން އަމާޒުވުމުން އެ ނިންމުން މުރާޖައާކުރަން ނިންމި އެވެ. އޭގެ ފަހުން އަދި އެކަމުގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

މުޙައްމަދު

30 ޖެނުއަރީ 2022
ލިބުނު އެއްޗެއް ލިބުނު ވަރަކަށް ކެއުމަށް ދަހިވެތިވެފއިވާ މީހެއްކަން ވަރަށް ސާފުކޮށް އެނގެން އެއޮތީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް